×
ޤުރުއާން
ފަހަތަށް
الصف ކުރިއަށް
﴿1﴾ سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ
އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް ﷲއަށް ތަސްބީޙަ ކިޔައިފިއެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.
﴿2﴾ يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟
﴿3﴾ كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ
ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، ﷲގެ ޙަޟްރަތުގައި ނުރުއްސެވުން ބޮޑުވެގެންވެތެވެ.
﴿4﴾ إِنَّ اللَّهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنْيَانٌ مَّرْصُوصٌ
ހަމަކަށަވަރުން، ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެންތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުންދެކެ، ﷲ ލޯބިވެވޮޑިގެންވެތެވެ.
﴿5﴾ وَإِذْ قَالَ مُوسَىٰ لِقَوْمِهِ يَا قَوْمِ لِمَ تُؤْذُونَنِي وَقَد تَّعْلَمُونَ أَنِّي رَسُولُ اللَّهِ إِلَيْكُمْ ۖ فَلَمَّا زَاغُوا أَزَاغَ اللَّهُ قُلُوبَهُمْ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ
އަދި މޫސާގެފާނު އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުން އަހުރެންނަށް އުނދަގޫކުރަނީ ކީއްވެގެން ހެއްޔެވެ؟ ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާކަން ތިޔަބައިމީހުން ދެނެތިބި ޙާލުގައެވެ. ފަހެ، އެއުރެން (ޙައްޤުން) އެއްކިބާވިހިނދު، ﷲ އެއުރެންގެ ހިތްތައް (ތެދުމަގުން) އެއްކިބާ ކުރެއްވިއެވެ. ފާސިޤު ވީ މީހުންނަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ.
﴿6﴾ وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُم مُّصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِن بَعْدِي اسْمُهُ أَحْمَدُ ۖ فَلَمَّا جَاءَهُم بِالْبَيِّنَاتِ قَالُوا هَٰذَا سِحْرٌ مُّبِينٌ
އަދި މަރިޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނު ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ އިސްރާއީލުގެދަރިންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާއެވެ. ތިމަންކަލޭގެފާނުގެ ކުރީގައިވާ ތައުރާތުގެ ޙުކުމްތައް ތެދުކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ތިމަންކަލޭގެފާނަށްފަހު އަޙްމަދެވެ ނަމަކަށް ކިއުނު ރަސޫލަކު ވަޑައިގަންނަވާނޭކަމުގެ އުފާވެރި ޚަބަރު ދެއްވާ ބޭކަލަކު ކަމުގައެވެ. ފަހެ، އެއުރެންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާއެކު އެކަލޭގެފާނު ވަޑައިގެންނެވިހިނދު އެއުރެން ބުނޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ.
﴿7﴾ وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ الْكَذِبَ وَهُوَ يُدْعَىٰ إِلَى الْإِسْلَامِ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ
އެމީހަކަށް އިސްލާމް ދީނަށް ގޮވައިލައްވާ ޙާލު، ﷲއާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވަތެވެ.
﴿8﴾ يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ
އެއުރެން އެދެނީ، ﷲގެ ނޫރުފުޅު (އެބަހީ: އިސްލާމް ދީން) އެއުރެންގެ އަނގަތަކުންފުމެ، ނިއްވައިލުމަށެވެ. އަދި ކާފިރުން ނުރުހުނުކަމުގައިވިޔަސް ﷲ، އެކަލާނގެ ނޫރުފުޅު ފުރިހަމަކުރައްވާހުށްޓެވެ.
﴿9﴾ هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ
އެކަލާނގެއީ، ތެދުމަގާއި، ޙައްޤު ދީނާއިގެން އެކަލާނގެ ރަސޫލާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހާ ދީންތަކުގެ މައްޗަށް އެ ދީން މަތިވެރި ކުރެއްވުމަށެވެ. މުޝްރިކުން ނުރުހުނުކަމުގައި ވިޔަސްމެއެވެ.
﴿10﴾ يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَىٰ تِجَارَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ވޭންދެނިވި ޢަޛާބަކުން ތިޔަބައިމީހުން މިންޖުކޮށްދޭނޭ ވިޔަފާރިއެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދައްކަވަން ހެއްޔެވެ؟
﴿11﴾ تُؤْمِنُونَ بِاللَّهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
(އެއީ) ތިޔަބައިމީހުން ﷲއަށާއި، އެކަލާނގެ ރަސޫލާއަށް އީމާން ވުމެވެ. އަދި ތިޔަބައިމީހުންގެ މުދާތަކުންނާއި، ތިޔަބައިމީހުންގެ ނަފްސުތަކުން ﷲގެ މަގުގައި ތިޔަބައިމީހުން ޖިހާދު ކުރުމެވެ. ތިޔަބައިމީހުން ދަންނަނަމަ، އެގޮތް ތިޔަބައިމީހުންނަށް މާ ހެޔޮކަން ބޮޑެވެ.
﴿12﴾ يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ وَمَسَاكِنَ طَيِّبَةً فِي جَنَّاتِ عَدْنٍ ۚ ذَٰلِكَ الْفَوْزُ الْعَظِيمُ
އޭރުން އެކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާނެތެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް އެކަލާނގެ ތިޔަބައިމީހުން ވައްދަވާނެތެވެ. އަދި ޢަދްނެވެ ކިއުނު ސުވަރުގެތަކުގައިވާ ރަނގަޅު ގޮވަތިގެދޮރުގައި ތިޔަބައިމީހުން ވަޒަންވެރި ކުރައްވާނެތެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ.
﴿13﴾ وَأُخْرَىٰ تُحِبُّونَهَا ۖ نَصْرٌ مِّنَ اللَّهِ وَفَتْحٌ قَرِيبٌ ۗ وَبَشِّرِ الْمُؤْمِنِينَ
އަދި ތިޔަބައިމީހުން އެއަށް ލޯބިވާނޭ އެހެން ނިޢުމަތެއް އެކަލާނގެ ދެއްވާނެތެވެ. (އެއީ) ﷲގެ ޙަޟްރަތުން ދެއްވާ ނަޞްރަކާއި، އަދި ގާތްވެގެންވާ ފަތަޙައެކެވެ. އަދި ކަލޭގެފާނު މުއުމިނުތަކުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ!
﴿14﴾ يَا أَيُّهَا الَّذِينَ آمَنُوا كُونُوا أَنصَارَ اللَّهِ كَمَا قَالَ عِيسَى ابْنُ مَرْيَمَ لِلْحَوَارِيِّينَ مَنْ أَنصَارِي إِلَى اللَّهِ ۖ قَالَ الْحَوَارِيُّونَ نَحْنُ أَنصَارُ اللَّهِ ۖ فَآمَنَت طَّائِفَةٌ مِّن بَنِي إِسْرَائِيلَ وَكَفَرَت طَّائِفَةٌ ۖ فَأَيَّدْنَا الَّذِينَ آمَنُوا عَلَىٰ عَدُوِّهِمْ فَأَصْبَحُوا ظَاهِرِينَ
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ނަޞްރު ދޭ ބަޔަކު ކަމުގައިވާށެވެ! މަރިޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނު، ޙަވާރިއްޔަންނަށް ވިދާޅުވި ފަދައިންނެވެ. ﷲއަށްޓަކައި ތިމަންކަލޭގެފާނަށް ނަޞްރު ދޭނީ ކޮންބަޔެއްހެއްޔެވެ؟ ޙަވާރިއްޔަން ދެންނެވޫއެވެ. ތިމަންމެންނީ، ﷲއަށް ނަޞްރު ދޭ މީހުންނެވެ. ދެން އިސްރާއީލުގެދަރިންކުރެ ޖަމާޢަތެއް އީމާން ވޫއެވެ. އަދި އަނެއް ޖަމާޢަތެއް ކާފިރު ވޫއެވެ. ފަހެ، އީމާންވި މީހުންނަށް އެއުރެންގެ ޢަދުއްވުންގެ މައްޗަށް ތިމަންރަސްކަލާނގެ ގަދަކަން ދެއްވީމެވެ. ފަހެ، އެއުރެންވީ، ބާރުލިބި، މަތިވެރިވެގެންވާ ބަޔަކު ކަމުގައެވެ.
ފަހަތަށް
ކުރިއަށް