×
އަލް ޤަޞަޞް
ފަހަތަށް
القصص ކުރިއަށް
﴿١﴾ طسم
ط س م (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.)
﴿٢﴾ تِلْكَ آيَاتُ الْكِتَابِ الْمُبِينِ
މިއީ (ކަންތައްތައް) ބަޔާންވެގެންވާ ފޮތުގެ (އެބަހީ: ޤުރްއާނުގެ) އާޔަތްތަކެވެ.
﴿٣﴾ نَتْلُو عَلَيْكَ مِن نَّبَإِ مُوسَىٰ وَفِرْعَوْنَ بِالْحَقِّ لِقَوْمٍ يُؤْمِنُونَ
އީމާންވާ ބަޔަކަށްޓަކައި މޫސާގެފާނާއި، ފިރްޢައުނުގެ ވާހަކައިން ޙައްޤު ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަމެވެ.
﴿٤﴾ إِنَّ فِرْعَوْنَ عَلَا فِي الْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَائِفَةً مِّنْهُمْ يُذَبِّحُ أَبْنَاءَهُمْ وَيَسْتَحْيِي نِسَاءَهُمْ ۚ إِنَّهُ كَانَ مِنَ الْمُفْسِدِينَ
ހަމަކަށަވަރުން، ފިރްޢައުނު، ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެ ބިމުގެ އަހުލުވެރިން ބައިތަކަކަށް ބަހައިލިއެވެ. އޭގެތެރެއިން އެއްބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެއުރެންގެ ފިރިހެން ދަރިން ޤަތުލު ކޮށް، އެއުރެންގެ އަންހެންދަރިން ދޫކޮށްލިއެވެ. ހަމަކަށަވަރުން، އޭނާއަކީ، ފަސާދަ ކުރާ މީހުންގެ ތެރެއިންވީ މީހެކެވެ.
﴿٥﴾ وَنُرِيدُ أَن نَّمُنَّ عَلَى الَّذِينَ اسْتُضْعِفُوا فِي الْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ الْوَارِثِينَ
އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވަނީ، ބިމުގައި ދެރަވެ ނިކަމެތިވީ މީހުންނަށް ނިޢުމަތް ދެއްވުމަށެވެ. އަދި އެއުރެންނީ (އެހެންމީހުންނަށް މަގުދައްކާ) އިމާމުން ކަމުގައި ލެއްވުމަށެވެ. އަދި (ފިރްޢައުނުގެ ވެރިކަން) ވާރުތަވަނިވި މީހުން ކަމުގައި އެއުރެން ލެއްވުމަށެވެ.
﴿٦﴾ وَنُمَكِّنَ لَهُمْ فِي الْأَرْضِ وَنُرِيَ فِرْعَوْنَ وَهَامَانَ وَجُنُودَهُمَا مِنْهُم مَّا كَانُوا يَحْذَرُونَ
އަދި ބިމުގައި ތިމަންރަސްކަލާނގެ އެއުރެންނަށް ވެރިކަން ދެއްވުމަށެވެ. އަދި ފިރްޢައުނާއި، ހާމާނާއި، އެ ދެމީހުންގެ ލަޝްކަރަށް، އެއުރެން ބިރުގަންނަ ކަންތައްތައް، އެ ނިކަމެތި މީހުންގެ ފަރާތުން ދެއްކެވުމަށްޓަކައެވެ.
﴿٧﴾ وَأَوْحَيْنَا إِلَىٰ أُمِّ مُوسَىٰ أَنْ أَرْضِعِيهِ ۖ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِي الْيَمِّ وَلَا تَخَافِي وَلَا تَحْزَنِي ۖ إِنَّا رَادُّوهُ إِلَيْكِ وَجَاعِلُوهُ مِنَ الْمُرْسَلِينَ
އަދި ތިމަންރަސްކަލާނގެ މޫސާގެފާނުގެ މަންމައަށް އިލްހާމް ކުރެއްވީމެވެ. ކަމަނާ އެކަލޭގެފާނަށް ކިރުފޮދު އަރުވާހުށިކަމެވެ! ފަހެ، ކަމަނާ އެކަލޭގެފާނުގެ މައްޗަށް ބިރުފުޅުގެންފިނަމަ، އެކަލޭގެފާނު (ފޮށްޓަކަށް ލައްވައިފައި) ކޯރުގެ ތެރެއަށް އެއްލަވާހުށިކަމެވެ! އަދި ކަމަނާ ބިރުފުޅު ނުގަންނާށެވެ! އަދި ހިތާމަވެސް ނުކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަލޭގެފާނު ކަމަނާއަށް ރައްދުކުރައްވާހުށީމެވެ. އަދި އެކަލޭގެފާނު ރަސޫލުންގެ ތެރެއިން ލައްވާހުށީމެވެ.
﴿٨﴾ فَالْتَقَطَهُ آلُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّا وَحَزَنًا ۗ إِنَّ فِرْعَوْنَ وَهَامَانَ وَجُنُودَهُمَا كَانُوا خَاطِئِينَ
ފަހެ، ފިރްޢައުނުގެ އަހުލުވެރިން، އެކަލޭގެފާނު (އޮޔާދަނިކޮށް) ހޮވައި ނެގިއެވެ. އެއީ އެކަލޭގޭފާނު އެއުރެންނަށްހުރި ޢަދުއްވަކަށް، އަދި ހިތާމައަކަށް ވުމަށްޓަކައެވެ. ހަމަކަށަވަރުން، ފިރްޢައުނާއި، ހާމާނާއި، އެ ދެމީހުންގެ ލަޝްކަރު ވީ ކުށްވެރިން ކަމުގައެވެ.
﴿٩﴾ وَقَالَتِ امْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍ لِّي وَلَكَ ۖ لَا تَقْتُلُوهُ عَسَىٰ أَن يَنفَعَنَا أَوْ نَتَّخِذَهُ وَلَدًا وَهُمْ لَا يَشْعُرُونَ
އަދި ފިރްޢައުނުގެ އަނބިކަމަނާ ވިދާޅުވިއެވެ. (އޭނާއަކީ) ތިމަންނާއަށާއި، ކަލެޔަށްވާ ލޮލުގެ ފިނިކަމެކެވެ. ތިޔަބައިމީހުން އޭނާ ޤަތުލު ނުކުރާށެވެ! އޭނާ ތިމަންމެންނަށް މަންފާކޮށްދީފާނެކަން ނޭނގެއެވެ. ނުވަތަ ތިމަންމެން އޭނާއަކީ ދަރިއަކު ކަމުގައި ހަދާނީއެވެ. އަދި އެއުރެންނަކަށް (އޭގެ ނަތީޖާއެއް) ނޭނގެތެވެ.
﴿١٠﴾ وَأَصْبَحَ فُؤَادُ أُمِّ مُوسَىٰ فَارِغًا ۖ إِن كَادَتْ لَتُبْدِي بِهِ لَوْلَا أَن رَّبَطْنَا عَلَىٰ قَلْبِهَا لِتَكُونَ مِنَ الْمُؤْمِنِينَ
އަދި މޫސާގެފާނުގެ މައިކަމަނާގެ ހިތްޕުޅު (މޫސާގެފާނު ފިޔަވައި އެހެން ހުރިހާ ކަމަކުން) ހުސްވެގެންވެއެވެ. ތިމަންރަސްކަލާނގެ އެކަމަނާގެ ހިތްޕުޅަށް ގަދަކަން ނުދެއްވިނަމަ، އެ ދަރިކަލުންގެ ކަންތައް އެކަމަނާ ފާޅުކުރައްވައިފީހެވެ. (އެއީ ހަރުދަނާ) މުއުމިނުންގެ ތެރެއިން އެކަމަނާ ވެވަޑައިގަތުމަށްޓަކައެވެ.
﴿١١﴾ وَقَالَتْ لِأُخْتِهِ قُصِّيهِ ۖ فَبَصُرَتْ بِهِ عَن جُنُبٍ وَهُمْ لَا يَشْعُرُونَ
އަދި އެކަމަނާ މޫސާގެފާނުގެ އުޚްތަށް ވިދާޅުވިއެވެ. އޭނާ (އޮޔާދާތަން ބަލަމުން) ފަހަތުންގޮސް ބަލާށެވެ! ފަހެ، އޭނާ ދުރުގައި ހުރެގެން އެހެންމީހުންނަށް ނޭނގޭގޮތުން އެކަލޭގެފާނަށް ބަލަމުންދިޔައެވެ.
﴿١٢﴾ ۞ وَحَرَّمْنَا عَلَيْهِ الْمَرَاضِعَ مِن قَبْلُ فَقَالَتْ هَلْ أَدُلُّكُمْ عَلَىٰ أَهْلِ بَيْتٍ يَكْفُلُونَهُ لَكُمْ وَهُمْ لَهُ نَاصِحُونَ
އަދި އޭގެކުރިން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (އެކަލޭގެފާނުގެ މައިކަމަނާ މެނުވީ) އެހެން ކިރުމައިން ޙަރާމް ކުރެއްވީމެވެ. ދެން އެކަލޭގެފާނުގެ އުޚްތު ބުންޏެވެ. ތިޔަބައިމީހުންނަށްޓަކައި، އޭނާ ބަލަހައްޓައިދޭނެ ގެއެއްގެ އަހުލުވެރިން ތިޔަބައިމީހުންނަށް ތިމަން ދައްކަންހެއްޔެވެ؟ އަދި އެއުރެން އޭނާ ރަނގަޅަށް ބަލަހައްޓާނެތެވެ.
﴿١٣﴾ فَرَدَدْنَاهُ إِلَىٰ أُمِّهِ كَيْ تَقَرَّ عَيْنُهَا وَلَا تَحْزَنَ وَلِتَعْلَمَ أَنَّ وَعْدَ اللَّهِ حَقٌّ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
ފަހެ، ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ މައިކަމަނާއަށް އެކަލޭގެފާނު ރައްދުކުރެއްވީމެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން ޙާޞިލު ވުމަށްޓަކައެވެ. އަދި އެކަމަނާ ހިތާމަ ނުކުރެއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، ﷲގެ ވަޢުދުފުޅަކީ، ޙައްޤު ތެދުކަން އެކަމަނާ ދެނެގަތުމަށްޓަކައެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް އެކަމެއް ނޭނގެތެވެ.
﴿١٤﴾ وَلَمَّا بَلَغَ أَشُدَّهُ وَاسْتَوَىٰ آتَيْنَاهُ حُكْمًا وَعِلْمًا ۚ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ
އަދި އެކަލޭގެފާނު ބޮޑުފުޅުވެ، ފުރާފުރިހަމަވިހިނދު ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ޙިކުމަތާއި، ޢިލްމު ދެއްވީމެވެ. އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
﴿١٥﴾ وَدَخَلَ الْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَٰذَا مِن شِيعَتِهِ وَهَٰذَا مِنْ عَدُوِّهِ ۖ فَاسْتَغَاثَهُ الَّذِي مِن شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ فَوَكَزَهُ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَٰذَا مِنْ عَمَلِ الشَّيْطَانِ ۖ إِنَّهُ عَدُوٌّ مُّضِلٌّ مُّبِينٌ
އަދި އެރަށުގެ އަހުލުވެރިން، ޣާފިލުކަމުގައިތިބި ތަންވަޅެއްގައި އެކަލޭގެފާނު ރަށުތެރެއަށް ވެދެވަޑައިގަތެވެ. ދެން އެކަލޭގެފާނަށް ފެނިވަޑައިގަތީ، ތަޅާފޮޅާ ދެމީހެކެވެ. އެތަނުން އެކަކީ، އެކަލޭގެފާނުގެ ބައިގެ މީހެކެވެ. އަނެކަކީ އެކަލޭގެފާނުގެ ޢަދުއްވުންގެ ތެރެއިންވާ މީހެކެވެ. ފަހެ، އެކަލޭގެފާނުގެ ޢަދުއްވުންގެ ތެރެއިންވާ މީހާއާ ދެކޮޅަށް އެކަލޭގެފާނުގެ ބައިގެ މީހާއަށް ވާގިދެއްވުންއެދި އެކަލޭގެފާނަށް އޭނާ ގޮވައިލިއެވެ. އެހިނދު މޫސާގެފާނު އޭނާގެ ގައިގައި މުށްކަވާފައި ޖެއްސެވިއެވެ. ފަހެ (އެހިނދު) އޭނާގެ ކަންތައް ނިންމަވައިލެއްވިއެވެ. (އެބަހީ: އޭނާގެ ގައިގައި ޖެއްސެވުމުން، އޭނާ މަރުވީއެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންތައްމިވީ ޝައިޠާނާގެ ޢަމަލުގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެ ޝައިޠާނާއީ، ބަޔާންވެގެންހުރި މަގުފުރައްދާ ޢަދާވަތްތެރިޔެކެވެ.
﴿١٦﴾ قَالَ رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَغَفَرَ لَهُ ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ނަފްސަށް އަޅު އަނިޔާކޮށްފީމެވެ. ފަހެ، މިއަޅާޔަށް އިބަރަސްކަލާނގެ ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
﴿١٧﴾ قَالَ رَبِّ بِمَا أَنْعَمْتَ عَلَيَّ فَلَنْ أَكُونَ ظَهِيرًا لِّلْمُجْرِمِينَ
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާޔަށް ނިޢުމަތް ދެއްވާފައިވާތީ، ފަހެ، ދުވަހަކުވެސް ކުށްވެރިންނަށް ވާގިވެރިވާ މީހެއްކަމުގައި މިއަޅާ ނުވާހުށީމެވެ.
﴿١٨﴾ فَأَصْبَحَ فِي الْمَدِينَةِ خَائِفًا يَتَرَقَّبُ فَإِذَا الَّذِي اسْتَنصَرَهُ بِالْأَمْسِ يَسْتَصْرِخُهُ ۚ قَالَ لَهُ مُوسَىٰ إِنَّكَ لَغَوِيٌّ مُّبِينٌ
ފަހެ، އެކަލޭގެފާނު އެރަށުގައި ބިރުވެރި ޙާލުގައި (އަތުވެދާނެ ނުރައްކަލަކަށް) އިންތިޒާރު ކޮށްކޮށް ހުންނެވިއެވެ. ފަހެ، އެހާރުން އެކަލޭގެފާނުގެ އަރިހުން ކުރީދުވަހު އެހީއަށް އެދުނުމީހާ (އަނެއްކާވެސް) އެކަލޭގެފާނުގެ ކިބައިން އެހީއަށްއެދި ގޮވައިލިއެވެ. މޫސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ހަމަކަށަވަރުން، ކަލެޔަކީ، ފާޅުވެގެންހުރި ފުރެދުންތެރިއެއްކަން ކަށަވަރެވެ.
﴿١٩﴾ فَلَمَّا أَنْ أَرَادَ أَن يَبْطِشَ بِالَّذِي هُوَ عَدُوٌّ لَّهُمَا قَالَ يَا مُوسَىٰ أَتُرِيدُ أَن تَقْتُلَنِي كَمَا قَتَلْتَ نَفْسًا بِالْأَمْسِ ۖ إِن تُرِيدُ إِلَّا أَن تَكُونَ جَبَّارًا فِي الْأَرْضِ وَمَا تُرِيدُ أَن تَكُونَ مِنَ الْمُصْلِحِينَ
ފަހެ، އެ ދެމީހުންގެ ޢަދާވަތްތެރިޔަކު ކަމުގައިވާ މީހާގެ މައްޗަށް ގަދަކަން ދެއްކެވުމަށް އެކަލޭގެފާނު ހީފުޅުކުރެއްވިހިނދު، އެމީހާ ބުންޏެވެ. އޭ މޫސާގެފާނެވެ! ކަލޭގެފާނު އިއްޔެ މީހަކު މެރުއްވިފަދައިން، ތިމަންވެސް މެރުއްވުމަށް ގަސްދުކުރައްވަނީތޯއެވެ؟ ބިމުގައި ޖައްބާރަކަށްވެގެން އުޅުއްވުން މެނުވީ ކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމުއެވެ. އަދި އިޞްލާޙު ކުރާ މީހުންގެ ތެރެއިން ވުމަކަށްވެސް ކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމުއެވެ.
﴿٢٠﴾ وَجَاءَ رَجُلٌ مِّنْ أَقْصَى الْمَدِينَةِ يَسْعَىٰ قَالَ يَا مُوسَىٰ إِنَّ الْمَلَأَ يَأْتَمِرُونَ بِكَ لِيَقْتُلُوكَ فَاخْرُجْ إِنِّي لَكَ مِنَ النَّاصِحِينَ
އަދި އެރަށުގެ އެންމެދުރު ފަރާތުން މީހަކު ދުވަމުންއައިސް ދެންނެވިއެވެ. އޭ މޫސާގެފާނެވެ. ހަމަކަށަވަރުން، ރަށުގެ ބޮޑުން ކަލޭގެފާނު ޤަތުލު ކުރުމަށް އެބަ ސައްލާކުރެތެވެ. ފަހެ، ކަލޭގެފާނު (މިރަށުން) ނުކުމެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންވަނީ ކަލޭގެފާނަށް ނަޞޭޙަތްތެރިވާ މީހުންގެ ތެރެއިންނެވެ.
﴿٢١﴾ فَخَرَجَ مِنْهَا خَائِفًا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ
ފަހެ، އެކަލޭގެފާނު ބިރުވެރި ޙާލުގައި (އަތުވެދާނެ ނުރައްކަލަކަށް) އިންތިޒާރު ކުރައްވަމުން އެރަށުން ނުކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަނިޔާވެރިވި މީހުންގެ ކިބައިން މިއަޅާ ސަލާމަތްކުރައްވާނދޭވެ!
﴿٢٢﴾ وَلَمَّا تَوَجَّهَ تِلْقَاءَ مَدْيَنَ قَالَ عَسَىٰ رَبِّي أَن يَهْدِيَنِي سَوَاءَ السَّبِيلِ
އަދި އެކަލޭގެފާނު މަދްޔަނާ ދިމާއަށް ވަޑައިގެންނެވިހިނދު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާނގެ މިއަޅާއަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށިއެވެ!
﴿٢٣﴾ وَلَمَّا وَرَدَ مَاءَ مَدْيَنَ وَجَدَ عَلَيْهِ أُمَّةً مِّنَ النَّاسِ يَسْقُونَ وَوَجَدَ مِن دُونِهِمُ امْرَأَتَيْنِ تَذُودَانِ ۖ قَالَ مَا خَطْبُكُمَا ۖ قَالَتَا لَا نَسْقِي حَتَّىٰ يُصْدِرَ الرِّعَاءُ ۖ وَأَبُونَا شَيْخٌ كَبِيرٌ
އަދި އެކަލޭގެފާނު މަދްޔަނުގެ ފެންވަޅުގެ ކައިރިޔަށް ވަޑައިގެންނެވިހިނދު، މީސްތަކުންގެ ތެރެއިން ގިނަބަޔަކު (އެއުރެންގެ ޖަނަވާރުތަކަށް) ފެންދެނިކޮށް އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ. އަދި އެއުރެންނާ ތަންކޮޅެއް ދުރުގައި ދެއަންހެނަކު ތިބެގެން (އެއުރެންގެ ޖަނަވާރުތައް) ދުރަށް ޖައްސާތީ ދެކެވަޑައިގެންނެވިއެވެ. (އެހިނދު) އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަ ދެމީހުން ތިޔަހެން ހަދަނީ ކީއްވެގެން ހެއްޔެވެ؟ އެ ދެ އަންހެނުން ދެންނެވިއެވެ. ޖަނަވާރުތައް ހުއިހައްޕާމީހުން (އެއުރެންގެ ޖަނަވާރުތަކަށް ފެންދީ) ދުރަށް ހިނގައްޖައުމަށް ދާނދެން، ތިމަންމެންގެ ޖަނަވާރަށް ތިމަންމެންނަކަށް ފެނެއް ނުދެވޭނެތެވެ. އަދި އަހުރެމެންގެ ބައްޕައަކީ (އެފަދަކަމެއް ކުރެއްވޭވަރަށްވުރެ) ޢުމުރުން ދުވަސްވެފައިވާ މުސްކުޅިއެކެވެ.
﴿٢٤﴾ فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰ إِلَى الظِّلِّ فَقَالَ رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ
ފަހެ، އެކަލޭގެފާނު (އެ ދެ އަންހެނުންގެ ޖަނަވާރުތަކަށްޓަކައި) އެ ދެ އަންހެނުންނަށް ފެންދެއްވިއެވެ. ދެން އެކަލޭގެފާނު އެނބުރި (ގަހެއްގެ) ހިޔަލަށް ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ.
﴿٢٥﴾ فَجَاءَتْهُ إِحْدَاهُمَا تَمْشِي عَلَى اسْتِحْيَاءٍ قَالَتْ إِنَّ أَبِي يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ۚ فَلَمَّا جَاءَهُ وَقَصَّ عَلَيْهِ الْقَصَصَ قَالَ لَا تَخَفْ ۖ نَجَوْتَ مِنَ الْقَوْمِ الظَّالِمِينَ
ފަހެ، އެ ދެ އަންހެނުންކުރެ އެކަކު ލަދުރަކިގޮތެއްގައި ހިނގާފައި އެކަލޭގެފާނުގެ އަރިހަށްއައިސް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންގެ ބައްޕާ ކަލޭގެފާނަށް އެބަގޮވައިލައްވައެވެ. (އެއީ) ކަލޭގެފާނު ތިމަންމެންނަށް ފެން ދެއްވިކަމުގެ މައްޗަށް އުޖޫރައެއް ދެއްވުމަށްޓަކައެވެ. ފަހެ، އެކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާގެ އަރިހަށް) ވަޑައިގެން އެކަލޭގެފާނުގެ ވާހަކަ ކިޔައިދެއްވި ހިނދު، އެކަލޭގެފާނު (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާ) ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! އަނިޔާވެރިވީ މީހުންގެ ކިބައިން ކަލޭގެފާނު ސަލާމަތް ވެވަޑައިގެންފީމުއެވެ.
﴿٢٦﴾ قَالَتْ إِحْدَاهُمَا يَا أَبَتِ اسْتَأْجِرْهُ ۖ إِنَّ خَيْرَ مَنِ اسْتَأْجَرْتَ الْقَوِيُّ الْأَمِينُ
އެ ދެ އަންހެނުންކުރެ އެކަކު ދެންނެވިއެވެ. އޭ ބައްޕާއެވެ! އޭނާއަށް ނޯކިރީއެއް ދެއްވާފައި ބަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއް ކަމުގައި ބަހައްޓަވަން އެންމެރަނގަޅު މީހަކީ، ގައިބާރުހުރި އަމާނާތްތެރިޔެކެވެ.
﴿٢٧﴾ قَالَ إِنِّي أُرِيدُ أَنْ أُنكِحَكَ إِحْدَى ابْنَتَيَّ هَاتَيْنِ عَلَىٰ أَن تَأْجُرَنِي ثَمَانِيَ حِجَجٍ ۖ فَإِنْ أَتْمَمْتَ عَشْرًا فَمِنْ عِندِكَ ۖ وَمَا أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّالِحِينَ
އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަން ގަސްދުކުރަނީ ތިމަންގެ މިތިބަ ދެ އަންހެން ދަރިންކުރެ އެކަކު، ކަލޭގެފާނާ ދެވުމަށެވެ. އަށްއަހަރު ވަންދެން ތިމަންނާއަށް ޚިދުމަތް ކޮށްދެއްވުމުގެ ޝަރުޠުގެ މަތިންނެވެ. ފަހެ، ދިހައަހަރު ކަލޭގެފާނު ހަމަކުރައްވައިފިނަމަ، އެއީ ކަލޭގެފާނުގެ ހެޔޮފުޅުކަމެވެ. އަދި ކަލޭގެފާނަށް އުނދަގޫކުރާކަށް ތިމަން ނޭދެމެވެ. ﷲ އިރާދަކުރެއްވިއްޔާ ތިމަންނާއީ ޞާލިޙުންގެ ތެރެއިންވާ މީހެއްކަން ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ.
﴿٢٨﴾ قَالَ ذَٰلِكَ بَيْنِي وَبَيْنَكَ ۖ أَيَّمَا الْأَجَلَيْنِ قَضَيْتُ فَلَا عُدْوَانَ عَلَيَّ ۖ وَاللَّهُ عَلَىٰ مَا نَقُولُ وَكِيلٌ
އެކަލޭގެފާނު (އެބަހީ: މޫސާގެފާނު) ވިދާޅުވިއެވެ. އެއީ ތިމަންނާއާ ކަލޭގެފާނާ ދެމެދު އެއްބަސްވީގޮތެވެ. ދެ މުއްދަތުންކުރެ ކޮންމެ މުއްދަތެއް ތިމަން ވޭތިކުރިޔަސް، ފަހެ، ތިމަންގެ މައްޗަކަށް ދެކޮޅުވެރިވުމެއްނެތެވެ. އަދި ތިމަންމެން މި ބުނާބަހުގެ މައްޗަށް ﷲ ހެކިވެވޮޑިގެންވެއެވެ.
﴿٢٩﴾ ۞ فَلَمَّا قَضَىٰ مُوسَى الْأَجَلَ وَسَارَ بِأَهْلِهِ آنَسَ مِن جَانِبِ الطُّورِ نَارًا قَالَ لِأَهْلِهِ امْكُثُوا إِنِّي آنَسْتُ نَارًا لَّعَلِّي آتِيكُم مِّنْهَا بِخَبَرٍ أَوْ جَذْوَةٍ مِّنَ النَّارِ لَعَلَّكُمْ تَصْطَلُونَ
ފަހެ، މޫސާގެފާނު އެ މުއްދަތު ހަމަކުރައްވައި، އެކަލޭގެފާނުގެ އަހުލުވެރިންނާއެކު (ދަތުރުކުރައްވައި) ވަޑައިގެންނެވިހިނދު، ޠޫރު ފަރުބަދައިގެ ކައިރިން އަލިފާންގަނޑެއް ފެނިވަޑައިގަތެވެ. އެކަލޭގެފާނު، އެކަލޭގެފާނުގެ އަހުލުވެރިންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން މިތާ ތިބޭށެވެ! ހަމަކަށަވަރުން، ތިމަންނާއަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. ތިޔަބައިމީހުންގެ ގާތަށް އެތަނުން ޚަބަރެއް ނުވަތަ ތިޔަބައިމީހުން ހީފިލުވުމަށް އަލިފާންކޮޅެއް ގެނެސްދެވޭތޯ ބަލާހުށީމެވެ.
﴿٣٠﴾ فَلَمَّا أَتَاهَا نُودِيَ مِن شَاطِئِ الْوَادِ الْأَيْمَنِ فِي الْبُقْعَةِ الْمُبَارَكَةِ مِنَ الشَّجَرَةِ أَن يَا مُوسَىٰ إِنِّي أَنَا اللَّهُ رَبُّ الْعَالَمِينَ
ފަހެ، އެކަލޭގެފާނު އެ އަލިފާންގަނޑުގެ ކައިރިޔަށް ވަޑައިގަތްހިނދު، ވާދީގެ ކަނާތްފަރާތުގައިވާ ބަރަކާތްތެރި ތަނަކުން ގަހެއްގެ ތެރެއިން އެކަލޭގެފާނަށް ނިދާއިއްވެވިއެވެ. އޭ މޫސާގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ޢާލަމްތަކުގެ ވެރި ﷲއެވެ.
﴿٣١﴾ وَأَنْ أَلْقِ عَصَاكَ ۖ فَلَمَّا رَآهَا تَهْتَزُّ كَأَنَّهَا جَانٌّ وَلَّىٰ مُدْبِرًا وَلَمْ يُعَقِّبْ ۚ يَا مُوسَىٰ أَقْبِلْ وَلَا تَخَفْ ۖ إِنَّكَ مِنَ الْآمِنِينَ
އަދި ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ! ފަހެ، އެ އަސާކޮޅު (އެއްލެވީމާ) ހަރުފައެއް ފަދައިން ހެލިފެލިވާތީ އެކަލޭގެފާނު ދެކެވަޑައިގަތްހިނދު (ބިރުފުޅުން) ފުރަގަސްދެއްވައި ދުވެވަޑައިގަތެވެ. އަދި އެނބުރި ވަޑައެއްނުގަތެވެ. (ވަޙީ އިއްވެވިއެވެ.) އޭ މޫސާގެފާނެވެ! ކުރިމަތިލައްވައި ވަޑައިގަންނަވާށެވެ! އަދި ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ އަމާންކަން ލިބިގެންވާ މީހުންގެ ތެރެއިންނެވެ.
﴿٣٢﴾ اسْلُكْ يَدَكَ فِي جَيْبِكَ تَخْرُجْ بَيْضَاءَ مِنْ غَيْرِ سُوءٍ وَاضْمُمْ إِلَيْكَ جَنَاحَكَ مِنَ الرَّهْبِ ۖ فَذَانِكَ بُرْهَانَانِ مِن رَّبِّكَ إِلَىٰ فِرْعَوْنَ وَمَلَئِهِ ۚ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ
އަދި ކަލޭގެފާނު ހެދުންކޮޅުގެ މަންސަފާއަށް އަތްޕުޅު ލައްވާށެވެ! އެއްވެސް ބަލިމަޑުކަމެއްގެ ނުބަޔަކާނުލައި، ހުދުކޮށް (ވިދަވިދާ އޮންނަ ގޮތުގައި) އެ އަތްޕުޅު ނުކުންނާނެތެވެ. އަދި ކަލޭގެފާނުގެ އަތްޕުޅު، ބިރުވެރިކަމުން ކަލޭގެފާނުގެ އަރިކަށިފުޅަށް ލަފައިލައްވާށެވެ! ފަހެ، އެ ދެކަންތަކަކީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފިރްޢައުނާއި، އޭނާގެ ބޮޑުންނަށް (ދެއްކެވުމަށް) ވާ ދެ ޙުއްޖަތެވެ. ހަމަކަށަވަރުން، ފާސިޤު ބަޔަކު ކަމުގައި އެއުރެންވޫއެވެ.
﴿٣٣﴾ قَالَ رَبِّ إِنِّي قَتَلْتُ مِنْهُمْ نَفْسًا فَأَخَافُ أَن يَقْتُلُونِ
އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިއަޅާވަނީ، އެއުރެންގެ ތެރެއިން މީހަކު ޤަތުލު ކޮށްފައެވެ. ފަހެ، އެއުރެން މިއަޅާ ޤަތުލު ކޮށްފާނެތީ، މިއަޅާ ބިރުގަނެތެވެ.
﴿٣٤﴾ وَأَخِي هَارُونُ هُوَ أَفْصَحُ مِنِّي لِسَانًا فَأَرْسِلْهُ مَعِيَ رِدْءًا يُصَدِّقُنِي ۖ إِنِّي أَخَافُ أَن يُكَذِّبُونِ
އަދި މިއަޅާގެ އަޚު، ހާރޫނު މިއަޅާއަށްވުރެ ދޫފަސޭހަކަން ބޮޑެވެ. ފަހެ، އަޅުގެ ބަސްތެދުކޮށް އަޅާއަށް އެހީތެރިވުމަށް މިއަޅާއަށް އެކުގައި އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވައިފާނދޭވެ! ހަމަކަށަވަރުން، އެއުރެން މިއަޅާ ދޮގުކޮށްފާނެކަމަށް މިއަޅާ ބިރުގަނެތެވެ.
﴿٣٥﴾ قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجْعَلُ لَكُمَا سُلْطَانًا فَلَا يَصِلُونَ إِلَيْكُمَا ۚ بِآيَاتِنَا أَنتُمَا وَمَنِ اتَّبَعَكُمَا الْغَالِبُونَ
އެކަލާނގެ ވަޙީ ކުރެއްވިއެވެ. ކަލޭގެފާނުގެ އަޚު ފޮނުއްވުމުން ކަލޭގެފާނުގެ މުލައްދަނޑިފުޅަށް ތިމަންރަސްކަލާނގެ ގަދަކަން ދެއްވާހުށީމެވެ. އަދި ތިޔަ ދެކަލުންނަށް ބާރެއް ދެއްވާހުށީމެވެ. ފަހެ، ތިމަންރަސްކަލާނގެ ދެއްވި މުޢުޖިޒާތުގެ ސަބަބުން، އެއުރެންނަކަށް ތިޔަ ދެކަލުންނާ ހަމައަށް (އުނދަގުލެއް ދޭކަށް) ނާދެވޭހުށްޓެވެ. ތިޔަ ދެކަލުންނާއި، ތިޔަ ދެކަލުންނަށް ތަބަޢަ ވީ މީހުންނަކީ (ނަޞްރު ލިބި) ގަދަވާނޭ މީހުންނެވެ.
﴿٣٦﴾ فَلَمَّا جَاءَهُم مُّوسَىٰ بِآيَاتِنَا بَيِّنَاتٍ قَالُوا مَا هَٰذَا إِلَّا سِحْرٌ مُّفْتَرًى وَمَا سَمِعْنَا بِهَٰذَا فِي آبَائِنَا الْأَوَّلِينَ
ފަހެ، ބަޔާންވެގެންވާ ޙާލު، ތިމަންރަސްކަލާނގެ ހެކިތަކާއިގެން މޫސާގެފާނު އެއުރެންގެ ގާތަށް ވަޑައިގަތްހިނދު، އެއުރެން ބުނޫއެވެ. މިއީ އަމިއްލައަށް ހަދައިގެންއުޅޭ ޖާދޫއެއްކަމުގައި ނޫނީ ނުވެތެވެ. އަދި ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް މިފަދަ ވާހަކައެއް (ވާކަމަކަށް) ތިމަންމެން ނާހަމުއެވެ.
﴿٣٧﴾ وَقَالَ مُوسَىٰ رَبِّي أَعْلَمُ بِمَن جَاءَ بِالْهُدَىٰ مِنْ عِندِهِ وَمَن تَكُونُ لَهُ عَاقِبَةُ الدَّارِ ۖ إِنَّهُ لَا يُفْلِحُ الظَّالِمُونَ
އަދި މޫސާގެފާނު ވިދާޅުވިއެވެ. އެކަލާނގެ ޙަޟްރަތުން ތެދުމަގާއިގެން އައީ ކާކުކަން، އަދި އާޚިރަތް ދުވަހުން ތަޢުރީފު ލިބިގެންވާ ނިމުމެއް ލިބޭނީ ކާކަށްކަން، އެންމެމޮޅަށް ދެނެވޮޑިގެންވަނީ ތިމަންމެންގެ ވެރިރަސްކަލާނގެއެވެ. ހަމަކަށަވަރުން، އަނިޔާވެރިންނެއް ނުދިނޭނެތެވެ.
﴿٣٨﴾ وَقَالَ فِرْعَوْنُ يَا أَيُّهَا الْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَٰهٍ غَيْرِي فَأَوْقِدْ لِي يَا هَامَانُ عَلَى الطِّينِ فَاجْعَل لِّي صَرْحًا لَّعَلِّي أَطَّلِعُ إِلَىٰ إِلَٰهِ مُوسَىٰ وَإِنِّي لَأَظُنُّهُ مِنَ الْكَاذِبِينَ
ފިރްޢައުނު ބުންޏެވެ. އޭ (އަހުރެންގެ ޤައުމުގެ) ބޮޑުންނޭވެ! އަހުރެން ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް އެނގިފައެއް ނުވެތެވެ. އޭ ހާމާނެވެ! އަހުރެންނަށް މަށިން އީޓު ހަދައިދޭށެވެ! އަދި އަހުރެންނަށް އުސްގަނޑުވަރެއް ތައްޔާރުކޮށްދޭށެވެ! (އެއީ) މޫސާގެފާނުންގެ އިލާހު އަހުރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، އެކަލޭގެފާނުވަނީ ދޮގުވެރިންގެ ތެރެއިން ކަމަށެވެ.
﴿٣٩﴾ وَاسْتَكْبَرَ هُوَ وَجُنُودُهُ فِي الْأَرْضِ بِغَيْرِ الْحَقِّ وَظَنُّوا أَنَّهُمْ إِلَيْنَا لَا يُرْجَعُونَ
އަދި އޭނާއާއި، އޭނާގެ ލަޝްކަރު ޙައްޤަކާ ނުލައި ބިމުގައި ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ ޙަޟްރަތަށް އެއުރެން އަނބުރާ ރުޖޫޢަ ނުކުރައްވާނެކަމަށް އެއުރެން ހީކުރޫއެވެ.
﴿٤٠﴾ فَأَخَذْنَاهُ وَجُنُودَهُ فَنَبَذْنَاهُمْ فِي الْيَمِّ ۖ فَانظُرْ كَيْفَ كَانَ عَاقِبَةُ الظَّالِمِينَ
ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ ލަޝްކަރު ހިއްޕަވައި، ދެން ތިމަންރަސްކަލާނގެ އެއުރެން ކަނޑު ލެއްވީމެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!
﴿٤١﴾ وَجَعَلْنَاهُمْ أَئِمَّةً يَدْعُونَ إِلَى النَّارِ ۖ وَيَوْمَ الْقِيَامَةِ لَا يُنصَرُونَ
އަދި ނަރަކަޔަށް (ވަނުމަށް މީސްތަކުންނަށް) ގޮވާ ޒަޢީމުން ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. އަދި ޤިޔާމަތް ދުވަހުން އެއުރެންނަކަށް ނަޞްރެއް ނުލިބޭނެތެވެ.
﴿٤٢﴾ وَأَتْبَعْنَاهُمْ فِي هَٰذِهِ الدُّنْيَا لَعْنَةً ۖ وَيَوْمَ الْقِيَامَةِ هُم مِّنَ الْمَقْبُوحِينَ
އަދި ތިމަންރަސްކަލާނގެ މިދުނިޔެމަތީގައިވެސް، އެއުރެންނަށް ލަޢުނަތް ލެއްވީމެވެ. އަދި ޤިޔާމަތް ދުވަހުގައި، އެއުރެންނީ (ﷲގެ ރަޙްމަތުން) ދުރުކުރައްވާފައިވާ ބަޔެކެވެ.
﴿٤٣﴾ وَلَقَدْ آتَيْنَا مُوسَى الْكِتَابَ مِن بَعْدِ مَا أَهْلَكْنَا الْقُرُونَ الْأُولَىٰ بَصَائِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ
އަދި ހަމަކަށަވަރުން، އިހުގެ ޖީލުތައް ހަލާކު ކުރެއްވުމަށްފަހުގައި، ތިމަންރަސްކަލާނގެ މޫސާގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) މީސްތަކުންނަށް ހުރި ޢިބްރަތެއް ކަމުގައްޔާއި، ތެދުމަގެއް ކަމުގައްޔާއި، ރަޙްމަތެއް ކަމުގައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ.
﴿٤٤﴾ وَمَا كُنتَ بِجَانِبِ الْغَرْبِيِّ إِذْ قَضَيْنَا إِلَىٰ مُوسَى الْأَمْرَ وَمَا كُنتَ مِنَ الشَّاهِدِينَ
(އޭ މުޙައްމަދުގެފާނެވެ!) އަދި ތިމަންރަސްކަލާނގެ މޫސާގެފާނަށް އަމުރުތައް ކަނޑައެޅުއްވިހިނދު (ފަރުބަދައިގެ) ހުޅަނގުފަރާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި (އެތަނަށް) ޙާޟިރުވި މީހުންގެ ތެރެޔަކުންވެސް ކަލޭގެފާނު ވެވަޑައިގެން ނުވަމުއެވެ.
﴿٤٥﴾ وَلَٰكِنَّا أَنشَأْنَا قُرُونًا فَتَطَاوَلَ عَلَيْهِمُ الْعُمُرُ ۚ وَمَا كُنتَ ثَاوِيًا فِي أَهْلِ مَدْيَنَ تَتْلُو عَلَيْهِمْ آيَاتِنَا وَلَٰكِنَّا كُنَّا مُرْسِلِينَ
އެހެނެއްކަމަކު (އޭގެފަހަށް) ތިމަންރަސްކަލާނގެ އެތައް ޖީލެއްގެ މީހުން އުފެއްދެވީމެވެ. ފަހެ، އެއުރެންގެ މައްޗަށް ޒަމާން ދިގުވެގެންދިޔައެވެ. އަދި މަދްޔަނުގެ އަހުލުވެރިންގެ ތެރޭގައި އެއުރެންނަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔަވައި ދެއްވާކަށް ކަލޭގެފާނު ނުހުންނަވަމުއެވެ. އެހެނެއްކަމަކު، ކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވީ (އަދި އެ ޚަބަރުތައް ކަލޭގެފާނަށް އެންގެވީ) ތިމަންރަސްކަލާނގެއެވެ.
﴿٤٦﴾ وَمَا كُنتَ بِجَانِبِ الطُّورِ إِذْ نَادَيْنَا وَلَٰكِن رَّحْمَةً مِّن رَّبِّكَ لِتُنذِرَ قَوْمًا مَّا أَتَاهُم مِّن نَّذِيرٍ مِّن قَبْلِكَ لَعَلَّهُمْ يَتَذَكَّرُونَ
(އޭ މުޙައްމަދުގެފާނެވެ!) އަދި ތިމަންރަސްކަލާނގެ (މޫސާގެފާނަށް) ނިދާއިއްވެވިހިނދު، ޠޫރު ފަރުބަދައިގެ ކައިރިއަކު ކަލޭގެފާނު ވަޑައިގެންނުވަމުއެވެ. އެހެނެއްކަމަކު (ކަލޭގެފާނު ފޮނުއްވާފައިވަނީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުންވާ ރަޙްމަތެއް ކަމުގައެވެ. (އެއީ) ކަލޭގެފާނުގެ ކުރީގައި އެއުރެންގެގާތަށް އިންޛާރު ކުރައްވާ ރަސޫލަކު ވަޑައިގެންފައިނުވާ ޤައުމެއްގެ މީހުންނަށް އިންޛާރު ކުރެއްވުމަށްޓަކައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ.
﴿٤٧﴾ وَلَوْلَا أَن تُصِيبَهُم مُّصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ فَيَقُولُوا رَبَّنَا لَوْلَا أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ آيَاتِكَ وَنَكُونَ مِنَ الْمُؤْمِنِينَ
އަދި އެއުރެންގެ އަތްތަކުން އިސްކުޅަ ޢަމަލުތަކުގެ ސަބަބުން އެއުރެންނަށް މުޞީބަތެއް ނުޖެހޭނެނަމަ (ތިމަންރަސްކަލާނގެ ރަސޫލު ބޭކަލުން ނުފޮނުއްވީމުހެވެ.) ފަހެ، އޭރުން އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ގާތަށް އިބަރަސްކަލާނގެ ރަސޫލަކު ނުފޮނުއްވީ ކީއްވެގެންތޯއެވެ؟ އޭރުން އަޅަމެން އިބަރަސްކަލާނގެ އާޔަތްތަކަށް ތަބަޢަވެ، މުއުމިނުންގެ ތެރެއިން ވެއްޖައީމުހެވެ.
﴿٤٨﴾ فَلَمَّا جَاءَهُمُ الْحَقُّ مِنْ عِندِنَا قَالُوا لَوْلَا أُوتِيَ مِثْلَ مَا أُوتِيَ مُوسَىٰ ۚ أَوَلَمْ يَكْفُرُوا بِمَا أُوتِيَ مُوسَىٰ مِن قَبْلُ ۖ قَالُوا سِحْرَانِ تَظَاهَرَا وَقَالُوا إِنَّا بِكُلٍّ كَافِرُونَ
ފަހެ، ތިމަންރަސްކަލާނގެ ޙަޟްރަތުން އެއުރެންގެގާތަށް ޙައްޤު ތެދުމަގު އައިހިނދު (އެބަހީ: ތެދުމަގާއިގެން މުޙައްމަދުގެފާނު ވަޑައިގަތްހިނދު) އެއުރެން ބުނޫއެވެ. މޫސާގެފާނަށް ދެއްވިފަދަ މުޢުޖިޒާތްތަކެއް އެކަލޭގެފާނަށް ނުދެއްވީ ކީއްވެގެން ހެއްޔެވެ؟ މީގެކުރިން މޫސާގެފާނަށް ދެއްވި އެއްޗަކަށް، އެއުރެން ފަހެ، ކާފިރު ވެފައެއް ނުވޭހެއްޔެވެ؟ އެއުރެން ބުނޫއެވެ. (ތައުރާތާއި ޤުރްއާނަކީ) އެކަތި އަނެކައްޗަށް ވާގިވެރިވާ ދެ ޖާދޫއެކެވެ. އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެއިންކޮންމެ އެއްޗަކަށް ތިމަންމެން ކާފިރު ވަމުއެވެ.
﴿٤٩﴾ قُلْ فَأْتُوا بِكِتَابٍ مِّنْ عِندِ اللَّهِ هُوَ أَهْدَىٰ مِنْهُمَا أَتَّبِعْهُ إِن كُنتُمْ صَادِقِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމަ، ފަހެ، އެ ދެފޮތަށްވުރެ ތެދުމަގު ދެއްކުންބޮޑު ފޮތެއް، ތިމަންކަލޭގެފާނު އެއަށް ތަބަޢަ ވުމަށް، ﷲގެ ޙަޟްރަތުން ތިޔަބައިމީހުން ނިކަން ގެނެސްބަލާށެވެ!
﴿٥٠﴾ فَإِن لَّمْ يَسْتَجِيبُوا لَكَ فَاعْلَمْ أَنَّمَا يَتَّبِعُونَ أَهْوَاءَهُمْ ۚ وَمَنْ أَضَلُّ مِمَّنِ اتَّبَعَ هَوَاهُ بِغَيْرِ هُدًى مِّنَ اللَّهِ ۚ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
ފަހެ، އެއުރެން ކަލޭގެފާނަށް އިޖާބަ ނުދިންނަމަ (އެބަހީ: ކަލޭގެފާނު އެއުރެންގެ ކިބައިން އެދިވަޑައިގެންނެވި ކަންތައް، އެއުރެންނަށް ނުކުރެވިއްޖެނަމަ) ފަހެ، ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެއުރެން އެ ތަބަޢަ ވަނީ، ހަމައެކަނި އެއުރެންގެ (ނުބައި) އެދުންތަކަށެވެ. އަދި ﷲގެ ޙަޟްރަތުން ތެދުމަގަކާނުލައި، އެމީހެއްގެ އަމިއްލަ އެދުމަށް ތަބަޢަ ވީ މީހަކަށްވުރެ މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ.
﴿٥١﴾ ۞ وَلَقَدْ وَصَّلْنَا لَهُمُ الْقَوْلَ لَعَلَّهُمْ يَتَذَكَّرُونَ
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވަޙީގެ ބަސްފުޅު (އެބަހީ: ޤުރްއާން) ވިދިވިދިގެން ބާވައިލައްވައި، އެއުރެންނާ ހަމަޔަށް ގެނެސްދެއްވީމެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ.
﴿٥٢﴾ الَّذِينَ آتَيْنَاهُمُ الْكِتَابَ مِن قَبْلِهِ هُم بِهِ يُؤْمِنُونَ
މީގެކުރިން ތިމަންރަސްކަލާނގެ ފޮތްދެއްވި މީހުން (އެބަހީ: ތައުރާތާއި އިންޖީލުގެ އަހުލުވެރިންކުރެ އިސްލާމްވި މީހުން) އެފޮތަށް (އެބަހީ: ޤުރްއާނަށް) އީމާން ވެއެވެ.
﴿٥٣﴾ وَإِذَا يُتْلَىٰ عَلَيْهِمْ قَالُوا آمَنَّا بِهِ إِنَّهُ الْحَقُّ مِن رَّبِّنَا إِنَّا كُنَّا مِن قَبْلِهِ مُسْلِمِينَ
އަދި އެއުރެންނަށް އެ ފޮތް ކިޔަވައިދެވޭހިނދު އެއުރެން ބުނެތެވެ. ތިމަންމެން އެ ފޮތަށް އީމާން ވެއްޖައީމުއެވެ. ހަމަކަށަވަރުން، އެއީ ތިމަންމެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ޙައްޤު ތެދެވެ. ހަމަކަށަވަރުން، ތިމަންމެން މީގެކުރީގައިވެސް މުސްލިމުން ކަމުގައިވީމުއެވެ.
﴿٥٤﴾ أُولَٰئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ بِمَا صَبَرُوا وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ
އެއުރެންނީ، ކެތްތެރިވިކަމަށްޓަކައި، އެއުރެންނަށް ދެފަހަރަށް ދަރުމަ ދެއްވާނޭ މީހުންނެވެ. އަދި އެއުރެން ހެއުކަންތައް މެދުވެރިކޮށް ނުބައިކަންތައް ދިފާޢު ކުރެތެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން އެއުރެން ހޭދަކުރެތެވެ.
﴿٥٥﴾ وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ
އަދި އެއުރެންނަށް ބޭކާރު ވާހަކަ އިވޭހިނދު، އެއުރެން އެއިން އެއްކިބާވެގަނެތެވެ. އަދި އެއުރެން ބުނެތެވެ. ތިމަންމެންނަށް، ތިމަންމެންގެ ޢަމަލުތަކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ޢަމަލުތަކެވެ. ތިމަންމެންނާ ތިޔަބައިމީހުންނާ ވަތްކެވެ. (އެހެނީ) ތިމަންމެން ޖާހިލުންނާއެކު އުޅުމަކަށް ނޭދެމުއެވެ.
﴿٥٦﴾ إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَٰكِنَّ اللَّهَ يَهْدِي مَن يَشَاءُ ۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ
ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެތެވެ. އެހެނެއްކަމަކު، ﷲ، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތެދުމަގު ލިބެނިވި މީހުން މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.
﴿٥٧﴾ وَقَالُوا إِن نَّتَّبِعِ الْهُدَىٰ مَعَكَ نُتَخَطَّفْ مِنْ أَرْضِنَا ۚ أَوَلَمْ نُمَكِّن لَّهُمْ حَرَمًا آمِنًا يُجْبَىٰ إِلَيْهِ ثَمَرَاتُ كُلِّ شَيْءٍ رِّزْقًا مِّن لَّدُنَّا وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
އަދި އެއުރެން ބުނޫއެވެ. ތިމަންމެން ކަލޭގެފާނާއެކު ތެދުމަގަށް ތަބަޢަ ވެއްޖެނަމަ، ތިމަންމެން ރަށުން ތިމަންމެން ޖަހައިގަނެވޭ ހުށްޓެވެ. އަމާން ކަން ލިބިގެންވާ ޙަރަމެއް ތިމަންރަސްކަލާނގެ އެއުރެންނަށްޓަކައި ނުލައްވަންހެއްޔެވެ؟ އެތަނަށް ތިމަންރަސްކަލާނގެ ޙަޟްރަތުން ލިބެނިވި ރިޒްޤެއްގެ ގޮތުގައި، ހުރިހާ ބާވަތެއްގެ މޭވާ ގެނެވެއެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން އެކަމެއް ނުދަނެތެވެ.
﴿٥٨﴾ وَكَمْ أَهْلَكْنَا مِن قَرْيَةٍ بَطِرَتْ مَعِيشَتَهَا ۖ فَتِلْكَ مَسَاكِنُهُمْ لَمْ تُسْكَن مِّن بَعْدِهِمْ إِلَّا قَلِيلًا ۖ وَكُنَّا نَحْنُ الْوَارِثِينَ
އަދި އެއުރެންނަށް ދެއްވި ދިރިއުޅުމުގެ ތަނަވަސްކަމުގެ މައްޗަށް ކިބުރުވެރިވެގެން އުޅުނު ކިތައްކިތައް ރަށުގެ އަހުލުވެރިން ތިމަންރަސްކަލާނގެ ހަލާކުކޮށްލެއްވިން ހެއްޔެވެ؟ ފަހެ، އެއުރެންގެ ގެދޮރު (ފެންނާން) އެހުރީއެވެ. ވަރަށްމަދު ހިނދުކޮޅެއްގައި މެނުވީ، އެއިން ގެއެއްގައި އެއުރެންނަށްފަހު، މީހަކަށް ނޫޅެވެތެވެ. އަދި ދެމިހުންނަނިވި ވާރުތަވެރިޔަކީވެސް ތިމަންރަސްކަލާނގެއެވެ. (އެބަހީ: އެންމެހާ ތަކެތި ފަނާވެދިއުމަށްފަހުވެސް ދިރިދެމިވޮޑިގެންވަނީ ތިމަންރަސްކަލާނގެއެވެ.)
﴿٥٩﴾ وَمَا كَانَ رَبُّكَ مُهْلِكَ الْقُرَىٰ حَتَّىٰ يَبْعَثَ فِي أُمِّهَا رَسُولًا يَتْلُو عَلَيْهِمْ آيَاتِنَا ۚ وَمَا كُنَّا مُهْلِكِي الْقُرَىٰ إِلَّا وَأَهْلُهَا ظَالِمُونَ
އަދި ރަށްތަކުގެ ތެރެއިން މައިރަށަށް، ތިމަންރަސްކަލާނގެ އާޔަތްތައް ކިޔަވައި ވިދާޅުވެ ދެއްވާނޭ ރަސޫލަކު ފޮނުއްވައިފުމަށް ދާނދެން ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެރަށްތައް ހަލާކުކޮށެއް ނުލައްވަތެވެ. އެތަންތާނގެ އަހުލުވެރިން އަނިޔާވެރިވާ ޙާލުގައި މެނުވީ، ތިމަންރަސްކަލާނގެ އެރަށްތައް ހަލާކެއް ނުކުރައްވަމެވެ.
﴿٦٠﴾ وَمَا أُوتِيتُم مِّن شَيْءٍ فَمَتَاعُ الْحَيَاةِ الدُّنْيَا وَزِينَتُهَا ۚ وَمَا عِندَ اللَّهِ خَيْرٌ وَأَبْقَىٰ ۚ أَفَلَا تَعْقِلُونَ
އަދި ތިޔަބައިމީހުންނަށް ދެއްވި ކޮންމެ އެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެކެވެ. އަދި އެތާނގެ ޒީނަތްތެރިކަމެވެ. އަދި ﷲގެ ޙަޟްރަތުގައިވާ ތަކެތި ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭ ހެއްޔެވެ؟
﴿٦١﴾ أَفَمَن وَعَدْنَاهُ وَعْدًا حَسَنًا فَهُوَ لَاقِيهِ كَمَن مَّتَّعْنَاهُ مَتَاعَ الْحَيَاةِ الدُّنْيَا ثُمَّ هُوَ يَوْمَ الْقِيَامَةِ مِنَ الْمُحْضَرِينَ
ފަހެ، އެމީހަކަށް ރިވެތިވެގެންވާ ވަޢުދަކުން ތިމަންރަސްކަލާނގެ ވަޢުދު ކުރައްވާފައިވާ، އަދި އެ ވަޢުދު ކުރެއްވެވިކަމެއް ލިބެނިވި މީހަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފާ ތިމަންރަސްކަލާނގެ އެމީހަކަށް ދެއްވި މީހަކާ އެއްފަދަ މީހެއް ހެއްޔެވެ؟ ދެން ޤިޔާމަތް ދުވަހުން، އެމީހާވާހުށީ (ޢުޤޫބާތް ލިބުމަށް) ޙާޟިރު ކުރައްވާ މީހުންގެ ތެރެއިންނެވެ.
﴿٦٢﴾ وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَائِيَ الَّذِينَ كُنتُمْ تَزْعُمُونَ
އަދި އެއުރެންނަށް (އެބަހީ: މުޝްރިކުންނަށް) އެކަލާނގެ ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ، އެކަލާނގެ (އެދުވަހުން އެއުރެން ދެރަކޮށްލެއްވުމުގެގޮތުން) ވަޙީ ކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށްވާ ޝަރީކުން ކަމުގައި ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެތި ކޮބައިހެއްޔެވެ؟
﴿٦٣﴾ قَالَ الَّذِينَ حَقَّ عَلَيْهِمُ الْقَوْلُ رَبَّنَا هَٰؤُلَاءِ الَّذِينَ أَغْوَيْنَا أَغْوَيْنَاهُمْ كَمَا غَوَيْنَا ۖ تَبَرَّأْنَا إِلَيْكَ ۖ مَا كَانُوا إِيَّانَا يَعْبُدُونَ
އެއުރެންގެ މައްޗަށް (ކޯފާގެ) ބަސްފުޅު ޙައްޤު ވީ މީހުން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! މިތިބީ އަޅަމެން މަގުފުރެއްދި މީހުންނެވެ. އަޅަމެން، އެއުރެން މަގުފުރެއްދީ، އަޅަމެންވެސް މަގުފުރެދުނު ފަދައިންނެވެ. އިބަރަސްކަލާނގެ ޙަޟްރަތަށް އެއުރެންގެ ކިބައިން އަޅަމެން ބަރީއަވެއްޖައީމުއެވެ. އެއުރެން އަޅުކަންކޮށް އުޅުނީ އަޅަމެންނަކަށް ނޫނެވެ.
﴿٦٤﴾ وَقِيلَ ادْعُوا شُرَكَاءَكُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا لَهُمْ وَرَأَوُا الْعَذَابَ ۚ لَوْ أَنَّهُمْ كَانُوا يَهْتَدُونَ
އަދި (ދެރަކޮށްލެއްވުމުގެގޮތުން) އަންގަވާ ހުށްޓެވެ. ތިޔަބައިމީހުންގެ ޝަރީކުންނަށް ތިޔަބައިމީހުން ގޮވާށެވެ! ފަހެ، އެއުރެން އެ ޝަރީކުންނަށް ގޮވާނެތެވެ. އެ ޝަރީކުން އެއުރެންނަކަށް އިޖާބައެއް ނުދޭނެތެވެ. އަދި އެއުރެންނަށް ޢަޛާބު ފެންނަ ހުށްޓެވެ. އެހިނދު، އެއުރެންނަށް ތެދުމަގު ލިބުނުނަމަ، ކިހާރަނގަޅުހޭ އެއުރެން ހިތަށް އަރާނެތެވެ.
﴿٦٥﴾ وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَا أَجَبْتُمُ الْمُرْسَلِينَ
އަދި އެއުރެންނަށް (އެބަހީ: މުޝްރިކުންނަށް) އެކަލާނގެ ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ، އެކަލާނގެ ވަޙީ ކުރައްވާނެތެވެ. (ތިމަންރަސްކަލާނގެ ފޮނުއްވި) ރަސޫލުންނަށް ތިޔަބައިމީހުން ދިނީ ކޮން ޖަވާބެއް ހެއްޔެވެ؟
﴿٦٦﴾ فَعَمِيَتْ عَلَيْهِمُ الْأَنبَاءُ يَوْمَئِذٍ فَهُمْ لَا يَتَسَاءَلُونَ
ފަހެ، އެދުވަހުން (ރަނގަޅު ޖަވާބެއް ދިނުމަށް) ޚަބަރުތައް އެއުރެންގެ މައްޗަށް ފަރުދާވެގެން ހިނގައިދާހުށްޓެވެ. ފަހެ، އެއުރެން (ޙާއިރާން ވެފައިވާލެއް ބޮޑުކަމުން) އެކަކު އަނެކަކާ ސުއާލު ވެސް ކޮށްނުލާނެތެވެ.
﴿٦٧﴾ فَأَمَّا مَن تَابَ وَآمَنَ وَعَمِلَ صَالِحًا فَعَسَىٰ أَن يَكُونَ مِنَ الْمُفْلِحِينَ
ފަހެ، ތައުބާވެ، އީމާންވެ، ޞާލިޙު ޢަމަލުކުޅަމީހާ ދަންނާށެވެ! ފަހެ، އޭނާ ކާމިޔާބުވާ މީހުންގެ ތެރެއިންވުންގާތެވެ.
﴿٦٨﴾ وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ ۗ مَا كَانَ لَهُمُ الْخِيَرَةُ ۚ سُبْحَانَ اللَّهِ وَتَعَالَىٰ عَمَّا يُشْرِكُونَ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އަދި އެކަލާނގެ ރުއްސަވައިފި އަޅަކު (ނަބީކަމަށް) ޚިޔާރު ކުރައްވަތެވެ. އެއުރެންނަކަށް ޚިޔާރު ކުރުމެއް ނެތެވެ. އެއުރެން ޝަރީކު ކުރާ ތަކެތިން ﷲ ހުސްޠާހިރުވެ މަތިވެރިވެ ވޮޑިގެންވެއެވެ.
﴿٦٩﴾ وَرَبُّكَ يَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ
އަދި އެއުރެންގެ ހިތްތަކުގައި ވަންހަނާކުރާ ތަކެއްޗާއި، އެއުރެން ފާޅުކުރާ ތަކެތި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ.
﴿٧٠﴾ وَهُوَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ لَهُ الْحَمْدُ فِي الْأُولَىٰ وَالْآخِرَةِ ۖ وَلَهُ الْحُكْمُ وَإِلَيْهِ تُرْجَعُونَ
އަދި އެކަލާނގެއީ، ﷲއެވެ. އެކަލާނގެ މެނުވީ، އެހެން އިލާހަކު ނުވެއެވެ. ދުނިޔެއާއި، އާޚިރަތުގައި، އެންމެހާ ތަޢުރީފާއި، ޘަނާ މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި ނިޔާކުރެއްވުން މިލްކުވެގެންވަނީވެސް އެކަލާނގެއަށެވެ. އަދި ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީ، އެކަލާނގެ ޙަޟްރަތަށެވެ.
﴿٧١﴾ قُلْ أَرَأَيْتُمْ إِن جَعَلَ اللَّهُ عَلَيْكُمُ اللَّيْلَ سَرْمَدًا إِلَىٰ يَوْمِ الْقِيَامَةِ مَنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُم بِضِيَاءٍ ۖ أَفَلَا تَسْمَعُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ނިކަން ޚަބަރު ދީ ބަލާށެވެ! ތިޔަބައިމީހުންގެ މައްޗަށް ރޭގަނޑު (ބަދަލެއްނުވެ) ޤިޔާމަތް ދުވަހާ ޖެހެންދެން ދެމިއޮންނަ އެއްޗެއް ކަމުގައި ﷲ ލެއްވިނަމަ، ތިޔަބައިމީހުންނަށް (ދުވާލުގެ) އަލިކަން ގެނެސްދޭނީ، ﷲ ފިޔަވައި އެހެން ކޮން އިލާހެއް ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް ނީވެނީހެއްޔެވެ؟
﴿٧٢﴾ قُلْ أَرَأَيْتُمْ إِن جَعَلَ اللَّهُ عَلَيْكُمُ النَّهَارَ سَرْمَدًا إِلَىٰ يَوْمِ الْقِيَامَةِ مَنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُم بِلَيْلٍ تَسْكُنُونَ فِيهِ ۖ أَفَلَا تُبْصِرُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ނިކަން ޚަބަރު ދީ ބަލާށެވެ! ތިޔަބައިމީހުންގެ މައްޗަށް ދުވާލު (ބަދަލެއްނުވެ) ޤިޔާމަތް ދުވަހާ ޖެހެންދެން ދެމިއޮންނަ އެއްޗެއް ކަމުގައި ﷲ ލެއްވިނަމަ، ތިޔަބައިމީހުން އަރާމުކުރަން ތިބޭނޭ ރޭގަނޑެއް ތިޔަބައިމީހުންނަށް ގެނެސްދޭނީ، ﷲ ފިޔަވައި އެހެން ކޮން އިލާހެއް ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟
﴿٧٣﴾ وَمِن رَّحْمَتِهِ جَعَلَ لَكُمُ اللَّيْلَ وَالنَّهَارَ لِتَسْكُنُوا فِيهِ وَلِتَبْتَغُوا مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
އެކަލާނގެ ރަޙްމަތްވަންތަކަމުން ތިޔަބައިމީހުން އަރާމުކުރުމަށާއި، އެކަލާނގެ ފަޟްލުވަންތަކަމުން ދެއްވާ ރިޒްޤު ހޯދުމަށް މަސައްކަތް ކުރުމަށް، އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭގަނޑާއި، ދުވާލު ލެއްވިއެވެ. (އެއީ) ތިޔަބައިމީހުން ޝުކުރު ކުރުމަށްޓަކައެވެ.
﴿٧٤﴾ وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَائِيَ الَّذِينَ كُنتُمْ تَزْعُمُونَ
އަދި އެއުރެންނަށް (އެބަހީ: މުޝްރިކުންނަށް) އެކަލާނގެ ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ، އެކަލާނގެ (އެދުވަހުން އެއުރެން ދެރަކޮށްލެއްވުމުގެގޮތުން) ވަޙީ ކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށްވާ ޝަރީކުން ކަމުގައި ތިޔަބައިމީހުން ހީކޮށްއުޅުނު ތަކެތި ކޮބައިހެއްޔެވެ؟
﴿٧٥﴾ وَنَزَعْنَا مِن كُلِّ أُمَّةٍ شَهِيدًا فَقُلْنَا هَاتُوا بُرْهَانَكُمْ فَعَلِمُوا أَنَّ الْحَقَّ لِلَّهِ وَضَلَّ عَنْهُم مَّا كَانُوا يَفْتَرُونَ
އަދި ތިމަންރަސްކަލާނގެ ކޮންމެ އުއްމަތަކުން ހެކިވާނޭ މީހަކު ނެރުއްވާ ހުށީމެވެ. (އެއީ އެ އުއްމަތުގެ ނަބިއްޔާއެވެ.) ދެން ތިމަންރަސްކަލާނގެ (އުއްމަތްތަކަށް) ވަޙީ ކުރައްވާ ހުށީމެވެ. ތިޔަބައިމީހުންގެ ދަލީލު ތިޔަބައިމީހުން ގެންނާށެވެ! ފަހެ، އެހިނދު (އިލާހުވަންތަކަން) ޙައްޤު ވެގެންވަނީ (ހަމައެކަނި) ﷲއަށްކަން އެއުރެންނަށް އެނގޭނެތެވެ. އަދި އެއުރެން އަމިއްލައަށް ހަދައިގެން އުޅުނު ދޮގުތައް އެއުރެންނަށް ގެއްލި ހިނގައިދާނެތެވެ.
﴿٧٦﴾ ۞ إِنَّ قَارُونَ كَانَ مِن قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ ۖ وَآتَيْنَاهُ مِنَ الْكُنُوزِ مَا إِنَّ مَفَاتِحَهُ لَتَنُوءُ بِالْعُصْبَةِ أُولِي الْقُوَّةِ إِذْ قَالَ لَهُ قَوْمُهُ لَا تَفْرَحْ ۖ إِنَّ اللَّهَ لَا يُحِبُّ الْفَرِحِينَ
ހަމަކަށަވަރުން، ޤާރޫނަކީ، މޫސާގެފާނުގެ ޤައުމުގެމީހުންގެ ތެރެއިންވީ މީހެކެވެ. ފަހެ، އޭނާ އެއުރެންގެ މައްޗަށް ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ އޭނާއަށް ގިނަވެގެންވާ (މުދާތަކުގެ) ޚަޒާނާތައް ދެއްވީމެވެ. ހަމަކަށަވަރުން، ވަރުގަދަ ޖަމާޢަތެއްގެ މީހުންނަށް، އެ ޚަޒާނާތަކުގެ ތަޅުދަނޑިތައް އުފުލުންވަނީ ބުރަވެފައެވެ. އޭނާގެ ޤައުމުގެމީހުން އޭނާއަށް ބުނިހިނދެވެ. (ކިބުރުވެރިވުމުގެގޮތުން) އުފާ ނުކުރާށެވެ! ހަމަކަށަވަރުން، ބޮޑާވުމުގެގޮތުން އުފާކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.
﴿٧٧﴾ وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ الدُّنْيَا ۖ وَأَحْسِن كَمَا أَحْسَنَ اللَّهُ إِلَيْكَ ۖ وَلَا تَبْغِ الْفَسَادَ فِي الْأَرْضِ ۖ إِنَّ اللَّهَ لَا يُحِبُّ الْمُفْسِدِينَ
އަދި ތިބާޔަށް ﷲ ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) އާޚިރަތުގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: އާޚިރަތުގެ ދިންނެވުމާއި، ރަޙްމަތާއި، ޘަވާބަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! އަދި ﷲ، ތިބާޔަށް އިޙްސާންތެރިވެވޮޑިގަތް ފަދައިން، ތިބާވެސް (ﷲގެ އަޅުތަކުންނަށް) އިޙްސާންތެރިވާށެވެ! އަދި ބިމުގައި ފަސާދަ އުފެއްދުމަށް ތިބާ އެދިނޫޅޭށެވެ! ހަމަކަށަވަރުން، ފަސާދަ ކުރާ މީހުންދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.
﴿٧٨﴾ قَالَ إِنَّمَا أُوتِيتُهُ عَلَىٰ عِلْمٍ عِندِي ۚ أَوَلَمْ يَعْلَمْ أَنَّ اللَّهَ قَدْ أَهْلَكَ مِن قَبْلِهِ مِنَ الْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعًا ۚ وَلَا يُسْأَلُ عَن ذُنُوبِهِمُ الْمُجْرِمُونَ
އޭނާ ބުންޏެވެ. ތިމަންނާއަށް އެ މުދާ ލިބުނުކަން ކަށަވަރީ، ތިމަންގެ ކިބައިގައިވާ ޢިލްމުވެރިކަމަކުންނެވެ. ހަމަކަށަވަރުން، އޭނާގެ ކުރިން އިސްވެދިޔަ ޖީލުތަކުން އޭނާޔަށްވުރެ މާވަރުގަދަ އަދި މުދާ ގިނަމީހުން ﷲ ހަލާކުކުރެއްވިކަން އޭނާޔަށް ނޭނގެނީހެއްޔެވެ؟ އަދި ކުށްވެރިންނަކަށް، އެއުރެންގެ ފާފަތަކާމެދު ސުއާލެއް ނުކުރައްވާނެތެވެ. (އެބަހީ: އެއުރެންނާ ސުއާލު ކުރެއްވުމުގެ ބޭނުމެއްނެތެވެ. ﷲ ހުރިހާކަމެއް ދެނެވޮޑިގެންވެތެވެ.)
﴿٧٩﴾ فَخَرَجَ عَلَىٰ قَوْمِهِ فِي زِينَتِهِ ۖ قَالَ الَّذِينَ يُرِيدُونَ الْحَيَاةَ الدُّنْيَا يَا لَيْتَ لَنَا مِثْلَ مَا أُوتِيَ قَارُونُ إِنَّهُ لَذُو حَظٍّ عَظِيمٍ
ފަހެ، އޭނާ (އެބަހީ: ޤާރޫނު) އޭނާގެ މުއްސަނދިކަމާއި ޒީނަތްތެރިކަމާއެކު، އޭނާގެ ޤައުމުގެ ތެރެޔަށް ނުކުތެވެ. ދުނިޔޭގެ ދިރިއުޅުން އެދޭމީހުން ބުނޫއެވެ. ޤާރޫނަށް ލިބުނުފަދަ މުއްސަނދިކަމެއް ތިމަންމެންނަށްވެސް ލިބުނުނަމަ، ކިހާރަނގަޅުވީސްހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ބޮޑުވެގެންވާ ނަޞީބެއްގެ ވެރިޔެއްކަން ކަށަވަރެވެ.
﴿٨٠﴾ وَقَالَ الَّذِينَ أُوتُوا الْعِلْمَ وَيْلَكُمْ ثَوَابُ اللَّهِ خَيْرٌ لِّمَنْ آمَنَ وَعَمِلَ صَالِحًا وَلَا يُلَقَّاهَا إِلَّا الصَّابِرُونَ
އަދި ޢިލްމު ލިބިގެންވާ މީހުން ބުނޫއެވެ. ތިޔަބައިމީހުންނަށް ހަލާކުހުށްޓެވެ. އީމާންވެ ޞާލިޙު ޢަމަލުކުޅަމީހަކަށް، ﷲގެ ޘަވާބު (ޤާރޫނުގެ މުދާވެރިކަމަށްވުރެ) މާހެޔޮކަން ބޮޑެވެ. އަދި ކެތްތެރިންނަށް މެނުވީ، އެ ދަރަޖައެއް ނުލިބޭނެތެވެ.
﴿٨١﴾ فَخَسَفْنَا بِهِ وَبِدَارِهِ الْأَرْضَ فَمَا كَانَ لَهُ مِن فِئَةٍ يَنصُرُونَهُ مِن دُونِ اللَّهِ وَمَا كَانَ مِنَ الْمُنتَصِرِينَ
ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ (ޚަޒާނާތަކާއި) ގެއާއެކުގައި، ބިންގަނޑު ގަންބަވައިގެންނެވީމެވެ. ފަހެ، ﷲއާ ދެކޮޅަށް އޭނާޔަށް ނަޞްރު ދޭނޭ އެއްވެސްބަޔެއް ނުވިއެވެ. އަދި ނަޞްރު ލިބޭނޭ މީހުންގެ ތެރެއިންވެސް އޭނާ ނުވިއެވެ.
﴿٨٢﴾ وَأَصْبَحَ الَّذِينَ تَمَنَّوْا مَكَانَهُ بِالْأَمْسِ يَقُولُونَ وَيْكَأَنَّ اللَّهَ يَبْسُطُ الرِّزْقَ لِمَن يَشَاءُ مِنْ عِبَادِهِ وَيَقْدِرُ ۖ لَوْلَا أَن مَّنَّ اللَّهُ عَلَيْنَا لَخَسَفَ بِنَا ۖ وَيْكَأَنَّهُ لَا يُفْلِحُ الْكَافِرُونَ
އަދި އިއްޔެ އޭނާގެ ދަރަޖައަށް (އެބަހީ: ޤާރޫނުގެ މުދާވެރިކަމަށާއި ދަރަޖައަށް) އެދުނުމީހުން ބުނާކަމުގައިވިއެވެ. ކަލެޔަކަށް ނުފެނޭހެއްޔެވެ؟ ﷲ، އެކަލާނގެ އަޅުތަކުންކުރެ އިރާދަކުރެއްވި އަޅަކަށް ރިޒްޤު ތަނަވަސް ކޮށްދެއްވައި، އަދި (އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ރިޒްޤު) ދަތިކުރައްވަތެވެ. ﷲ، އަޅަމެންގެ މައްޗަށް ދަރުމަވަންތަވެ ވޮޑިނުގަތްނަމަ، އަޅަމެންވެސް ގަންބަވައިގަންނަވައިފީހެވެ. ކަލެޔަކަށް ނުފެނޭހެއްޔެވެ؟ ކާފިރުންނެއް ނުދިނޭނެތެވެ.
﴿٨٣﴾ تِلْكَ الدَّارُ الْآخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِي الْأَرْضِ وَلَا فَسَادًا ۚ وَالْعَاقِبَةُ لِلْمُتَّقِينَ
އެއީ އާޚިރަތުގެ (ނިޢުމަތުގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަންރަސްކަލާނގެ ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި ފަސާދަ ކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ ތަޤްވާވެރިންނަށެވެ.
﴿٨٤﴾ مَن جَاءَ بِالْحَسَنَةِ فَلَهُ خَيْرٌ مِّنْهَا ۖ وَمَن جَاءَ بِالسَّيِّئَةِ فَلَا يُجْزَى الَّذِينَ عَمِلُوا السَّيِّئَاتِ إِلَّا مَا كَانُوا يَعْمَلُونَ
ހެޔޮކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއަށްވުރެ ހެޔޮވެގެންވާ ޘަވާބު (އާޚިރަތުގައި) ހުށްޓެވެ. އަދި ނުބައިކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ނުބައިކަންތައް ކުރިމީހުންނަށް އެއުރެން ކޮށްއުޅުނު ޢަމަލުތަކަށް މެނުވީ ޖަޒާއެއް ނުލިބޭހުށްޓެވެ.
﴿٨٥﴾ إِنَّ الَّذِي فَرَضَ عَلَيْكَ الْقُرْآنَ لَرَادُّكَ إِلَىٰ مَعَادٍ ۚ قُل رَّبِّي أَعْلَمُ مَن جَاءَ بِالْهُدَىٰ وَمَنْ هُوَ فِي ضَلَالٍ مُّبِينٍ
ހަމަކަށަވަރުން، ކަލޭގެފާނަށް ޤުރްއާން ބާވައިލެއްވި ރަސްކަލާނގެ ކަލޭގެފާނުގެ އުފަން ރަށަށް (އެބަހީ: މައްކާއަށް) ކަލޭގެފާނު އަނބުރާ ފޮނުއްވާ ހުށްޓެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތެދުމަގާއިގެން އައިމީހާއާއި، ފާޅުވެގެންވާ ފުރެދުމެއްގައިވާމީހާ، އެންމެ މޮޅަށް ދެނެވޮޑިގެންވަނީ، އަހުރެންގެ ވެރިރަސްކަލާނގެއެވެ.
﴿٨٦﴾ وَمَا كُنتَ تَرْجُو أَن يُلْقَىٰ إِلَيْكَ الْكِتَابُ إِلَّا رَحْمَةً مِّن رَّبِّكَ ۖ فَلَا تَكُونَنَّ ظَهِيرًا لِّلْكَافِرِينَ
އަދި ކަލޭގޭފާނަށް ފޮތް ބާވައިލައްވާނެ ކަމަކަށް ކަލޭގެފާނު އުންމީދެއް ނުކުރައްވަމުއެވެ. އެހެނެއްކަމަކު ކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތުން އެ ފޮތް ކަލޭގެފާނަށް ބާވައިލެއްވިއެވެ. ފަހެ، ކަލޭގެފާނު އެއްވެސް ޙާލެއްގައި ކާފިރުންނަށް ވާގިވެރިޔަކު ކަމުގައި ވެވަޑައިނުގަންނަވާ ހުށިކަމެވެ!
﴿٨٧﴾ وَلَا يَصُدُّنَّكَ عَنْ آيَاتِ اللَّهِ بَعْدَ إِذْ أُنزِلَتْ إِلَيْكَ ۖ وَادْعُ إِلَىٰ رَبِّكَ ۖ وَلَا تَكُونَنَّ مِنَ الْمُشْرِكِينَ
އަދި ﷲގެ އާޔަތްތައް ކަލޭގެފާނަށް ބާވައިލެއްވުމަށްފަހުގައި، އެ އާޔަތްތަކުން އެއުރެން ކަލޭގެފާނު އެއްކިބާކުރިޔަ ނުދެއްވާހުށިކަމެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދީނަށް (މީސްތަކުންނަށް) ގޮވައިލައްވާށެވެ! އަދި މުޝްރިކުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާ ހުށިކަމެވެ!
﴿٨٨﴾ وَلَا تَدْعُ مَعَ اللَّهِ إِلَٰهًا آخَرَ ۘ لَا إِلَٰهَ إِلَّا هُوَ ۚ كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ ۚ لَهُ الْحُكْمُ وَإِلَيْهِ تُرْجَعُونَ
އަދި ﷲއާ އެކުގައި އެހެން އިލާހަކަށް ތިބާ ދުޢާ ކޮށް އަޅުކަން ނުކުރާށެވެ! އެކަލާނގެ މެނުވީ، ޙައްޤު ވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެ ޛާތުފުޅު މެނުވީ، އެހެން ހުރިހާ ތަކެއްޗެއް ފަނާވެދާހުށްޓެވެ. ނިޔާކުރެއްވުންވަނީ، ހަމައެކަނި އެކަލާނގެއަށެވެ. އަދި ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީވެސް އެކަލާނގެ ޙަޟްރަތަށެވެ.
ފަހަތަށް
ކުރިއަށް