×
ޤުރުއާން
ފަހަތަށް
النحل ކުރިއަށް
﴿1﴾ أَتَىٰ أَمْرُ اللَّهِ فَلَا تَسْتَعْجِلُوهُ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ
ﷲގެ އަމުރުފުޅު އަތުވެއްޖެއެވެ. ފަހެ، ތިޔަބައިމީހުން އެކަން އަވަސްވުމަށް ނޭދޭށެވެ! އެއުރެން ޝަރީކު ކޮށް އުޅުނު ތަކެތިން، އެކަލާނގެ ހުސްޠާހިރުވެ، މަތިވެރިވެ ވޮޑިގެންވެއެވެ.
﴿2﴾ يُنَزِّلُ الْمَلَائِكَةَ بِالرُّوحِ مِنْ أَمْرِهِ عَلَىٰ مَن يَشَاءُ مِنْ عِبَادِهِ أَنْ أَنذِرُوا أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاتَّقُونِ
އެކަލާނގެ އަޅުތަކުންގެ ތެރެއިން، އެކަލާނގެ އިރާދަކުރައްވާ ބަޔެއްގެ މައްޗަށް، އެކަލާނގެ އަމުރުފުޅާއެކު، ވަޙީއާއިގެން މަލާއިކަތުން ފޮނުއްވަތެވެ. (ވަޙީ ކުރައްވަމުންނެވެ.) ތިޔަބައިމީހުން އިންޛާރު ކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ، އިލާހަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ތަޤްވާވެރިވާށެވެ!
﴿3﴾ خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۚ تَعَالَىٰ عَمَّا يُشْرِكُونَ
އެކަލާނގެ އުޑުތަކާއި، ބިން ޙައްޤު ގޮތުގައި ހެއްދެވިއެވެ. އެއުރެން ޝަރީކު ކުރާ ތަކެއްޗަށްވުރެން، އެކަލާނގެ މަތިވެރިވެވޮޑިގެންވެތެވެ.
﴿4﴾ خَلَقَ الْإِنسَانَ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ
މަނިތިއްކަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ފަހެ، އެހާރުން އޭނާވަނީ، ފާޅުވެ، ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ.
﴿5﴾ وَالْأَنْعَامَ خَلَقَهَا ۗ لَكُمْ فِيهَا دِفْءٌ وَمَنَافِعُ وَمِنْهَا تَأْكُلُونَ
އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ނަޢަމް ސޫފި ހެއްދެވިއެވެ. ހީފިލުވުމާއި، އެހެނިހެން މަންފާތައް އެ ތަކެތީގައިވެއެވެ. އަދި އެ ތަކެތިން ތިޔަބައިމީހުން ކައިއުޅެމުއެވެ.
﴿6﴾ وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ
އެ ތަކެތި ހަވީރު (ނިދާތަނަށް) ގެންނަ ހިނދުގައްޔާއި، ހެނދުނު (ހުއިހައްޕަން) ނެރޭހިނދު، ތިޔަބައިމީހުންނަށްޓަކައި އެ ތަކެތީގައި ރީތިކަމެއްވެއެވެ.
﴿7﴾ وَتَحْمِلُ أَثْقَالَكُمْ إِلَىٰ بَلَدٍ لَّمْ تَكُونُوا بَالِغِيهِ إِلَّا بِشِقِّ الْأَنفُسِ ۚ إِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ
އަދި ހަށިތަކަށް އުނދަގުލާއި، ވަރުބަލިކަންދީގެން މެނުވީ އެ ރަށަކާ ހަމައަށް ތިޔަބައިމީހުންނަށް ދެވޭކަމަށްނުވާ ރަށަކަށް، އެ ނަޢަމް ސޫފިތައް ތިޔަބައިމީހުންގެ ބުރަތަކެތި އުފުލައިދެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
﴿8﴾ وَالْخَيْلَ وَالْبِغَالَ وَالْحَمِيرَ لِتَرْكَبُوهَا وَزِينَةً ۚ وَيَخْلُقُ مَا لَا تَعْلَمُونَ
އަދި އަހާއި، ބަޣުލާއި، ޙިމާރު ވެސް ހެއްދެވިއެވެ. އެއީ ތިޔަބައިމީހުން އެ ތަކެއްޗަށް ސަވާރުވުމަށާއި، އަދި ޒީނަތެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން ނުދަންނަ ތަކެތި އެކަލާނގެ ހައްދަވަތެވެ.
﴿9﴾ وَعَلَى اللَّهِ قَصْدُ السَّبِيلِ وَمِنْهَا جَائِرٌ ۚ وَلَوْ شَاءَ لَهَدَاكُمْ أَجْمَعِينَ
ސީދާވެގެންވާ ތެދުމަގު ބަޔާންކޮށްދެއްވުންވަނީ، ﷲއަށެވެ. އަދި އެ މަގުތަކުގެ ތެރެއިން ކަސިޔާރުވެގެންވާ މަގުވެއެވެ. އަދި އެކަލާނގެ އިރާދަކުރައްވައިފިނަމަ، ތިޔަބައިމީހުން އެންމެންނަށް ތެދުމަގު ދައްކަވައިފީސްކަން ކަށަވަރެވެ.
﴿10﴾ هُوَ الَّذِي أَنزَلَ مِنَ السَّمَاءِ مَاءً ۖ لَّكُم مِّنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُونَ
ތިޔަބައިމީހުންނަށްޓަކައި، އުޑުން ވާރޭފެން ބާވައިލެއްވީ، އެކަލާނގެއެވެ. އެ ފެނުން (ތިޔަބައިމީހުންނަށް) ބުއިމެއްވެއެވެ. އަދި ތިޔަބައިމީހުންގެ ޖަނަވާރުތައް އެއިން ހުއިހައްޕާ ގަސްތަކާއި، ވިނަތައް، އެ ފެނުގެ ސަބަބުން ހެދެއެވެ.
﴿11﴾ يُنبِتُ لَكُم بِهِ الزَّرْعَ وَالزَّيْتُونَ وَالنَّخِيلَ وَالْأَعْنَابَ وَمِن كُلِّ الثَّمَرَاتِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ
އެކަލާނގެ އެ ފެނުގެ ސަބަބުން ގޮވާމާއި، ޒައިތޫނި ގަހާއި، ކަދުރު ރުކާއި، މޭބިސްކަދުރާއި، އެންމެހާ މޭވާގަސްތައް ތިޔަބައިމީހުންނަށްޓަކައި ފަޅުއްވަތެވެ. ހަމަކަށަވަރުން، ފިކުރު ކުރާ ބަޔަކަށް އެކަންކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.
﴿12﴾ وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ وَالشَّمْسَ وَالْقَمَرَ ۖ وَالنُّجُومُ مُسَخَّرَاتٌ بِأَمْرِهِ ۗ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ
އަދި އެކަލާނގެ ރެއާއި، ދުވާލާއި، އިރާއި، ހަނދު، ތިޔަބައިމީހުންނަށްޓަކައި ޚިދުމަތްތެރި ކުރެއްވިއެވެ. އަދި ތަރިތައްވެސް ވަނީ އެކަލާނގެ އަމުރުފުޅުން ޚިދުމަތްތެރި ކުރައްވާފައެވެ. ހަމަކަށަވަރުން، އެ ހުރިހާ ކަންތަކުގައި ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
﴿13﴾ وَمَا ذَرَأَ لَكُمْ فِي الْأَرْضِ مُخْتَلِفًا أَلْوَانُهُ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَذَّكَّرُونَ
އަދި އެ ތަކެތީގެ ކުލަތައް ތަފާތު ގޮތުގައި، ތިޔަބައިމީހުންނަށްޓަކައި ބިމުގައި އެކަލާނގެ އުފައްދަވާފައިވާ ތަކެތިވެސްމެއެވެ. ހަމަކަށަވަރުން، ހަނދުމަކޮށް އުޅޭބަޔަކަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.
﴿14﴾ وَهُوَ الَّذِي سَخَّرَ الْبَحْرَ لِتَأْكُلُوا مِنْهُ لَحْمًا طَرِيًّا وَتَسْتَخْرِجُوا مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى الْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُوا مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
އަދި ތިޔަބައިމީހުންނަށްޓަކައި، ކަނޑު ޚިދުމަތްތެރިކުރެއްވީ އެކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން އެ ކަނޑުން ތާޒާ މަސް ކެއުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އަޅައިއުޅޭ ގަހަނާ، އެ ކަނޑުން ނެރެ، ނެގުމަށްޓަކައެވެ. އަދި އެ ކަނޑުގައި ގޮސް އައިސްވާ އުޅަނދުތައް ތިބާ ދެކޭނޫއެވެ. އަދި (އެއީ) ތިޔަބައިމީހުން އެކަލާނގެ ފަޟްލުވަންތަކަމުން (ދެއްވުމަށް) އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ޝުކުރު ކުރުމަށްޓަކައެވެ.
﴿15﴾ وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَأَنْهَارًا وَسُبُلًا لَّعَلَّكُمْ تَهْتَدُونَ
އަދި ތިޔަބައިމީހުންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާނގެ ލެއްވިއެވެ. އަދި ކޯރުތަކާއި މަގުތައް ލެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް މަގު އެނގުމަށްޓަކައެވެ.
﴿16﴾ وَعَلَامَاتٍ ۚ وَبِالنَّجْمِ هُمْ يَهْتَدُونَ
އަދި (މަގު ފާހަގަކުރެވޭ) ފާހަގަތަކެއް ލެއްވިއެވެ. އަދި ތަރިތަކުންވެސް އެއުރެން މަގު ހޯދައިގަނެތެވެ.
﴿17﴾ أَفَمَن يَخْلُقُ كَمَن لَّا يَخْلُقُ ۗ أَفَلَا تَذَكَّرُونَ
ފަހެ (އެންމެހާ ތަކެތި) ހައްދަވާ ކަލާނގެއާއި (އެއްޗެއް) ނަހަދާ ފަރާތަކާ އެއްފަދަވާނޭ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟
﴿18﴾ وَإِن تَعُدُّوا نِعْمَةَ اللَّهِ لَا تُحْصُوهَا ۗ إِنَّ اللَّهَ لَغَفُورٌ رَّحِيمٌ
ތިޔަބައިމީހުން ﷲގެ ނިޢުމަތް ހިމަނައި، ޢަދަދު ކުރަން އުޅުނަސް، ތިޔަބައިމީހުންނަކަށް އެ ނިޢުމަތެއް ނުހިމެނޭނެއެވެ. ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.
﴿19﴾ وَاللَّهُ يَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ
އަދި ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ.
﴿20﴾ وَالَّذِينَ يَدْعُونَ مِن دُونِ اللَّهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ
އަދި ﷲ ފިޔަވައި އެއުރެން ދުޢާ ކޮށް އަޅުކަންކޮށް އުޅޭ ތަކެތި، އެއްވެސް އެއްޗެއް ނަހަދަތެވެ. އަދި ޚުދު އެ ތަކެއްޗަކީ، ހައްދަވާފައިވާ ތަކެއްޗެވެ.
﴿21﴾ أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
(އެއީ) މަރުވެފައިވާ، ދިރުމެއްނުވާ ތަކެއްޗެވެ. އަދި އެއުރެން (އެހެން ދިރުމަކަށް) ފޮނުއްވާނެ އިރެއް އެ ތަކެއްޗަކަށް ނޭނގެތެވެ.
﴿22﴾ إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۚ فَالَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ قُلُوبُهُم مُّنكِرَةٌ وَهُم مُّسْتَكْبِرُونَ
ތިޔަބައިމީހުންގެ އިލާހަކީ، އެއްކައުވަންތަ އިލާހެވެ. ފަހެ، އާޚިރަތަށް އީމާން ނުވާ މީހުންނަކީ، އެއުރެންގެ ހިތްތައް އެކަމަށް އިންކާރު ކުރާ މީހުންނެވެ. އަދި އެއުރެންނީ ބޮޑާވެގެންވާ ބަޔެކެވެ.
﴿23﴾ لَا جَرَمَ أَنَّ اللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۚ إِنَّهُ لَا يُحِبُّ الْمُسْتَكْبِرِينَ
ޝައްކެއްނެތެވެ. ހަމަކަށަވަރުން، އެއުރެން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ. ހަމަކަށަވަރުން، ބޮޑާވެގަންނަ މީހުންދެކެ، އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.
﴿24﴾ وَإِذَا قِيلَ لَهُم مَّاذَا أَنزَلَ رَبُّكُمْ ۙ قَالُوا أَسَاطِيرُ الْأَوَّلِينَ
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ބާވައިލެއްވީ ކޮންއެއްޗެއްހޭ، އެއުރެންނަށް ބުނެފިނަމަ، އެއުރެން ބުނެތެވެ. އެވޭލާ މީހުން ދައްކައި އުޅުނު ފުލޯކު ވާހަކަތަކެވެ.
﴿25﴾ لِيَحْمِلُوا أَوْزَارَهُمْ كَامِلَةً يَوْمَ الْقِيَامَةِ ۙ وَمِنْ أَوْزَارِ الَّذِينَ يُضِلُّونَهُم بِغَيْرِ عِلْمٍ ۗ أَلَا سَاءَ مَا يَزِرُونَ
(އެއީ) ޤިޔާމަތް ދުވަހުން އެއުރެންގެ ކުށްތައް ފުރިހަމައަށް އެއުރެން އުފުލުމަށްޓަކައެވެ. އަދި އެނގުމެއްނެތި، އެއުރެން މަގުފުރައްދާ މީހުންގެ ކުށްތަކުގެ ތެރެއިން ބައެއް (އެއުރެން އުފުލުމަށްޓަކައި) ވެސް މެއެވެ. ދަންނާށެވެ! އެއުރެން އުފުލާ ކުށްތަކުގެ ނުބައިކަމާއެވެ!
﴿26﴾ قَدْ مَكَرَ الَّذِينَ مِن قَبْلِهِمْ فَأَتَى اللَّهُ بُنْيَانَهُم مِّنَ الْقَوَاعِدِ فَخَرَّ عَلَيْهِمُ السَّقْفُ مِن فَوْقِهِمْ وَأَتَاهُمُ الْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ
ހަމަކަށަވަރުން، އެއުރެންގެ ކުރީގެ މީހުން މަކަރުހެދޫއެވެ. ފަހެ، ﷲ، އެއުރެންގެ ބިނާ، ބިންގަލުން ނެތިކުރެއްވުމަށް އިރާދަކުރެއްވިއެވެ. ދެން އެއުރެންގެ (ބޯ) މަތިން، އެއުރެންގެ މައްޗަށް، ފުރާޅު ވެއްޓިގެން ދިޔައެވެ. އަދި އެއުރެން ހީވެސްނުކުރާ ގޮތްގޮތުން، އެއުރެންނަށް ޢަޛާބު އައެވެ.
﴿27﴾ ثُمَّ يَوْمَ الْقِيَامَةِ يُخْزِيهِمْ وَيَقُولُ أَيْنَ شُرَكَائِيَ الَّذِينَ كُنتُمْ تُشَاقُّونَ فِيهِمْ ۚ قَالَ الَّذِينَ أُوتُوا الْعِلْمَ إِنَّ الْخِزْيَ الْيَوْمَ وَالسُّوءَ عَلَى الْكَافِرِينَ
ދެން ޤިޔާމަތް ދުވަހުން، އެކަލާނގެ އެއުރެން ނިކަމެތި ކުރައްވާނެތެވެ. އަދި ވަޙީ ކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށްވާ ޝަރީކުން ކަމުގައި ހަދައި (އަދި) އެ ތަކެއްޗާމެދު (މުއުމިނުންނާ) ތިޔަބައިމީހުން ދެކޮޅުވެރިވެ އުޅުނު ޝަރީކުން ކޮބައިހެއްޔެވެ؟ ޢިލްމު ލިބިގެންވާ މީހުން (އެ ދުވަހުން) ދަންނަވާނެތެވެ. ހަމަކަށަވަރުން، ނިކަމެތިކަމާއި، ނުބައިކަން މިއަދު އޮތީ ކާފިރުންގެ މައްޗަށެވެ.
﴿28﴾ الَّذِينَ تَتَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ ۖ فَأَلْقَوُا السَّلَمَ مَا كُنَّا نَعْمَلُ مِن سُوءٍ ۚ بَلَىٰ إِنَّ اللَّهَ عَلِيمٌ بِمَا كُنتُمْ تَعْمَلُونَ
(އެއީ) އެއުރެންގެ ނަފްސުތަކަށް އަނިޔާކުރާ ޙާލު، މަލާއިކަތުން އެއުރެން މަރުގަންނަވާ މީހުންނެވެ. ފަހެ، އެއުރެން މަލާއިކަތުންނަށް ބޯލަނބައި ކިޔަމަންވާން ޖެހުނެވެ. (އަދި ދެންނެވިއެވެ.) ތިމަންމެން އެއްވެސް ނުބައިކަމެއް ކޮށެއް ނޫޅެމުއެވެ. އެހެންނަކުން ނޫނެވެ. ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿29﴾ فَادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَلَبِئْسَ مَثْوَى الْمُتَكَبِّرِينَ
ފަހެ، އެތާނގައި ދެމިތިބެނިވި ގޮތުގައި، ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! ފަހެ (އެއީ) ކިބުރުވެރިވެގެންވާ މީހުން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ!
﴿30﴾ ۞ وَقِيلَ لِلَّذِينَ اتَّقَوْا مَاذَا أَنزَلَ رَبُّكُمْ ۚ قَالُوا خَيْرًا ۗ لِّلَّذِينَ أَحْسَنُوا فِي هَٰذِهِ الدُّنْيَا حَسَنَةٌ ۚ وَلَدَارُ الْآخِرَةِ خَيْرٌ ۚ وَلَنِعْمَ دَارُ الْمُتَّقِينَ
ތަޤްވާވެރިވި މީހުންނަށް އަންގަވާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ބާވައިލެއްވީ ކޮންއެއްޗެއް ހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. ހެޔޮގޮތެވެ. މި ދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަ މީހުންނަށް ހެޔޮ ދަރުމަ ހުށްޓެވެ. އަދި އާޚިރަތުގެ ގޮވަތި، ހެޔޮކަން ބޮޑުކަން ކަށަވަރެވެ. އަދި ތަޤްވާވެރިންގެ ގޮވަތީގެ މޮޅުކަމާއެވެ!
﴿31﴾ جَنَّاتُ عَدْنٍ يَدْخُلُونَهَا تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ لَهُمْ فِيهَا مَا يَشَاءُونَ ۚ كَذَٰلِكَ يَجْزِي اللَّهُ الْمُتَّقِينَ
އެއީ ޢަދްނެވެ ކިއުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެއުރެން ވަންނާނެތެވެ. އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުރެތެވެ. އެއުރެން އެދޭކަންތައް، އެއުރެންނަށްޓަކައި އެތާނގައިވެއެވެ. ތަޤްވާވެރިންނަށް ﷲ ޖަޒާ ދެއްވަނީ އެފަދައިންނެވެ.
﴿32﴾ الَّذِينَ تَتَوَفَّاهُمُ الْمَلَائِكَةُ طَيِّبِينَ ۙ يَقُولُونَ سَلَامٌ عَلَيْكُمُ ادْخُلُوا الْجَنَّةَ بِمَا كُنتُمْ تَعْمَلُونَ
އެއުރެންނަކީ، ކުށްފާފަތަކުން ޠާހިރު ވެގެންވާ ޙާލު، މަލާއިކަތުން އެއުރެން މަރުގަންނަވާ މީހުންނެވެ. (އެ ހިނދު) އެ މަލާއިކަތުން ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުށްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން، ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ!
﴿33﴾ هَلْ يَنظُرُونَ إِلَّا أَن تَأْتِيَهُمُ الْمَلَائِكَةُ أَوْ يَأْتِيَ أَمْرُ رَبِّكَ ۚ كَذَٰلِكَ فَعَلَ الَّذِينَ مِن قَبْلِهِمْ ۚ وَمَا ظَلَمَهُمُ اللَّهُ وَلَٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ
އެއުރެންގެ ގާތަށް މަލާއިކަތުން ވަޑައިގަތުމަށް، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ (ޢަޛާބުގެ) އަމުރުފުޅު އައުމަށް މެނުވީ އެއުރެން އިންތިޒާރު ކުރޭ ހެއްޔެވެ؟ އެއުރެންގެ ކުރީގެ މީހުންވެސް ކަންތައްކުޅައީ، ހަމައެފަދައިންނެވެ. ﷲ، އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ ނަފްސުތަކަށް، އެއުރެން އަނިޔާކުރާކަމުގައި ވޫއެވެ.
﴿34﴾ فَأَصَابَهُمْ سَيِّئَاتُ مَا عَمِلُوا وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِئُونَ
ފަހެ، އެއުރެން ޢަމަލުކުޅަގޮތުގެ ނުބައި ޖަޒާތައް، އެއުރެންނަށް ޖެހުނެވެ. އަދި އެއުރެން އެކަމަކަށް މަލާމާތްކޮށް އުޅުނު ކަންތައް އައިސް އެއުރެން ވަށައިލިއެވެ.
﴿35﴾ وَقَالَ الَّذِينَ أَشْرَكُوا لَوْ شَاءَ اللَّهُ مَا عَبَدْنَا مِن دُونِهِ مِن شَيْءٍ نَّحْنُ وَلَا آبَاؤُنَا وَلَا حَرَّمْنَا مِن دُونِهِ مِن شَيْءٍ ۚ كَذَٰلِكَ فَعَلَ الَّذِينَ مِن قَبْلِهِمْ ۚ فَهَلْ عَلَى الرُّسُلِ إِلَّا الْبَلَاغُ الْمُبِينُ
ޝަރީކުކުޅަ މީހުން ބުނެފޫއެވެ. ﷲ އިރާދަކުރެއްވިނަމަ، އެކަލާނގެ ފިޔަވައި އެހެން އެއްވެސް އެއްޗަކަށް ތިމަންމެންވެސް، އަދި ތިމަންމެންގެ ކާބަފައިންވެސް އަޅުކަމެއް ނުކުޅައީހެވެ. އަދި އެކަލާނގެ އެންގެވުމަކާނުލައި އެއްވެސް އެއްޗެއް ތިމަންމެން ޙަރާމް ކޮށެއް ނުހެދީމުހެވެ. އެއުރެންގެ ކުރީގެ މީހުންވެސް ކަންތައްކުޅައީ، ހަމައެފަދައިންނެވެ. ފަހެ، ބަޔާންވެގެންވާ އިއްވެވުން މެނުވީ، ރަސޫލުންގެ މައްޗަށް ވޭހެއްޔެވެ؟
﴿36﴾ وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ ۖ فَمِنْهُم مَّنْ هَدَى اللَّهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ الضَّلَالَةُ ۚ فَسِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އުއްމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، ﷲއަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ. ފަހެ، ﷲ ތެދުމަގު ދެއްކެވި މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި މަގުފުރެދުން އެބަޔެއްގެ މައްޗަށް ޙައްޤު ވެގެންވީ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ. ފަހެ، ދޮގުކުޅަމީހުންގެ ނަތީޖާއޮތީ ކޮންފަދައަކުންކަން ތިޔަބައިމީހުން ދެކޭށެވެ!
﴿37﴾ إِن تَحْرِصْ عَلَىٰ هُدَاهُمْ فَإِنَّ اللَّهَ لَا يَهْدِي مَن يُضِلُّ ۖ وَمَا لَهُم مِّن نَّاصِرِينَ
އެއުރެންނަށް ތެދުމަގު ލިބުމުގެ މައްޗަށް ކަލޭގެފާނު ޝޫޤުވެރިވެ ވަޑައިގަތަސް، ފަހެ، ހަމަކަށަވަރުން، ﷲ، އެކަލާނގެ މަގުފުރައްދަވާ މީހަކަށް ތެދުމަގެއް ނުދައްކަވަތެވެ. އަދި އެއުރެންނަށް ނަޞްރު ދޭނޭ އެއްވެސް ބަޔަކު ނުވެތެވެ.
﴿38﴾ وَأَقْسَمُوا بِاللَّهِ جَهْدَ أَيْمَانِهِمْ ۙ لَا يَبْعَثُ اللَّهُ مَن يَمُوتُ ۚ بَلَىٰ وَعْدًا عَلَيْهِ حَقًّا وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
އެއުރެންނަށް ވެވުނުހާ ގަދައެއްކޮށް ﷲ ގަންދީ ހުވާކޮށް އެއުރެން ބުނެފޫއެވެ. މަރުވާ މީހަކު (އަލުން އެހެން ދިރުމަކަށް) ﷲ ނުފޮނުއްވާނެތެވެ. އެހެންނަކުން ނޫނެވެ. (އެއީ) އެކަލާނގެއަށް ކަށަވަރުވެ ޙައްޤު ވެގެންވާ ގޮތުގައި، ކުރައްވާފައިވާ ވަޢުދެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.
﴿39﴾ لِيُبَيِّنَ لَهُمُ الَّذِي يَخْتَلِفُونَ فِيهِ وَلِيَعْلَمَ الَّذِينَ كَفَرُوا أَنَّهُمْ كَانُوا كَاذِبِينَ
އެއުރެން އެކަމާމެދު ޚިލާފުވެ އުޅުނު ކަންތަކުގެ ޙަޤީޤަތް އެއުރެންނަށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންވީ، ދޮގުވެރިންކަމުގައިކަން، ކާފިރުވި މީހުން ދެނެގަތުމަށްޓަކައެވެ.
﴿40﴾ إِنَّمَا قَوْلُنَا لِشَيْءٍ إِذَا أَرَدْنَاهُ أَن نَّقُولَ لَهُ كُن فَيَكُونُ
ތިމަންރަސްކަލާނގެ ކަމަކަށް އިރާދަކުރައްވައިފި ހިނދަކު، ތިމަންރަސްކަލާނގެ އެކަމަކަށް އަންގަވާ ބަސްފުޅެއްކަމުގައިވާކަން ކަށަވަރީ، "ވާށޭ" ތިމަންރަސްކަލާނގެ އެކަމަކަށް ވަޙީ ކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ.
﴿41﴾ وَالَّذِينَ هَاجَرُوا فِي اللَّهِ مِن بَعْدِ مَا ظُلِمُوا لَنُبَوِّئَنَّهُمْ فِي الدُّنْيَا حَسَنَةً ۖ وَلَأَجْرُ الْآخِرَةِ أَكْبَرُ ۚ لَوْ كَانُوا يَعْلَمُونَ
އެއުރެންނަށް އަނިޔާ ލިބުމަށްފަހު، ﷲއަށްޓަކައި ހިޖުރަކުޅަ މީހުންނަށް، ހަމަކަށަވަރުން، ދުނިޔޭގައިވެސް އެއުރެން އުޅޭނޭ ރަނގަޅު ވަޒަން، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އާޚިރަތުގެ ދަރުމަ މާބޮޑެވެ. އެއުރެން (އެކަން) ދަންނަނަމައެވެ.
﴿42﴾ الَّذِينَ صَبَرُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
އެއުރެންނީ، ކެތްތެރިވި މީހުންނެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލު ކުރާ މީހުންނެވެ.
﴿43﴾ وَمَا أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًا نُّوحِي إِلَيْهِمْ ۚ فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ
އަދި ކަލޭގެފާނުގެ ކުރިންވެސް އެބަޔަކަށް ތިމަންރަސްކަލާނގެ ވަޙީ އިއްވަވައި، ރަސޫލުކަމާއިގެން ފިރިހެނުން މެނުވީ، ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން ޢިލްމުގެ އަހުލުވެރިންނާ ސުއާލު ކުރާށެވެ!
﴿44﴾ بِالْبَيِّنَاتِ وَالزُّبُرِ ۗ وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ
(ތިމަންރަސްކަލާނގެ އެ ރަސޫލުން ފޮނުއްވީ) ބަޔާންވެގެންވާ ހެކިތަކާއި، ފޮތްތަކާއިގެންނެވެ. އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ޤުރްއާން ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށްޓަކައެވެ.
﴿45﴾ أَفَأَمِنَ الَّذِينَ مَكَرُوا السَّيِّئَاتِ أَن يَخْسِفَ اللَّهُ بِهِمُ الْأَرْضَ أَوْ يَأْتِيَهُمُ الْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ
ފަހެ، ނުބައި ރޭވުންތައް ރޭވިމީހުން، ﷲ އެއުރެންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު، ނުވަތަ އެއުރެން ހީވެސްނުކުރާ ދިމަދިމާއިން، އެއުރެންނަށް ޢަޛާބު އަތުވެދާނެ ކަމާމެދު، އަމާންވެގެންވާ ކަމުގައި ހީކުޅައީ ހެއްޔެވެ؟
﴿46﴾ أَوْ يَأْخُذَهُمْ فِي تَقَلُّبِهِمْ فَمَا هُم بِمُعْجِزِينَ
ނުވަތަ އެއުރެން ދަތުރުފަތުރުކޮށް އުޅޭ އުޅުމުގެ ތެރޭގައި، އެކަލާނގެ އެއުރެން ހަލާކު ކުރައްވައިފާނެކަމާމެދުގައިވެސް މެއެވެ. ފަހެ، (ﷲ) ނުކުޅައްދައި، ރެކިގެން ދެވޭނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ.
﴿47﴾ أَوْ يَأْخُذَهُمْ عَلَىٰ تَخَوُّفٍ فَإِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ
ނުވަތަ، އުނިކުރެއްވުމުގެގޮތުން (އެބަހީ: މުދަލާއި މީހުން މަދުވަމުންގޮސް މުޅިން ނެތިދާގޮތުން) އެއުރެން ހަލާކުކުރައްވައިފާނޭ ކަމާމެދުގައިވެސް މެއެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
﴿48﴾ أَوَلَمْ يَرَوْا إِلَىٰ مَا خَلَقَ اللَّهُ مِن شَيْءٍ يَتَفَيَّأُ ظِلَالُهُ عَنِ الْيَمِينِ وَالشَّمَائِلِ سُجَّدًا لِّلَّهِ وَهُمْ دَاخِرُونَ
އަދި ﷲ ހައްދަވާފައިވާ ތަކެއްޗަށް، އެއުރެން ނުބަލަނީ ހެއްޔެވެ؟ އެ ތަކެތީގެ ހިޔަނިތައް، ކަނާތްކިބައަށާއި، ވާތްކިބައަށް ލެނބިލެނބި ހުރެތެވެ. ﷲއަށް ސަޖިދަ ކުރާ ޙާލުގައެވެ. އަދި އެ ހުރިހާ ތަކެތި، އެކަލާނގެއަށް ދެރަވެ، ނިކަމެތިވާ ޙާލުގައެވެ.
﴿49﴾ وَلِلَّهِ يَسْجُدُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مِن دَابَّةٍ وَالْمَلَائِكَةُ وَهُمْ لَا يَسْتَكْبِرُونَ
އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ހުރިހާ ތަކެއްޗާއި، މަލާއިކަތުން، ﷲއަށް ސަޖިދަ ކުރެތެވެ. އަދި އެބޭކަލުން ބޮޑާވެއެއް ނުގަނެތެވެ.
﴿50﴾ يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ ۩
އެބޭކަލުންގެ މައްޗަށް، މަތިވެރިވެވޮޑިގެންވާ، އެބޭކަލުންގެ ވެރިރަސްކަލާނގެއަށް، އެބޭކަލުން ބިރުވެތިވެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާ ކަންތައް، އެބޭކަލުން ކުރައްވަތެވެ.
﴿51﴾ ۞ وَقَالَ اللَّهُ لَا تَتَّخِذُوا إِلَٰهَيْنِ اثْنَيْنِ ۖ إِنَّمَا هُوَ إِلَٰهٌ وَاحِدٌ ۖ فَإِيَّايَ فَارْهَبُونِ
ﷲ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން، ދެ އިލާހުން ވާކަމަށް ޤަބޫލު ނުކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެ ވާކަން ކަށަވަރީ، އެއްކައުވަންތަ ކަލާނގެ ކަމުގައެވެ. ފަހެ، ތިޔަބައިމީހުން ހަމައެކަނި، ތިމަންރަސްކަލާނގެއަށް ބިރުވެތިވާށެވެ!
﴿52﴾ وَلَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَلَهُ الدِّينُ وَاصِبًا ۚ أَفَغَيْرَ اللَّهِ تَتَّقُونَ
އަދި އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި އަބަދުގެ އަބަދަށް، ކިޔަމަންވުންވަނީވެސް އެކަލާނގެއަށެވެ. ފަހެ، ތިޔަބައިމީހުން ބިރުވެތިވަނީ، ﷲ ނޫން ފަރާތަކަށް ހެއްޔެވެ؟
﴿53﴾ وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّهِ ۖ ثُمَّ إِذَا مَسَّكُمُ الضُّرُّ فَإِلَيْهِ تَجْأَرُونَ
އަދި ތިޔަބައިމީހުންގެ ކިބައިގައިވާހާ ނިޢުމަތެއް ވަނީ، ﷲގެ ޙަޟްރަތުންނެވެ. ދެން ތިޔަބައިމީހުންނަށް ދަތިޙާލު ޖެހިއްޖެނަމަ، ފަހެ، ތިޔަބައިމީހުން ދުޢާ ކޮށް ދަންނަވަނީ، ހަމަ އެކަލާނގެ ޙަޟްރަތަށެވެ.
﴿54﴾ ثُمَّ إِذَا كَشَفَ الضُّرَّ عَنكُمْ إِذَا فَرِيقٌ مِّنكُم بِرَبِّهِمْ يُشْرِكُونَ
ދެން އެކަލާނގެ، ތިޔަބައިމީހުންގެ ކިބައިން، އެ ދަތިޙާލު ފިއްލަވައިފިނަމަ، އެހާރުން ތިޔަބައިމީހުންކުރެ ބަޔަކު، އެއުރެންގެ ވެރިރަސްކަލާނގެއަށް ޝަރީކު ކުރެތެވެ.
﴿55﴾ لِيَكْفُرُوا بِمَا آتَيْنَاهُمْ ۚ فَتَمَتَّعُوا ۖ فَسَوْفَ تَعْلَمُونَ
އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ނިޢުމަތަށް، ކާފިރު ވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން (ދުނިޔޭގައި ވަގުތުކޮޅަކަށް) އަރާމު ލިބިގަންނާށެވެ! ފަހެ، ނިކަންހުރެ ތިޔަބައިމީހުންނަށް (އޭގެ ނަތީޖާ) އެނގޭހުށްޓެވެ.
﴿56﴾ وَيَجْعَلُونَ لِمَا لَا يَعْلَمُونَ نَصِيبًا مِّمَّا رَزَقْنَاهُمْ ۗ تَاللَّهِ لَتُسْأَلُنَّ عَمَّا كُنتُمْ تَفْتَرُونَ
ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ބައެއް، އެއުރެންނަށް އެނގުމެއްނުވާ ތަކެއްޗަށް (އެބަހީ: ބުދުތަކަށް) ދީއުޅެތެވެ. ﷲ ގަންދެއްވައި ވަޙީ ކުރައްވަމެވެ. ތިޔަބައިމީހުން، ހަދައިއުޅުނު ދޮގުތަކާމެދު، ހަމަކަށަވަރުން، ތިޔަބައިމީހުންނާ ސުއާލު ކުރައްވާ ހުށްޓެވެ.
﴿57﴾ وَيَجْعَلُونَ لِلَّهِ الْبَنَاتِ سُبْحَانَهُ ۙ وَلَهُم مَّا يَشْتَهُونَ
އަދި ﷲއަށް އަންހެންދަރިން ވާކަމަށް، އެއުރެން ހަދަތެވެ. އެކަލާނގެ (އެފަދަ ކަންކަމުން) ހުސްޠާހިރު ވެވޮޑިގެންވެއެވެ. އަދި އެއުރެން އެދޭ ތަކެތި، (އެބަހީ: ފިރިހެންދަރިން) ވަނީ، އެއުރެންނަށްކަމަށް ހަދަތެވެ.
﴿58﴾ وَإِذَا بُشِّرَ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ
އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ ޚަބަރު ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ ޙާލުގައެވެ.
﴿59﴾ يَتَوَارَىٰ مِنَ الْقَوْمِ مِن سُوءِ مَا بُشِّرَ بِهِ ۚ أَيُمْسِكُهُ عَلَىٰ هُونٍ أَمْ يَدُسُّهُ فِي التُّرَابِ ۗ أَلَا سَاءَ مَا يَحْكُمُونَ
އެމީހާއަށް ދެވުނު ޚަބަރުގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ ޙުކުމް ހާދަހާ ނުބައިވެގެންވެއެވެ.
﴿60﴾ لِلَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ مَثَلُ السَّوْءِ ۖ وَلِلَّهِ الْمَثَلُ الْأَعْلَىٰ ۚ وَهُوَ الْعَزِيزُ الْحَكِيمُ
ނުބައިވެގެންވާ މިޘާލު ވަނީ، އާޚިރަތަށް އީމާން ނުވާ މީހުންނަށެވެ. އަދި އެންމެ މަތިވެރި މިޘާލު ވަނީ، ﷲއަށެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ ޙަކީމްވަންތަ ރަސްކަލާނގެއެވެ.
﴿61﴾ وَلَوْ يُؤَاخِذُ اللَّهُ النَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَابَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰ أَجَلٍ مُّسَمًّى ۖ فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ
އަދި އެއުރެންގެ އަނިޔާގެ ސަބަބުން ﷲ މީސްތަކުންނަށް (ވަގުތުން) ޢުޤޫބާތް ދެއްވާނަމަ، ހިނގާބިނގާ އުޅޭ އެއްވެސް ދިރޭއެއްޗެއް، އެ ބިންމަތީގައި (އުޅުމަށް) ދޫނުކުރެއްވީހެވެ. އެހެނެއްކަމަކު، ކަނޑައެޅިގެންވާ މުއްދަތަކަށް، އެކަލާނގެ އެއުރެން ފަސްކުރައްވަނީއެވެ. ފަހެ، އެއުރެންގެ އަޖަލު އައުމުން، އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް، ލަހެއް ނުކުރައްވާހުށްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުށްޓެވެ.
﴿62﴾ وَيَجْعَلُونَ لِلَّهِ مَا يَكْرَهُونَ وَتَصِفُ أَلْسِنَتُهُمُ الْكَذِبَ أَنَّ لَهُمُ الْحُسْنَىٰ ۖ لَا جَرَمَ أَنَّ لَهُمُ النَّارَ وَأَنَّهُم مُّفْرَطُونَ
އަދި އެއުރެން، ނުރުހޭ ތަކެތި (އެބަހީ: އަންހެންދަރިން) އެއުރެން ﷲއަށް ނިސްބަތް ކުރެތެވެ. އަދި ހަމަކަށަވަރުން، ހުރިހާ ހެވެއްވަނީ، އެއުރެންނަށް ކަމަށްބުނެ، އެއުރެންގެ ދޫތަކުން ދޮގުތައް ހަދައި އުޅެތެވެ. ޝައްކެއް ނެތެވެ. ހަމަކަށަވަރުން، އެއުރެންނަށްހުރީ ނަރަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނީ، އެންމެ ފުރަތަމަ އެ ތަނަށް ދޫކުރައްވާނޭ ބަޔެކެވެ.
﴿63﴾ تَاللَّهِ لَقَدْ أَرْسَلْنَا إِلَىٰ أُمَمٍ مِّن قَبْلِكَ فَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَهُوَ وَلِيُّهُمُ الْيَوْمَ وَلَهُمْ عَذَابٌ أَلِيمٌ
ﷲ ގަންދެއްވައި ވަޙީ ކުރައްވަމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ އުއްމަތްތަކަށް، ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. ދެން ޝައިޠާނާ، އެއުރެންނަށް އެއުރެންގެ ޢަމަލުތައް ޒީނަތްތެރިކޮށް ދެއްކިއެވެ. ފަހެ، މިއަދު އެއުރެންގެ އެހީތެރިޔަކީ، އެ ޝައިޠާނާއެވެ. އަދި އެއުރެންނަށް، ވޭންދެނިވި ޢަޛާބު ހުށްޓެވެ.
﴿64﴾ وَمَا أَنزَلْنَا عَلَيْكَ الْكِتَابَ إِلَّا لِتُبَيِّنَ لَهُمُ الَّذِي اخْتَلَفُوا فِيهِ ۙ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ
އަދި އެއުރެން އެކަމާމެދު ޚިލާފު ވީ ކަންތައް، ކަލޭގެފާނު އެއުރެންނަށް ބަޔާންކޮށްދެއްވުމަށްޓަކައި މެނުވީ، އަދި އީމާންވާ ބަޔަކަށް ތެދުމަގެއް ކަމުގައްޔާއި، ރަޙްމަތެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް، ފޮތް ބާވައެއް ނުލައްވަމެވެ.
﴿65﴾ وَاللَّهُ أَنزَلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَسْمَعُونَ
ﷲ، އުޑުން ފެން ބާވައިލެއްވިއެވެ. ފަހެ، ބިންގަނޑު މަރުވެ އޮތުމަށްފަހު، އެ ފެނުގެ ސަބަބުން، އެކަލާނގެ އެ ބިންގަނޑު ދިރުއްވިއެވެ. ހަމަކަށަވަރުން، އަޑުއަހާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.
﴿66﴾ وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِي بُطُونِهِ مِن بَيْنِ فَرْثٍ وَدَمٍ لَّبَنًا خَالِصًا سَائِغًا لِّلشَّارِبِينَ
އަދި ހަމަކަށަވަރުން، ނަޢަމް ސޫފީގައި، ތިޔަބައިމީހުންނަށް ޢިބްރަތެއް ވާކަން ކަށަވަރެވެ. އޭގެ ބަނޑުގައިވާ ތަކެތިން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ބުއިމެއް ދެއްވަމެވެ. (ބަނޑުތެރޭގައިވާ) ފުޟޫލާތުތަކާއި، ލެޔާ ދެމެދުން އުފެދިގެން އަންނަ ބުއިމެކެވެ. ބޯމީހުންނަށް ބުއިމަށް ފަސޭހަ، އަދި ސާފުވެގެންވާ ކިރެވެ.
﴿67﴾ وَمِن ثَمَرَاتِ النَّخِيلِ وَالْأَعْنَابِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا حَسَنًا ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَعْقِلُونَ
އަދި ކަދުރު ރުކުގެ މޭވާއާއި، މޭބިސްކަދުރުން މަސްތުވާ ބުއިންތަކާއި، ރަނގަޅު ކާތަކެތި ތިޔަބައިމީހުން ބޭނުންކުރަމުއެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. (ނޯޓު: މި އާޔަތް ބާވައިލެއްވީ، ރާ ޙަރާމް ކުރެއްވުމުގެ ކުރީގައެވެ.)
﴿68﴾ وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް އިލްހާމް ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި، މީހުން ހަދައިދޭ ބިނާތަކުގައި، ހަތާހަދައި އުޅޭށެވެ!
﴿69﴾ ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ
ދެން ތިޔަ ކުޅަނދުރު، ހުރިހާ މޭވާތަކުން ކައިއުޅޭށެވެ! ފަހެ، ތިޔަ ކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް ދެއްވާފައިވާ މަގުތަކުން ހިނގާށެވެ! އެ ތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި (އެބަހީ: މާމުއިގައި) މީސްތަކުންނަށް ބަލިފަސޭހަވުން ވެއެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.
﴿70﴾ وَاللَّهُ خَلَقَكُمْ ثُمَّ يَتَوَفَّاكُمْ ۚ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْ لَا يَعْلَمَ بَعْدَ عِلْمٍ شَيْئًا ۚ إِنَّ اللَّهَ عَلِيمٌ قَدِيرٌ
ﷲ، ތިޔަބައިމީހުން ހެއްދެވިއެވެ. ދެން އެކަލާނގެ، ތިޔަބައިމީހުން މަރުގަންނަވަތެވެ. އަދި އެންމެ ނިކަމެތި ޢުމުރަށް ރައްދުކުރައްވާ މީހުން، ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އެމީހާއަށް އެނގިގެންވުމަށްފަހު، އެއްވެސް އެއްޗެއް ނޭނގުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
﴿71﴾ وَاللَّهُ فَضَّلَ بَعْضَكُمْ عَلَىٰ بَعْضٍ فِي الرِّزْقِ ۚ فَمَا الَّذِينَ فُضِّلُوا بِرَادِّي رِزْقِهِمْ عَلَىٰ مَا مَلَكَتْ أَيْمَانُهُمْ فَهُمْ فِيهِ سَوَاءٌ ۚ أَفَبِنِعْمَةِ اللَّهِ يَجْحَدُونَ
އަދި ﷲ، ރިޒްޤު ދެއްވުމުގައި، ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް މާތްކުރައްވައި، އިތުރުކުރެއްވިއެވެ. ފަހެ، އެއުރެންނަށް މިލްކުވެގެންވާ އަޅުންނަށް، އެއުރެންގެ ރިޒްޤު ރައްދުކޮށްދޭ ބަޔަކުކަމުގައި، އިތުރު ކުރެއްވި މީހުން ނުވެތެވެ. ފަހެ، އެކަމުގައި، އެއުރެން ހަމަހަމަވެގެންވެއެވެ. ފަހެ، އެއުރެން އިންކާރު ކޮށް ދެކޮޅުހަދަނީ، ﷲ ދެއްވި ނިޢުމަތާ މެދުގައި ހެއްޔެވެ؟
﴿72﴾ وَاللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَجَعَلَ لَكُم مِّنْ أَزْوَاجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ الطَّيِّبَاتِ ۚ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَتِ اللَّهِ هُمْ يَكْفُرُونَ
އަދި ﷲ، ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށްޓަކައި، އަނބިންލައްވައި، އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން، ދަރިންނާއި، ދަރިންގެދަރިން ލައްވައި، އަދި ރަނގަޅު ޙަލާލު ތަކެތިން، ތިޔަބައިމީހުންނަށް ރިޒްޤު ދެއްވިއެވެ. ފަހެ، އެއުރެން އީމާން ވަނީ، ބާޠިލަށް ހެއްޔެވެ؟ އަދި އެއުރެން ކާފިރު ވަނީ، ﷲގެ ނިޢުމަތަށް ހެއްޔެވެ؟
﴿73﴾ وَيَعْبُدُونَ مِن دُونِ اللَّهِ مَا لَا يَمْلِكُ لَهُمْ رِزْقًا مِّنَ السَّمَاوَاتِ وَالْأَرْضِ شَيْئًا وَلَا يَسْتَطِيعُونَ
ﷲ ފިޔަވައި، އެހެންފަރާތަކަށް، އެއުރެން އަޅުކަންކުރެތެވެ. (އެއީ) އުޑުތަކާއި، ބިމުން، އެއްވެސް އެއްޗަކުން އެއުރެންނަށް ރިޒްޤު ދިނުން މިލްކުވެގެން ނުވާ ތަކެއްޗެވެ. އަދި އެ ތަކެއްޗަށް، އެކަމަކަށް ކުޅަދާނަވެގެނެއް ނުމެވޭމެއެވެ.
﴿74﴾ فَلَا تَضْرِبُوا لِلَّهِ الْأَمْثَالَ ۚ إِنَّ اللَّهَ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ
ފަހެ، ތިޔަބައިމީހުން، އެއްވެސް އެއްޗެއް ﷲއާ އެއްފަދަ ނުކުރާށެވެ! ހަމަކަށަވަރުން، ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.
﴿75﴾ ۞ ضَرَبَ اللَّهُ مَثَلًا عَبْدًا مَّمْلُوكًا لَّا يَقْدِرُ عَلَىٰ شَيْءٍ وَمَن رَّزَقْنَاهُ مِنَّا رِزْقًا حَسَنًا فَهُوَ يُنفِقُ مِنْهُ سِرًّا وَجَهْرًا ۖ هَلْ يَسْتَوُونَ ۚ الْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ
އެހެންމީހަކަށް މިލްކުވެގެންވާ، އަދި އެއްވެސްކަމެއް ކުރުމަށް ކުޅަދާނަވެގެންނުވާ އަޅަކާއި، ތިމަންރަސްކަލާނގެ ހެޔޮވެގެންވާ ރިޒްޤުން ރިޒްޤު ދެއްވައި، ސިއްރާއި ފާޅުގައި އެއިން ހޭދަކޮށްއުޅޭ މީހަކާ ދެމީހުންގެ މިޘާލުން ﷲ، މިޘާލެއް ޖެއްސެވިއެވެ. އެއުރެން ހަމަހަމަވާނޭ ހެއްޔެވެ؟ ޙަމްދު ހުރީ، ﷲއަށެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަ މީހުންނަކަށް ނޭނގެތެވެ.
﴿76﴾ وَضَرَبَ اللَّهُ مَثَلًا رَّجُلَيْنِ أَحَدُهُمَا أَبْكَمُ لَا يَقْدِرُ عَلَىٰ شَيْءٍ وَهُوَ كَلٌّ عَلَىٰ مَوْلَاهُ أَيْنَمَا يُوَجِّههُّ لَا يَأْتِ بِخَيْرٍ ۖ هَلْ يَسْتَوِي هُوَ وَمَن يَأْمُرُ بِالْعَدْلِ ۙ وَهُوَ عَلَىٰ صِرَاطٍ مُّسْتَقِيمٍ
ދެފިރިހެނެއްގެ މިޘާލުން، ﷲ މިޘާލެއް ޖެއްސެވިއެވެ. އެ ދެމީހުންކުރެ އެކަކީ، އެއްވެސްކަމެއްގެ މައްޗަށް ކުޅަދާނަވެގެންނުވާ މަންމަނެކެވެ. އަދި އޭނާއަކީ، އޭނާގެ ސާހިބުމީހާގެ މައްޗަށްވާ ބުރައެކެވެ. އޭނާ ކުރިމަތިކޮށްފި އެއްވެސް ދިމާއަކުން، ހެޔޮކަމަކާއިގެނެއް ނާދެތެވެ. އެމީހާއާއި، ސީދާވެގެންވާ ތެދުމަގުގައިހުރެ، އިންޞާފަށް އަމުރުކޮށްއުޅޭ މީހަކާ ހަމަހަމަވެގެންވާނޭ ހެއްޔެވެ؟
﴿77﴾ وَلِلَّهِ غَيْبُ السَّمَاوَاتِ وَالْأَرْضِ ۚ وَمَا أَمْرُ السَّاعَةِ إِلَّا كَلَمْحِ الْبَصَرِ أَوْ هُوَ أَقْرَبُ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
އަދި އުޑުތަކާއި، ބިމުގެ ޣައިބު މިލްކުވެގެންވަނީ، ﷲއަށެވެ. އަދި ޤިޔާމަތް ވުމުގެ ވަގުތުގެ ކަންތައް، ލޮލުގެ އެސްފިޔަޖަހާހައި ހިނދުކޮޅެއް ފަދައިން މެނުވީ ނުވެތެވެ. ނުވަތަ، އެއަށްވުރެވެސް ގާތެވެ. ހަމަކަށަވަރުން، ﷲއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
﴿78﴾ وَاللَّهُ أَخْرَجَكُم مِّن بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۙ لَعَلَّكُمْ تَشْكُرُونَ
ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭގޮތުގައިވާ ޙާލު، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ ﷲއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. އެއީ ތިޔަބައިމީހުން، ޝުކުރު ކުރުމަށްޓަކައެވެ.
﴿79﴾ أَلَمْ يَرَوْا إِلَى الطَّيْرِ مُسَخَّرَاتٍ فِي جَوِّ السَّمَاءِ مَا يُمْسِكُهُنَّ إِلَّا اللَّهُ ۗ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ
އުޑުގެ ޖައްވުގައި ކިޔަމަންކުރައްވާފައިވާ ދޫނިތައް، އެއުރެން ނުދެކެނީ ހެއްޔެވެ؟ އެތަކެތި (އުދުހޭ ގޮތުގައި) ﷲ މެނުވީ ނުހިފަހައްޓަވަތެވެ. އީމާންވާ ބަޔަކަށް، ހަމަކަށަވަރުން، އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
﴿80﴾ وَاللَّهُ جَعَلَ لَكُم مِّن بُيُوتِكُمْ سَكَنًا وَجَعَلَ لَكُم مِّن جُلُودِ الْأَنْعَامِ بُيُوتًا تَسْتَخِفُّونَهَا يَوْمَ ظَعْنِكُمْ وَيَوْمَ إِقَامَتِكُمْ ۙ وَمِنْ أَصْوَافِهَا وَأَوْبَارِهَا وَأَشْعَارِهَا أَثَاثًا وَمَتَاعًا إِلَىٰ حِينٍ
އަދި ﷲ، ތިޔަބައިމީހުން ހިމޭންވެތިބޭ ތަންތަންކަމުގައި، ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ގެތައް ލެއްވިއެވެ. އަދި ތިޔަބައިމީހުންގެ ދަތުރުގެ ދުވަހުގައްޔާއި، ދަތުރުނުކޮށް ޤާއިމް ވެތިބޭ ދުވަހުގައި، ގެންގުޅުމަށް ލުއި ގެތަކެއް، ނަޢަމް ސޫފީގެ ހަމުން ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި އެ ތަކެތީގެ ކެހެރިންނާއި، އެ ތަކެތީގެ ލޯލިންނާއި، އެ ތަކެތީގެ އިސްތަށިން، ގެވެހި ސާމާނާއި، ހިފައިގެންގުޅޭ ތަކެތި، ތިޔަބައިމީހުންނަށްޓަކައި، ވަކި މުއްދަތަކަށް ލެއްވިއެވެ.
﴿81﴾ وَاللَّهُ جَعَلَ لَكُم مِّمَّا خَلَقَ ظِلَالًا وَجَعَلَ لَكُم مِّنَ الْجِبَالِ أَكْنَانًا وَجَعَلَ لَكُمْ سَرَابِيلَ تَقِيكُمُ الْحَرَّ وَسَرَابِيلَ تَقِيكُم بَأْسَكُمْ ۚ كَذَٰلِكَ يُتِمُّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ
އަދި ﷲ، އެކަލާނގެ ހެއްދެވި ތަކެތިން، ހިޔާތައް ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި ތިޔަބައިމީހުން، ރައްކާތެރިކަން ލިބިގަތުމަށް، ވަދެތިބޭނޭ ތަންތަން، ފަރުބަދަތަކުން، ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި (ފިނި) ހޫނުކަމުން، ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތަކާއި، ހަނގުރާމައިގެ ނުރައްކާތެރިކަމުން، ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތައް، ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ލެއްވިއެވެ. ތިޔަބައިމީހުންގެ މައްޗަށް، އެކަލާނގެ ނިޢުމަތް ފުރިހަމަކޮށްދެއްވަނީ، އެފަދައިންނެވެ. އެއީ، ތިޔަބައިމީހުން ކިޔަމަންވުމަށްޓަކައެވެ.
﴿82﴾ فَإِن تَوَلَّوْا فَإِنَّمَا عَلَيْكَ الْبَلَاغُ الْمُبِينُ
ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ، ބަޔާންވެގެންވާ އިއްވެވުމެވެ.
﴿83﴾ يَعْرِفُونَ نِعْمَتَ اللَّهِ ثُمَّ يُنكِرُونَهَا وَأَكْثَرُهُمُ الْكَافِرُونَ
އެއުރެން ﷲގެ ނިޢުމަތް ދަނެތެވެ. ދެން އެއުރެން އެއަށް އިންކާރު ކުރެތެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ، ކާފިރުންނެވެ.
﴿84﴾ وَيَوْمَ نَبْعَثُ مِن كُلِّ أُمَّةٍ شَهِيدًا ثُمَّ لَا يُؤْذَنُ لِلَّذِينَ كَفَرُوا وَلَا هُمْ يُسْتَعْتَبُونَ
ތިމަންރަސްކަލާނގެ ކޮންމެ އުއްމަތަކުން، ހެކިވެރިޔަކު ފޮނުއްވަވާ ދުވަސް ހަނދުމަކުރާށެވެ! ދެން ކާފިރު ވިމީހުންނަށް (ޢުޛުރު ދެއްކުމަކަށް) އިޛުނައެއް ނުދެއްވާހުށްޓެވެ. އަދި އެކަލާނގެ ރުއްސަވާ މަގަށް، އެނބުރި އާދެވޭނޭ ބަޔަކު ކަމުގައި، އެއުރެން އެދުވަހުން ނުވެތެވެ.
﴿85﴾ وَإِذَا رَأَى الَّذِينَ ظَلَمُوا الْعَذَابَ فَلَا يُخَفَّفُ عَنْهُمْ وَلَا هُمْ يُنظَرُونَ
އަދި އަނިޔާވެރިވި މީހުން، ޢަޛާބު ދެކޭހިނދު، އެއުރެންގެ ކިބައިން އެކަން ލުއި ނުކުރައްވާހުށްޓެވެ. އަދި ފަސްކުރައްވާނޭ ބަޔަކުކަމުގައިވެސް، އެއުރެން ނުމެވޭމެއެވެ.
﴿86﴾ وَإِذَا رَأَى الَّذِينَ أَشْرَكُوا شُرَكَاءَهُمْ قَالُوا رَبَّنَا هَٰؤُلَاءِ شُرَكَاؤُنَا الَّذِينَ كُنَّا نَدْعُو مِن دُونِكَ ۖ فَأَلْقَوْا إِلَيْهِمُ الْقَوْلَ إِنَّكُمْ لَكَاذِبُونَ
އަދި ޝަރީކުކުޅަ މީހުން، އެއުރެން (ﷲއާ) ޝަރީކުކުޅަ ފަރާތްތައް ދެކޭހިނދު ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! މިތިބީ އަޅަމެންގެ ޝަރީކުންނެވެ. އެއީ، އިބަރަސްކަލާނގެ ފިޔަވައި، އަޅަމެން އެފަރާތްތަކަށް އަޅުކަންކޮށް އުޅުނު ފަރާތްތަކެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ދޮގުވެރިންނޭ ބުނެ، އެ ތަކެތި އެއުރެންނަށް އެބަސް ރައްދުކުރާނެތެވެ.
﴿87﴾ وَأَلْقَوْا إِلَى اللَّهِ يَوْمَئِذٍ السَّلَمَ ۖ وَضَلَّ عَنْهُم مَّا كَانُوا يَفْتَرُونَ
އަދި އެއުރެން އެދުވަހުން، ﷲއަށް ތަސްލީމް ކުރާނެތެވެ. އަދި އެއުރެން އަމިއްލަޔަށް ހަދައިގެން އުޅުނު ބާޠިލު އިލާހުންތައް، އެއުރެންނަށް ގެއްލިގެންދާނެތެވެ.
﴿88﴾ الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّهِ زِدْنَاهُمْ عَذَابًا فَوْقَ الْعَذَابِ بِمَا كَانُوا يُفْسِدُونَ
(ﷲއަށާއި އެކަލާނގެ ރަސޫލާއަށް) ކާފިރުވެ، އަދި ﷲގެ މަގުން (އެހެން މީހުން) އެއްކިބާކުރި މީހުންނަށް، ޢަޛާބުގެ މައްޗަށް ޢަޛާބު ތިމަންރަސްކަލާނގެ އިތުރުކުރައްވާ ހުށީމެވެ. އެއީ، އެއުރެން ފަސާދަކޮށް އުޅުނުކަމަށްޓަކައެވެ.
﴿89﴾ وَيَوْمَ نَبْعَثُ فِي كُلِّ أُمَّةٍ شَهِيدًا عَلَيْهِم مِّنْ أَنفُسِهِمْ ۖ وَجِئْنَا بِكَ شَهِيدًا عَلَىٰ هَٰؤُلَاءِ ۚ وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِّكُلِّ شَيْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ
އަދި ތިމަންރަސްކަލާނގެ ކޮންމެ އުއްމަތަކުން ހެކިވެރިއަކު، ހަމަ އެއުރެންގެ ތެރެއިން އެއުރެންގެ މައްޗަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! އަދި މިބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި، ތިމަންރަސްކަލާނގެ، ކަލޭގެފާނު ގެންނަވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި މުސްލިމުންނަށް އޮތް ހިދާޔަތެއް ކަމުގައްޔާއި، ރަޙްމަތެއް ކަމުގައްޔާއި، އުފާވެރި ޚަބަރެއް ކަމުގައެވެ.
﴿90﴾ ۞ إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَالْبَغْيِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ
ހަމަކަށަވަރުން، ޢަދުލުވެރިވުމަށާއި، އިޙްސާންތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް ﷲ އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، މުންކަރާތްތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، ވަޢުޡު އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.
﴿91﴾ وَأَوْفُوا بِعَهْدِ اللَّهِ إِذَا عَاهَدتُّمْ وَلَا تَنقُضُوا الْأَيْمَانَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ اللَّهَ عَلَيْكُمْ كَفِيلًا ۚ إِنَّ اللَّهَ يَعْلَمُ مَا تَفْعَلُونَ
ތިޔަބައިމީހުން ﷲއަށް ޢަހުދު ކޮށްފިނަމަ، އެ ޢަހުދު ތިޔަބައިމީހުން ފުއްދާށެވެ! އަދި ހުވާތައް ގަދަކޮށް، ކަށަވަރުކުރުމަށްފަހު، ތިޔަބައިމީހުން އެ ހުވާތައް އުވައިނުލާށެވެ! އެހެނީ، ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުންގެ މައްޗަށް، ހެކިވެ ޖާމިނުވެވޮޑިގެންވާ ފަރާތެއް ކަމުގައި، ތިޔަބައިމީހުން ލާފައިވެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް، ﷲ ދެނެވޮޑިގެންވެތެވެ.
﴿92﴾ وَلَا تَكُونُوا كَالَّتِي نَقَضَتْ غَزْلَهَا مِن بَعْدِ قُوَّةٍ أَنكَاثًا تَتَّخِذُونَ أَيْمَانَكُمْ دَخَلًا بَيْنَكُمْ أَن تَكُونَ أُمَّةٌ هِيَ أَرْبَىٰ مِنْ أُمَّةٍ ۚ إِنَّمَا يَبْلُوكُمُ اللَّهُ بِهِ ۚ وَلَيُبَيِّنَنَّ لَكُمْ يَوْمَ الْقِيَامَةِ مَا كُنتُمْ فِيهِ تَخْتَلِفُونَ
އަދި އުއިގުޅައި، ރޮދިއަޅައި ހަރުކުރުމަށްފަހު، އެތިއެތިކޮޅަށް އެ ކޮށައި ހަލާކުކޮށްލި ކަނބުލޭގެ ފަދައިން، ތިޔަބައިމީހުން ނުވާށެވެ! (އެބަހީ: ޢަހުދުތަކުގެ ބާރު ލިބިގަތުމަށްފަހު، އެ ޢަހުދުތައް އުވައިލާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ!) ތިޔަބައިމީހުންގެ މެދުގައި، ފަސާދަވެރިކަން އުފެއްދުމަށްޓަކައި އޮތް އެއްޗެއްކަމުގައި، ތިޔަބައިމީހުންގެ ހުވާތައް ހަދަމުއެވެ. (އެއީ) ތިޔަބައިމީހުންކުރެ އެއްބަޔަކު، އަނެއްބަޔަކަށްވުރެ ގިނަބަޔަކުކަމުގައި ވެދާނެތީއެވެ. ހަމަކަށަވަރުން، ﷲ، ތިޔަބައިމީހުން އެކަމުން އިމްތިޙާނު ކުރައްވަތެވެ. އަދި ތިޔަބައިމީހުން، ޚިލާފުވެ އުޅުނުކަންތައް، ޤިޔާމަތް ދުވަހުން އެކަލާނގެ ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާނެކަން ކަށަވަރެވެ.
﴿93﴾ وَلَوْ شَاءَ اللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَٰكِن يُضِلُّ مَن يَشَاءُ وَيَهْدِي مَن يَشَاءُ ۚ وَلَتُسْأَلُنَّ عَمَّا كُنتُمْ تَعْمَلُونَ
ﷲ އިރާދަކުރެއްވިނަމަ، އެއް އުއްމަތެއް ކަމުގައި، ތިޔަބައިމީހުން ލައްވައިފީސްކަން ކަށަވަރެވެ. އެހެނެއްކަމަކު، އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތިޔަބައިމީހުން ޢަމަލު ކޮށް އުޅުނު ކަންތަކާމެދު، ތިޔަބައިމީހުންނާ ސުވާލު ކުރައްވާހުށިކަން ކަށަވަރެވެ.
﴿94﴾ وَلَا تَتَّخِذُوا أَيْمَانَكُمْ دَخَلًا بَيْنَكُمْ فَتَزِلَّ قَدَمٌ بَعْدَ ثُبُوتِهَا وَتَذُوقُوا السُّوءَ بِمَا صَدَدتُّمْ عَن سَبِيلِ اللَّهِ ۖ وَلَكُمْ عَذَابٌ عَظِيمٌ
ތިޔަބައިމީހުންގެ ހުވާތައް، އެއީ ތިޔަބައިމީހުންގެ މެދުގައި ފަސާދަ ކުރުމަށްޓަކައި އޮތް އެއްޗެއް ކަމުގައި ތިޔަބައިމީހުން ނަހަދާށެވެ! ފަހެ، (އެހެންވެއްޖެނަމަ، އެ ހުވާގެ ސަބަބުން) ފައިތިލަ ޘާބިތުވެ ހުރުމަށްފަހު، އެ ފައިތިލަ ކައްސާލައިގެން ހިނގައިދާނެތެވެ. އަދި ތިޔަބައިމީހުން، ﷲގެ މަގުން (މީސްތަކުން) އެއްކިބާކޮށްއުޅުމުގެ ސަބަބުން، މުޞީބާތުގެ ރަހަ ތިޔަބައިމީހުންނަށް ލިބިދާނެތެވެ. އަދި ބޮޑުވެގެންވާ ޢަޛާބު، ތިޔަބައިމީހުންނަށް ހުށްޓެވެ.
﴿95﴾ وَلَا تَشْتَرُوا بِعَهْدِ اللَّهِ ثَمَنًا قَلِيلًا ۚ إِنَّمَا عِندَ اللَّهِ هُوَ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
އަދި ތިޔަބައިމީހުން، ﷲގެ ޢަހުދަށް ކުޑަ އަގެއް ނުގަންނާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައިވާ އެއްޗެއް އެއީ، ތިޔަބައިމީހުންނަށް އެންމެ ހެޔޮކަން ބޮޑުވެގެންވާ އެއްޗެކެވެ.
﴿96﴾ مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ اللَّهِ بَاقٍ ۗ وَلَنَجْزِيَنَّ الَّذِينَ صَبَرُوا أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ
ތިޔަބައިމީހުންގެ ގާތުގައިވާ އެއްޗެއް ހުސްވެގެން ހިނގައިދާނެތެވެ. އަދި ﷲގެ ޙަޟްރަތުގައިވާ އެއްޗެއް ދެމިހުންނާނެތެވެ. އަދި ހަމަކަށަވަރުން، ކެތްތެރިވީ މީހުންނަށް، އެއުރެން ޢަމަލު ކޮށްއުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.
﴿97﴾ مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ
މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލު ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.
﴿98﴾ فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
ފަހެ، ކަލޭގެފާނު ޤުރްއާން ކިޔަވައި ވިދާޅުވާނަމަ، ފަހެ، ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުންއެދި، ﷲގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!
﴿99﴾ إِنَّهُ لَيْسَ لَهُ سُلْطَانٌ عَلَى الَّذِينَ آمَنُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
ހަމަކަށަވަރުން، އީމާންވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލު ކުރާމީހުންގެ މައްޗަށް އެއްވެސް ބާރެއް، އެ ޝައިޠާނާއަކަށް ނުވެއެވެ.
﴿100﴾ إِنَّمَا سُلْطَانُهُ عَلَى الَّذِينَ يَتَوَلَّوْنَهُ وَالَّذِينَ هُم بِهِ مُشْرِكُونَ
އޭނާއަށް ބާރު ލިބިގެންވާކަން ކަށަވަރީ، އޭނާގެ ވާގިވެރިކަން ލިބިގަންނަ މީހުންގެ މައްޗަށާއި، އެކަލާނގެއަށް ޝަރީކު ކޮށްއުޅޭ މީހުންގެ މައްޗަށެވެ.
﴿101﴾ وَإِذَا بَدَّلْنَا آيَةً مَّكَانَ آيَةٍ ۙ وَاللَّهُ أَعْلَمُ بِمَا يُنَزِّلُ قَالُوا إِنَّمَا أَنتَ مُفْتَرٍ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ
އެއް އާޔަތެއްގެ ތަނަށް، އެހެން އާޔަތެއް ތިމަންރަސްކަލާނގެ ބަދަލުކުރައްވައި ގެންނަވައިފި ހިނދު، ﷲ އެކަލާނގެ ބާވައިލައްވާ ތަކެތި މޮޅަށް ދެނެވޮޑިގެންވެތެވެ. އެއުރެން ބުނެތެވެ. ކަލޭގެފާނު ވާކަން ކަށަވަރީ، ދޮގުހަދާ މީހެއްކަމުގައެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުން ނުދަނެތެވެ.
﴿102﴾ قُلْ نَزَّلَهُ رُوحُ الْقُدُسِ مِن رَّبِّكَ بِالْحَقِّ لِيُثَبِّتَ الَّذِينَ آمَنُوا وَهُدًى وَبُشْرَىٰ لِلْمُسْلِمِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ގޮތުގައި އެ ފޮތް ބާވައިލެއްވީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ޖިބްރީލުގެފާނެވެ. (އެއީ) އީމާންވި މީހުންނަށް ޘާބިތު ކަން ދެއްވުމަށްޓަކައެވެ. އަދި މުސްލިމުންނަށް އޮތް ހިދާޔަތެއް ކަމުގައްޔާއި، އުފާވެރި ޚަބަރެއް ކަމުގައެވެ.
﴿103﴾ وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُ بَشَرٌ ۗ لِّسَانُ الَّذِي يُلْحِدُونَ إِلَيْهِ أَعْجَمِيٌّ وَهَٰذَا لِسَانٌ عَرَبِيٌّ مُّبِينٌ
އެކަލޭގެފާނަށް އުނގަންނައިދެއްވަނީ، ހަމަކަށަވަރުން، އިންސާނު އެކޭ އެއުރެން ބުނެއުޅޭކަން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އެއުރެން، އެކަލޭގެފާނަށް އުނގަންނައިދޭކަމަށް ބުނާ މީހާގެ ބަހަކީ، ޢަޖަމީ ބަހެވެ. މިއީ ބަޔާންވެގެންވާ ޢަރަބި ބަހެވެ.
﴿104﴾ إِنَّ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ لَا يَهْدِيهِمُ اللَّهُ وَلَهُمْ عَذَابٌ أَلِيمٌ
ހަމަކަށަވަރުން، ﷲގެ އާޔަތްތަކަށް، އީމާން ނުވާ މީހުން (ދަންނާށެވެ!) ﷲ، އެއުރެންނަށް ތެދުމަގެއް ނުދައްކަވާނެތެވެ. އަދި ވޭންދެނިވި ޢަޛާބު އެއުރެންނަށްހުށްޓެވެ.
﴿105﴾ إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ ۖ وَأُولَٰئِكَ هُمُ الْكَاذِبُونَ
ދޮގުހަދާކަން ކަށަވަރީ، ﷲގެ އާޔަތްތަކަށް އީމާން ނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ، ދޮގުވެރިންނެވެ.
﴿106﴾ مَن كَفَرَ بِاللَّهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَٰكِن مَّن شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ
އީމާންކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ ޙާލު، މަޖުބޫރު ވެގެންވާ މީހާ މެނުވީ، އީމާން ވުމަށްފަހު، ﷲއަށް ކާފިރު ވެއްޖެމީހާ، އަދި އެހެނެއްކަމަކު (އެބަހީ: މަޖުބޫރު ވެގެންވިޔަސް) ކާފިރުކަމަށް ހިތްތަނަވަސް ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް ﷲގެ ޙަޟްރަތުން ކޯފާލެއްވުންހުށްޓެވެ. އަދި ބޮޑުވެގެންވާ ޢަޛާބު، އެއުރެންނަށްހުށްޓެވެ.
﴿107﴾ ذَٰلِكَ بِأَنَّهُمُ اسْتَحَبُّوا الْحَيَاةَ الدُّنْيَا عَلَى الْآخِرَةِ وَأَنَّ اللَّهَ لَا يَهْدِي الْقَوْمَ الْكَافِرِينَ
އެއީ ހަމަކަށަވަރުން، އެއުރެން، އާޚިރަތުގެ މައްޗަށް، ދުނިޔަވީ ޙަޔާތް އިސްކުޅައުމުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، ކާފިރު ވީމީހުންނަކަށް، ﷲ، ތެދުމަގެއް ނުދައްކަވާނެތެވެ.
﴿108﴾ أُولَٰئِكَ الَّذِينَ طَبَعَ اللَّهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ وَأَبْصَارِهِمْ ۖ وَأُولَٰئِكَ هُمُ الْغَافِلُونَ
އެއުރެންނީ، އެއުރެންގެ ހިތްތަކުގައްޔާއި، އެއުރެންގެ ކަންފަތްތަކުގައްޔާއި، އެއުރެންގެ ލޯތަކުގައި، ﷲ ސިއްކަގައްސަވާފައިވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ، ޣާފިލު ވެގެންވާ މީހުންނެވެ.
﴿109﴾ لَا جَرَمَ أَنَّهُمْ فِي الْآخِرَةِ هُمُ الْخَاسِرُونَ
ޝައްކެއްނެތެވެ. ހަމަކަށަވަރުން، އާޚިރަތުގައި ގެއްލެނިވެގެންވާ މީހުންނަކީ، ހަމަ، އެއުރެންނެވެ.
﴿110﴾ ثُمَّ إِنَّ رَبَّكَ لِلَّذِينَ هَاجَرُوا مِن بَعْدِ مَا فُتِنُوا ثُمَّ جَاهَدُوا وَصَبَرُوا إِنَّ رَبَّكَ مِن بَعْدِهَا لَغَفُورٌ رَّحِيمٌ
ދެން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (އެހީތެރިވެ) ވޮޑިގަތުންވަނީ، އެއުރެންނަށް އަނިޔާލިބި، އިމްތިޙާނު ވެވުމަށްފަހު، ހިޖުރަ ކޮށް، ދެން ޖިހާދު ކޮށް، ކެތްތެރިވީ މީހުންނަށެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެއަށްފަހުވެސް ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
﴿111﴾ ۞ يَوْمَ تَأْتِي كُلُّ نَفْسٍ تُجَادِلُ عَن نَّفْسِهَا وَتُوَفَّىٰ كُلُّ نَفْسٍ مَّا عَمِلَتْ وَهُمْ لَا يُظْلَمُونَ
ކޮންމެ ނަފްސެއްވެސް، އެ ނަފްސެއް (ދިފާޢު ކޮށް) ޖަދަލުކުރުމަށް އަންނަ ދުވަސް (ހަނދުމަކުރާށެވެ!) އަދި ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ކުޅަ ޢަމަލަކަށް (އެ ދުވަހުން) ފުރިހަމައަށް ޖަޒާ ދެއްވާނެތެވެ. އަދި އެއުރެންނަށް، ބޭއިންސާފެއް ނުކުރައްވާނޭމެއެވެ.
﴿112﴾ وَضَرَبَ اللَّهُ مَثَلًا قَرْيَةً كَانَتْ آمِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ
އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ މިޘާލުން، ﷲ މިޘާލެއް ޖެއްސެވިއެވެ. ކޮންމެ ދިމާޔަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް ރިޒްޤު އާދެތެވެ. ދެން ﷲގެ ނިޢުމަތްތަކަށް އެ ރަށުގެ މީހުން ކާފިރު ވޫއެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާންލައްވައި، އެކަމުގެ ރަހަ އެއުރެންނަށް ﷲ ދެއްކެވިއެވެ.
﴿113﴾ وَلَقَدْ جَاءَهُمْ رَسُولٌ مِّنْهُمْ فَكَذَّبُوهُ فَأَخَذَهُمُ الْعَذَابُ وَهُمْ ظَالِمُونَ
ހަމަކަށަވަރުން، އެއުރެންގެތެރެއިން، ރަސޫލަކު، އެއުރެންގެ ގާތަށް ވަޑައިގަތެވެ. ފަހެ، އެއުރެން އެ ރަސޫލާ ދޮގުކުޅައޫވެ. ދެން އެއުރެން އަނިޔާވެރިންކަމުގައިވާ ޙާލު، އެއުރެންގެ މައްޗަށް ޢަޛާބު އައެވެ.
﴿114﴾ فَكُلُوا مِمَّا رَزَقَكُمُ اللَّهُ حَلَالًا طَيِّبًا وَاشْكُرُوا نِعْمَتَ اللَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ
ފަހެ، ﷲ ތިޔަބައިމީހުންނަށް ރަނގަޅު ޙަލާލު ތަކެތީގެ ގޮތުގައި ދެއްވި ރިޒްޤުން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ﷲގެ ނިޢުމަތަށް ތިޔަބައިމީހުން ޝުކުރު ކުރާށެވެ! (އެއީ) ހަމައެކަނި، އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާ ކަމުގައި ވާނަމައެވެ.
﴿115﴾ إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ ۖ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ اللَّهَ غَفُورٌ رَّحِيمٌ
ތިޔަބައިމީހުންނަށް، އެކަލާނގެ ޙަރާމް ކުރައްވާފައިވާކަން ކަށަވަރީ، މުޅަތަކެއްޗާއި، ލެޔާއި، އޫރުމަހާއި، ﷲ ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. ފަހެ، ނުކިޔަމަންތެރިވެ، ދެކޮޅުވެރިވުމެއް އަދި ހައްދުފަހަނަޅައިދިއުމެއް ނެތި، މަޖުބޫރު ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
﴿116﴾ وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَٰذَا حَلَالٌ وَهَٰذَا حَرَامٌ لِّتَفْتَرُوا عَلَى اللَّهِ الْكَذِبَ ۚ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُونَ
ﷲއާމެދު، ތިޔަބައިމީހުން ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައްހަދައި، ސިފަކޮށް އުޅޭކަންތަކަށް، މިއީ ޙަލާލުކަމެކޭ، އަދި މިއީ ޙަރާމްކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ! ހަމަކަށަވަރުން، ﷲއާމެދު، ދޮގުހަދާމީހުން ނުދިނޭހުށްޓެވެ.
﴿117﴾ مَتَاعٌ قَلِيلٌ وَلَهُمْ عَذَابٌ أَلِيمٌ
(އެއީ) ކުޑަކުޑަ ވަގުތީ އަރާމެކެވެ. އަދި އެއުރެންނަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ.
﴿118﴾ وَعَلَى الَّذِينَ هَادُوا حَرَّمْنَا مَا قَصَصْنَا عَلَيْكَ مِن قَبْلُ ۖ وَمَا ظَلَمْنَاهُمْ وَلَٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ
މީގެކުރިން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ (ވަޙީ ކުރައްވައި) ކިޔައިދެއްވި ކަންތައް، ޔަހޫދީ ވީ މީހުންގެ މައްޗަށް، ތިމަންރަސްކަލާނގެ ޙަރާމް ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެއުރެންނަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަމެވެ. އެހެނެއް ކަމަކު، އެއުރެންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވާ ކަމުގައި، އެއުރެން ވޫއެވެ.
﴿119﴾ ثُمَّ إِنَّ رَبَّكَ لِلَّذِينَ عَمِلُوا السُّوءَ بِجَهَالَةٍ ثُمَّ تَابُوا مِن بَعْدِ ذَٰلِكَ وَأَصْلَحُوا إِنَّ رَبَّكَ مِن بَعْدِهَا لَغَفُورٌ رَّحِيمٌ
ދެން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (ފާފަފުއްސެވުން) ވަނީ، ނޭނގިތިބެގެން، ނުބައިކަންތައްކޮށް، ދެން އެއަށްފަހު ތައުބާވެ، އިޞްލާޙު ވެގަތް ބަޔަކަށެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެކަންތަކަށްފަހުވެސް، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
﴿120﴾ إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ
ހަމަކަށަވަރުން، އިބްރާހީމުގެފާނީ، ﷲއަށް ކިޔަމަންތެރިވެވަޑައިގެން، ބާޠިލު މަގުން އެއްކިބާވެ، ސީދާމަގުގައި ހުންނެވި، ހެޔޮކަމުގެ ހުރިހާކަމެއް އެކުލެވިގެންވާ އުއްމަތެއް ކަމުގައިވިއެވެ. އަދި ޝަރީކު ކުރާމީހުންގެ ތެރެއިން، އެކަލޭގެފާނު ނުވެތެވެ.
﴿121﴾ شَاكِرًا لِّأَنْعُمِهِ ۚ اجْتَبَاهُ وَهَدَاهُ إِلَىٰ صِرَاطٍ مُّسْتَقِيمٍ
އެކަލާނގެ ދެއްވި ނިޢުމަތްތަކަށް، ޝުކުރު ކުރައްވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އެކަލާނގެ، އެކަލޭގެފާނު ޚިޔާރު ކުރެއްވިއެވެ. އަދި ސީދާވެގެންވާ މަގަށް، އެކަލޭގެފާނަށް މަގު ދެއްކެވިއެވެ.
﴿122﴾ وَآتَيْنَاهُ فِي الدُّنْيَا حَسَنَةً ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ
އަދި ދުނިޔޭގައި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ހެޔޮކަން ދެއްވީމެވެ. އަދި ހަމަކަށަވަރުން، އާޚިރަތުގައި، އެކަލޭގެފާނު ވަނީ، ޞާލިޙުންގެތެރެއިންކަން ކަށަވަރެވެ.
﴿123﴾ ثُمَّ أَوْحَيْنَا إِلَيْكَ أَنِ اتَّبِعْ مِلَّةَ إِبْرَاهِيمَ حَنِيفًا ۖ وَمَا كَانَ مِنَ الْمُشْرِكِينَ
ދެން ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ވަޙީ ކުރެއްވީމެވެ. ބާޠިލު މަގުން އެއްކިބާވެ، ސީދާމަގުގައިވާ އިބްރާހީމުގެފާނުގެ ދީނަށް، ކަލޭގެފާނު ތަބަޢަ ވެވަޑައިގަންނަވާށެވެ! ފަހެ، މުޝްރިކުންގެ ތެރެއިން އެކަލޭގެފާނު ނުވެތެވެ.
﴿124﴾ إِنَّمَا جُعِلَ السَّبْتُ عَلَى الَّذِينَ اخْتَلَفُوا فِيهِ ۚ وَإِنَّ رَبَّكَ لَيَحْكُمُ بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ
ހޮނިހިރުދުވަހުގެ ޙުރުމަތްތެރިކަން ލައްވާފައިވާކަން ކަށަވަރީ، އެދުވަހާމެދު ޚިލާފު ވެގެން އުޅުނު މީހުންގެ މައްޗަށެވެ. އަދި ހަމަކަށަވަރުން، އެއުރެން ޚިލާފުވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޤިޔާމަތް ދުވަހުން އެއުރެންގެމެދުގައި، ޙުކުމް ކުރައްވާނެކަން ކަށަވަރެވެ.
﴿125﴾ ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ ۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ
ޙިކުމަތާއި، ރިވެތި ވަޢުޡާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ ޖަދަލު ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގުލިބިގެންވާ މީހުންވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.
﴿126﴾ وَإِنْ عَاقَبْتُمْ فَعَاقِبُوا بِمِثْلِ مَا عُوقِبْتُم بِهِ ۖ وَلَئِن صَبَرْتُمْ لَهُوَ خَيْرٌ لِّلصَّابِرِينَ
އަދި ތިޔަބައިމީހުން، ޢުޤޫބާތް ދޭނަމަ، ތިޔަބައިމީހުންނަށް ޢުޤޫބާތް ލިބުނު ފަދަޔަކުން، ފަހެ، ތިޔަބައިމީހުން ޢުޤޫބާތް ދޭށެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކެތްކޮށްފިނަމަ، އެ ގޮތް، ކެތްތެރިންނަށް ހެޔޮކަން ބޮޑުވެގެންވާކަން ކަށަވަރެވެ.
﴿127﴾ وَاصْبِرْ وَمَا صَبْرُكَ إِلَّا بِاللَّهِ ۚ وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُ فِي ضَيْقٍ مِّمَّا يَمْكُرُونَ
އަދި ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ﷲގެ ވާގިފުޅުން މެނުވީ، ކަލޭގެފާނު ކެތްތެރިވެވަޑައިގަތުމެއް ނުވެތެވެ. އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި އެއުރެން ރާވާ މަކަރުވެރި ރޭވުންތަކުން ހިތްޕުޅުދަތިވުމެއްގެ ތެރޭގައި، ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!
﴿128﴾ إِنَّ اللَّهَ مَعَ الَّذِينَ اتَّقَوا وَّالَّذِينَ هُم مُّحْسِنُونَ
ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ތަޤްވާވެރިވި މީހުންނާ އެކުގައެވެ. އަދި އިޙްސާންތެރިންނާވެސް އެކުގައެވެ.
ފަހަތަށް
ކުރިއަށް