|
| ﴿1﴾ ن ۚ وَالْقَلَمِ وَمَا يَسْطُرُونَ |
| ن (މި އަކުރުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.) ޤަލަމާއި (އެ ޤަލަމުން) އެއުރެން ލިޔާ ތަކެތި ގަންދެއްވައި ވަޙީ ކުރައްވަމެވެ. |
| ﴿2﴾ مَا أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ |
| ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނިޢުމަތުން ކަލޭގެފާނީ މޮޔަޔަކު ކަމުގައި ވެވަޑައިނުގަންނަވަމުއެވެ. |
| ﴿3﴾ وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ |
| އަދި ހަމަކަށަވަރުން، ނިމުމެއްނުވާ ދަރުމައެއް ކަލޭގެފާނަށް ހުށްޓެވެ. |
| ﴿4﴾ وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ |
| އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލުޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ. |
| ﴿5﴾ فَسَتُبْصِرُ وَيُبْصِرُونَ |
| ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. އަދި އެއުރެންނަށްވެސް ފެންނާނެތެވެ. |
| ﴿6﴾ بِأَييِّكُمُ الْمَفْتُونُ |
| މޮޔަވެފައިވަނީ ތިޔަބައިމީހުންކުރެ ކާކުކަމެވެ. |
| ﴿7﴾ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ |
| ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. |
| ﴿8﴾ فَلَا تُطِعِ الْمُكَذِّبِينَ |
| ފަހެ، ދޮގުކުރާ މީހުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! |
| ﴿9﴾ وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ |
| ކަލޭގެފާނު އެއުރެންނަށް ދުލެއް ދެއްވާނެނަމަ، ކޮންފަދަހޭ ހިތައި، އެކަމަށް އެއުރެން އެދުނޫއެވެ. އެއީ އެއުރެންވެސް ކަލޭގެފާނަށް ދުލެއް ދިނުމަށްޓަކައެވެ. |
| ﴿10﴾ وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ |
| އަދި ގިނަގިނައިން ހުވާކޮށްހަދާ، އިހާނަތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! |
| ﴿11﴾ هَمَّازٍ مَّشَّاءٍ بِنَمِيمٍ |
| (އެއީ) ޣީބަ ބުނެހަދާ، ދެބައޮޑުވަމުން ހިނގައިއުޅޭ މީހާއެވެ. |
| ﴿12﴾ مَّنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ |
| ހެޔޮކަންތައް މަނާކުރުންގިނަ، ހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ މީހާއެވެ. |
| ﴿13﴾ عُتُلٍّ بَعْدَ ذَٰلِكَ زَنِيمٍ |
| ހިތްހަރު މީހާއެވެ. އެހުރިހާ ކަމަކަށްފަހުގައި، ބަފާ ނުކަށަވަރު ދަރިޔެކެވެ. |
| ﴿14﴾ أَن كَانَ ذَا مَالٍ وَبَنِينَ |
| އޭނާއީ މުދާވެރި، އަދި ދަރިންތިބި މީހަކަށްވީތީއެވެ. |
| ﴿15﴾ إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ |
| ތިމަންރަސްކަލާނގެ އާޔަތްތައް އޭނާޔަށް ކިޔައިދެއްވާހިނދު، އޭނާ ބުނެތެވެ. (ތިޔައީ) އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ. |
| ﴿16﴾ سَنَسِمُهُ عَلَى الْخُرْطُومِ |
| ނިކަންހުރެ އޭނާގެ ނޯށްމަތީގައި ތިމަންރަސްކަލާނގެ ފާހަގަލައްވާހުށީމެވެ. |
| ﴿17﴾ إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ |
| ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން އިމްތިޙާނު ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބަގީޗާގެ އަހުލުވެރިން އިމްތިޙާނު ކުރެއްވި ފަދައިންނެވެ. އެއުރެން ހެނދުނު ހެނދުނާ މޭވާ ބިންނާނޭކަމަށް ހުވާކުރިހިނދެވެ. |
| ﴿18﴾ وَلَا يَسْتَثْنُونَ |
| އަދި އެއުރެން އިސްތިޘްނާއެއް ނުކުރެތެވެ. (އެބަހީ: إن شاء ﷲ އޭ ނުބުނެތެވެ.) |
| ﴿19﴾ فَطَافَ عَلَيْهَا طَائِفٌ مِّن رَّبِّكَ وَهُمْ نَائِمُونَ |
| ފަހެ (އެރޭ) އެއުރެން ނިދާފައިތިއްބައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބަލާއެއް، އެ ބަގީޗާގެ މައްޗަށް އައެވެ. |
| ﴿20﴾ فَأَصْبَحَتْ كَالصَّرِيمِ |
| ދެން އެ ބަގީޗާގެ ގަސްތައް އަނދައި، ކަޅުއަނދިރި ރޭގަނޑެއް ފަދައިންވިއެވެ. |
| ﴿21﴾ فَتَنَادَوْا مُصْبِحِينَ |
| ފަހެ، އެއުރެން ހެނދުނު އެކަކު އަނެކަކަށް ގޮވައިހެދޫއެވެ. |
| ﴿22﴾ أَنِ اغْدُوا عَلَىٰ حَرْثِكُمْ إِن كُنتُمْ صَارِمِينَ |
| ތިޔަބައިމީހުން އިންދި ތަކެތީގެ މޭވާ ބިންނަން ތިބިނަމަ، ދަނޑުތަކަށް ހެނދުނާ އަވަހަށް ހިނގާށެވެ! |
| ﴿23﴾ فَانطَلَقُوا وَهُمْ يَتَخَافَتُونَ |
| ފަހެ، އެއުރެން ސިއްރުސިއްރުން ވާހަކަދައްކަމުން (އެތަނަށް) ދިޔައޫއެވެ. |
| ﴿24﴾ أَن لَّا يَدْخُلَنَّهَا الْيَوْمَ عَلَيْكُم مِّسْكِينٌ |
| މިއަދު ތިޔަބައިމީހުންގެ ގާތަށް އެ ބަގީޗާއަށް އެއްވެސް މިސްކީނަކު ވަނަދީގެނެއް ނުވާނެތެވެ. |
| ﴿25﴾ وَغَدَوْا عَلَىٰ حَرْدٍ قَادِرِينَ |
| އަދި ފަޤީރުންނަށް ނުދިނުމަށް ކުޅަދާނަކަން ލިބިގެންވާކަމަށްހީކޮށް، އެކަމުގެ ޤަޞްދުގައި ހެނދުނާ އެއުރެން ދިޔައޫއެވެ. |
| ﴿26﴾ فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ |
| ފަހެ، އެއުރެންނަށް އެ ބަގީޗާގެ ގަސްތަކަށް ޖެހިފައިވާ ޙާލު ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، މަގުއޮޅިގެންވާ ބަޔަކީމުއެވެ. |
| ﴿27﴾ بَلْ نَحْنُ مَحْرُومُونَ |
| އަދި ކިއެއްތަ! ތިމަންމެންނީ (އެ ބަގީޗާގެ މޭވާތަކުން) މަޙްރޫމު ވެގެންވާ ބަޔަކީމުއެވެ. |
| ﴿28﴾ قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ |
| އެއުރެންކުރެ އެންމެ ބުއްދިވެރި މީހާ ބުންޏެވެ. ތިޔަބައިމީހުން (ﷲ ހަނދުމަކޮށް) ތަސްބީޙަ ނުކިޔަނީ ކީއްވެހޭ، ތިމަން ތިޔަބައިމީހުންނަށް ނުބުނަން ހެއްޔެވެ؟ |
| ﴿29﴾ قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ |
| އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިންކަމުގައެވެ. |
| ﴿30﴾ فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَلَاوَمُونَ |
| ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކުރެތެވެ. |
| ﴿31﴾ قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ |
| އެއުރެން ބުނޫއެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކުކަމުގައެވެ. |
| ﴿32﴾ عَسَىٰ رَبُّنَا أَن يُبْدِلَنَا خَيْرًا مِّنْهَا إِنَّا إِلَىٰ رَبِّنَا رَاغِبُونَ |
| އަޅަމެންގެ ވެރިރަސްކަލާނގެ އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮވެގެންވާ ނިޢުމަތެއް އަޅަމެންނަށް ދެއްވައިފާށިއެވެ! ހަމަކަށަވަރުން، ތިމަންމެންވަނީ ތިމަންމެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެދިއެދިތިބޭ ބަޔަކު ކަމުގައެވެ. |
| ﴿33﴾ كَذَٰلِكَ الْعَذَابُ ۖ وَلَعَذَابُ الْآخِرَةِ أَكْبَرُ ۚ لَوْ كَانُوا يَعْلَمُونَ |
| ޢަޛާބު ހުރީ އެފަދައިންނެވެ. އަދި އާޚިރަތުގެ ޢަޛާބު (އެއަށްވުރެ) މާބޮޑުކަން ކަށަވަރެވެ. އެކަން އެއުރެންނަށް އެނގޭނެނަމައެވެ. |
| ﴿34﴾ إِنَّ لِلْمُتَّقِينَ عِندَ رَبِّهِمْ جَنَّاتِ النَّعِيمِ |
| ހަމަކަށަވަރުން، ތަޤްވާވެރިންނަށް އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ނިޢުމަތުގެ ސުވަރުގެތައްވެއެވެ. |
| ﴿35﴾ أَفَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ |
| ފަހެ، ތިމަންރަސްކަލާނގެ (ކިޔަމަންތެރި) މުސްލިމުން (ކާފިރުވި) ކުށްވެރިންނާ އެއްފަދަ ކުރައްވާނޭ ހެއްޔެވެ؟ |
| ﴿36﴾ مَا لَكُمْ كَيْفَ تَحْكُمُونَ |
| ތިޔަބައިމީހުންނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ ޙުކުމް ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟ |
| ﴿37﴾ أَمْ لَكُمْ كِتَابٌ فِيهِ تَدْرُسُونَ |
| އަދި ކިއެއްތަ! ތިޔަބައިމީހުން އެފޮތުން ކިޔަވާނޭ ފޮތެއް ތިޔަބައިމީހުންނަށް ވޭހެއްޔެވެ؟ |
| ﴿38﴾ إِنَّ لَكُمْ فِيهِ لَمَا تَخَيَّرُونَ |
| ހަމަކަށަވަރުން، އެފޮތުގައި ތިޔަބައިމީހުން އިޚްތިޔާރު ކުރަން ބޭނުން ގޮތްތައް ވޭހެއްޔެވެ؟ |
| ﴿39﴾ أَمْ لَكُمْ أَيْمَانٌ عَلَيْنَا بَالِغَةٌ إِلَىٰ يَوْمِ الْقِيَامَةِ ۙ إِنَّ لَكُمْ لَمَا تَحْكُمُونَ |
| ނުވަތަ ޤިޔާމަތް ދުވަހާ ޖެހެންދެން ކަށަވަރުވެ، ދެމިއޮންނަ ޢަހުދުތަކެއް ތިމަންރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ވަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން ޙުކުމް ކުރާ ގޮތްތައްހުރީ، ހަމަ ތިޔަބައިމީހުންނަށެވެ. |
| ﴿40﴾ سَلْهُمْ أَيُّهُم بِذَٰلِكَ زَعِيمٌ |
| ކަލޭގެފާނު އެއުރެންނާ ސުއާލު ކުރައްވައި ބައްލަވާށެވެ! އެއުރެންކުރެ އެކަމަށް ޖާމިނުވާހުށީ ކާކުހެއްޔެވެ؟ |
| ﴿41﴾ أَمْ لَهُمْ شُرَكَاءُ فَلْيَأْتُوا بِشُرَكَائِهِمْ إِن كَانُوا صَادِقِينَ |
| ނުވަތަ އެއުރެންނަށް ބައިވެރިންތަކެއް ވަނީހެއްޔެވެ؟ އެއުރެންނީ ތެދުވެރިންކަމުގައިވާނަމަ، ފަހެ، އެއުރެންގެ ބައިވެރިން ގޮވައިގެން އެއުރެން އަންނަހުށިކަމެވެ! |
| ﴿42﴾ يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ |
| ކަންތައްތައް ބޮޑުވެދާ ދުވަސް (އެބަހީ: ޤިޔާމަތް ދުވަސް) ހަނދުމަކުރާށެވެ! (އެދުވަހުން) އެއުރެންނަށް ސަޖިދަ ކުރުމަށް ގޮވައިލައްވާނެތެވެ. ފަހެ، އެއުރެންނަކަށް (އެކަމަކަށް) ކުޅަދާނަވެގެނެއްނުވާނެތެވެ. |
| ﴿43﴾ خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۖ وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ |
| (އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެ، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. ހަމަކަށަވަރުން، އެއުރެން ސަލާމަތުން ތިބިއިރު، ސަޖިދަ ކުރުމަށް ގޮވައިލައްވާ ކަމުގައިވިއެވެ. |
| ﴿44﴾ فَذَرْنِي وَمَن يُكَذِّبُ بِهَٰذَا الْحَدِيثِ ۖ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ |
| ފަހެ، މި ޤުރްއާން ދޮގުކުރާމީހުން، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! އެއުރެންނަށް ނޭނގޭނޭގޮތުން (ޢަޛާބުގެ ތެރެޔަށް) ތިމަންރަސްކަލާނގެ، އެއުރެން ނިކަންހުރެ ގެންދަވާހުށީމެވެ. |
| ﴿45﴾ وَأُمْلِي لَهُمْ ۚ إِنَّ كَيْدِي مَتِينٌ |
| އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ލަސްކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރޭއްވެވުން ގަދަފަދަވެގެންވެއެވެ. |
| ﴿46﴾ أَمْ تَسْأَلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ |
| އަދި ކިއެއްތަ! އެއުރެންގެ ކިބައިން އުޖޫރައަކަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީތޯއެވެ؟ ފަހެ، އެއުރެން އެ އުޖޫރަ ދޭންޖެހުމުގެ ސަބަބުން އެއުރެންނަށް ބުރަކަމެއް ލިބެނީތޯއެވެ؟ |
| ﴿47﴾ أَمْ عِندَهُمُ الْغَيْبُ فَهُمْ يَكْتُبُونَ |
| ނުވަތަ އެއުރެން (އެއިން) ލިޔުމަށް އެއުރެންގެ ގާތުގައި ޣައިބުގެ ޢިލްމު ވަނީހެއްޔެވެ؟ |
| ﴿48﴾ فَاصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ الْحُوتِ إِذْ نَادَىٰ وَهُوَ مَكْظُومٌ |
| ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙުކުމްފުޅަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ބޮޑުމަހުގެ އެކުވެރިޔާ (އެބަހީ: ޔޫނުސުގެފާނު) ފަދައިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! އެކަލޭގެފާނު، ބޮޑުވެގެންވާ ހިތާމައިގައިވާ ޙާލު، ދުޢާ ކުރެއްވި ހިނދުގައެވެ. |
| ﴿49﴾ لَّوْلَا أَن تَدَارَكَهُ نِعْمَةٌ مِّن رَّبِّهِ لَنُبِذَ بِالْعَرَاءِ وَهُوَ مَذْمُومٌ |
| އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފޮނުއްވި ނިޢުމަތެއް، އެކަލޭގެފާނާ ހަމަޔަށް ވާޞިލު ނުވިނަމަ، އެކަލޭގެފާނަށް މަލާމާތްލިބިގެންވާ ޙާލު (މަހުގެ ބަނޑުން، ކަނޑުގެ) އައްސޭރިޔަށް އެކަލޭގެފާނު އެއްލައިލެއްވީހެވެ. |
| ﴿50﴾ فَاجْتَبَاهُ رَبُّهُ فَجَعَلَهُ مِنَ الصَّالِحِينَ |
| ދެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނު ޚިޔާރު ކުރެއްވިއެވެ. އަދި ޞާލިޙު އަޅުންގެ ތެރެއިން އެކަލޭގެފާނު ލެއްވިއެވެ. |
| ﴿51﴾ وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ |
| ކާފިރުވި މީހުން ޤުރްއާނުގެ އަޑު އެހިހިނދު، އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ މޮޔައެކެވެ. |
| ﴿52﴾ وَمَا هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ |
| ޢާލަމްތަކަށް ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ އެ ޤުރްއާން ނުވެއެވެ. |
|