×
ޤުރުއާން
ފަހަތަށް
العنكبوت ކުރިއަށް
﴿1﴾ الم
ا ل م (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.)
﴿2﴾ أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ
މީސްތަކުން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟
﴿3﴾ وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ
އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (އުއްމަތްތަކުގެ) މީހުން، ތިމަންރަސްކަލާނގެ އިމްތިޙާނު ކުރެއްވީމެވެ. ފަހެ (އީމާންކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، ﷲ ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ.
﴿4﴾ أَمْ حَسِبَ الَّذِينَ يَعْمَلُونَ السَّيِّئَاتِ أَن يَسْبِقُونَا ۚ سَاءَ مَا يَحْكُمُونَ
ނުބައި ކަންތައްކުރާމީހުން ތިމަންރަސްކަލާނގެ ޢުޤޫބާތުން ފިލައިގެން ދެވިދާނެކަމަށް ހީކުރީހެއްޔެވެ؟ އެއުރެންކުރާ ޙުކުމް ހާދަހާ ނުބައިވެގެންވެއެވެ.
﴿5﴾ مَن كَانَ يَرْجُو لِقَاءَ اللَّهِ فَإِنَّ أَجَلَ اللَّهِ لَآتٍ ۚ وَهُوَ السَّمِيعُ الْعَلِيمُ
ﷲއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ ކަނޑައަޅުއްވާފައިވާ އަޖަލު އަންނަހުށްޓެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿6﴾ وَمَن جَاهَدَ فَإِنَّمَا يُجَاهِدُ لِنَفْسِهِ ۚ إِنَّ اللَّهَ لَغَنِيٌّ عَنِ الْعَالَمِينَ
އަދި ޖިހާދު ކުރިމީހާ (ދަންނާށެވެ!) ފަހެ، އޭނާ ޖިހާދު ކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފްސަށްޓަކައެވެ. ހަމަކަށަވަރުން، ﷲއީ، އެންމެހާ ޢާލަމްތައް ފިޔަވައި ފުދިވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.
﴿7﴾ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُكَفِّرَنَّ عَنْهُمْ سَيِّئَاتِهِمْ وَلَنَجْزِيَنَّهُمْ أَحْسَنَ الَّذِي كَانُوا يَعْمَلُونَ
އަދި އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން (ދަންނާށެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން އެއުރެންގެ ކުށްފާފަފުއްސަވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ އެންމެ ހެޔޮ ޖަޒާ ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާހުށީމެވެ.
﴿8﴾ وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حُسْنًا ۖ وَإِن جَاهَدَاكَ لِتُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۚ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރައްވައި، އަމުރު ކުރެއްވީމެވެ. އަދި ތިބާޔަށް އެއާމެދު ޢިލްމެއްލިބިފައި ނުވާ އެއްޗެއް، ތިމަންރަސްކަލާނގެއާ ޝަރީކު ކުރުމަށް ތިބާގެ މައްޗަށް އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، އެ ދެމީހުންނަށް ތިބާ ކިޔަމަން ނުވާހުށިކަމެވެ! ތިޔަބައިމީހުން އެނބުރި ދިއުންއޮތީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ. (އެބަހީ: އެކަންތަކަށް ޖަޒާ ދެއްވާހުށީމެވެ.)
﴿9﴾ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُدْخِلَنَّهُمْ فِي الصَّالِحِينَ
އަދި އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ޞާލިޙު އަޅުންގެ ތެރެއަށް ވައްދަވާހުށީމެވެ.
﴿10﴾ وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّهِ فَإِذَا أُوذِيَ فِي اللَّهِ جَعَلَ فِتْنَةَ النَّاسِ كَعَذَابِ اللَّهِ وَلَئِن جَاءَ نَصْرٌ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ ۚ أَوَلَيْسَ اللَّهُ بِأَعْلَمَ بِمَا فِي صُدُورِ الْعَالَمِينَ
ތިމަންމެން އީމާން ވެއްޖައީމުއޭ ދުލުކޮޅުން ބުނާ ބަޔަކު މީސްތަކުންގެ ތެރެއިން ވެއެވެ. ފަހެ، ﷲގެ މަގުގައި އެއިން މީހަކަށް އުނދަގުލެއް ލިބިއްޖެނަމަ، މީސްތަކުންގެ އުނދަގޫތައް ﷲގެ ޢަޛާބާ އެއްފަދަ ކަމުގައި އޭނާ ހަދަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ނަޞްރެއް އަތުވެއްޖެނަމަ، ހަމަކަށަވަރުން، އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، ތިޔަބައިމީހުންނާ އެކުގައެވެ. ޢާލަމްތަކުގައިވާ އެންމެންގެ ހިތްތަކުގައިވާހާ އެއްޗެއް ﷲ މޮޅަށް ދެނެވޮޑިގެން ނުވޭހެއްޔެވެ؟
﴿11﴾ وَلَيَعْلَمَنَّ اللَّهُ الَّذِينَ آمَنُوا وَلَيَعْلَمَنَّ الْمُنَافِقِينَ
އަދި ހަމަކަށަވަރުން، ﷲ، އީމާންވި މީހުން ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ މުނާފިޤުންވެސް ދެނެވޮޑިގެންވެތެވެ.
﴿12﴾ وَقَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا اتَّبِعُوا سَبِيلَنَا وَلْنَحْمِلْ خَطَايَاكُمْ وَمَا هُم بِحَامِلِينَ مِنْ خَطَايَاهُم مِّن شَيْءٍ ۖ إِنَّهُمْ لَكَاذِبُونَ
ކާފިރު ވިމީހުން އީމާން ވިމީހުންނަށް ބުނޫއެވެ. ތިޔަބައިމީހުން ތިމަންމެންގެ މަގަށް ތަބަޢަ ވާށެވެ! އަދި ތިޔަބައިމީހުންގެ ކުށްފާފަތައް ތިމަންމެން އުފުލާނޫއެވެ. އެއުރެންގެ ކުށްފާފަތަކުގެ ތެރެއިން އެއްވެސް އެއްޗެއް އުފުލާނޭ ބަޔަކު ކަމުގައި އެއުރެން ނުވެއެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ.
﴿13﴾ وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ ۖ وَلَيُسْأَلُنَّ يَوْمَ الْقِيَامَةِ عَمَّا كَانُوا يَفْتَرُونَ
އަދި ހަމަކަށަވަރުން، އެއުރެންގެ އަމިއްލަ ނަފްސުގެ ފާފަތަކާއި އަދި އަމިއްލަ ފާފަތަކާއެކު، އެއުރެން (މަގުފުރެއްދި މީހުން) ގެ ފާފަތައްވެސް އެއުރެން އުފުލާނެތެވެ. އަދި ހަމަކަށަވަރުން، އެއުރެން ހަދައި އުޅުނު ދޮގުތަކާމެދު ޤިޔާމަތް ދުވަހުން އެއުރެންނާ ސުއާލު ކުރައްވާހުށްޓެވެ.
﴿14﴾ وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا فَأَخَذَهُمُ الطُّوفَانُ وَهُمْ ظَالِمُونَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނޫޙުގެފާނު، އެކަލޭގެފާނުގެ ޤައުމުގެމީހުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު، ފަންސާސް އަހަރު ފިޔަވައި، އެއްހާސް އަހަރު (އެބަހީ: ނުވަސަތޭކަ ފަންސާސް އަހަރު ދީނަށް ގޮވައިލެއްވުމަށް) އެއުރެންގެ ތެރޭގައި ހުންނެވިއެވެ. ފަހެ، އެއުރެން އަނިޔާވެރިންކަމުގައިވާ ޙާލު، ޠޫފާން (ގެ ޢަޛާބު) އައިސް އެއުރެންނަށް ޖެހުނެވެ.
﴿15﴾ فَأَنجَيْنَاهُ وَأَصْحَابَ السَّفِينَةِ وَجَعَلْنَاهَا آيَةً لِّلْعَالَمِينَ
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި (އެކަލޭގެފާނުގެ) ނާކޮޅުގެ އަހުލުވެރިން ސަލާމަތްކުރެއްވީމެވެ. އަދި އެއީ ޢާލަމްތަކަށްވާ ޢިބްރަތެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.
﴿16﴾ وَإِبْرَاهِيمَ إِذْ قَالَ لِقَوْمِهِ اعْبُدُوا اللَّهَ وَاتَّقُوهُ ۖ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
އަދި އިބްރާހީމުގެފާނު، އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ﷲއަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް ތަޤްވާވެރިވާށެވެ! ތިޔަބައިމީހުންނަށް އެނގޭކަމުގައިވަނީނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.
﴿17﴾ إِنَّمَا تَعْبُدُونَ مِن دُونِ اللَّهِ أَوْثَانًا وَتَخْلُقُونَ إِفْكًا ۚ إِنَّ الَّذِينَ تَعْبُدُونَ مِن دُونِ اللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا فَابْتَغُوا عِندَ اللَّهِ الرِّزْقَ وَاعْبُدُوهُ وَاشْكُرُوا لَهُ ۖ إِلَيْهِ تُرْجَعُونَ
ތިޔަބައިމީހުން ﷲ ފިޔަވައި އަޅުކަންކުރާކަން ކަށަވަރީ، ބުދުތަކަކަށެވެ. އަދި ތިޔަބައިމީހުން ހަދަނީ ބުހުތާނު ދޮގެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ﷲ ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް ތިޔަބައިމީހުންނަށް ރިޒްޤު ދިނުމެއް މިލްކުވެގެނެއްނުވެތެވެ. ފަހެ، ތިޔަބައިމީހުން ﷲގެ ޙަޟްރަތުން ރިޒްޤަށް އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން ޝުކުރު ކުރާށެވެ! ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީ ހަމައެކަލާނގެ ޙަޟްރަތަށެވެ.
﴿18﴾ وَإِن تُكَذِّبُوا فَقَدْ كَذَّبَ أُمَمٌ مِّن قَبْلِكُمْ ۖ وَمَا عَلَى الرَّسُولِ إِلَّا الْبَلَاغُ الْمُبِينُ
އަދި ތިޔަބައިމީހުން (ތިމަންކަލޭގެފާނު) ދޮގުކުރިޔަސް (ތިމަން ކަލޭގެފާނަކަށް އެކަމަކުން ގެއްލުމެއް ނުލިބޭނެތެވެ. އެހެނީ) ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކުރިންވެސް އުއްމަތްތަކެއް (ރަސޫލުން) ދޮގުކޮށްފައިވެއެވެ. އަދި ބަޔާން ވެގެންވާ އިއްވެވުން މެނުވީ، ރަސޫލާގެ މައްޗަކަށް ނުވެއެވެ.
﴿19﴾ أَوَلَمْ يَرَوْا كَيْفَ يُبْدِئُ اللَّهُ الْخَلْقَ ثُمَّ يُعِيدُهُ ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ
އަދި ﷲ، ޚަލްޤުތަކުން ފުރަތަމަ އުފެއްދެވިގޮތާއި ދެން އެއަށްފަހު އަލުން (ދިރުއްވައި) އިޢާދަ ކުރައްވާގޮތް އެއުރެންނަކަށް ނުފެނޭ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަންތަކަކީ، ﷲއަށް ދާދި ފަސޭހަ ކަމެކެވެ.
﴿20﴾ قُلْ سِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ بَدَأَ الْخَلْقَ ۚ ثُمَّ اللَّهُ يُنشِئُ النَّشْأَةَ الْآخِرَةَ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! އަދި ﷲ، ޚަލްޤުތަކުން ފުރަތަމަ އުފެއްދެވިގޮތް، ތިޔަބައިމީހުން ވިސްނައިބަލާށެވެ! ދެން އެއަށްފަހު، ﷲ އެންމެފަހުގެ އުފެއްދެވުން އުފައްދަވާނެތެވެ. (އެބަހީ: އަލުން ދިރުއްވައި އިޢާދަ ކުރައްވާނެތެވެ.) ހަމަކަށަވަރުން، ﷲއީ، ކޮންމެ ކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
﴿21﴾ يُعَذِّبُ مَن يَشَاءُ وَيَرْحَمُ مَن يَشَاءُ ۖ وَإِلَيْهِ تُقْلَبُونَ
އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ޢަޛާބު ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ރަޙްމަތް ލައްވަތެވެ. އަދި ތިޔަބައިމީހުން (ޤިޔާމަތް ދުވަހުން) އެނބުރިދާހުށީ އެކަލާނގެ ޙަޟްރަތަށެވެ.
﴿22﴾ وَمَا أَنتُم بِمُعْجِزِينَ فِي الْأَرْضِ وَلَا فِي السَّمَاءِ ۖ وَمَا لَكُم مِّن دُونِ اللَّهِ مِن وَلِيٍّ وَلَا نَصِيرٍ
އަދި ތިޔަބައިމީހުންނީ އުޑާއި، ބިމުގައި (ﷲ) ނުކުޅެއްދޭނޭ ބަޔަކު ކަމުގައި ނުވެތެވެ. އަދި ތިޔަބައިމީހުންނަކަށް ﷲ ފިޔަވައި އެއްވެސް އެހީތެރިޔަކު، އަދި ނަޞްރު ދޭނޭ މީހަކުވެސް ނުވެތެވެ.
﴿23﴾ وَالَّذِينَ كَفَرُوا بِآيَاتِ اللَّهِ وَلِقَائِهِ أُولَٰئِكَ يَئِسُوا مِن رَّحْمَتِي وَأُولَٰئِكَ لَهُمْ عَذَابٌ أَلِيمٌ
އަދި އެއުރެން ﷲގެ އާޔަތްތަކަށާއި، އެކަލާނގެއާ ބައްދަލުވާނެ ކަމާމެދު ކާފިރުވެ، އިންކާރު ކުރި މީހުން (ދަންނާށެވެ!) އެއުރެންނީ، ތިމަންރަސްކަލާނގެ ރަޙްމަތުން، ނާއުންމީދު ވެފައިވާ ބަޔެކެވެ. އަދި އެއުރެންނީ އެއުރެންނަށްޓަކައި ވޭންދެނިވި ޢަޛާބު ހުރި މީހުންނެވެ.
﴿24﴾ فَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا اقْتُلُوهُ أَوْ حَرِّقُوهُ فَأَنجَاهُ اللَّهُ مِنَ النَّارِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ
ފަހެ، އެކަލޭގެފާނުގެ (އެބަހީ: އިބްރާހީމުގެފާނުގެ) ޤައުމުގެމީހުންގެ ޖަވާބު ކަމުގައި، އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ތިޔަބައިމީހުން އެކަލޭގެފާނު ޤަތުލު ކޮށްލާށެވެ! ނުވަތަ އެކަލޭގެފާނު އަންދައިލާށެވެ! ފަހެ، ﷲ، އެކަލޭގެފާނު އަލިފާނުން ސަލާމަތްކުރެއްވިއެވެ. ހަމަކަށަވަރުން، އީމާންވާ ބަޔަކަށް އެކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
﴿25﴾ وَقَالَ إِنَّمَا اتَّخَذْتُم مِّن دُونِ اللَّهِ أَوْثَانًا مَّوَدَّةَ بَيْنِكُمْ فِي الْحَيَاةِ الدُّنْيَا ۖ ثُمَّ يَوْمَ الْقِيَامَةِ يَكْفُرُ بَعْضُكُم بِبَعْضٍ وَيَلْعَنُ بَعْضُكُم بَعْضًا وَمَأْوَاكُمُ النَّارُ وَمَا لَكُم مِّن نَّاصِرِينَ
އެކަލޭގެފާނު (އެބަހީ: އިބްރާހީމުގެފާނު) ވިދާޅުވިއެވެ. ﷲ ފިޔަވައި އަޅުކަންކުރުމަށް ތިޔަބައިމީހުން ހިފިކަން ކަށަވަރީ ބުދުތަކެކެވެ. އެއީ ދުނިޔޭގެ ޙާޔާތުގައި ތިޔަބައިމީހުންގެ މެދުގައި އެކުވެރިކަން ދެމިއޮތުމަށްޓަކައެވެ. ދެން އެއަށްފަހު، ޤިޔާމަތް ދުވަހުން ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކު، އަނެއްބަޔަކަށް ކާފިރު ވާނެތެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ލަޢުނަތް ލެއްވުމަށް އެދޭނެތެވެ. އަދި ތިޔަބައިމީހުން ތިބެނިވި ތަނަކީ ނަރަކަޔެވެ. އަދި (އެދުވަހުން) ތިޔަބައިމީހުންނަށް ނަޞްރު ދޭނޭ އެއްވެސް ބަޔަކު ނުވެތެވެ.
﴿26﴾ ۞ فَآمَنَ لَهُ لُوطٌ ۘ وَقَالَ إِنِّي مُهَاجِرٌ إِلَىٰ رَبِّي ۖ إِنَّهُ هُوَ الْعَزِيزُ الْحَكِيمُ
ފަހެ، ލޫޠުގެފާނު، އެކަލޭގެފާނުގެ (އެބަހީ: އިބްރާހީމުގެފާނުގެ) ބަސްފުޅު ތެދުކުރެއްވިއެވެ. އަދި އެކަލޭގެފާނު (އެބަހީ: އިބްރާހީމުގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ އެންގެވިފަރާތަށް ތިމަން، ހިޖުރައަށް މިދަނީއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.
﴿27﴾ وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ وَجَعَلْنَا فِي ذُرِّيَّتِهِ النُّبُوَّةَ وَالْكِتَابَ وَآتَيْنَاهُ أَجْرَهُ فِي الدُّنْيَا ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (އެބަހީ: އިބްރާހީމުގެފާނަށް) އިސްޙާޤުގެފާނު ދެއްވައި އަދި (ކާފަދަރިކަލުން) ޔަޢުޤޫބުގެފާނު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ ދަރިކޮޅުގައި ނަބީކަމާއި (ވަޙީގެ) ފޮތް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދުނިޔޭގައި ހެޔޮ ދަރުމަ ދެއްވީމެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނު، އާޚިރަތުގައި ވަނީ ޞާލިޙުންގެ ތެރެއިންކަން ކަށަވަރެވެ.
﴿28﴾ وَلُوطًا إِذْ قَالَ لِقَوْمِهِ إِنَّكُمْ لَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ
އަދި ލޫޠުގެފާނު، އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަކުރާ ފާޙިޝް ކަންތައްތަކަކީ، ޢާލަމްތަކުގެ ތެރެއިން އެކަކުވެސް މީގެކުރިން ކޮށްފައިނުވާ ކަންތައްތަކެކެވެ.
﴿29﴾ أَئِنَّكُمْ لَتَأْتُونَ الرِّجَالَ وَتَقْطَعُونَ السَّبِيلَ وَتَأْتُونَ فِي نَادِيكُمُ الْمُنكَرَ ۖ فَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا ائْتِنَا بِعَذَابِ اللَّهِ إِن كُنتَ مِنَ الصَّادِقِينَ
ހަމަކަށަވަރުން، ތިޔަބައިމީހުން ފިރިހެނުން ގާތަށް (ޝަހްވާނީ އެދުން ފުއްދުމަށް) ދަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން މަގުފޭރި، ތިޔަބައިމީހުންގެ ނާދީތަކުގައި އެ ނުބައިކަންތައް ކުރަމުން ގެންދަނީ ހެއްޔެވެ؟ ފަހެ، އެކަލޭގެފާނުގެ (އެބަހީ: ލޫޠުގެފާނުގެ) ޤައުމުގެމީހުންގެ ޖަވާބުކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވަނީނަމަ، ތިމަންމެންނަށް (ތިޔަ ވިދާޅުވާ) ﷲގެ ޢަޛާބު ނިކަންގެނެސްދެއްވައި ބައްލަވާށެވެ!
﴿30﴾ قَالَ رَبِّ انصُرْنِي عَلَى الْقَوْمِ الْمُفْسِدِينَ
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ފަސާދަ ކުރާމީހުންގެ މައްޗަށް މިއަޅާއަށް ނަޞްރު ދެއްވާނދޭވެ!
﴿31﴾ وَلَمَّا جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا إِنَّا مُهْلِكُو أَهْلِ هَٰذِهِ الْقَرْيَةِ ۖ إِنَّ أَهْلَهَا كَانُوا ظَالِمِينَ
އުފާވެރިކަމުގެ ޚަބަރާއިގެން ތިމަންރަސްކަލާނގެ ފޮނުއްވި މަލާއިކަތުން އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގަތްހިނދު، އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެން ފޮނުއްވެވީ މިރަށުގެ (އެބަހީ: ލޫޠުގެފާނުގެ ރަށުގެ) އަހުލުވެރިން ހަލާކު ކުރުމަށެވެ. ހަމަކަށަވަރުން، އެ ރަށުގެ އަހުލުވެރިންވީ އަނިޔާވެރިން ކަމުގައެވެ.
﴿32﴾ قَالَ إِنَّ فِيهَا لُوطًا ۚ قَالُوا نَحْنُ أَعْلَمُ بِمَن فِيهَا ۖ لَنُنَجِّيَنَّهُ وَأَهْلَهُ إِلَّا امْرَأَتَهُ كَانَتْ مِنَ الْغَابِرِينَ
އެކަލޭގެފާނު (އެބަހީ: އިބްރާހީމުގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، އެރަށުގައި ލޫޠުގެފާނު އެބަހުންނެވިއެވެ. އެބޭކަލުން ވިދާޅުވޫއެވެ. އެރަށުގައިވާ ބަޔަކު، ތިމަންމެންނަށް މާރަނގަޅަށް އެނގެއެވެ. ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރިން ސަލާމަތްކުރާ ހުށީމެވެ. އެކަނބުލޭގެވީ ހަލާކުވެގެންދިޔަ މީހުންގެތެރެއިންނެވެ.
﴿33﴾ وَلَمَّا أَن جَاءَتْ رُسُلُنَا لُوطًا سِيءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالُوا لَا تَخَفْ وَلَا تَحْزَنْ ۖ إِنَّا مُنَجُّوكَ وَأَهْلَكَ إِلَّا امْرَأَتَكَ كَانَتْ مِنَ الْغَابِرِينَ
އަދި ތިމަންރަސްކަލާނގެ ރަސޫލުން (އެބަހީ: މަލާއިކަތުން) ލޫޠުގެފާނުގެ އަރިހަށް ވަޑައިގަތް ހިނދު، (ޤައުމުގެމީހުންގެ ފާސިދުކަމުގެ ސަބަބުން އެބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ) އެބޭކަލުންނާމެދު ދެރަފުޅުވެ، ހިތާމަކުރެއްވިއެވެ. އަދި އެބޭކަލުން ދެންނެވޫއެވެ. ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! އަދި ހިތާމަވެސް ނުކުރައްވާށެވެ. ހަމަކަށަވަރުން، ތިމަންމެން ކަލޭގެފާނާއި، ކަލޭގެފާނުގެ އަހުލުވެރިން ސަލާމަތް ކުރާނޫއެވެ. ކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. އެކަނބުލޭގެވީ، ހަލާކުވެގެންދިޔަ މީހުންގެ ތެރެއިންނެވެ.
﴿34﴾ إِنَّا مُنزِلُونَ عَلَىٰ أَهْلِ هَٰذِهِ الْقَرْيَةِ رِجْزًا مِّنَ السَّمَاءِ بِمَا كَانُوا يَفْسُقُونَ
(މަލާއިކަތުން ވިދާޅުވޫއެވެ.) ހަމަކަށަވަރުން، ތިމަންމެން މިރަށުގެ އަހުލުވެރިންގެ މައްޗަށް، އެއުރެން ފާސިޤު ވުމުގެ ސަބަބުން (ﷲގެ އަމުރުފުޅަށް) އުޑުން ޢަޛާބެއް ފޮނުވާހުށީމެވެ.
﴿35﴾ وَلَقَد تَّرَكْنَا مِنْهَا آيَةً بَيِّنَةً لِّقَوْمٍ يَعْقِلُونَ
އަދި އެކަމުގެ ތެރެއިން ބަޔާން ވެގެންވާ ހެތްކެއް، ހަމަކަށަވަރުން، ވިސްނާ ބަޔަކަށް، ތިމަންރަސްކަލާނގެ ދޫކުރެއްވީމެވެ.
﴿36﴾ وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا فَقَالَ يَا قَوْمِ اعْبُدُوا اللَّهَ وَارْجُوا الْيَوْمَ الْآخِرَ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ
އަދި މަދްޔަނުގެމީހުންގެ ގާތަށް، އެއުރެންގެ އަޚު، ޝުޢައިބުގެފާނު ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުން ﷲއަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން އާޚިރަތް ދުވަހަށް އެދޭށެވެ! އަދި ފާސިދުންކަމުގައިވެ ތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަ ނުކުރާހުށި ކަމެވެ!
﴿37﴾ فَكَذَّبُوهُ فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ
ފަހެ، އެއުރެން އެކަލޭގެފާނު (އެބަހީ: ޝުޢައިބުގެފާނު) ދޮގުކުޅައޫއެވެ. ދެން ބިރުވެރި ބިންހެލުމެއް އެމީހުންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި ކަކޫމައްޗަށްތިރިވެ، މަރުވެފައިތިބި ބަޔަކުކަމުގައި އެބައިމީހުން ވެއްޖައޫއެވެ.
﴿38﴾ وَعَادًا وَثَمُودَ وَقَد تَّبَيَّنَ لَكُم مِّن مَّسَاكِنِهِمْ ۖ وَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَصَدَّهُمْ عَنِ السَّبِيلِ وَكَانُوا مُسْتَبْصِرِينَ
އަދި ތިމަންރަސްކަލާނގެ ޢާދު ބާގައިމީހުންނާއި، ޘަމޫދު ބާގައިމީހުން ހަލާކުކުރެއްވީމެވެ. އެއުރެންގެ ގެތަކުން ތިޔަބައިމީހުންނަށްޓަކައި މިކަމުގެ ހެކިތައް ފާޅުވެ އެނގިގެންވެތެވެ. އަދި ޝައިޠާނާ، އެއުރެންނަށް އެއުރެންގެ ޢަމަލުތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން ދުރުކުރިއެވެ. ބުއްދިވެރިންކަމުގައި އެއުރެންވިއަސް މެއެވެ. (ނޯޓު: ނަމަވެސް، އެއުރެންގެ ބުއްދީގެ ބޭނުން ނުކޮށް ޙައްޤުގެ މަގުން އެއްކިބާވެގަތޫއެވެ.)
﴿39﴾ وَقَارُونَ وَفِرْعَوْنَ وَهَامَانَ ۖ وَلَقَدْ جَاءَهُم مُّوسَىٰ بِالْبَيِّنَاتِ فَاسْتَكْبَرُوا فِي الْأَرْضِ وَمَا كَانُوا سَابِقِينَ
އަދި ތިމަންރަސްކަލާނގެ ޤާރޫނާއި، ފިރްޢައުނާއި، ހާމާނު ހަލާކުކުރެއްވީމެވެ. އަދި ހަމަކަށަވަރުން، ބަޔާން ވެގެންވާ ހެކިތަކާއިގެން މޫސާގެފާނު، އެއުރެންގެ ގާތަށް ވަޑައިގެންނެވިއެވެ. ފަހެ، އެއުރެން ބިމުގައި ބޮޑާވެގަތޫއެވެ. އަދި (ތިމަންރަސްކަލާނގެ ޢަޛާބުން) މިންޖުވެގެންދިޔަ ބަޔަކު ކަމުގައި އެއުރެން ނުވޫއެވެ.
﴿40﴾ فَكُلًّا أَخَذْنَا بِذَنبِهِ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ الصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ الْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ اللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ
އަދި އެއިން ކޮންމެ ބަޔަކުވެސް، އެބަޔެއްގެ ކުށުގެ ސަބަބުން ތިމަންރަސްކަލާނގެ ގެންދެވީމެވެ. ފަހެ، ތަންތަން ހަލާކުކުރަނިވި ގަދަ ވަޔެއް ތިމަންރަސްކަލާނގެ އެބަޔެއްގެ މައްޗަށް ފޮނުއްވި މީހުން އެއުރެންގެ ތެރެއިންވޫއެވެ. އަދި ޢަޛާބުގެ ގަދައަޑެއް ފޮނުއްވައި ގެންދެވި މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އަދި އެއުރެންނާއެކު ބިންގަނޑު ގަންބަވައިގަތް މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އަދި (ކަނޑުލައްވައި) ޣަރަޤު ކުރެއްވި މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އެއުރެންނަށް އަނިޔާކުރެއްވުމަކަށް ﷲ އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ ނަފްސުތަކަށް ހަމަ އެއުރެން އަނިޔާކުރި ކަމުގައިވިއެވެ.
﴿41﴾ مَثَلُ الَّذِينَ اتَّخَذُوا مِن دُونِ اللَّهِ أَوْلِيَاءَ كَمَثَلِ الْعَنكَبُوتِ اتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ الْبُيُوتِ لَبَيْتُ الْعَنكَبُوتِ ۖ لَوْ كَانُوا يَعْلَمُونَ
ﷲ ފިޔަވައި، އެހީތެރިންތަކެއް ލިބިގަތް މީހުންގެ މިސާލީ، ގެއެއް ހަދައި ބޭނުންކުޅަ، ފައިދިގުމަކުނުގެ މިސާލެވެ. ހަމަކަށަވަރުން، ގެތަކުގެ ތެރެއިން އެންމެ ދެރަވަރު ގެއަކީ، ފައިދިގުމަކުނުގެ ގެކަން ކަށަވަރެވެ. އެކަން އެއުރެން ދަންނަނަމައެވެ.
﴿42﴾ إِنَّ اللَّهَ يَعْلَمُ مَا يَدْعُونَ مِن دُونِهِ مِن شَيْءٍ ۚ وَهُوَ الْعَزِيزُ الْحَكِيمُ
ހަމަކަށަވަރުން، ﷲ ފިޔަވައި އެއުރެން އަޅުކަންކޮށް އުޅުނު ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.
﴿43﴾ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ ۖ وَمَا يَعْقِلُهَا إِلَّا الْعَالِمُونَ
އަދި އެ މިސާލުތައް ތިމަންރަސްކަލާނގެ މީސްތަކުންނަށް ޖައްސަވަމެވެ. އަދި ޢިލްމުވެރިންނަށް މެނުވީ، އެ މިސާލުތަކެއް ނުވިސްނޭނެތެވެ.
﴿44﴾ خَلَقَ اللَّهُ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۚ إِنَّ فِي ذَٰلِكَ لَآيَةً لِّلْمُؤْمِنِينَ
ﷲ އުޑުތަކާއި، ބިން، ޙައްޤު ގޮތުގައި ހެއްދެވިއެވެ. ހަމަކަށަވަރުން، މުއުމިނުންނަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.
﴿45﴾ اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ ۖ إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ وَلَذِكْرُ اللَّهِ أَكْبَرُ ۗ وَاللَّهُ يَعْلَمُ مَا تَصْنَعُونَ
ފޮތުގެ ތެރެއިން ކަލޭގެފާނަށް ވަޙީ ކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، ﷲ ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ.
﴿46﴾ ۞ وَلَا تُجَادِلُوا أَهْلَ الْكِتَابِ إِلَّا بِالَّتِي هِيَ أَحْسَنُ إِلَّا الَّذِينَ ظَلَمُوا مِنْهُمْ ۖ وَقُولُوا آمَنَّا بِالَّذِي أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَٰهُنَا وَإِلَٰهُكُمْ وَاحِدٌ وَنَحْنُ لَهُ مُسْلِمُونَ
ރިވެތިވެގެންވާ ގޮތުގައި މެނުވީ ތިޔަބައިމީހުން ފޮތުގެ އަހުލުވެރިންނާ ޖަދަލު ނުކުރާށެވެ! އެއުރެންގެ ތެރެއިން އަނިޔާވެރިވެގެންވާ މީހުން ފިޔަވައި އެހެން މީހުންނަށެވެ. އަދި ތިމަންމެންނަށް ބާވައިލެއްވި ފޮތަށާއި، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިމަންމެން އީމާން ވެއްޖައީމޭ ތިޔަބައިމީހުން ބުނާށެވެ! ތިމަންމެންގެ އިލާހަކީވެސް، އަދި ތިޔަބައިމީހުންގެ އިލާހަކީވެސް އެއް އިލާހެކެވެ. އަދި ތިމަންމެން އެކަލާނގެއަށް ކިޔަމަންވެ، އިސްލާމް ވަމުއެވެ.
﴿47﴾ وَكَذَٰلِكَ أَنزَلْنَا إِلَيْكَ الْكِتَابَ ۚ فَالَّذِينَ آتَيْنَاهُمُ الْكِتَابَ يُؤْمِنُونَ بِهِ ۖ وَمِنْ هَٰؤُلَاءِ مَن يُؤْمِنُ بِهِ ۚ وَمَا يَجْحَدُ بِآيَاتِنَا إِلَّا الْكَافِرُونَ
ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ އެފަދައިންނެވެ. ފަހެ، ތިމަންރަސްކަލާނގެ ފޮތް ދެއްވި މީހުންގެ ތެރެއިން ބަޔަކު އެ ފޮތަށް އީމާން ވެތެވެ. އަދި މިބައިމީހުންގެ ތެރެއިން (އެބަހީ: މައްކާގެ އަހުލުވެރިންގެ ތެރެއިން) އެ ޤުރްއާނަށް އީމާންވާ ބަޔަކުވެސްވެއެވެ. އަދި ކާފިރުން މެނުވީ، ތިމަންރަސްކަލާނގެ އާޔަތްތަކާމެދު ދެކޮޅެއް ނަހަދާނެތެވެ.
﴿48﴾ وَمَا كُنتَ تَتْلُو مِن قَبْلِهِ مِن كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ ۖ إِذًا لَّارْتَابَ الْمُبْطِلُونَ
އަދި އޭގެކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވައިވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމުއެވެ. އެކަން އެހެންވީނަމަ، ކާފިރުން ޝައްކު ކުރީހެވެ.
﴿49﴾ بَلْ هُوَ آيَاتٌ بَيِّنَاتٌ فِي صُدُورِ الَّذِينَ أُوتُوا الْعِلْمَ ۚ وَمَا يَجْحَدُ بِآيَاتِنَا إِلَّا الظَّالِمُونَ
އަދި ކިއެއްތަ! އެއީ ޢިލްމު ލިބިގެންވާ މީހުންގެ ހިތްތަކުގައި ބަޔާން ވެގެންވާ އާޔަތްތަކެކެވެ. އަނިޔާވެރިން ނޫނީ، ތިމަންރަސްކަލާނގެ އާޔަތްތަކާ ދެކޮޅެއް ނަހަދާނެތެވެ.
﴿50﴾ وَقَالُوا لَوْلَا أُنزِلَ عَلَيْهِ آيَاتٌ مِّن رَّبِّهِ ۖ قُلْ إِنَّمَا الْآيَاتُ عِندَ اللَّهِ وَإِنَّمَا أَنَا نَذِيرٌ مُّبِينٌ
އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން މުޢުޖިޒާތްތަކެއް އެކަލޭގެފާނަށް ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! މުޢުޖިޒާތްތައް ބާވައިލައްވާކަން ކަށަވަރީ، ﷲގެ ޙަޟްރަތުންނެވެ. އަދި ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، ބަޔާން ވެގެންހުރި، އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައެވެ.
﴿51﴾ أَوَلَمْ يَكْفِهِمْ أَنَّا أَنزَلْنَا عَلَيْكَ الْكِتَابَ يُتْلَىٰ عَلَيْهِمْ ۚ إِنَّ فِي ذَٰلِكَ لَرَحْمَةً وَذِكْرَىٰ لِقَوْمٍ يُؤْمِنُونَ
ހަމަކަވަރުން، އެއުރެންނަށް ކިޔަވައިދެވޭ ފޮތް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލެއްވިކަން (މުޢުޖިޒާއެއް ކަމުގައި) އެއުރެންނަށް ނުފުދެނީ ހެއްޔެވެ؟ ހަމަކަށަވަރުން، އީމާންވާ ބަޔަކަށް އެކަމުގައި ރަޙްމަތާއި، ހަނދުމަކުރުމެއް ވާކަން ކަށަވަރެވެ.
﴿52﴾ قُلْ كَفَىٰ بِاللَّهِ بَيْنِي وَبَيْنَكُمْ شَهِيدًا ۖ يَعْلَمُ مَا فِي السَّمَاوَاتِ وَالْأَرْضِ ۗ وَالَّذِينَ آمَنُوا بِالْبَاطِلِ وَكَفَرُوا بِاللَّهِ أُولَٰئِكَ هُمُ الْخَاسِرُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި، ތިޔަބައިމީހުންނާ ދެމެދު ހެތްކެއް ކަމަށް ﷲ ފުދެއެވެ. އުޑުތަކާއި، ބިމުގައިވާހާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. ބާޠިލު ކަންތަކަށް އީމާންވެ، އަދި ﷲއަށް ކާފިރު ވެގެންވާ މީހުން (ދަންނާށެވެ!) ގެއްލެނިވެގެންވާ މީހުންނަކީ ހަމަ އެއުރެންނެވެ.
﴿53﴾ وَيَسْتَعْجِلُونَكَ بِالْعَذَابِ ۚ وَلَوْلَا أَجَلٌ مُّسَمًّى لَّجَاءَهُمُ الْعَذَابُ وَلَيَأْتِيَنَّهُم بَغْتَةً وَهُمْ لَا يَشْعُرُونَ
ޢަޛާބު އަވަސްވުމަށް ކަލޭގެފާނުގެ އަރިހުން އެއުރެން އެދޭނެތެވެ. ކަނޑައެޅިގެންވާ މުއްދަތެއް ނެތްނަމަ، ޢަޛާބު އެއުރެންނާ ހަމަޔަށް އަތުވެއްޖައީސްކަން ކަށަވަރެވެ. އަދި އެއުރެން ނުދެނެތިއްބައި، ކުއްލިއަކަށް އެއުރެންނާ ހަމަޔަށް އެކަން އަންނާނެކަން ކަށަވަރެވެ.
﴿54﴾ يَسْتَعْجِلُونَكَ بِالْعَذَابِ وَإِنَّ جَهَنَّمَ لَمُحِيطَةٌ بِالْكَافِرِينَ
ޢަޛާބު އަވަސްވުމަށް ކަލޭގެފާނުގެ އަރިހުން އެއުރެން އެދޭނެތެވެ. ހަމަކަށަވަރުން، ނަރަކަވަނީ ކާފިރުން ވަށައިލާފައިކަން ކަށަވަރެވެ.
﴿55﴾ يَوْمَ يَغْشَاهُمُ الْعَذَابُ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِمْ وَيَقُولُ ذُوقُوا مَا كُنتُمْ تَعْمَلُونَ
އެއުރެންގެ މަތިންނާއި، އެއުރެންގެ ފައިދަށުން ޢަޛާބު އައިސްޖެހޭ ދުވަހެވެ. އަދި އެދުވަހުން އެކަލާނގެ އަންގަވާނެތެވެ. ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!
﴿56﴾ يَا عِبَادِيَ الَّذِينَ آمَنُوا إِنَّ أَرْضِي وَاسِعَةٌ فَإِيَّايَ فَاعْبُدُونِ
އޭ (ތިމަންރަސްކަލާނގެއަށް) އީމާންވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބިން (ތިޔަބައިމީހުން ހިޖުރަ ކުރުމަށްޓަކައި) ތަނަވަސްވެގެންވެތެވެ. ފަހެ، ހަމައެކަނި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާހުށިކަމެވެ!
﴿57﴾ كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۖ ثُمَّ إِلَيْنَا تُرْجَعُونَ
ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. ދެން ތިޔަބައިމީހުން އެނބުރި ރުޖޫޢަ ކުރައްވާހުށީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ.
﴿58﴾ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُبَوِّئَنَّهُم مِّنَ الْجَنَّةِ غُرَفًا تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ نِعْمَ أَجْرُ الْعَامِلِينَ
އަދި އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން (ދަންނާށެވެ!) އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކުގެ އެންމެމަތީ ދަރަޖަތަކަށް ތިމަންރަސްކަލާނގެ އެއުރެން ލައްވާހުށީމެވެ. އެއުރެން އެތަންތާނގައި ދެމިތިބޭ ގޮތުގައެވެ. ހެޔޮ ޢަމަލުކުޅަ މީހުންނަށްހުރި ދަރުމައިގެ މޮޅުކަމާއެވެ!
﴿59﴾ الَّذِينَ صَبَرُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
އެއުރެންނީ ކެތްތެރިވި މީހުންނެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލު ކުރާމީހުންނެވެ.
﴿60﴾ وَكَأَيِّن مِّن دَابَّةٍ لَّا تَحْمِلُ رِزْقَهَا اللَّهُ يَرْزُقُهَا وَإِيَّاكُمْ ۚ وَهُوَ السَّمِيعُ الْعَلِيمُ
ދިރޭތަކެތީގެ ތެރެއިން އެ އެއްޗެއްގެ ރިޒްޤު ލިބިގަތުމަށް ކުޅަދާނަވެގެންވާ ކިތައް ކިތައްއެތި ވޭހެއްޔެވެ؟ އެ ތަކެއްޗަށާއި، ތިޔަބައިމީހުންނަށް ރިޒްޤު ދެއްވަނީ ﷲއެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿61﴾ وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ
ހަމަކަށަވަރުން، އުޑުތަކާއި، ބިން ހައްދަވައި، އިރާއި، ހަނދު ޚިދުމަތްތެރިކުރެއްވީ ކާކުހޭ، އެއުރެން ކުރެން (އެބަހީ: މުޝްރިކުން ކުރެން) ކަލޭގެފާނު އައްސަވައިފިނަމަ، އެއުރެން ﷲއޭ ދަންނަވާނެކަން ކަށަވަރެވެ. ފަހެ، އެއުރެން ޙައްޤުން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟
﴿62﴾ اللَّهُ يَبْسُطُ الرِّزْقَ لِمَن يَشَاءُ مِنْ عِبَادِهِ وَيَقْدِرُ لَهُ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ
ﷲ، އެކަލާނގެ އަޅުތަކުންގެ ތެރެއިން އިރާދަކުރައްވާ އަޅަކަށް ރިޒްޤު ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ) އަޅަކަށް (ރިޒްޤު) ދަތިކުރައްވަތެވެ. ހަމަކަށަވަރުން، ﷲއީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿63﴾ وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الْأَرْضَ مِن بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ ۚ قُلِ الْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْقِلُونَ
އަދި ހަމަކަށަވަރުން، އުޑުން ފެންބާވައިލައްވައި، ބިން މަރުވެފައި އޮތުމަށްފަހު، އެ ފެނުން ބިމަށް ދިރުން ދެއްވީ ކާކުހޭ އެއުރެން ކުރެން ކަލޭގެފާނު އައްސަވައިފިނަމަ، ހަމަކަށަވަރުން، އެއުރެން ﷲއޭ ދަންނަވާނެކަން ކަށަވަރެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ޙަމްދު ހުރީ ﷲއަށެވެ. އަދި ކިއެއްތަ! އޭގެތެރެއިން ގިނަމީހުންނަކަށް (އެކަމެއް) ނުވިސްނެތެވެ.
﴿64﴾ وَمَا هَٰذِهِ الْحَيَاةُ الدُّنْيَا إِلَّا لَهْوٌ وَلَعِبٌ ۚ وَإِنَّ الدَّارَ الْآخِرَةَ لَهِيَ الْحَيَوَانُ ۚ لَوْ كَانُوا يَعْلَمُونَ
މިދުނިޔޭގެ ދިރިއުޅުމަކީ، ކުޅިވަރެއް ކަމުގައްޔާއި، މަޖަލެއް ކަމުގައި ނޫނީ ނުވެތެވެ. އަދި ހަމަކަށަވަރުން، ޙަޤީޤީ ދިރިއުޅުންވަނީ، އާޚިރަތުގެ ގޮވަތީގައިކަން ކަށަވަރެވެ. އެއުރެންނަށް އެކަން އެނގޭނަމައެވެ.
﴿65﴾ فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ
ފަހެ، އެއުރެން ނަވަށް އެރިހިނދު، އެކަލާނގެއަށް އީމާންކަން ޚާލިޞް ކުރާ ޙާލުގައި، ﷲއަށް އެއުރެން ދުޢާ ކުރެތެވެ. ފަހެ އެކަލާނގެ އެއުރެން ސަލާމަތް ކުރައްވައި، އެއްގަމަށް ގެންނެވިހިނދު، އެއުރެން (އެކަލާނގެއަށް) ޝަރީކު ކުރެތެވެ.
﴿66﴾ لِيَكْفُرُوا بِمَا آتَيْنَاهُمْ وَلِيَتَمَتَّعُوا ۖ فَسَوْفَ يَعْلَمُونَ
(އެއުރެން ޝަރީކު ކުރަނީ) އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ނިޢުމަތަށް ކާފިރު ވުމަށްޓަކައެވެ. އަދި އެއުރެން (ދުނިޔޭގައި) ވަގުތުކޮޅަކަށް އަރާމު ލިބިގަތުމަށްޓަކައެވެ. ފަހެ، ނިކަންހުރެ، އެއުރެންނަށް (އޭގެ ނަތީޖާ) އެނގޭހުއްޓެވެ.
﴿67﴾ أَوَلَمْ يَرَوْا أَنَّا جَعَلْنَا حَرَمًا آمِنًا وَيُتَخَطَّفُ النَّاسُ مِنْ حَوْلِهِمْ ۚ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَةِ اللَّهِ يَكْفُرُونَ
ހަމަކަށަވަރުން، އަމާން ކަން ލިބިގެންވާ ޙަރަމްފުޅެއް ތިމަންރަސްކަލާނގެ ލެއްވިކަން އެއުރެންނަށް ނޭނގެނީ ހެއްޔެވެ؟ އެއީ އެއުރެންގެ ވަށައިގެން އެކަކު އަނެކަކު މަރައި އަޅުވެތިކޮށް އުޅުނުތަނެވެ. (މިކަން މިހެން އޮތުމާއެކުވެސް) އެއުރެން ބާޠިލަށް އީމާންވެ، ﷲގެ ނިޢުމަތަށް ކާފިރު ވަނީ ހެއްޔެވެ؟
﴿68﴾ وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ ۚ أَلَيْسَ فِي جَهَنَّمَ مَثْوًى لِّلْكَافِرِينَ
ﷲއާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން، ނުވަތަ އެކަލާނގެ ޙައްޤު ބަސްފުޅު އޭނާގެ ގާތަށް އައިހިނދު، އެ ބަސްފުޅު ދޮގުކުޅަ މީހަކަށްވުރެން އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ ކާފިރުން ތިބޭނެ ތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟
﴿69﴾ وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ
ތިމަންރަސްކަލާނގެ މަގުގައި ޖިހާދު ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، އިޙްސާންތެރިންނާ އެކުގައިކަން ކަށަވަރެވެ.
ފަހަތަށް
ކުރިއަށް