×
ޤުރުއާން
ފަހަތަށް
الانسان ކުރިއަށް
﴿1﴾ هَلْ أَتَىٰ عَلَى الْإِنسَانِ حِينٌ مِّنَ الدَّهْرِ لَمْ يَكُن شَيْئًا مَّذْكُورًا
ނަންގަނެވިގެންވާ އެއްޗެއްކަމުގައި އިންސާނާ ނުވާ ޒަމާންތަކެއް، އެ އިންސާނާގެ މައްޗަށް އައިކަން ކަށަވަރެވެ.
﴿2﴾ إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا
ހަމަކަށަވަރުން، އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. ފަހެ، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވީމެވެ.
﴿3﴾ إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ ޝުކުރުވެރިވުމަށްޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، ކާފިރު ވުމަށްޓަކައެވެ.
﴿4﴾ إِنَّا أَعْتَدْنَا لِلْكَافِرِينَ سَلَاسِلَ وَأَغْلَالًا وَسَعِيرًا
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކާފިރުންނަށްޓަކައި ހިލިހިލާތަކާއި، ކަސްތޮޅުތަކާއި، އަނދައަނދާ ހުންނަ ނަރަކަ، ތައްޔާރުކުރެއްވީމެވެ.
﴿5﴾ إِنَّ الْأَبْرَارَ يَشْرَبُونَ مِن كَأْسٍ كَانَ مِزَاجُهَا كَافُورًا
ހަމަކަށަވަރުން، ހެޔޮލަފާ މީހުން ރާތަށްޓަކުން ބޯނެތެވެ. އެއާ އެއްކުރައްވާފައިވާ އެއްޗަކީ، ކާފޫރުކަމުގައިވިއެވެ.
﴿6﴾ عَيْنًا يَشْرَبُ بِهَا عِبَادُ اللَّهِ يُفَجِّرُونَهَا تَفْجِيرًا
އެއީ ﷲގެ (ހެޔޮލަފާ) އަޅުން އެއިން ބުއިމަށްވާ ފެންއާރެކެވެ. އެއުރެން ބޭނުންގޮތަކަށް އެއިން ފެންއަރުވާނެތެވެ.
﴿7﴾ يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا
އެއުރެން ނަދުރު ފުއްދަތެވެ. އަދި އެދުވަހެއްގެ ނުރައްކާތެރިކަން ފެތުރިގެންދާ ދުވަހަކަށް (އެބަހީ: ޤިޔާމަތް ދުވަހަށް) އެއުރެން ބިރުވެތިވެތެވެ.
﴿8﴾ وَيُطْعِمُونَ الطَّعَامَ عَلَىٰ حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا
އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، މިސްކީނުންނާއި، ޔަތީމުންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ.
﴿9﴾ إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا
(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲގެ ވަޖްހުފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ.
﴿10﴾ إِنَّا نَخَافُ مِن رَّبِّنَا يَوْمًا عَبُوسًا قَمْطَرِيرًا
ހަމަކަށަވަރުން، އެދުވަހެއްގައި، މޫނުތައް ގަދަފަދަގޮތެއްގައި ފުސްވެގެންވާ ދުވަހަކާމެދު، ތިމަންމެންގެ ވެރިރަސްކަލާނގެއަށް ތިމަންމެން ބިރުވެތިވަމުއެވެ.
﴿11﴾ فَوَقَاهُمُ اللَّهُ شَرَّ ذَٰلِكَ الْيَوْمِ وَلَقَّاهُمْ نَضْرَةً وَسُرُورًا
ފަހެ، އެދުވަހުގެ ނުބައިކަމުން ﷲ، އެއުރެން ރައްކާތެރި ކުރެއްވިއެވެ. އަދި މޫނު އަލިކަމާއި، އުފާވެރިކަން އެއުރެންނަށް ދެއްވިއެވެ.
﴿12﴾ وَجَزَاهُم بِمَا صَبَرُوا جَنَّةً وَحَرِيرًا
އެއުރެން ކެތްތެރިވިކަމަށްޓަކައި، ޖަޒާއެއްގެ ގޮތުގައި އެއުރެންނަށް ސުވަރުގެއާއި، ފަށުއި ފޭރާން ދެއްވިއެވެ.
﴿13﴾ مُّتَّكِئِينَ فِيهَا عَلَى الْأَرَائِكِ ۖ لَا يَرَوْنَ فِيهَا شَمْسًا وَلَا زَمْهَرِيرًا
އެތާނގައި އެއުރެން ދާންތަކުގެ މަތީގައި ލެނގިލައިގެން ތިބޭ ޙާލުގައެވެ. އެތާނގައި އަވީގެ ހޫނެއް، ނުވަތަ ގަދަފިންޏެއްވިޔަސް އެއުރެން ނުދެކޭނެތެވެ.
﴿14﴾ وَدَانِيَةً عَلَيْهِمْ ظِلَالُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًا
އެތާނގެ ގަސްގަހުގެ ހިޔާތައް، އެއުރެންނަށް ގާތްވެގެންވެއެވެ. އަދި ގަސްގަހުގެ މޭވާތައް ބިނުމަށް ފަހިކުރައްވައި ފަސޭހަކުރައްވާފައިވެއެވެ.
﴿15﴾ وَيُطَافُ عَلَيْهِم بِآنِيَةٍ مِّن فِضَّةٍ وَأَكْوَابٍ كَانَتْ قَوَارِيرَا
އަދި ރިހިންވާ ކަންވާރުތަކާއި، ފެންބޯ ތަށިތަކާއިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ. އެ ތަކެތި ބިއްލޫރި ފަދައިންވެއެވެ.
﴿16﴾ قَوَارِيرَ مِن فِضَّةٍ قَدَّرُوهَا تَقْدِيرًا
ރިހީގެ ބިއްލޫރި ތަކެކެވެ. އެއުރެން ޢަދަދު ކޮށް، އެ ތަކެތި މިންވަރު ކުރާނެތެވެ. (އެބަހީ: އެ ތަށިތަކުގެ ބޮޑުކުޑަމިނާއި އެ ތަށިތަށްޓަށް އަޅާފައިވާ ތަކެތި، އެއުރެން ބޭނުންގޮތަކަށް ކަނޑައަޅާނެތެވެ.)
﴿17﴾ وَيُسْقَوْنَ فِيهَا كَأْسًا كَانَ مِزَاجُهَا زَنجَبِيلًا
އަދި އެތާނގައި އެއުރެންނަށް ރާތަށްޓެއް ބުއިމަށް ދެއްވާނެތެވެ. އެއާ އެއްކުރައްވާފައިވާ އެއްޗެއްކަމުގައި ވަނީ، ޒަންޖަބީލެވެ.
﴿18﴾ عَيْنًا فِيهَا تُسَمَّىٰ سَلْسَبِيلًا
(އެއީ) އެތާނގައިވާ ސަލްސަބީލޭ ނަމަކަށް ކިޔޭ އާރެކެވެ.
﴿19﴾ ۞ وَيَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًا مَّنثُورًا
އަދި ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ ޚިދުމަތުގައި ބުރުޖަހާނެތެވެ. ތިބާޔަށް އެކުދިން ފެނިއްޖެނަމަ، އެކުދިންނީ، އެތަންމިތަނަށް ވިހުރުވައިލާފައިވާ ރަން މުތްތަކެއްހެން ތިބާޔަށް ހީވާނެތެވެ.
﴿20﴾ وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًا وَمُلْكًا كَبِيرًا
އަދި ތިބާޔަށް އެތަން ފެނިއްޖެނަމަ (ސިފަނުކުރެވޭފަދަ) ނިޢުމަތާއި، ބޮޑުވެގެންވާ ވެރިކަމެއް ތިބާޔަށް އެތަނުން ފެންނާނެތެވެ.
﴿21﴾ عَالِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ ۖ وَحُلُّوا أَسَاوِرَ مِن فِضَّةٍ وَسَقَاهُمْ رَبُّهُمْ شَرَابًا طَهُورًا
ފެހިކުލައިގެ ސުންދުސް ފޭރާމާއި، އިސްތަބްރަޤު ފޭރާމުން އެއުރެންގައި ފޭރާން ލައްވާނެތެވެ. އަދި ރިހި އުޅާތަކުން އެއުރެން ގަހަނާ އަޅުއްވާނެތެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންނަށް ސާފު ޠާހިރު ބުއިމެއް ބޯންދެއްވާނެތެވެ.
﴿22﴾ إِنَّ هَٰذَا كَانَ لَكُمْ جَزَاءً وَكَانَ سَعْيُكُم مَّشْكُورًا
(އަދި އެއުރެންނަށް އަންގަވާނެތެވެ.) ހަމަކަށަވަރުން، މިކަންތައްވަނީ، ތިޔަބައިމީހުންނަށް (ހެޔޮ) ޖަޒާއެއް ކަމުގައެވެ. އަދި ތިޔަބައިމީހުންކުޅަ މަސައްކަތަކީ، ޝުކުރު ލިބެނިވި ކަމެއްކަމުގައި ވެއެވެ.
﴿23﴾ إِنَّا نَحْنُ نَزَّلْنَا عَلَيْكَ الْقُرْآنَ تَنزِيلًا
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ޤުރްއާން ވަކިވަކިކޮށް ބާވައިލެއްވީމެވެ.
﴿24﴾ فَاصْبِرْ لِحُكْمِ رَبِّكَ وَلَا تُطِعْ مِنْهُمْ آثِمًا أَوْ كَفُورًا
ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙުކުމްފުޅަށް، ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! އަދި އެއުރެންގެ ތެރެއިން ފާފަވެރިޔަކަށް، ނުވަތަ ކާފިރަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ!
﴿25﴾ وَاذْكُرِ اسْمَ رَبِّكَ بُكْرَةً وَأَصِيلًا
އަދި ހެނދުނާއި، ހަވީރު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅު ހަނދުމަކުރައްވާށެވެ!
﴿26﴾ وَمِنَ اللَّيْلِ فَاسْجُدْ لَهُ وَسَبِّحْهُ لَيْلًا طَوِيلًا
އަދި ރޭގަނޑުން ބައެއްގައި، އެކަލާނގެއަށް ކަލޭގެފާނު ސަޖިދަ ކުރައްވާށެވެ! އަދި ރޭގަނޑުގެ ދިގު ވަގުތުތަކުގައި، ކަލޭގެފާނު އެކަލާނގެއަށް ތަސްބީޙަ ވިދާޅުވާށެވެ!
﴿27﴾ إِنَّ هَٰؤُلَاءِ يُحِبُّونَ الْعَاجِلَةَ وَيَذَرُونَ وَرَاءَهُمْ يَوْمًا ثَقِيلًا
ހަމަކަށަވަރުން، މިބައިމީހުން ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރެތެވެ. އަދި ބަރުދަންހުރި ދުވަހެއް އެއުރެންގެ ފަހަތަށް ދޫކޮށްލަތެވެ.
﴿28﴾ نَّحْنُ خَلَقْنَاهُمْ وَشَدَدْنَا أَسْرَهُمْ ۖ وَإِذَا شِئْنَا بَدَّلْنَا أَمْثَالَهُمْ تَبْدِيلًا
ތިމަންރަސްކަލާނގެ އެއުރެން ހެއްދެވީމެވެ. އަދި އެއުރެންގެ ހެއްދެވުން ވަރުގަދަކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، އެއުރެންފަދަ އެހެންބަޔަކު ގެންނަވައި، ފުރިހަމަޔަށް އެއުރެން ބަދަލުކުރައްވައިފީމުހެވެ.
﴿29﴾ إِنَّ هَٰذِهِ تَذْكِرَةٌ ۖ فَمَن شَاءَ اتَّخَذَ إِلَىٰ رَبِّهِ سَبِيلًا
ހަމަކަށަވަރުން، މި ޤުރްއާނަކީ، ހަނދާންކޮށްދިނުމެކެވެ. ފަހެ، ބޭނުންމީހަކު، އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް މަގެއް ހިފައިފާހުށިކަމެވެ.
﴿30﴾ وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ ۚ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا
އަދި ﷲ އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސްކަމެއް) ނޭދެވޭނެތެވެ. ހަމަކަށަވަރުން، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ.
﴿31﴾ يُدْخِلُ مَن يَشَاءُ فِي رَحْمَتِهِ ۚ وَالظَّالِمِينَ أَعَدَّ لَهُمْ عَذَابًا أَلِيمًا
އެކަލާނގެ އިރާދަކުރައްވާ މީހަކު، އެކަލާނގެ ރަޙްމަތުގެ ތެރެޔަށް ވައްދަވަތެވެ. އަދި އަނިޔާވެރިންނަށްޓަކައި، ވޭންދެނިވި ޢަޛާބު އެކަލާނގެ ތައްޔާރުކުރައްވާފައިވެއެވެ.
ފަހަތަށް
ކުރިއަށް