×
ޤުރުއާން
ފަހަތަށް
الذاريات ކުރިއަށް
﴿1﴾ وَالذَّارِيَاتِ ذَرْوًا
ގިނަގިނައިން ހިރަފުސް ބުރުއްސާ ވައިރޯޅިތަކާއި،
﴿2﴾ فَالْحَامِلَاتِ وِقْرًا
ފެންބަރުކައިފައިވާ ވިލާތަކާއި،
﴿3﴾ فَالْجَارِيَاتِ يُسْرًا
ފަސޭހަކޮށް ދުވާ އުޅަނދުފަހަރާއި،
﴿4﴾ فَالْمُقَسِّمَاتِ أَمْرًا
ކަންތައްތައް ބައްސަވާ މަލާއިކަތުންނާއި (މިހުރިހާ ތަކެތި) ގަންދެއްވައި ވަޙީ ކުރައްވަމެވެ.
﴿5﴾ إِنَّمَا تُوعَدُونَ لَصَادِقٌ
ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާ ކަންތައްތަކަކީ، ޙައްޤު ތެދުކަން ކަށަވަރެވެ.
﴿6﴾ وَإِنَّ الدِّينَ لَوَاقِعٌ
އަދި (ތިޔަބައިމީހުންގެ ޢަމަލުތަކަށް) ޖަޒާ ދެއްވުމަކީ، ވާނޭކަމެއްކަން ކަށަވަރެވެ.
﴿7﴾ وَالسَّمَاءِ ذَاتِ الْحُبُكِ
(ތަރިތައް ހިނގާ) މަގުތަކުގެ ވެރި، ފުރިހަމަކަންބޮޑު، އުޑު ގަންދެއްވައި ވަޙީ ކުރައްވަމެވެ.
﴿8﴾ إِنَّكُمْ لَفِي قَوْلٍ مُّخْتَلِفٍ
ހަމަކަށަވަރުން، ތިޔަބައިމީހުންވަނީ (މުޙައްމަދުގެފާނާއި، ޤުރްއާނާމެދު) ޚިލާފު ވެގެންވާ ބަސްތަކެއްގެ ތެރޭގައިކަން ކަށަވަރެވެ.
﴿9﴾ يُؤْفَكُ عَنْهُ مَنْ أُفِكَ
އެކަމުން ދުރުކުރައްވާފައިވަނީ (ﷲގެ ޢިލްމުފުޅުގައި) ދުރުކުރައްވާފައިވާ މީހެކެވެ.
﴿10﴾ قُتِلَ الْخَرَّاصُونَ
ދޮގުހަދާ މީހުންނަށް ލަޢުނަތް ލައްވާފައިވެއެވެ.
﴿11﴾ الَّذِينَ هُمْ فِي غَمْرَةٍ سَاهُونَ
އެއުރެންނީ ޖާހިލުކަމުގެ ތެރެޔަށް ގެނބި، ޣާފިލު ވެފައިވާ މީހުންނެވެ.
﴿12﴾ يَسْأَلُونَ أَيَّانَ يَوْمُ الدِّينِ
އެއުރެން (ފުރައްސާރައިގެގޮތުގައި) ސުއާލު ކުރެތެވެ. ޤިޔާމަތް ދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
﴿13﴾ يَوْمَ هُمْ عَلَى النَّارِ يُفْتَنُونَ
(އެއީ) ނަރަކައިގެ ޢަޛާބަށް އެއުރެން ހުށަހަޅުއްވާނޭ ދުވަހުއެވެ.
﴿14﴾ ذُوقُوا فِتْنَتَكُمْ هَٰذَا الَّذِي كُنتُم بِهِ تَسْتَعْجِلُونَ
(އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުންގެ ޢަޛާބުގެ ރަހަ ލިބިގަންނާށެވެ! މިއީ (ދުނިޔެމަތީގައި) ތިޔަބައިމީހުން އަވަސްވުންއެދި އުޅުނު ޢަޛާބެވެ.
﴿15﴾ إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ
ހަމަކަށަވަރުން، ތަޤްވާވެރިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ ނިޢުމަތުގައެވެ.
﴿16﴾ آخِذِينَ مَا آتَاهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُحْسِنِينَ
އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ޘަވާބު ލިބިލިބިއެވެ. ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ އިޙްސާންތެރިން ކަމުގައެވެ.
﴿17﴾ كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ
އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ.
﴿18﴾ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ
އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދުޢާ ކުރެތެވެ.
﴿19﴾ وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُومِ
އަދި ސުއާލު ކޮށް އެދޭ މީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް އެއުރެންގެ މުދަލުގައި ޙައްޤެއްވެއެވެ.
﴿20﴾ وَفِي الْأَرْضِ آيَاتٌ لِّلْمُوقِنِينَ
ޔަޤީން ކުރާ ބަޔަކަށް ބިމުގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެއެވެ.
﴿21﴾ وَفِي أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ
އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގައިވެސްމެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީ ހެއްޔެވެ؟
﴿22﴾ وَفِي السَّمَاءِ رِزْقُكُمْ وَمَا تُوعَدُونَ
އަދި ތިޔަބައިމީހުންގެ ރޯއްޖާއި، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާހާ ކަމެއް (ގެއަމުރުފުޅު) އުޑުގައިވެއެވެ.
﴿23﴾ فَوَرَبِّ السَّمَاءِ وَالْأَرْضِ إِنَّهُ لَحَقٌّ مِّثْلَ مَا أَنَّكُمْ تَنطِقُونَ
ފަހެ، އުޑާއި، ބިމުގެ ވެރިރަސްކަލާނގެ ގަންދެއްވައި، ހުވާ ވަޙީ ކުރައްވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ބަސްމޮށޭ ފަދައިން، އެއީ ހަމަ ޙައްޤު ތެދުކަން ކަށަވަރެވެ.
﴿24﴾ هَلْ أَتَاكَ حَدِيثُ ضَيْفِ إِبْرَاهِيمَ الْمُكْرَمِينَ
އިބްރާހީމުގެފާނުގެ މާތްވެގެންވާ މެހުމާނުންގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
﴿25﴾ إِذْ دَخَلُوا عَلَيْهِ فَقَالُوا سَلَامًا ۖ قَالَ سَلَامٌ قَوْمٌ مُّنكَرُونَ
އެ މެހުމާނުން އެކަލޭގެފާނުގެ އަރިހަށް ގެންނެވިހިނދު، ސަލާމަން މިހެން ވިދާޅުވެ ސަލާމް ކުރެއްވޫއެވެ. ދެން އެކަލޭގެފާނު ސަލާމް މިހެން ވިދާޅުވެ ސަލާމް ރައްދުކުރެއްވިއެވެ. (އަދި ހިތްޕުޅަށް އަރައިވަޑައިގަތެވެ. މިއީ އަހުރެން) ނުދަންނަ ބަޔެކެވެ.
﴿26﴾ فَرَاغَ إِلَىٰ أَهْلِهِ فَجَاءَ بِعِجْلٍ سَمِينٍ
ފަހެ، އެކަލޭގެފާނު، އެކަލޭގެފާނުގެ އަހުލުވެރިންގެ ގާތަށް ސިއްރިޔާތުގައި ވަޑައިގަތެވެ. އަދި ރޫފަރަނގަޅު ޅަގެރިއެއް (ފިއްސަވައިގެން) ގެންނެވިއެވެ.
﴿27﴾ فَقَرَّبَهُ إِلَيْهِمْ قَالَ أَلَا تَأْكُلُونَ
ދެން އެ މެހުމާނުންނާއި، އޭތި ކައިރިކޮށްލައްވައި ވިދާޅުވިއެވެ. ތިޔަބައިމީހުން ނުކާނޫހެއްޔެވެ؟
﴿28﴾ فَأَوْجَسَ مِنْهُمْ خِيفَةً ۖ قَالُوا لَا تَخَفْ ۖ وَبَشَّرُوهُ بِغُلَامٍ عَلِيمٍ
ފަހެ، އެކަލޭގެފާނުގެ ހިތްޕުޅަށް އެއުރެންނާމެދު، ބިރުވެރިކަމެއް ވަދެއްޖެއެވެ. އެ މެހުމާނުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައިނުގަންނަވާށެވެ! (ތިމަންމެންނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި މަލާއިކަތުންނީމުއެވެ.) އަދި އެ މެހުމާނުން އެކަލޭގެފާނަށް ޢިލްމުވެރި ދަރިކަލަކު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދެއްވޫއެވެ.
﴿29﴾ فَأَقْبَلَتِ امْرَأَتُهُ فِي صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌ
ފަހެ (އެ އުފާވެރި ޚަބަރު އައްސަވައި) އެކަލޭގެފާނުގެ އަނބިކަނބަލުން ހަޅޭއްފުޅުލައްވަމުން ވަޑައިގަތެވެ. އަދި އެކަމަނާގެ މޫނުފުޅުގައި ތަޅުއްވަމުން ވިދާޅުވިއެވެ. (އަހުރެންނީ) ދަރިމައިނުވާ މުސްކުޅިއަކީމެވެ. (އަހުރެންނަށް ދަރިޔަކު ލިބޭނީ ކިހިނަކުން ހެއްޔެވެ؟)
﴿30﴾ قَالُوا كَذَٰلِكِ قَالَ رَبُّكِ ۖ إِنَّهُ هُوَ الْحَكِيمُ الْعَلِيمُ
އެ މަލާއިކަތުން ދެންނެވޫއެވެ. ކަމަނާގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވީ އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ޙަކީމްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿31﴾ ۞ قَالَ فَمَا خَطْبُكُمْ أَيُّهَا الْمُرْسَلُونَ
އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ފޮނުއްވާފައިވާ މަލާއިކަތުންނެވެ! ފަހެ، ތިޔަބޭކަލުން ފޮނުއްވީ ކޮންކަމަކާތޯއެވެ؟
﴿32﴾ قَالُوا إِنَّا أُرْسِلْنَا إِلَىٰ قَوْمٍ مُّجْرِمِينَ
އެބޭކަލުން ދެންނެވޫއެވެ. ހަމަކަށަވަރުން، ތިމަންމެން ފޮނުއްވާފައިވަނީ، ކުށްވެރި ޤައުމެއްގެ މީހުންގެ ގާތަށެވެ.
﴿33﴾ لِنُرْسِلَ عَلَيْهِمْ حِجَارَةً مِّن طِينٍ
(އެއީ) އެއުރެންގެ މައްޗަށް މަށީގެ ހިލަ އުއްކެވުމަށްޓަކައެވެ.
﴿34﴾ مُّسَوَّمَةً عِندَ رَبِّكَ لِلْمُسْرِفِينَ
(އެއީ) އުރެދުމުގައި ހައްދުފަހަނަޅައިފައިވާ މީހުންނަށްޓަކައި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާހަގަލައްވާފައިވާ ހިލައެވެ.
﴿35﴾ فَأَخْرَجْنَا مَن كَانَ فِيهَا مِنَ الْمُؤْمِنِينَ
ފަހެ، މުއުމިނުންގެ ތެރެއިން އެރަށުގައިވާހާ ބަޔަކު، ތިމަންރަސްކަލާނގެ ނެރުއްވީމެވެ.
﴿36﴾ فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِّنَ الْمُسْلِمِينَ
ފަހެ، އެރަށުގައި މުސްލިމުންގެ އެންމެ ގެއެއްގެ އަހުލުވެރިން މެނުވީ ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ.
﴿37﴾ وَتَرَكْنَا فِيهَا آيَةً لِّلَّذِينَ يَخَافُونَ الْعَذَابَ الْأَلِيمَ
އަދި ވޭންދެނިވި ޢަޛާބަށް ބިރުގަންނަ ބަޔަކަށްޓަކައި ތިމަންރަސްކަލާނގެ އެރަށުގައި (އެއުރެން ހަލާކުކުރެއްވިކަމުގެ) ޢަލާމަތެއް ލެއްވީމެވެ.
﴿38﴾ وَفِي مُوسَىٰ إِذْ أَرْسَلْنَاهُ إِلَىٰ فِرْعَوْنَ بِسُلْطَانٍ مُّبِينٍ
އަދި ފިރްޢައުނުގެ ގާތަށް ފާޅުވެގެންވާ ޙުއްޖަތަކާއެކު ތިމަންރަސްކަލާނގެ މޫސާގެފާނު ފޮނުއްވިހިނދު، އެކަލޭގެފާނުގެ ވާހަކައިގައި ޢިބްރަތެއްވެއެވެ.
﴿39﴾ فَتَوَلَّىٰ بِرُكْنِهِ وَقَالَ سَاحِرٌ أَوْ مَجْنُونٌ
ފަހެ، އެ ފިރްޢައުނު އޭނާގެ ލަޝްކަރާއެކު، އީމާންކަމުން ދުރުވެ، އެއްކިބާވިއެވެ. އަދި ބުންޏެވެ. (އެކަލޭގެފާނީ) ޖާދޫގަރެކެވެ. ނުވަތަ މޮޔައެކެވެ.
﴿40﴾ فَأَخَذْنَاهُ وَجُنُودَهُ فَنَبَذْنَاهُمْ فِي الْيَمِّ وَهُوَ مُلِيمٌ
ފަހެ، ތިމަންރަސްކަލާނގެ، އޭނާޔާއި އޭނާގެ ލަޝްކަރު އަތުލައްވައި އެއުރެން ކަނޑަށް އުއްކަވައިލެއްވީމެވެ. (އޭނާ ޣަރަޤު ވީ) އޭނާޔަށް މަލާމާތް ލިބޭފަދަ ކަންތައްކޮށްފައިވާ ޙާލުގައެވެ.
﴿41﴾ وَفِي عَادٍ إِذْ أَرْسَلْنَا عَلَيْهِمُ الرِّيحَ الْعَقِيمَ
ޢާދު ބާގައިމީހުންގައިވެސް ޢިބްރަތެއްވެއެވެ. އެއީ ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް މަންފާއެއް ނެތް ވައި ފޮނުއްވި ހިނދުގައެވެ.
﴿42﴾ مَا تَذَرُ مِن شَيْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَالرَّمِيمِ
އެ ވައިޖެހުނު ކޮންމެ އެއްޗެއް ފުނޑުފުނޑުކޮށް އަޅިޔަށް ހަދައިނުލައެއް ދުލެއް ނުކުރެއެވެ.
﴿43﴾ وَفِي ثَمُودَ إِذْ قِيلَ لَهُمْ تَمَتَّعُوا حَتَّىٰ حِينٍ
އަދި ޘަމޫދު ބާގައިމީހުންގައިވެސް ޢިބްރަތެއްވެއެވެ. އެއީ އެއުރެންނަށް އެންގެވި ހިނދުގައެވެ. ތިޔަބައިމީހުން ކުޑަހިނދުކޮޅަކަށް އަރާމުކޮށް އުޅޭށެވެ!
﴿44﴾ فَعَتَوْا عَنْ أَمْرِ رَبِّهِمْ فَأَخَذَتْهُمُ الصَّاعِقَةُ وَهُمْ يَنظُرُونَ
ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ އަމުރުފުޅާ ޚިލާފުވެ، އެއުރެން ކިބުރުވެރިވޫއެވެ. ދެން އެއުރެން ބަލަބަލައި ތިއްބައި ހޮނުގުގުރި އެއުރެންގައި ހިފިއެވެ.
﴿45﴾ فَمَا اسْتَطَاعُوا مِن قِيَامٍ وَمَا كَانُوا مُنتَصِرِينَ
ފަހެ، އެއުރެންނަށް ތެދުވުމަކަށްވެސް ކުޅަދާނައެއް ނުވިއެވެ. އަދި ނަޞްރު ލިބިގެންވާ ބަޔަކު ކަމުގައިވެސް އެއުރެން ނުވިއެވެ.
﴿46﴾ وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ
އަދި އޭގެކުރިން ތިމަންރަސްކަލާނގެ ނޫޙުގެފާނުގެ ޤައުމުގެމީހުން ހަލާކުކުރެއްވީމެވެ. ހަމަކަށަވަރުން، ފާސިޤު ވެގެންވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ.
﴿47﴾ وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ
ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
﴿48﴾ وَالْأَرْضَ فَرَشْنَاهَا فَنِعْمَ الْمَاهِدُونَ
އަދި ތިމަންރަސްކަލާނގެ ބިންގަނޑު ފެތުރުއްވީމެވެ. ފަހެ، ތަންމައްޗެއްގެ ގޮތުގައި (ބިންގަނޑު) ފެތުރުއްވި ރަސްކަލާނގެ މޮޅުކަމާއެވެ!
﴿49﴾ وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ
ކޮންމެ އެއްޗަކުން ތިމަންރަސްކަލާނގެ އަންހެން ފިރިހެން ދޭތި އުފެއްދެވީމެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.
﴿50﴾ فَفِرُّوا إِلَى اللَّهِ ۖ إِنِّي لَكُم مِّنْهُ نَذِيرٌ مُّبِينٌ
ފަހެ، ތިޔަބައިމީހުން ﷲއަށް ކިޔަމަންވުމަށް އަވަސްވެގަންނާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި، ބަޔާން ވެގެންހުރި އިންޛާރު ކުރައްވާ ބޭކަލަކީމެވެ.
﴿51﴾ وَلَا تَجْعَلُوا مَعَ اللَّهِ إِلَٰهًا آخَرَ ۖ إِنِّي لَكُم مِّنْهُ نَذِيرٌ مُّبِينٌ
އަދި ތިޔަބައިމީހުން ﷲއާއެކު އެހެން އިލާހަކު ނުލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި، ބަޔާން ވެގެންހުރި އިންޛާރު ކުރައްވާ ބޭކަލަކީމެވެ.
﴿52﴾ كَذَٰلِكَ مَا أَتَى الَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ
އެފަދައިން އެއީ ޖާދޫގަރެކޭ، ނުވަތަ މޮޔައެކޭ އެއުރެން ނުބުނާ އެއްވެސް ރަސޫލަކު، އެއުރެންގެ ކުރީގެ މީހުންގެ ގާތަކަށްވެސް ވަޑައެއްނުގަންނަވައެވެ.
﴿53﴾ أَتَوَاصَوْا بِهِ ۚ بَلْ هُمْ قَوْمٌ طَاغُونَ
އެއުރެން ރަސޫލުން ދޮގުކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތް ކޮށްފައި ވަނީހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ ފުރެދުމުގައި ހައްދުފަހަނަޅައިފައިވާ ބަޔެކެވެ.
﴿54﴾ فَتَوَلَّ عَنْهُمْ فَمَا أَنتَ بِمَلُومٍ
ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ! ފަހެ، ކަލޭގެފާނަކީ، މަލާމާތް ލިބިގެންވާ ބޭކަލަކު ކަމުގައި ނުވެތެވެ.
﴿55﴾ وَذَكِّرْ فَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِينَ
ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، މުއުމިނުންނަށް މަންފާކުރާނޭ ކަމެކެވެ.
﴿56﴾ وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ
ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.
﴿57﴾ مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ
އެއުރެންގެ ކިބަޔަކުން ތިމަންރަސްކަލާނގެ ރިޒްޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ.
﴿58﴾ إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ
ހަމަކަށަވަރުން، ﷲއީ، ރިޒްޤު ދެއްވާ، ބާރުވެރިވަންތަ ގަދަފަދަވަންތަ ރަސްކަލާނގެއެވެ.
﴿59﴾ فَإِنَّ لِلَّذِينَ ظَلَمُوا ذَنُوبًا مِّثْلَ ذَنُوبِ أَصْحَابِهِمْ فَلَا يَسْتَعْجِلُونِ
ފަހެ، ހަމަކަށަވަރުން، އަނިޔާވެރިވި މީސްތަކުންނަށް ޢަޛާބުގެ ޙިއްޞާއެއް ހުށްޓެވެ. (އެއީ) އެއުރެންގެ އެކުވެރިން ކަމުގައިވި މީހުންނަށްހުރި ޢަޛާބަކާ އެއްފަދަ ޙިއްޞާއެކެވެ. ފަހެ، ޢަޛާބު އަވަސްވުންއެދި ތިމަންރަސްކަލާނގެ ޙަޟްރަތަށް އެއުރެން، ނޭދޭހުށިކަމެވެ!
﴿60﴾ فَوَيْلٌ لِّلَّذِينَ كَفَرُوا مِن يَوْمِهِمُ الَّذِي يُوعَدُونَ
ފަހެ ކާފިރުވި މީހުންނަށް އެއުރެންނަށް ވަޢުދު ކުރައްވާ ދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ.
ފަހަތަށް
ކުރިއަށް