×
ޤުރުއާން
ފަހަތަށް
الملك ކުރިއަށް
﴿1﴾ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
އެކަލާނގެ ޔަދުޤުދުރަތްފުޅުގައި ވެރިކަންވާ ރަސްކަލާނގެ މަތިވެރިވެ ވޮޑިގެންފިއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
﴿2﴾ الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ
އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.
﴿3﴾ الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ
އެކަލާނގެއީ، މަތިމައްޗަށް ހަތްއުޑު ހެއްދެވި ރަސްކަލާނގެއެވެ. ރަޙްމާންވަންތަ ރަސްކަލާނގެ (އެތަކެތި) ހެއްދެވުމުގައި އެއްވެސްކަހަލަ އުނިކަމެއް ތިބާޔަކަށް ނުފެންނާނެތެވެ. ފަހެ، ތަކުރާރު ކޮށް ނަޡަރު ހިންގައި ބަލާށެވެ! އެއްވެސްކަހަލަ ޚަލަލެއް ތިބާޔަށް ފެނޭހެއްޔެވެ؟
﴿4﴾ ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ
ދެންވެސް ތަކުރާރު ކޮށް ދެފަހަރަށް ނަޡަރު ހިންގައި ބަލާށެވެ! އޭރުން ދެރަވެ، ނިކަމެތިވެގެންވާ ޙާލުގައި (ތިބާގެ) ނަޡަރު އެނބުރި ތިބާގެގާތަށް އަންނަހުށްޓެވެ.
﴿5﴾ وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُومًا لِّلشَّيَاطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ السَّعِيرِ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބައްތިތަކަކުން އެންމެކައިރި އުޑު ޒީނަތްތެރިކުރެއްވީމެވެ. އަދި ޝައިޠާނުންނާ ދިމާޔަށް އުއްކަވާ ގިނިހިލަތަކެއް ކަމުގައި އެތަކެތި ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ ޝައިޠާނުންނަށް ނަރަކައިގެ ޢަޛާބުތައްޔާރުކުރެއްވީމެވެ.
﴿6﴾ وَلِلَّذِينَ كَفَرُوا بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ الْمَصِيرُ
އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ކާފިރުވި މީހުންނަށް ނަރަކައިގެ ޢަޛާބު ހުށްޓެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
﴿7﴾ إِذَا أُلْقُوا فِيهَا سَمِعُوا لَهَا شَهِيقًا وَهِيَ تَفُورُ
އެ ނަރަކައިގެ ތެރެޔަށް އެއުރެން އެއްލައިލައްވާހިނދު، އެ ނަރަކަ ކެކިގަންނަ ޙާލުގައި، އެތެރެޔަށް ދަމައިލާއަޑު އެއުރެންނަށް އިވޭނެތެވެ.
﴿8﴾ تَكَادُ تَمَيَّزُ مِنَ الْغَيْظِ ۖ كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ
އެ ނަރަކަ އަންނަރުޅިން ކުދިކުދިވެދާން ކައިރިވެދެއެވެ. (ކާފިރުންގެ) ފައުޖެއް އެ ނަރަކަޔަށް އެއްލަވާ ކޮންމެފަހަރަކު، އެތާނގެ ބަނޑޭރިން އެއުރެންނާ ސުއާލު ކުރައްވާނެތެވެ. އިންޛާރު ކުރައްވާ ރަސޫލަކު ތިޔަބައިމީހުންގެގާތަށް ވަޑައެއް ނުގަންނަވާހެއްޔެވެ؟
﴿9﴾ قَالُوا بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّهُ مِن شَيْءٍ إِنْ أَنتُمْ إِلَّا فِي ضَلَالٍ كَبِيرٍ
އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، ތިމަންމެންގެގާތަށް އިންޛާރު ކުރައްވާ ރަސޫލަކު ވަޑައިގަތެވެ. ދެން ތިމަންމެން ދޮގުކުރީމުއެވެ. އަދި ތިމަންމެން ބުނީމުއެވެ. ﷲ، އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ތިޔަބޭކަލުން ބޮޑުވެގެންވާ ފުރެދުމެއްގައި މެނުވީ ނުވަމުއެވެ.
﴿10﴾ وَقَالُوا لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ
އަދި އެއުރެން ބުނާނެތެވެ. ތިމަންމެން އަޑުއަހާކަމުގައިވީނަމަ، ނުވަތަ ވިސްނައި ފިކުރު ކުރާކަމުގައިވީނަމަ، ނަރަކައިގެ އަހުލުވެރިންގެ ތެރެޔަކު ތިމަންމެން ނުވީހެވެ.
﴿11﴾ فَاعْتَرَفُوا بِذَنبِهِمْ فَسُحْقًا لِّأَصْحَابِ السَّعِيرِ
ފަހެ، އެއުރެން، އެއުރެންގެ ފާފަތަކަށް އިޢުތިރާފް ވާނެތެވެ. ފަހެ، ނަރަކައިގެ އަހުލުވެރިންނަށް ރަޙްމަތުން ދުރުކުރެއްވުން ހުށްޓެވެ.
﴿12﴾ إِنَّ الَّذِينَ يَخْشَوْنَ رَبَّهُم بِالْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ
ހަމަކަށަވަރުން، ނުފެންނަތާނގައި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުން (ދަންނާށެވެ!) ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ، އެމީހުންނަށް ހުށްޓެވެ.
﴿13﴾ وَأَسِرُّوا قَوْلَكُمْ أَوِ اجْهَرُوا بِهِ ۖ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ
ތިޔަބައިމީހުން ބުނާއެއްޗެއް ސިއްރުކުރާށެވެ! ނުވަތަ އެ ފާޅުކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައި ވާހާކަމެއް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿14﴾ أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ
(ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެ (އެތަކެތި) ދެނެވޮޑިގެން ނުވާނޭހެއްޔެވެ؟ އަދި އެކަލާނގެއީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿15﴾ هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ ۖ وَإِلَيْهِ النُّشُورُ
އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި ރިޒްޤުން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުންވަނީ، އެކަލާނގެ ޙަޟްރަތަށެވެ.
﴿16﴾ أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ
އުޑުގައިވާ ކަލާނގެ (އެބަހީ: މަތިވެރިވެގެންވާ ރަސްކަލާނގެ) ތިޔަބައިމީހުންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު (ބިރެއްނެތި) އަމާންކަމުގައި ތިޔަބައިމީހުން ތިބީހެއްޔެވެ؟ ފަހެ، އެހާރުން، ބިންގަނޑު ތެޅިފޮޅިގަންނާނެތެވެ.
﴿17﴾ أَمْ أَمِنتُم مَّن فِي السَّمَاءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ
ނުވަތަ އުޑުގައިވާ ކަލާނގެ (އެބަހީ: މަތިވެރިވެގެންވާ ރަސްކަލާނގެ) ތިޔަބައިމީހުންގެ މައްޗަށް ހިލައިގެ ވާރޭ ފޮނުއްވައިފާނޭކަމާމެދު (ބިރެއްނެތި) އަމާންކަމުގައި ތިޔަބައިމީހުން ތިބީހެއްޔެވެ؟ ފަހެ، ތިމަންރަސްކަލާނގެ އިންޛާރު ކުރެއްވުންވަނީ، ކޮންފަދައަކުންކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
﴿18﴾ وَلَقَدْ كَذَّبَ الَّذِينَ مِن قَبْلِهِمْ فَكَيْفَ كَانَ نَكِيرِ
ހަމަކަށަވަރުން، އެއުރެންގެކުރިން އުޅުނުމީހުންވެސް (ރަސޫލުން) ދޮގުކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ ޢުޤޫބާތް ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟
﴿19﴾ أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا الرَّحْمَٰنُ ۚ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ
ފިޔަތައް ދަމާލައިގެންނާއި، އަދި ފިޔަތައް ލައްޕާލައިގެން، އެއުރެންގެ މަތީގައި (އުދުހި) އުޅޭ ދޫނިތަކަށް އެއުރެން ނުބަލަނީ ހެއްޔެވެ؟ ރަޙްމާންވަންތަ ރަސްކަލާނގެ މެނުވީ، އެތަކެތި (ވެއްޓުނަނުދީ) ނުހިފަހައްޓަވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހުރިހާއެއްޗެއް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿20﴾ أَمَّنْ هَٰذَا الَّذِي هُوَ جُندٌ لَّكُمْ يَنصُرُكُم مِّن دُونِ الرَّحْمَٰنِ ۚ إِنِ الْكَافِرُونَ إِلَّا فِي غُرُورٍ
ނުވަތަ ރަޙްމާންވަންތަ ރަސްކަލާނގެ ފިޔަވައި ތިޔަބައިމީހުންނަށް ނަޞްރު ދޭނޭ ލަޝްކަރެއް ކަމުގައިވަނީ ކޮންބަޔެއްހެއްޔެވެ؟ ހެއްލުމެއްގެތެރޭގައި މެނުވީ ކާފިރުންނުވެއެވެ.
﴿21﴾ أَمَّنْ هَٰذَا الَّذِي يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُ ۚ بَل لَّجُّوا فِي عُتُوٍّ وَنُفُورٍ
ނުވަތަ އެކަލާނގެ ރިޒްޤު ދެއްވުން ހުއްޓަވައިފިނަމަ، ތިޔަބައިމީހުންނަށް ރިޒްޤު ދޭނޭ މީހަކީ އެއީކާކުހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންވަނީ ކިބުރުވެރިކަމާއި ޙައްޤުން އެއްކިބާވުމެއްގައެވެ.
﴿22﴾ أَفَمَن يَمْشِي مُكِبًّا عَلَىٰ وَجْهِهِ أَهْدَىٰ أَمَّن يَمْشِي سَوِيًّا عَلَىٰ صِرَاطٍ مُّسْتَقِيمٍ
ފަހެ، ތެދުމަގު ލިބުންބޮޑީ، މޫނުވަތަށް ވެއްޓެމުން ހިނގައިދާ މީހާހެއްޔެވެ؟ ނުވަތަ ސީދާވެގެންވާ ތެދުމަގެއްގައި، ތެދަށް ހިނގައިދާ މީހާ ހެއްޔެވެ؟
﴿23﴾ قُلْ هُوَ الَّذِي أَنشَأَكُمْ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۖ قَلِيلًا مَّا تَشْكُرُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުން އުފައްދަވައި، ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ލެއްވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން ޝުކުރު ކުރަނީ ވަރަށްވެސް މަދުންނެވެ.
﴿24﴾ قُلْ هُوَ الَّذِي ذَرَأَكُمْ فِي الْأَرْضِ وَإِلَيْهِ تُحْشَرُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ ތިޔަބައިމީހުން ބިމުގައި އުފެއްދެވި ރަސްކަލާނގެއެވެ. އަދި (ޤިޔާމަތް ދުވަހުން) ތިޔަބައިމީހުން އެއްކުރައްވާހުށީ އެކަލާނގެ ޙަޟްރަތަށެވެ.
﴿25﴾ وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِن كُنتُمْ صَادِقِينَ
އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކުކަމުގައިވާނަމަ، ތިޔަ (ބުނާ ޢަޛާބުގެ) ވަޢުދު އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
﴿26﴾ قُلْ إِنَّمَا الْعِلْمُ عِندَ اللَّهِ وَإِنَّمَا أَنَا نَذِيرٌ مُّبِينٌ
ކަލޭގެފާނު ވިދާޅުވާށެވެ! (އެކަން) ދެނެވޮޑިގަތުން ވާކަންކަށަވަރީ، ﷲގެ ޙަޟްރަތުގައެވެ. އަދި ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ބަޔާންވެގެންހުރި، އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައެވެ.
﴿27﴾ فَلَمَّا رَأَوْهُ زُلْفَةً سِيئَتْ وُجُوهُ الَّذِينَ كَفَرُوا وَقِيلَ هَٰذَا الَّذِي كُنتُم بِهِ تَدَّعُونَ
ފަހެ، އެއުރެންނަށް އެ ވަޢުދު، ކައިރިން ފެނިއްޖެހިނދު، ކާފިރު ވިމީހުންގެ މޫނުތަކަށް ހިތާމަވެރިކަން ލިބިގެންދާނެތެވެ. އަދި އަންގަވާނެތެވެ. މިއީ ތިޔަބައިމީހުން އެދިގޮވާކަމުގައިވި ކަންތަކެވެ.
﴿28﴾ قُلْ أَرَأَيْتُمْ إِنْ أَهْلَكَنِيَ اللَّهُ وَمَن مَّعِيَ أَوْ رَحِمَنَا فَمَن يُجِيرُ الْكَافِرِينَ مِنْ عَذَابٍ أَلِيمٍ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ޚަބަރު ދީބަލާށެވެ! ﷲ ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނާ އެކުގައިވާ ބަޔަކު ހަލާކުކުރެއްވި ނަމަވެސް، ނުވަތަ ތިމަންމެންނަށް ރަޙްމަތް ލެއްވިނަމަވެސް، ފަހެ، ވޭންދެނިވި ޢަޛާބުން، ކާފިރުން ސަލާމަތްކޮށްދޭނީ ކާކުހެއްޔެވެ؟
﴿29﴾ قُلْ هُوَ الرَّحْمَٰنُ آمَنَّا بِهِ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِي ضَلَالٍ مُّبِينٍ
ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ރަޙްމާންވަންތަ ރަސްކަލާނގެއެވެ. ތިމަންމެން އެކަލާނގެއަށް އީމާން ވެއްޖައީމުއެވެ. އަދި ހަމައެކަނި އެކަލާނގެއަށް ތިމަންމެން ވަކީލު ކޮށްފީމުއެވެ. ފަހެ، ބަޔާންވެގެންވާ ފުރެދުމެއްގައިވަނީ ކާކުކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
﴿30﴾ قُلْ أَرَأَيْتُمْ إِنْ أَصْبَحَ مَاؤُكُمْ غَوْرًا فَمَن يَأْتِيكُم بِمَاءٍ مَّعِينٍ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ޚަބަރު ދީބަލާށެވެ! ތިޔަބައިމީހުންގެ (ބޭނުންކުރާ) ފެން އަޑިޔަށް ހިނދިއްޖެނަމަ، ހިނގަހިނގާ ހުންނަ ފެނެއް ތިޔަބައިމީހުންނަށް ގެނެސްދޭހުށީ ފަހެ ކާކުހެއްޔެވެ؟
ފަހަތަށް
ކުރިއަށް