×
އަލް އަންޢާމް
ފަހަތަށް
الأنعام ކުރިއަށް
﴿١﴾ الْحَمْدُ لِلَّهِ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَجَعَلَ الظُّلُمَاتِ وَالنُّورَ ۖ ثُمَّ الَّذِينَ كَفَرُوا بِرَبِّهِمْ يَعْدِلُونَ
ޙަމްދު ހުރީ އުޑުތަކާއި ބިންހައްދަވައި އަނދިރިކަމާއި، އަލިކަންލެއްވި ﷲއަށެވެ. ދެންވެސް ކާފިރުވި މީހުން އެއުރެންގެ ވެރިރަސްކަލާނގެއާއި، އެހެންތަކެއްޗާ ހަމަހަމަކޮށް ޝަރީކު ކުރެތެވެ.
﴿٢﴾ هُوَ الَّذِي خَلَقَكُم مِّن طِينٍ ثُمَّ قَضَىٰ أَجَلًا ۖ وَأَجَلٌ مُّسَمًّى عِندَهُ ۖ ثُمَّ أَنتُمْ تَمْتَرُونَ
އެކަލާނގެއީ، މަށިން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. ދެން (ތިޔަބައިމީހުން މަރުވުމަށް) އަޖަލެއް ކަނޑައަޅުއްވައި، ނިޔާކުރެއްވިއެވެ. އަދި (ތިޔަބައިމީހުން އަލުން ދިރުއްވުމަށް) އެކަލާނގެ ޙަޟްރަތުގައި ކަނޑައަޅުއްވާފައިވާ އަޖަލެއް ވެއެވެ. ދެން އެއަށްފަހު (ވެސް) ތިޔަބައިމީހުން ޝައްކު ކުރަމުއެވެ.
﴿٣﴾ وَهُوَ اللَّهُ فِي السَّمَاوَاتِ وَفِي الْأَرْضِ ۖ يَعْلَمُ سِرَّكُمْ وَجَهْرَكُمْ وَيَعْلَمُ مَا تَكْسِبُونَ
އެކަލާނގެއީ، އުޑުތަކާއި ބިމުގައި (އަޅުކަންވެވުން ޙައްޤު ވެގެން) ވާ، ﷲއެވެ. ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ތިޔަބައިމީހުން ފާޅުކުރާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުން، ހޯދައިގަންނަ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ.
﴿٤﴾ وَمَا تَأْتِيهِم مِّنْ آيَةٍ مِّنْ آيَاتِ رَبِّهِمْ إِلَّا كَانُوا عَنْهَا مُعْرِضِينَ
އެ އާޔަތްތަކަށް އެއުރެން ފުރަގަސްދޭކަމުގައިވި އާޔަތްތަކެއް މެނުވީ، އެއުރެންގެ ވެރިރަސްކަލާނގެ އާޔަތްތަކުގެ ތެރެއިން އެއްވެސް އާޔަތެއް އެއުރެންގެ ގާތަކަށް ނާދެތެވެ.
﴿٥﴾ فَقَدْ كَذَّبُوا بِالْحَقِّ لَمَّا جَاءَهُمْ ۖ فَسَوْفَ يَأْتِيهِمْ أَنبَاءُ مَا كَانُوا بِهِ يَسْتَهْزِئُونَ
ފަހެ، ހަމަކަށަވަރުން، ޙައްޤު ބަސްފުޅު އެއުރެންގެ ގާތަށް އައިހިނދު، އެއުރެން އެބަސް ދޮގުކުޅައެވެ. ފަހެ، އެއުރެން އެކަމަކަށް ފުރައްސާރަކޮށް އުޅުނު ކަންތަކުގެ ޚަބަރުތައް އަދި ފަހުން އެއުރެންގެ ގާތަށް އަންނާނެތެވެ.
﴿٦﴾ أَلَمْ يَرَوْا كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ مَّكَّنَّاهُمْ فِي الْأَرْضِ مَا لَمْ نُمَكِّن لَّكُمْ وَأَرْسَلْنَا السَّمَاءَ عَلَيْهِم مِّدْرَارًا وَجَعَلْنَا الْأَنْهَارَ تَجْرِي مِن تَحْتِهِمْ فَأَهْلَكْنَاهُم بِذُنُوبِهِمْ وَأَنشَأْنَا مِن بَعْدِهِمْ قَرْنًا آخَرِينَ
އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި ނެތިކުރެއްވީ ކިތައްކިތައް އުއްމަތުގެ މީހުންކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ނުދެއްވާ ތަނަވަސްކަމާއި، ބާރު، ތިމަންރަސްކަލާނގެ އެއުރެންނަށް ބިމުގައި ދެއްވީމެވެ. އަދި ބޯކޮށްވެހޭ ވާރޭ އެއުރެންނަށް އުޑުން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އަދި އެއުރެންގެ ދަށުން ހިނގަހިނގާ ހުންނަ ފެންކޯރުތައް ތިމަންރަސްކަލާނގެ ލެއްވީމެވެ. ދެން އެއުރެންގެ ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރައްވައި ނެތިކުރެއްވީމެވެ. އަދި އެއުރެންގެ ފަހުން ތިމަންރަސްކަލާނގެ އެހެން ޖީލެއްގެ ބަޔަކު އުފެއްދެވީމެވެ.
﴿٧﴾ وَلَوْ نَزَّلْنَا عَلَيْكَ كِتَابًا فِي قِرْطَاسٍ فَلَمَسُوهُ بِأَيْدِيهِمْ لَقَالَ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا سِحْرٌ مُّبِينٌ
އަދި ކަރުދާހެއްގައި ލިޔުއްވާފައިވާ ފޮތެއް، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވިޔަސް ދެން އެއުރެންގެ އަތްތަކުން އެފޮތުގައި ބީހުނަސް، ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ތިޔަފޮތް ނުވެޔޭ ކާފިރު ވީ މީހުން ބުނީހެވެ.
﴿٨﴾ وَقَالُوا لَوْلَا أُنزِلَ عَلَيْهِ مَلَكٌ ۖ وَلَوْ أَنزَلْنَا مَلَكًا لَّقُضِيَ الْأَمْرُ ثُمَّ لَا يُنظَرُونَ
އަދި އެއުރެން ބުނެފޫއެވެ. އެކަލޭގެފާނުގެ އަރިހަށް މަލާއިކަތަކު ބާވައިލައްވާފައި ނުވަނީ ކީއްވެގެންބާވައެވެ؟ (ދަންނާށެވެ!) ތިމަންރަސްކަލާނގެ މަލާއިކަތަކު ބާވައިލެއްވިނަމަ، ކަންތަކުގެ ނިޔާކަނޑައެޅި ނިމިއްޖައީހެވެ. (އެބަހީ: ކޯފާލައްވައި އެންމެން ނެތިކުރައްވައިފީހެވެ.) ދެން (އެއަށްފަހު) އެއުރެންނަކަށް މުހުލަތެއް ނުދެއްވާ ހުށްޓެވެ.
﴿٩﴾ وَلَوْ جَعَلْنَاهُ مَلَكًا لَّجَعَلْنَاهُ رَجُلًا وَلَلَبَسْنَا عَلَيْهِم مَّا يَلْبِسُونَ
ތިމަންރަސްކަލާނގެ ރަސޫލަކީ، މަލާއިކަތަކު ކަމުގައި ލެއްވިނަމަ، އެ މަލާއިކަތަކު، ފިރިހެން އިންސާނެއްގެ ސިފައިގައި ލެއްވީމުހެވެ. އަދި އެއުރެން އޮޅުވައިލާކަންތައް (އޭރުންވެސް) އެއުރެންނަށް އޮޅުވައިލާގޮތް ތިމަންރަސްކަލާނގެ ހެއްދެވީމުހެވެ. (ނޯޓު: މި އާޔަތުން އެ އަންގަވަނީ މާތްﷲ، ރަސޫލުކަމާއިގެން މަލާއިކަތަކު ފޮނުއްވިނަމަ އެ މަލާއިކަތަކު ފޮނުއްވީހީ، ފިރިހެން އިންސާނެއްގެ ސިފައިގައެވެ. އެހެނީ މަލާއިކަތެއްގެ އަޞްލު ސޫރައިގައި ފޮނުއްވިނަމަ، އެ މަލާއިކަތަކާ ބައްދަލުކޮށް ވާހަކަދައްކައި އުޅުމަކީ، އާދަމުގެދަރިންނަށް ކުޅަދާނަވެގެންވާ ކަމެއްކަމުގައި ނުވީހެވެ. އެހެންކަމުން، އެއުރެން އޮޅުވައިލަން އުޅުނު އޮޅުން އެއުރެންނަށް އޮޅޭނޭގޮތް ﷲ ހެއްދެވީއެވެ.)
﴿١٠﴾ وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِالَّذِينَ سَخِرُوا مِنْهُم مَّا كَانُوا بِهِ يَسْتَهْزِئُونَ
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށްވެސް ފުރައްސާރަކުރިއެވެ. ފަހެ، އެ ރަސޫލުންނަށް ފުރައްސާރަކޮށް އުޅުނު މީހުން ކުރަމުންގެންދިޔަ ފުރައްސާރައިގެ ކަންތައް (އެބަހީ: އެކަމުގެ ކޯފާއާއި ޢަޛާބު) އެއުރެން ވަށައިލިއެވެ.
﴿١١﴾ قُلْ سِيرُوا فِي الْأَرْضِ ثُمَّ انظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން އެއަށްފަހު ދޮގުކުޅަ މީހުންގެ ނަތީޖާ އޮތީ ކިހިނަކުންކަން ތިޔަބައިމީހުން ދެކޭށެވެ!
﴿١٢﴾ قُل لِّمَن مَّا فِي السَّمَاوَاتِ وَالْأَرْضِ ۖ قُل لِّلَّهِ ۚ كَتَبَ عَلَىٰ نَفْسِهِ الرَّحْمَةَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ ۚ الَّذِينَ خَسِرُوا أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި ބިމުގައިވާ ތަކެތި މިލްކުވެގެންވަނީ، ކާކަށްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ﷲއަށެވެ. އެކަލާނގެ އަމިއްލަ ޛާތުފުޅުގެ މައްޗަށް ރަޙްމަތް ކަނޑައަޅުއްވައި ލިޔުއްވާފައިވެއެވެ. (އެބަހީ: އަޅުތަކުންނަށް ރަޙްމަތްވަންތަވެވޮޑިގަތުމަކީ އެކަލާނގެ ޛާތުފުޅަށް އެކަލާނގެ ލާޒިމުކުރައްވާފައިވާ ކަމެކެވެ.) ހަމަކަށަވަރުން، އެކަލާނގެ ތިޔަބައިމީހުން ޤިޔާމަތް ދުވަހަށް އެއްކުރައްވާނެތެވެ. އެކަމާމެދު ޝައްކެއް ނެތެވެ. އެއުރެންގެ އަމިއްލަ ނަފްސުތައް ނަގައިލި މީހުން (ދަންނާށެވެ!) ފަހެ، އެއުރެން އީމާނެއް ނުވާނެތެވެ.
﴿١٣﴾ ۞ وَلَهُ مَا سَكَنَ فِي اللَّيْلِ وَالنَّهَارِ ۚ وَهُوَ السَّمِيعُ الْعَلِيمُ
ރެއާއި ދުވާލުގެތެރޭ އުޅޭހައި ތަކެތި، މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿١٤﴾ قُلْ أَغَيْرَ اللَّهِ أَتَّخِذُ وَلِيًّا فَاطِرِ السَّمَاوَاتِ وَالْأَرْضِ وَهُوَ يُطْعِمُ وَلَا يُطْعَمُ ۗ قُلْ إِنِّي أُمِرْتُ أَنْ أَكُونَ أَوَّلَ مَنْ أَسْلَمَ ۖ وَلَا تَكُونَنَّ مِنَ الْمُشْرِكِينَ
ކަލޭގެފާނު ވިދާޅުވާށެވެ! އެހީތެރިޔަކު ކަމުގައި ތިމަންކަލޭގެފާނު ހިއްޕަވަންވީ، އިސްވެދިޔަ މިޘާލެއް ނެތި އުޑުތަކާއި ބިންހެއްދެވި ﷲ ނޫން އެހެންފަރާތެއް ހެއްޔެވެ؟ ރިޒްޤު ދެއްވަނީ އެކަލާނގެއެވެ. ރިޒްޤު ލިބުމަކަށް އެކަލާނގެ ބޭނުންވެވޮޑިގެނެއް ނުވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އިސްލާމް ވީ އެންމެ ފުރަތަމަ މީހާ ކަމުގައިވުމަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވެއެވެ. އަދި ހަމަކަށަވަރުން، ޝަރީކު ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!
﴿١٥﴾ قُلْ إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބަށް ހަމަކަށަވަރުން ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ.
﴿١٦﴾ مَّن يُصْرَفْ عَنْهُ يَوْمَئِذٍ فَقَدْ رَحِمَهُ ۚ وَذَٰلِكَ الْفَوْزُ الْمُبِينُ
އެދުވަހުން، އެމީހެއްގެ ކިބައިން އެ ޢަޛާބު ދުރުކުރައްވާފައިވާ މީހާ (ދަންނަށާވެ!) ފަހެ، ހަމަކަށަވަރުން އެމީހަކަށް އެކަލާނގެ ރަޙްމަތް ލައްވައިފިއެވެ. އަދި ބަޔާން ވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ.
﴿١٧﴾ وَإِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
އަދި ﷲ، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ތިބާޔަށް ހެޔޮގޮތެއް މެދުވެރިކުރައްވާނަމަ، (އެކަން ދުރުކުރާނޭ އެހެންފަރާތެއް ނުވެއެވެ.) ފަހެ، އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
﴿١٨﴾ وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۚ وَهُوَ الْحَكِيمُ الْخَبِيرُ
އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.
﴿١٩﴾ قُلْ أَيُّ شَيْءٍ أَكْبَرُ شَهَادَةً ۖ قُلِ اللَّهُ ۖ شَهِيدٌ بَيْنِي وَبَيْنَكُمْ ۚ وَأُوحِيَ إِلَيَّ هَٰذَا الْقُرْآنُ لِأُنذِرَكُم بِهِ وَمَن بَلَغَ ۚ أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ اللَّهِ آلِهَةً أُخْرَىٰ ۚ قُل لَّا أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَٰهٌ وَاحِدٌ وَإِنَّنِي بَرِيءٌ مِّمَّا تُشْرِكُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ހެކިބަހެއްގެގޮތުން އެންމެބޮޑީ، ކޮން އެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި ތިޔަބައިމީހުންނާ ދެމެދު ﷲ ހެކިވެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަށާއި، އެމީހަކާ ހަމަޔަށް ފޯރިމީހަކަށް އެއިން ތިމަންކަލޭގެފާނު އިންޛާރު ކުރެއްވުމަށް ތިމަންކަލޭގެފާނަށް މި ޤުރްއާން، ވަޙީ ކުރެއްވިއެވެ. ހަމަކަށަވަރުން، ﷲއާއެކުގައި އެހެން އިލާހުންތަކެއް ވާކަމަށް ތިޔަބައިމީހުން ހެކިވަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު (އެކަމަކަށް) ހެތްކެއް ނުވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ހަމަކަށަވަރުން، އެއްކައުވަންތަ ކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ، ތިޔަބައިމީހުން ޝަރީކު ކުރާ ތަކެތިން ބަރީއަވެގެންނެވެ.
﴿٢٠﴾ الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمُ ۘ الَّذِينَ خَسِرُوا أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ
ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން، އެއުރެންގެ ދަރިން ދަންނަ ފަދައިން އެއުރެން އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ދަނެތެވެ. (އެބަހީ: ތައުރާތާއި، އިންޖީލުގެ އަހުލުވެރިން، މުޙައްމަދުގެފާނަކީ ރަސޫލަކުކަން ރަނގަޅަށް ދަނެތެވެ.) އެއުރެންގެ ނަފްސުތައް ގެއްލެނި ކުޅަމީހުން (ދަންނާށެވެ!) ފަހެ، އެއުރެން އީމާނެއް ނުވާނެތެވެ.
﴿٢١﴾ وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ ۗ إِنَّهُ لَا يُفْلِحُ الظَّالِمُونَ
ﷲއާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން ނުވަތަ، އެކަލާނގެ އާޔަތްތައް ދޮގުކުޅަ މީހަކަށްވުރެން، އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރިންނެއް ނުދިނޭނެތެވެ.
﴿٢٢﴾ وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوا أَيْنَ شُرَكَاؤُكُمُ الَّذِينَ كُنتُمْ تَزْعُمُونَ
ތިމަންރަސްކަލާނގެ އެއުރެން އެންމެން އެއްތަނަކަށް އެއްކުރައްވާދުވަސް (ހަނދުމަކުރާށެވެ!) ދެން، ޝަރީކުކުޅަ މީހުންނަށް ތިމަންރަސްކަލާނގެ ވަޙީ ކުރައްވާހުށީމެވެ. ތިޔަބައިމީހުން ޝަރީކުން ކަމުގައި ހީކޮށްގެން އުޅުނު ތަކެތި ކޮބައިހެއްޔެވެ؟
﴿٢٣﴾ ثُمَّ لَمْ تَكُن فِتْنَتُهُمْ إِلَّا أَن قَالُوا وَاللَّهِ رَبِّنَا مَا كُنَّا مُشْرِكِينَ
ދެން ތިމަންމެންގެ ވެރި ﷲ ގަންދީ ބުނަމުއޭ، ޝަރީކުކުޅަ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއޭ، އެއުރެން ބުނުން ނޫން ބަހަނާއެއް އެއުރެން ދައްކާކަށް ނެތެވެ.
﴿٢٤﴾ انظُرْ كَيْفَ كَذَبُوا عَلَىٰ أَنفُسِهِمْ ۚ وَضَلَّ عَنْهُم مَّا كَانُوا يَفْتَرُونَ
އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ދޮގުހެދީ ކިހިނެއްކަން އަދި އެއުރެން ދޮގުން އުފައްދައި އުޅުނު ތަކެތި އެއުރެންގެ ކިބައިން ގެއްލިގެންދިޔައީ ކިހިނަކުންކަން ތިބާ ދެކޭށެވެ!
﴿٢٥﴾ وَمِنْهُم مَّن يَسْتَمِعُ إِلَيْكَ ۖ وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا ۚ وَإِن يَرَوْا كُلَّ آيَةٍ لَّا يُؤْمِنُوا بِهَا ۚ حَتَّىٰ إِذَا جَاءُوكَ يُجَادِلُونَكَ يَقُولُ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ
އަދި ކަލޭގެފާނަށް ކަނުލައިއަހާ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި އެއުރެންނަށް އެ ވިދާޅުވާ އެއްޗެއް ނުވިސްނުމަށްޓަކައި، އެއުރެންގެ ހިތްތަކުގެ މަތީގައި ފަރުދާއެއް ލެއްވީމެވެ. އަދި އެއުރެންގެ ކަންފަތްތަކުގައި ބީރުކަމެއްލެއްވީމެވެ. އަދި އެއުރެންނަށް ކޮންމެ އާޔަތެއް ފެނުނަސް، އެއުރެން އެއަކަށް އީމާނެއް ނުވެތެވެ. އެހެންކަމާއެކު، އެއުރެން ކަލޭގެފާނާ ޖަދަލު ކުރުމަށް ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެހިނދަކު ކާފިރުވި މީހުން ބުނެތެވެ. ތިޔައީ އެވޭލާ މީހުންގެ ފުލޯކު ވާހަކަތަކެއް ކަމުގައި މެނުވީ ނުވެއެވެ.
﴿٢٦﴾ وَهُمْ يَنْهَوْنَ عَنْهُ وَيَنْأَوْنَ عَنْهُ ۖ وَإِن يُهْلِكُونَ إِلَّا أَنفُسَهُمْ وَمَا يَشْعُرُونَ
އަދި އެއުރެން އެ ޤުރްއާނަށް ތަބަޢަ ވުން (މީސްތަކުންނަށް) މަނާކުރެތެވެ. އަދި އެއުރެން އެއިން ދުރުވެގަނެތެވެ. (އެކަމުން) އެއުރެންނަށް ނޭނގިތިބެ އަމިއްލަ ނަފްސުތައް މެނުވީ އެއުރެން ހަލާކެއް ނުކުރެތެވެ.
﴿٢٧﴾ وَلَوْ تَرَىٰ إِذْ وُقِفُوا عَلَى النَّارِ فَقَالُوا يَا لَيْتَنَا نُرَدُّ وَلَا نُكَذِّبَ بِآيَاتِ رَبِّنَا وَنَكُونَ مِنَ الْمُؤْمِنِينَ
އެއުރެން ނަރަކައިގެ ކުރިމަތީގައި ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. ދެން އެއުރެން ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންމެން (ދުނިޔެއަށް) އަނބުރާ ފޮނުއްވާނެނަމަ ކޮންފަދަހެއްޔެވެ؟ އޭރުން ތިމަންމެންގެ ވެރިރަސްކަލާނގެ އާޔަތްތައް ދޮގެއް ނުކުރާނޫއެވެ. އަދި އީމާންވި މީހުންގެ ތެރެއިން ތިމަންމެން ވާނޫއެވެ.
﴿٢٨﴾ بَلْ بَدَا لَهُم مَّا كَانُوا يُخْفُونَ مِن قَبْلُ ۖ وَلَوْ رُدُّوا لَعَادُوا لِمَا نُهُوا عَنْهُ وَإِنَّهُمْ لَكَاذِبُونَ
އަދި ކިއެއްތަ! އެއުރެން ކުރިން ވަންހަނާކޮށްގެން އުޅުނު ކަންތައް އެއުރެންނަށް ފާޅުވިއެވެ. އަދި އެއުރެން (ދުނިޔެއަށް) އަލުން ފޮނުއްވިނަމަ، އެއުރެންނަށް ނަހީކުރެއްވި ކަންތަކަށް އެއުރެން އެނބުރި ހިނގައްޖައީހެވެ. އަދި ހަމަކަށަވަރުން، އެއުރެންނަކީ ދޮގުހަދާ ބަޔަކުކަން ކަށަވަރެވެ.
﴿٢٩﴾ وَقَالُوا إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا وَمَا نَحْنُ بِمَبْعُوثِينَ
އަދި އެއުރެން ބުނެފޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިތިބުން މެނުވީ، އެހެން ދިރިތިބުމެއް ނެތެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނެ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
﴿٣٠﴾ وَلَوْ تَرَىٰ إِذْ وُقِفُوا عَلَىٰ رَبِّهِمْ ۚ قَالَ أَلَيْسَ هَٰذَا بِالْحَقِّ ۚ قَالُوا بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْفُرُونَ
އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އެއުރެން ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. (އެހިނދު) އެކަލާނގެ ވަޙީ ކުރައްވާނެތެވެ. މިއީ ތެދު ޙަޤީޤަތްކަމުގައި ނުވޭހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ގަންދީ ބުނަމެވެ. ނޫނެކެވެ. އެކަލާނގެ ވަޙީ ކުރައްވާނެތެވެ. ފަހެ، ތިޔަބައިމީހުން ކާފިރުވެ އުޅުނުކަމުގެ ސަބަބުން ތިޔަބައިމީހުން ޢަޛާބުގެ ރަހަ ލިބިގަންނާށެވެ!
﴿٣١﴾ قَدْ خَسِرَ الَّذِينَ كَذَّبُوا بِلِقَاءِ اللَّهِ ۖ حَتَّىٰ إِذَا جَاءَتْهُمُ السَّاعَةُ بَغْتَةً قَالُوا يَا حَسْرَتَنَا عَلَىٰ مَا فَرَّطْنَا فِيهَا وَهُمْ يَحْمِلُونَ أَوْزَارَهُمْ عَلَىٰ ظُهُورِهِمْ ۚ أَلَا سَاءَ مَا يَزِرُونَ
ﷲއާ ބައްދަލުވާނެ ކަމާމެދު އިންކާރު ކޮށް، ދޮގުކުޅަ މީހުން ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. ޤިޔާމަތުގެ ވަގުތު ކުއްލިއަކަށް އެއުރެންގެ ގާތަށް އަންނަހިނދު އެއުރެން ބުނާނެތެވެ. އަހުރެމެން އެދުވަހާމެދު ކުޅަ އިހުމާލުގެ މައްޗަށް އަހުރެމެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެއުރެން އެހިނދު ތިބޭނީ އެއުރެންގެ ފާފަތައް އެއުރެންގެ ބުރިކަށިތަކުގެ މަތީގައި އުފުލައިގެންނެވެ. ދަންނާށެވެ! އެއުރެން އުފުލާ ކުށްތަކުގެ ނުބައިކަމާއެވެ.
﴿٣٢﴾ وَمَا الْحَيَاةُ الدُّنْيَا إِلَّا لَعِبٌ وَلَهْوٌ ۖ وَلَلدَّارُ الْآخِرَةُ خَيْرٌ لِّلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ
ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެއްކަމުގައްޔާއި، މަޖަލެއްކަމުގައި މެނުވީ ނުވެއެވެ. ތަޤްވާވެރިވާ މީހުންނަށް އާޚިރަތުގެ ގޮވަތި ހެޔޮކަން މާބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
﴿٣٣﴾ قَدْ نَعْلَمُ إِنَّهُ لَيَحْزُنُكَ الَّذِي يَقُولُونَ ۖ فَإِنَّهُمْ لَا يُكَذِّبُونَكَ وَلَٰكِنَّ الظَّالِمِينَ بِآيَاتِ اللَّهِ يَجْحَدُونَ
އެއުރެން (އެބަހީ: ކާފިރުން) ބުނާބުނުމުގެ ސަބަބުން ކަލޭގެފާނަށް މޮޅިވެރިކަން ލިބިވަޑައިގަންނަވަމުންދާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. ފަހެ، އެއުރެންނަށް އެ ދޮގުކުރެވެނީ ކަލޭގެފާނެއް ނޫންކަން ކަށަވަރެވެ. އެހެނެއްކަމަކު އަނިޔާވެރިން ދެކޮޅުހަދަނީ ﷲގެ އާޔަތްތަކާމެދުގައެވެ.
﴿٣٤﴾ وَلَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ فَصَبَرُوا عَلَىٰ مَا كُذِّبُوا وَأُوذُوا حَتَّىٰ أَتَاهُمْ نَصْرُنَا ۚ وَلَا مُبَدِّلَ لِكَلِمَاتِ اللَّهِ ۚ وَلَقَدْ جَاءَكَ مِن نَّبَإِ الْمُرْسَلِينَ
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް ރަސޫލުންތަކެއް ދޮގުކޮށްފައިވެއެވެ. ދެން އެ ދޮގުކުރިކަމުގެ މައްޗަށް އެ ރަސޫލުން ކެތްކުރެއްވިއެވެ. އަދި ތިމަންރަސްކަލާނގެ ނަޞްރުވެރިކަން އެބޭކަލުންނާ ހަމަޔަށް އަތުވެއްޖައުމަށް ދާންދެން އެބޭކަލުންނަށް ދުއްތުރާ ކުރިއެވެ. އަދި ﷲގެ ކަލިމަފުޅުތަކަށް (އެބަހީ: އެކަލާނގެ ރަސޫލުންނަށް ނަޞްރު ދެއްވާނެކަމަށް ކުރައްވާފައިވާ ވަޢުދުގެ ބަސްފުޅުތަކަށް) ބަދަލެއް ގެންނާނެ އެއްވެސް ފަރާތެއްނެތެވެ. ހަމަކަށަވަރުން، ކުރީގެ ރަސޫލުންގެ ޚަބަރުތައް ކަލޭގެފާނާ ހަމަޔަށް އައިސްފައިވާކަން ކަށަވަރެވެ.
﴿٣٥﴾ وَإِن كَانَ كَبُرَ عَلَيْكَ إِعْرَاضُهُمْ فَإِنِ اسْتَطَعْتَ أَن تَبْتَغِيَ نَفَقًا فِي الْأَرْضِ أَوْ سُلَّمًا فِي السَّمَاءِ فَتَأْتِيَهُم بِآيَةٍ ۚ وَلَوْ شَاءَ اللَّهُ لَجَمَعَهُمْ عَلَى الْهُدَىٰ ۚ فَلَا تَكُونَنَّ مِنَ الْجَاهِلِينَ
އެއުރެން އެނބުރި ފުރަގަސްދިނުން ކަލޭގެފާނަށް ބޮޑުކަމަކަށް ވެއްޖެނަމަ، އެއުރެންނަށް މުޢުޖިޒާއެއް ގެނެސް ދެއްވުމަށްޓަކައި ބިމުގެ އަޑީގައި ބިންގަރާހެއް ނުވަތަ އުޑަށް އަރާނެ ސިޑިއެއް ހޯއްދެވުމަށް ކަލޭގެފާނަށް ކުޅަދާނަވެގެންވާނަމަ، އެކަންކުރައްވައި ބައްލަވާށެވެ! (އެބަހީ: ކަލޭގެފާނަކަށް އެކަމެއް ނުކުރެއްވޭނެއެވެ. ކަލޭގެފާނަށް އޮތްކަމަކީ ﷲގެ ޙުކުމްފުޅު އަތުވެއްޖައުމަށް ދާނދެން ކެތްކުރެއްވުމެވެ.) ﷲ އިރާދަކުރެއްވިނަމަ، ތެދުމަގުގެ މައްޗަށް އެއުރެން އެއްކުރައްވައިފީހެވެ. ފަހެ، ހަމަކަށަވަރުން، ޖާހިލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!
﴿٣٦﴾ ۞ إِنَّمَا يَسْتَجِيبُ الَّذِينَ يَسْمَعُونَ ۘ وَالْمَوْتَىٰ يَبْعَثُهُمُ اللَّهُ ثُمَّ إِلَيْهِ يُرْجَعُونَ
ހަމަކަށަވަރުން (ކަލޭގެފާނުންގެ ގޮވައިލެއްވުމަށް) އިޖާބަދެނީ (ވިސްނުމާއެކު) އަޑުއަހާ މީހުންނެވެ. އަދި ﷲ، މަރުވެފައިވާ މީހުން އަލުން ދިރުއްވާހުށްޓެވެ. ދެން އެއުރެން އަނބުރާ ރުޖޫޢަ ކުރައްވާހުށީ އެކަލާނގެ ޙަޟްރަތަށެވެ.
﴿٣٧﴾ وَقَالُوا لَوْلَا نُزِّلَ عَلَيْهِ آيَةٌ مِّن رَّبِّهِ ۚ قُلْ إِنَّ اللَّهَ قَادِرٌ عَلَىٰ أَن يُنَزِّلَ آيَةً وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
އެއުރެން ބުނެފޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެކަލޭގެފާނަށް މުޢުޖިޒާއެއް ބާވައިލައްވާފައި ނުވަނީ ކީއްވެގެން ބާވައެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މުޢުޖިޒާއެއް ބާވައިލެއްވުމަށްވެސް ﷲކުޅަދުންވަންތައެވެ. އެހެނެއްކަމަކު އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.
﴿٣٨﴾ وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ
ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އަދި އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ އުއްމަތްތަކެއް ކަމުގައި ނޫނީނުވެއެވެ. ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެތަކެތި (ޤިޔާމަތް ދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ.
﴿٣٩﴾ وَالَّذِينَ كَذَّبُوا بِآيَاتِنَا صُمٌّ وَبُكْمٌ فِي الظُّلُمَاتِ ۗ مَن يَشَإِ اللَّهُ يُضْلِلْهُ وَمَن يَشَأْ يَجْعَلْهُ عَلَىٰ صِرَاطٍ مُّسْتَقِيمٍ
ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުޅަ މީހުންވަނީ، އަނދިރިތަކެއްގެ ތެރޭގައިވާ، ބީރު އަދި މަންމަން ބަޔަކުކަމުގައެވެ. ﷲ އިރާދަކުރައްވާ މީހަކު މަގު ފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކު ސީދާ ވެގެންވާ ތެދުމަގެއްގައި ލަހައްޓަވަތެވެ.
﴿٤٠﴾ قُلْ أَرَأَيْتَكُمْ إِنْ أَتَاكُمْ عَذَابُ اللَّهِ أَوْ أَتَتْكُمُ السَّاعَةُ أَغَيْرَ اللَّهِ تَدْعُونَ إِن كُنتُمْ صَادِقِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ މީހުން ކަމުގައިވާނަމަ، ނިކަން ތިޔަބައިމީހުން ބުނެބަލާށެވެ! ތިޔަބައިމީހުންގެ ގާތަށް ﷲގެ ޢަޛާބު އަތުވެއްޖެނަމަ، ނުވަތަ ޤިޔާމަތުގެ ވަގުތު ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، ﷲ ނޫންފަރާތަކަށް ތިޔަބައިމީހުން ދުޢާ ކުރާނެހެއްޔެވެ؟
﴿٤١﴾ بَلْ إِيَّاهُ تَدْعُونَ فَيَكْشِفُ مَا تَدْعُونَ إِلَيْهِ إِن شَاءَ وَتَنسَوْنَ مَا تُشْرِكُونَ
އަދި ކިއެއްތަ! ތިޔަބައިމީހުން ދުޢާ ކުރާނީ ހަމައެކަނި އެކަލާނގެއަށެވެ. ދެން ތިޔަބައިމީހުން ދުޢާ ކޮށް (ފިއްލެވުންއެދި) ދެންނެވިކަމެއް އެކަލާނގެ އިރާދަކުރައްވައިފިނަމަ، ފިއްލަވާނެތެވެ. އަދި ތިޔަބައިމީހުން ޝަރީކުކުޅަ ފަރާތްތައް ތިޔަބައިމީހުން ހަނދާން ނައްތައިލާނޫއެވެ.
﴿٤٢﴾ وَلَقَدْ أَرْسَلْنَا إِلَىٰ أُمَمٍ مِّن قَبْلِكَ فَأَخَذْنَاهُم بِالْبَأْسَاءِ وَالضَّرَّاءِ لَعَلَّهُمْ يَتَضَرَّعُونَ
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ އުއްމަތްތަކަށްވެސް ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. ދެން (އެއުރެން ކާފިރު ވީހިނދު) ތަދުމަޑުކަމާއި ބަލިމަޑުކަން، ތިމަންރަސްކަލާނގެ އެއުރެންނަށް ޖެއްސެވީމެވެ. (އެއީ) އެއުރެން ކިޔަމަންވެ މަޑުމޮޅިވުމަށްޓަކައެވެ.
﴿٤٣﴾ فَلَوْلَا إِذْ جَاءَهُم بَأْسُنَا تَضَرَّعُوا وَلَٰكِن قَسَتْ قُلُوبُهُمْ وَزَيَّنَ لَهُمُ الشَّيْطَانُ مَا كَانُوا يَعْمَلُونَ
ފަހެ، ތިމަންރަސްކަލާނގެ ޢަޛާބު އެއުރެންނާ ހަމަޔަށް އައިހިނދުވެސް، އެއުރެން ކިޔަމަންވެ މަޑުމޮޅިނުވީ ކީއްވެގެންބާވައެވެ؟ އެހެނެއްކަމަކު އެއުރެންގެ ހިތްތައް ހަރުކަށިވެފައިވެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް އެއުރެންނަށް ޝައިޠާނާ ޒީނަތްތެރިކޮށް ދެއްކިއެވެ.
﴿٤٤﴾ فَلَمَّا نَسُوا مَا ذُكِّرُوا بِهِ فَتَحْنَا عَلَيْهِمْ أَبْوَابَ كُلِّ شَيْءٍ حَتَّىٰ إِذَا فَرِحُوا بِمَا أُوتُوا أَخَذْنَاهُم بَغْتَةً فَإِذَا هُم مُّبْلِسُونَ
ދެން އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތައް، އެއުރެން ހަނދާންނައްތައިފި ހިނދު (އިމްތިޙާނެއްގެ ގޮތުން) ހުރިހާކަމެއްގެ ދޮރުތައް ތިމަންރަސްކަލާނގެ އެއުރެންނަށް ހުޅުއްވައިދެއްވީމެވެ. (އެބަހީ: ހުރިހާ ގޮތަކުން ތަނަވަސްކަމާއި ތިޔާގިކަން ދެއްވީމެވެ.) ދެން އެއުރެންނަށް ދެއްވި ކަންތަކާމެދު އެއުރެން އުފަލުގައި ތިއްބާ ކުއްލިއަކަށް ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ. އެހިނދު އުއްމީދު ކެނޑިފައިތިބި ބަޔަކު ކަމުގައި އެއުރެންވިއެވެ.
﴿٤٥﴾ فَقُطِعَ دَابِرُ الْقَوْمِ الَّذِينَ ظَلَمُوا ۚ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
ދެން އަނިޔާވެރިވީ މީހުންގެ އެންމެފަހު މީހާއަށްދާނދެން ނެތި ކުރެއްވިއެވެ. ޙަމްދު ހުރީ، ޢާލަމްތަކުގެ ވެރި ﷲއަށެވެ.
﴿٤٦﴾ قُلْ أَرَأَيْتُمْ إِنْ أَخَذَ اللَّهُ سَمْعَكُمْ وَأَبْصَارَكُمْ وَخَتَمَ عَلَىٰ قُلُوبِكُم مَّنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُم بِهِ ۗ انظُرْ كَيْفَ نُصَرِّفُ الْآيَاتِ ثُمَّ هُمْ يَصْدِفُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! ﷲ ތިޔަބައިމީހުންގެ އިވުމާއި، ފެނުން ގެންދަވައި އަދި ތިޔަބައިމީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައިފިނަމަ، އެކަންތައްތައް ތިޔަބައިމީހުންނަށް އަލުން ގެނެސްދޭނީ ﷲ ފިޔަވައި ކޮން އިލާހަކު ހެއްޔެވެ؟ ތިމަންރަސްކަލާނގެ އާޔަތްތައް އެކިގޮތްގޮތަށް ބަޔާންކޮށްދެއްވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ދެން އެއަށްފަހުވެސް، އެއުރެން އެ އާޔަތްތަކުން ދުރުހެލިވެގަނެތެވެ.
﴿٤٧﴾ قُلْ أَرَأَيْتَكُمْ إِنْ أَتَاكُمْ عَذَابُ اللَّهِ بَغْتَةً أَوْ جَهْرَةً هَلْ يُهْلَكُ إِلَّا الْقَوْمُ الظَّالِمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! ﷲގެ ޢަޛާބު ކުއްލިއަކަށް ނުވަތަ ފާޅުގައި ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، އަނިޔާވެރިވީ މީހުން ފިޔަވައި އެހެން ބަޔަކު ހަލާކުވެގެންދާނޭ ހެއްޔެވެ؟
﴿٤٨﴾ وَمَا نُرْسِلُ الْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۖ فَمَنْ آمَنَ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
އަދި އުފާވެރިކަމުގެ ޚަބަރު ދެއްވާ، ބޭކަލުން ކަމުގައްޔާއި، އިންޛާރު ކުރައްވާ ބޭކަލުން ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ ރަސޫލުން ނުފޮނުއްވަމެވެ. ފަހެ، އީމާންވެ އިޞްލާޙުކުޅަ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނަކީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.
﴿٤٩﴾ وَالَّذِينَ كَذَّبُوا بِآيَاتِنَا يَمَسُّهُمُ الْعَذَابُ بِمَا كَانُوا يَفْسُقُونَ
ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުޅަ މީހުން (ދަންނާށެވެ!) އެއުރެން ފާސިޤުވެ އުޅުނު ކަމަށްޓަކައި ޢަޛާބު އެއުރެންގައި ބީހޭނެތެވެ.
﴿٥٠﴾ قُل لَّا أَقُولُ لَكُمْ عِندِي خَزَائِنُ اللَّهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ لَكُمْ إِنِّي مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ ۚ قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ގާތުގައި ﷲގެ ޚަޒާނާތައް ވާކަމަކަށް، ނުވަތަ ތިމަންކަލޭގެފާނަށް ޣައިބު އެނގޭކަމަކަށް ތިޔަބައިމީހުންގެ ގާތަކު ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ. އަދި ތިމަންކަލޭގެފާނީ މަލާއިކަތެކޭވެސް ތިޔަބައިމީހުންގެ ގާތަކު ވިދާޅެއްނުވަމެވެ. ތިމަންކަލޭގެފާނަށް ވަޙީ އިއްވަވާގޮތަށް މެނުވީ ތިމަންކަލޭގެފާނު ތަބަޢަ ވެވަޑައެއް ނުގަންނަވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަނުމީހަކާ، ލޮލަށްފެންނަ މީހަކާ ހަމަހަމަވާނޭހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ފިކުރު ނުކުރަނީހެއްޔެވެ؟
﴿٥١﴾ وَأَنذِرْ بِهِ الَّذِينَ يَخَافُونَ أَن يُحْشَرُوا إِلَىٰ رَبِّهِمْ ۙ لَيْسَ لَهُم مِّن دُونِهِ وَلِيٌّ وَلَا شَفِيعٌ لَّعَلَّهُمْ يَتَّقُونَ
އަދި އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެއުރެން އެއްކުރައްވާނޭ ކަމާމެދު ބިރުވެތިވެއުޅޭ މީހުންނަށް އެ ޤުރްއާނުން ކަލޭގެފާނު އިންޛާރު ކުރައްވާށެވެ! އެކަލާނގެ ފިޔަވައި އެހީތެރިޔަކުވެސް، ޝަފާޢަތްތެރިޔަކުވެސް އެއުރެންނަކަށް ނުވެއެވެ. (އެއީ) އެއުރެން ތަޤްވާވެރި ވުމަށްޓަކައެވެ.
﴿٥٢﴾ وَلَا تَطْرُدِ الَّذِينَ يَدْعُونَ رَبَّهُم بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ ۖ مَا عَلَيْكَ مِنْ حِسَابِهِم مِّن شَيْءٍ وَمَا مِنْ حِسَابِكَ عَلَيْهِم مِّن شَيْءٍ فَتَطْرُدَهُمْ فَتَكُونَ مِنَ الظَّالِمِينَ
އަދި އެއުރެން އެކަލާނގެ ވަޖްހުފުޅު އެދިގެން ހެނދުނާއި، ހަވީރު އެއުރެންގެ ވެރިރަސްކަލާނގެއަށް ދުޢާ ކޮށްއުޅޭ މީހުން ކަލޭގެފާނު ދުރުކޮށް ނުލައްވާށެވެ! އެއުރެންގެ ޙިސާބު ބެއްލެވުމުގެ ތެރެއިން ކަމެއް ކަލޭގެފާނަކަށް ނެތެވެ. އަދި ކަލޭގެފާނުގެ ޙިސާބު ބެއްލެވުމުގެ ތެރެއިން ކަމެއް އެއުރެންނަކަށްވެސް ނެތެވެ. ފަހެ، ކަލޭގެފާނު އެއުރެން ދުރުކޮށްލައްވައިފިނަމަ، އަނިޔާވެރިންގެ ތެރެއިން ކަލޭގެފާނު ވެދާނެތެވެ.
﴿٥٣﴾ وَكَذَٰلِكَ فَتَنَّا بَعْضَهُم بِبَعْضٍ لِّيَقُولُوا أَهَٰؤُلَاءِ مَنَّ اللَّهُ عَلَيْهِم مِّن بَيْنِنَا ۗ أَلَيْسَ اللَّهُ بِأَعْلَمَ بِالشَّاكِرِينَ
އެއުރެންގެ އެއްބަޔަކު އަނެއްބަޔަކު މެދުވެރި ކުރައްވައި އިމްތިޙާނު ކުރައްވަމުން ތިމަންރަސްކަލާނގެ ގެންދެވީ އެފަދައިންނެވެ. އެއީ އަހުރެމެންގެ ތެރެއިން ﷲ ނިޢުމަތް ދެއްވާފައިވާ ބަޔަކީ މިބައިމީހުންހޭ؟ އެއުރެން ބުނުމަށްޓަކައެވެ. ޝުކުރުވެރިވާ މީހުން އެންމެބޮޑަށް ދެނެވޮޑިގެންވަނީ، ﷲކަމުގައިނުވޭ ހެއްޔެވެ؟
﴿٥٤﴾ وَإِذَا جَاءَكَ الَّذِينَ يُؤْمِنُونَ بِآيَاتِنَا فَقُلْ سَلَامٌ عَلَيْكُمْ ۖ كَتَبَ رَبُّكُمْ عَلَىٰ نَفْسِهِ الرَّحْمَةَ ۖ أَنَّهُ مَنْ عَمِلَ مِنكُمْ سُوءًا بِجَهَالَةٍ ثُمَّ تَابَ مِن بَعْدِهِ وَأَصْلَحَ فَأَنَّهُ غَفُورٌ رَّحِيمٌ
ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންވާ މީހުން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުށްޓެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ރަޙްމަތް އެކަލާނގެ ޛާތުފުޅުގެ މައްޗަށް ލާޒިމް ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ނޭނގުމާއެކު، ނުބައިކަމެއްކޮށް، ދެން އެއަށްފަހު، ތައުބާވެ (ޢަމަލުތައް) އިޞްލާޙު ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.
﴿٥٥﴾ وَكَذَٰلِكَ نُفَصِّلُ الْآيَاتِ وَلِتَسْتَبِينَ سَبِيلُ الْمُجْرِمِينَ
ތިމަންރަސްކަލާނގެ އާޔަތްތައް ބަޔާން ކުރައްވަނީ އެފަދައިންނެވެ. އެއީ ކުށްވެރިންގެ މަގު ބަޔާންވެ އޮތުމަށްޓަކައެވެ.
﴿٥٦﴾ قُلْ إِنِّي نُهِيتُ أَنْ أَعْبُدَ الَّذِينَ تَدْعُونَ مِن دُونِ اللَّهِ ۚ قُل لَّا أَتَّبِعُ أَهْوَاءَكُمْ ۙ قَدْ ضَلَلْتُ إِذًا وَمَا أَنَا مِنَ الْمُهْتَدِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ފިޔަވައި ތިޔަބައިމީހުން ދުޢާ ކޮށްއުޅޭ ފަރާތްތަކަށް އަޅުކަންކުރުން ތިމަންކަލޭގެފާނަށް ހަމަކަށަވަރުން، ނަހީކުރެއްވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ އެދުންތަކަކަށް ތިމަންކަލޭގެފާނު ތަބަޢައެއް ނުވާނަމެވެ. އެހެންވެއްޖެނަމަ، ތިމަންކަލޭގެފާނު މަގުފުރެދުނީސްކަން ކަށަވަރެވެ. އަދި އޭރުން ތެދުމަގު ލިބިގެންވާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވީހެވެ.
﴿٥٧﴾ قُلْ إِنِّي عَلَىٰ بَيِّنَةٍ مِّن رَّبِّي وَكَذَّبْتُم بِهِ ۚ مَا عِندِي مَا تَسْتَعْجِلُونَ بِهِ ۚ إِنِ الْحُكْمُ إِلَّا لِلَّهِ ۖ يَقُصُّ الْحَقَّ ۖ وَهُوَ خَيْرُ الْفَاصِلِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބަޔާންވެ އެނގިގެންވާ ކަންތައްތަކެއްގެ މަތީގައެވެ. އަދި ތިޔަބައިމީހުން އެކަލާނގެ ދޮގުކުޅައީމުއެވެ. އެކަމެއް އަވަސްވުންއެދި ތިޔަބައިމީހުން އުޅޭކަންތައް (އެބަހީ: ﷲގެ ޢަޛާބު ފޮނުއްވުން) ތިމަންކަލޭގެފާނުންގެ ކިބަޔަކު ނުވެއެވެ. ޙުކުމް ކުރެއްވުން ﷲއަށް މެނުވީ ނުވެއެވެ. އެކަލާނގެ ޙައްޤު ބަސްފުޅު ވަޙީ ކުރައްވައެވެ. އެކަލާނގެއީ، ޙުކުމް ކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ.
﴿٥٨﴾ قُل لَّوْ أَنَّ عِندِي مَا تَسْتَعْجِلُونَ بِهِ لَقُضِيَ الْأَمْرُ بَيْنِي وَبَيْنَكُمْ ۗ وَاللَّهُ أَعْلَمُ بِالظَّالِمِينَ
ކަލޭގެފާނު ވިދާޅުވާށެވެ! އެކަމެއް އަވަސްވުންއެދި، ތިޔަބައިމީހުން އުޅޭކަންތައް ތިމަންކަލޭގެފާނުގެ ކިބައިގައިވާނަމަ، ތިމަންކަލޭގެފާނާ ތިޔަބައިމީހުންނާ ދެމެދުގައިވާ ކަންތަކުގެ ނިޔާކަނޑައަޅުއްވައި ނިންމަވައިފީސްކަން ކަށަވަރެވެ. އަނިޔާވެރިން ދެނެވޮޑިގަތުންބޮޑީ، ﷲއެވެ.
﴿٥٩﴾ ۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ
އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ.
﴿٦٠﴾ وَهُوَ الَّذِي يَتَوَفَّاكُم بِاللَّيْلِ وَيَعْلَمُ مَا جَرَحْتُم بِالنَّهَارِ ثُمَّ يَبْعَثُكُمْ فِيهِ لِيُقْضَىٰ أَجَلٌ مُّسَمًّى ۖ ثُمَّ إِلَيْهِ مَرْجِعُكُمْ ثُمَّ يُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
އަދި ރޭގަނޑަށް ތިޔަބައިމީހުންގެ ފުރާނަ ހިއްޕަވަނީ (އެބަހީ: ނިދޭގޮތް މެދުވެރި ކުރައްވަނީ) އެކަލާނގެއެވެ. އަދި ދުވާލު ތިޔަބައިމީހުން ހޯދައިގަތް ކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ދެން އެއަށްފަހު ދުވާލުގެ ތެރެއަށް ތިޔަބައިމީހުން އަލުން ފޮނުއްވަތެވެ. (އެބަހީ: ހޭލައްވަވައެވެ. އެއީ) ކަނޑައަޅުއްވާފައިވާއަޖަލު ހަމަވުމަށްޓަކައެވެ. ދެން އެއަށްފަހު، ތިޔަބައިމީހުން އެނބުރި ރުޖޫޢަ ވުންވަނީ، އެކަލާނގެ ޙަޟްރަތަށެވެ. ދެން އެއަށްފަހު، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ.
﴿٦١﴾ وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰ إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ
އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިކުރަނިވި މަލާއިކަތުން ފޮނުއްވަވަތެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކުގެ ގާތަށް މަރު އަތުވެއްޖެނަމަ، އެހިނދު ތިމަންރަސްކަލާނގެ ފޮނުއްވަވާ މަލާއިކަތުން އެމީހަކުގެ ފުރާނަ ހިއްޕަވަތެވެ. އެ މަލާއިކަތުން (އެކަމުގައި) ލަހެއް ފަހެއް ނުކުރައްވާނެތެވެ.
﴿٦٢﴾ ثُمَّ رُدُّوا إِلَى اللَّهِ مَوْلَاهُمُ الْحَقِّ ۚ أَلَا لَهُ الْحُكْمُ وَهُوَ أَسْرَعُ الْحَاسِبِينَ
ދެން އެއުރެންގެ އެހީތެރިވަންތަ، ޙައްޤުވަންތަ ﷲގެ ޙަޟްރަތަށް އެއުރެން ރައްދުކުރައްވާނެތެވެ. ދަންނާށެވެ! ޙުކުމް ކުރެއްވުންއޮތީ، އެކަލާނގެއަށެވެ. އެކަލާނގެއީ، ޙިސާބު ބެއްލެވުމުގައި އެންމެ އަވަސް ރަސްކަލާނގެއެވެ.
﴿٦٣﴾ قُلْ مَن يُنَجِّيكُم مِّن ظُلُمَاتِ الْبَرِّ وَالْبَحْرِ تَدْعُونَهُ تَضَرُّعًا وَخُفْيَةً لَّئِنْ أَنجَانَا مِنْ هَٰذِهِ لَنَكُونَنَّ مِنَ الشَّاكِرِينَ
ކަލޭގެފާނު ވިދާޅުވާށެވެ! އެއްގަމާއި، ކަނޑުގެ އަނދިރިތަކުގެ ތެރެއިން (އެބަހީ: އެއްގަމާއި، ކަނޑުގެ ބިރުވެރިކަމުގެ ތެރެއިން) ތިޔަބައިމީހުން މިންޖުކުރާނީ ކާކުހެއްޔެވެ؟ މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުން އެކަލާނގެއަށް ދުޢާ ކޮށް ދަންނަވަމުއެވެ. ހަމަކަށަވަރުން، އެކަލާނގެ ތިމަންމެން މިކަމުން ސަލާމަތް ކުރައްވައިފިނަމަ، ޝުކުރުވެރިވާ މީހުންގެ ތެރެއިން ހަމަކަށަވަރުން ތިމަންމެން ވާހުށީމެވެ.
﴿٦٤﴾ قُلِ اللَّهُ يُنَجِّيكُم مِّنْهَا وَمِن كُلِّ كَرْبٍ ثُمَّ أَنتُمْ تُشْرِكُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުންވެސް އަދި ކޮންމެ ހިތާމައަކުންވެސް ތިޔަބައިމީހުން ސަލާމަތްކުރައްވާނީ ﷲއެވެ. ދެން އެއަށްފަހުވެސް، ތިޔަބައިމީހުން ޝަރީކު ކުރަމުއެވެ.
﴿٦٥﴾ قُلْ هُوَ الْقَادِرُ عَلَىٰ أَن يَبْعَثَ عَلَيْكُمْ عَذَابًا مِّن فَوْقِكُمْ أَوْ مِن تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُم بَأْسَ بَعْضٍ ۗ انظُرْ كَيْفَ نُصَرِّفُ الْآيَاتِ لَعَلَّهُمْ يَفْقَهُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންގެ (ބޯ) މަތިން ނުވަތަ ތިޔަބައިމީހުންގެ ފައިތަކުގެ ދަށުން، ތިޔަބައިމީހުންގެ މައްޗަށް ޢަޛާބެއް ފޮނުއްވުމަށް ނުވަތަ ތިޔަބައިމީހުން ބައިބަޔަށް ވަކިކުރައްވައި ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ ބާރުގެ ރަހަ، އަނެއްބަޔަކަށް ދެއްކެވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ އާޔަތްތައް އެކިގޮތްގޮތަށް ބަޔާންކޮށް ދެއްވަނީ، ކޮންފަދަޔަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! (އެއީ) އެއުރެން ވިސްނުމަށްޓަކައެވެ.
﴿٦٦﴾ وَكَذَّبَ بِهِ قَوْمُكَ وَهُوَ الْحَقُّ ۚ قُل لَّسْتُ عَلَيْكُم بِوَكِيلٍ
އެއީ ޙައްޤު ތެދުބަސްފުޅުކަމަށް ވުމާއެކުވެސް، ކަލޭގެފާނުގެ ޤައުމުގެމީހުން އެ ޤުރްއާން ދޮގުކުޅައޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ކަންތަކާ ޙަވާލު ވެގެންހުރި ވަކީލަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.
﴿٦٧﴾ لِّكُلِّ نَبَإٍ مُّسْتَقَرٌّ ۚ وَسَوْفَ تَعْلَمُونَ
ކޮންމެ ޚަބަރަކަށްމެ، ކަނޑައަޅުއްވާފައިވާ ވަގުތެއްވެއެވެ. އަދި ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
﴿٦٨﴾ وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ وَإِمَّا يُنسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَىٰ مَعَ الْقَوْمِ الظَّالِمِينَ
ތިމަންރަސްކަލާނގެ އާޔަތްތަކާމެދު ދޮގުވާހަކަ ދައްކައިއުޅޭ މީހުން ކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ، އެއުރެން އެ ނޫން ވާހަކައެއް ދައްކައިފުމަށް ދާނދެން އެއުރެންގެ ކިބައިން ވަކިވެވަޑައިގަންނަވާށެވެ! އަދި ޝައިޠާނާ ކަލޭގެފާނު ހަނދުމަނެތި ކޮށްފިނަމަ (އެކަން) ހަނދުމަވުމަށްފަހު، އަނިޔާވެރިވީ މީސްތަކުންނާއެކު ފަހެ، ކަލޭގެފާނު ނީންނަވާށެވެ!
﴿٦٩﴾ وَمَا عَلَى الَّذِينَ يَتَّقُونَ مِنْ حِسَابِهِم مِّن شَيْءٍ وَلَٰكِن ذِكْرَىٰ لَعَلَّهُمْ يَتَّقُونَ
އަދި އެ (ދޮގުވާހަކަ ދައްކާ) މީހުންގެ އެއްވެސް ކަމެއްގެ ޒިންމާއެއް، ތަޤްވާވެރިންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، އޮތްކަމަކީ ހަނދާންކޮށްދިނުމެވެ. އެއީ އެއުރެން (އެފަދަ ވާހަކަތަކުން) ރައްކާތެރިވުމަށްޓަކައެވެ.
﴿٧٠﴾ وَذَرِ الَّذِينَ اتَّخَذُوا دِينَهُمْ لَعِبًا وَلَهْوًا وَغَرَّتْهُمُ الْحَيَاةُ الدُّنْيَا ۚ وَذَكِّرْ بِهِ أَن تُبْسَلَ نَفْسٌ بِمَا كَسَبَتْ لَيْسَ لَهَا مِن دُونِ اللَّهِ وَلِيٌّ وَلَا شَفِيعٌ وَإِن تَعْدِلْ كُلَّ عَدْلٍ لَّا يُؤْخَذْ مِنْهَا ۗ أُولَٰئِكَ الَّذِينَ أُبْسِلُوا بِمَا كَسَبُوا ۖ لَهُمْ شَرَابٌ مِّنْ حَمِيمٍ وَعَذَابٌ أَلِيمٌ بِمَا كَانُوا يَكْفُرُونَ
އެއުރެންގެ ދީނުގެ ކަންތަކަކީ، ކުޅިވަރެއް ކަމުގައްޔާއި، ފޫހިފިލުވުމެއް ކަމުގައި ބަލައިގެން އުޅުނު، އަދި ދުނިޔޭގެ ދިރިއުޅުން އެއުރެން ހެއްލުންތެރިކޮށްފައިވާ މީހުން ކަލޭގެފާނު ދޫކޮށްލައްވާށެވެ! އަދި ކަލޭގެފާނު އެ ޤުރްއާނުން ހަނދާންކޮށް ދެއްވާށެވެ! ނަފްސެއްކުޅަ ޢަމަލުތަކުގެ ސަބަބުން، އެ ނަފްސެއް ހަލާކުގެ ތެރެއަށް ހުށަހެޅިދާނެ ކަމަށްޓަކައެވެ. ﷲ ފިޔަވައި އެ ނަފްސަށް އެހީތެރިވާނޭ ފަރާތެއް ނުވެތެވެ. އަދި ޝަފާޢަތްތެރިވާނޭ ފަރާތެއްވެސް ނުވެތެވެ. އަދި ކޮންމެ ފިދުޔައަކުން އެ ނަފްސެއް ފިދުޔަ ދިނަސް، އެ ފިދުޔައެއް ނުހިއްޕަވާނެތެވެ. އެއުރެންނަކީ އެއުރެން ކުޅަ ޢަމަލުތަކުގެ ސަބަބުން ހަލާކަށް ހުށަހެޅުނު މީހުންނެވެ. އެއުރެންނަށް ކެކިކެކިހުރި ހޫނުފެނުގެ ބުއިމާއި ވޭންދެނިވި ޢަޛާބު ހުށްޓެވެ. (އެއީ) އެއުރެން ކާފިރުވެ އުޅުނުކަމަށްޓަކައެވެ.
﴿٧١﴾ قُلْ أَنَدْعُو مِن دُونِ اللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰ أَعْقَابِنَا بَعْدَ إِذْ هَدَانَا اللَّهُ كَالَّذِي اسْتَهْوَتْهُ الشَّيَاطِينُ فِي الْأَرْضِ حَيْرَانَ لَهُ أَصْحَابٌ يَدْعُونَهُ إِلَى الْهُدَى ائْتِنَا ۗ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَىٰ ۖ وَأُمِرْنَا لِنُسْلِمَ لِرَبِّ الْعَالَمِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ފިޔަވައި އަހަރެމެންނަށް މަންފާއެއް ނުދޭ، އަދި އަހަރެމެންނަށް ގެއްލުމެއްވެސް ނުދޭ އެއްޗެހިތަކަކަށް އަހަރެމެން ދުޢާ ކުރާނެހެއްޔެވެ؟ އަދި ﷲ އަހަރެމެންނަށް ތެދުމަގު ދެއްކެވުމަށްފަހުގައި (ޝިރުކުގެ ތެރެއަށް) ފަހަށް އެނބުރިދާނޭ ހެއްޔެވެ؟ (އޭރުން ވާނީ) ބިމުގައި ޝައިޠާނުންނަށް ހެއްލި، ދެވޭ ނުދެވޭ ތަނެއްނޭނގި، ޙާއިރާން ވެފައިވާ މީހަކު ފަދައިންނެވެ. އެމީހާއަށް ތެދުމަގަށްގޮވައި ތިމަންމެންގެ ކައިރިޔަށް އަންނާށޭ ބުނާ އެކުވެރިންތަކެއް އޭނާއަށް ވެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތެދުމަގަކީ، ﷲގެ ތެދުމަގުކަން ކަށަވަރެވެ. އަދި އަހަރެމެންނަށް އަމުރު ކުރައްވާފައިވަނީ ޢާލަމްތަކުގެ ވެރިރަސްކަލާނގެއަށް ކިޔަމަންވުމަށެވެ.
﴿٧٢﴾ وَأَنْ أَقِيمُوا الصَّلَاةَ وَاتَّقُوهُ ۚ وَهُوَ الَّذِي إِلَيْهِ تُحْشَرُونَ
އަދި ނަމާދު ޤާއިމް ކުރުމަށާއި، އެކަލާނގެއަށް ތަޤްވާވެރިވުމަށް އަންގަވާފައިވެއެވެ. ތިޔަބައިމީހުން (ޤިޔާމަތް ދުވަހުން) އެއްކުރައްވާހުށީ ހަމައެކަލާނގެ ޙަޟްރަތަށެވެ.
﴿٧٣﴾ وَهُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۖ وَيَوْمَ يَقُولُ كُن فَيَكُونُ ۚ قَوْلُهُ الْحَقُّ ۚ وَلَهُ الْمُلْكُ يَوْمَ يُنفَخُ فِي الصُّورِ ۚ عَالِمُ الْغَيْبِ وَالشَّهَادَةِ ۚ وَهُوَ الْحَكِيمُ الْخَبِيرُ
އެކަލާނގެއީ، ޙައްޤު ގޮތުގައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ، "ވާށޭ" ވަޙީ ކުރައްވާދުވަސް ހަނދުމަކުރާށެވެ! ފަހެ، އެ ހިނދުން އެކަމެއްވާހުށްޓެވެ. އެކަލާނގެ ބަސްފުޅަކީ ޙައްޤު ތެދެވެ. އަދި ތާޅަފިލި ފުމެލައްވާ ދުވަހު، ވެރިކަންވަނީ އެކަލާނގެއަށެވެ. އެކަލާނގެއީ، ނުފެންނަކަންތަކާއި، ފެންނަކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ރަސްކަލާނގެއެވެ.
﴿٧٤﴾ ۞ وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ آزَرَ أَتَتَّخِذُ أَصْنَامًا آلِهَةً ۖ إِنِّي أَرَاكَ وَقَوْمَكَ فِي ضَلَالٍ مُّبِينٍ
އިބްރާހީމުގެފާނު އެކަލޭގެފާނުގެ ބައްޕަ އާޒަރަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ކަލޭގެފާނު ބުދުތަކެއް އިލާހުން ކަމުގައި ހައްދަވަނީތޯއެވެ؟ ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ކަލޭގެފާނާއި، ކަލޭގެފާނުގެ ޤައުމުގެމީހުން ފާޅުވެގެންވާ މަގުފުރެދުމެއްގައި ވާތީއެވެ.
﴿٧٥﴾ وَكَذَٰلِكَ نُرِي إِبْرَاهِيمَ مَلَكُوتَ السَّمَاوَاتِ وَالْأَرْضِ وَلِيَكُونَ مِنَ الْمُوقِنِينَ
އަދި ހަމައެފަދައިން، ތިމަންރަސްކަލާނގެ އިބްރާހީމުގެފާނަށް އުޑުތަކާއި، ބިމުގެ މަލަކޫތީވެރިކަން ދެއްކެވީމެވެ. އެއީ ޔަޤީން ކުރާ މީހުންގެ ތެރެއިން އެކަލޭގެފާނު ވުމަށްޓަކައެވެ.
﴿٧٦﴾ فَلَمَّا جَنَّ عَلَيْهِ اللَّيْلُ رَأَىٰ كَوْكَبًا ۖ قَالَ هَٰذَا رَبِّي ۖ فَلَمَّا أَفَلَ قَالَ لَا أُحِبُّ الْآفِلِينَ
ދެންފަހެ، ރޭގަނޑުގެ އަނދިރިކަން އެކަލޭގެފާނުގެ މައްޗަށް ފެތުރުނުހިނދު، އެކަލޭގެފާނަށް ތަރިއެއް ފެނިވަޑައިގެން (އެކަލޭގެފާނުގެ ޤައުމަށް) ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާގޮތުގައި) މިއީ އަހުރެންގެ ވެރިރަސްކަލާނގެއެވެ. ދެންފަހެ، އެތަރި އޮސްފުހުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޮސްފުހިދާ ތަކެއްޗަކަށް އަހުރެން ލޯތްބެއްނުކުރަމެވެ.
﴿٧٧﴾ فَلَمَّا رَأَى الْقَمَرَ بَازِغًا قَالَ هَٰذَا رَبِّي ۖ فَلَمَّا أَفَلَ قَالَ لَئِن لَّمْ يَهْدِنِي رَبِّي لَأَكُونَنَّ مِنَ الْقَوْمِ الضَّالِّينَ
ދެންފަހެ، ހަނދު އަރައިގެން އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގަތްހިނދު (އެއުރެންނަށް) އެކަލޭގެފާނު ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާގޮތުގައި) މިއީ އަހުރެންގެ ވެރިރަސްކަލާނގެއެވެ. ދެންފަހެ، އެ ހަނދު އޮސްފުހުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންގެ ވެރިރަސްކަލާނގެ ތެދުމަގުގައި އަހުރެން ޘާބިތު ނުކުރެއްވިނަމަ، މަގުގެއްލި، ފުރެދިގެންވާ މީހުންގެ ތެރެއިން އަހުރެން ވެއްޖައީސްކަން ކަށަވަރެވެ.
﴿٧٨﴾ فَلَمَّا رَأَى الشَّمْسَ بَازِغَةً قَالَ هَٰذَا رَبِّي هَٰذَا أَكْبَرُ ۖ فَلَمَّا أَفَلَتْ قَالَ يَا قَوْمِ إِنِّي بَرِيءٌ مِّمَّا تُشْرِكُونَ
ދެންފަހެ، އިރުއަރައިގެން އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގަތްހިނދު (އެއުރެންނަށް) އެކަލޭގެފާނު ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާ ގޮތުގައި) މިއީ އަހުރެންގެ ވެރިރަސްކަލާނގެއެވެ. (ހަނދަށްވުރެން) މި، މާބޮޑެވެ. ދެންފަހެ، އެ އިރު އޮސްފުހުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުން ޝަރީކު ކޮށް ތިޔައުޅޭ (ބުދުތަކާއި، އިރު ހަނދުފަދަ) ތަކެތިން، ހަމަކަށަވަރުން، އަހުރެން ބަރީއަވެގެންވަމެވެ.
﴿٧٩﴾ إِنِّي وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا ۖ وَمَا أَنَا مِنَ الْمُشْرِكِينَ
ހަމަކަށަވަރުން، (އަޅުކަންކުރުމުގެ ޤަޞްދުގައި) އަޅުގެ މޫނު ކުރިމަތިކުރަނީ، ބާޠިލު ގޮތުން އެއްކިބާވެ، ޙައްޤުގެ ފަރާތަށް ލެނބިހުރި ޙާލުގައި، އިސްވެދިޔަ ނަމޫނާއެއްނެތި، އުޑުތަކާއި ބިންހެއްދެވި ރަސްކަލާނގެއަށެވެ. އަދި މިއަޅާ މުޝްރިކުންގެ ތެރެއަކުން ނުވަމެވެ.
﴿٨٠﴾ وَحَاجَّهُ قَوْمُهُ ۚ قَالَ أَتُحَاجُّونِّي فِي اللَّهِ وَقَدْ هَدَانِ ۚ وَلَا أَخَافُ مَا تُشْرِكُونَ بِهِ إِلَّا أَن يَشَاءَ رَبِّي شَيْئًا ۗ وَسِعَ رَبِّي كُلَّ شَيْءٍ عِلْمًا ۗ أَفَلَا تَتَذَكَّرُونَ
އެކަލޭގެފާނުގެ ޤައުމުގެމީހުން (ދީނާމެދު) އެކަލޭގެފާނާ ޖަދަލު ކޮށް ހަދައިފޫއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެކަލާނގެ ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާފައި ވަނިކޮށް، ﷲއާމެދުގައި ތިޔަބައިމީހުން ތިމަންކަލޭގެފާނާ ޖަދަލު ކުރަނީ ހެއްޔެވެ؟ ތިޔަބައިމީހުން އެކަލާނގެއަށް ޝަރީކު ކޮށްއުޅޭ ތަކެއްޗަކަށް ތިމަންކަލޭގެފާނު ބިރުފުޅެއް ނުގަނެއެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާނގެ އިރާދަކުރައްވައިފި ކަމެއް އައިސް ޖެހޭނެތެވެ. ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުން ހުރިހައި ތަކެއްޗަކަށް ތަނަވަސް ވެގެންވެއެވެ. ތިޔަބައިމީހުން ފަހެ، ހަނދާންވެސް ނުކުރަނީ ހެއްޔެވެ؟
﴿٨١﴾ وَكَيْفَ أَخَافُ مَا أَشْرَكْتُمْ وَلَا تَخَافُونَ أَنَّكُمْ أَشْرَكْتُم بِاللَّهِ مَا لَمْ يُنَزِّلْ بِهِ عَلَيْكُمْ سُلْطَانًا ۚ فَأَيُّ الْفَرِيقَيْنِ أَحَقُّ بِالْأَمْنِ ۖ إِن كُنتُمْ تَعْلَمُونَ
އަދި ތިޔަބައިމީހުން (ﷲއަށް) ޝަރީކުކުޅަ ތަކެއްޗަށް ތިމަންކަލޭގެފާނު ބިރުފުޅު ގަންނާނީ ކޮންފަދަ އަކުންހެއްޔެވެ؟ ތިޔަބައިމީހުންގެ މައްޗަށް އެއާމެދު އެއްވެސް ޙުއްޖަތެއް ބާވައިލައްވާފައި ނުވާތަކެތި، ތިޔަބައިމީހުން ﷲއަށް ޝަރީކުކުޅަކަމާމެދު ތިޔަބައިމީހުން ބިރެއްނުގަންނަމުއެވެ. ފަހެ، މި ދެބައިމީހުންކުރެ (ޢަޛާބުން ސަލާމަތްވެ) އަމާންކަން ލިބުން ޙައްޤު ކަންބޮޑީ، ކޮންބަޔެއްހެއްޔެވެ؟ ތިޔަބައިމީހުންނަށް (އެބަޔަކު) އެނގޭނަމަ (ނިކަންބުނެދީ ބަލާށެވެ!)
﴿٨٢﴾ الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ
އެއުރެންނަކީ، އީމާން ވެތިބެ، އެއުރެންގެ އީމާންކަމުގެ ތެރެއަށް (ޝިރުކުގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ، އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ.
﴿٨٣﴾ وَتِلْكَ حُجَّتُنَا آتَيْنَاهَا إِبْرَاهِيمَ عَلَىٰ قَوْمِهِ ۚ نَرْفَعُ دَرَجَاتٍ مَّن نَّشَاءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ
އެ ހުރިހާކަމަކީ، ތިމަންރަސްކަލާނގެ (ޙަޟްރަތުން އައި) ޙުއްޖަތްތަކެވެ. އެ ޙުއްޖަތްތައް، ތިމަންރަސްކަލާނގެ އިބްރާހީމުގެފާނަށް ދެއްވީ، އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް ހުށަހެޅުއްވުމަށެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކު، ދަރަޖަ މަތިވެރިކުރައްވަމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޙަކީމްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿٨٤﴾ وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِ دَاوُودَ وَسُلَيْمَانَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَارُونَ ۚ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ
ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް (އެބަހީ: އިބްރާހީމުގެފާނަށް) އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު ދެއްވީމެވެ. އެއިން ކޮންމެ ބޭކަލަކަށް ތެދުމަގު ދެއްކެވީމެވެ. އަދި އޭގެކުރިން ނޫޙުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި އެކަލޭގެފާނުންގެ ދަރިކޮޅުން، ދާވޫދުގެފާނާއި، ސުލައިމާނުގެފާނާއި، އައްޔޫބުގެފާނާއި، ޔޫސުފުގެފާނާއި، މޫސާގެފާނާއި، ހާރޫނުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
﴿٨٥﴾ وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّ مِّنَ الصَّالِحِينَ
އަދި ޒަކަރިއްޔާގެފާނާއި، ޔަޙްޔާގެފާނާއި، ޢީސާގެފާނާއި، އިލްޔާސުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އެއިން ކޮންމެ ބޭކަލަކުމެވަނީ، ޞާލިޙުންގެ ތެރެއިންނެވެ.
﴿٨٦﴾ وَإِسْمَاعِيلَ وَالْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى الْعَالَمِينَ
އަދި އިސްލާޢީލުގެފާނާއި، އަލްޔަސަޢުގެފާނާއި، ޔޫނުސުގެފާނާއި، ލޫޠުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަންރަސްކަލާނގެ އެއިން ކޮންމެ ބޭކަލަކު ޢާލަމްތަކުގެ މައްޗަށް މާތްކުރައްވައި އިތުރުކުރެއްވީމެވެ.
﴿٨٧﴾ وَمِنْ آبَائِهِمْ وَذُرِّيَّاتِهِمْ وَإِخْوَانِهِمْ ۖ وَاجْتَبَيْنَاهُمْ وَهَدَيْنَاهُمْ إِلَىٰ صِرَاطٍ مُّسْتَقِيمٍ
އަދި އެބޭކަލުންގެ ކާބަފައިކަލުންނާއި، އެބޭކަލުންގެ ދަރިފަސްކޮޅުތަކާއި، އެބޭކަލުންގެ އިޚްވާނުންގެ ތެރެއިން ބަޔަކަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަންރަސްކަލާނގެ އެބޭކަލުން ޚިޔާރު ކުރައްވައި، އެބޭކަލުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވީމެވެ.
﴿٨٨﴾ ذَٰلِكَ هُدَى اللَّهِ يَهْدِي بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَلَوْ أَشْرَكُوا لَحَبِطَ عَنْهُم مَّا كَانُوا يَعْمَلُونَ
އެއީ ﷲގެ ތެދުމަގެވެ. އެކަލާނގެ އަޅުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އެއިން ތެދުމަގު ދައްކަވަތެވެ. އެބޭކަލުންވެސް (ﷲއަށް) ޝަރީކު ކުރެއްވިނަމަ، އެބޭކަލުން ކޮށްއުޅުއްވި ޢަމަލުތައް ބާޠިލު ވީހެވެ.
﴿٨٩﴾ أُولَٰئِكَ الَّذِينَ آتَيْنَاهُمُ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ ۚ فَإِن يَكْفُرْ بِهَا هَٰؤُلَاءِ فَقَدْ وَكَّلْنَا بِهَا قَوْمًا لَّيْسُوا بِهَا بِكَافِرِينَ
އެބޭކަލުންނަކީ، ތިމަންރަސްކަލާނގެ އެބޭކަލުންނަށް ފޮތާއި، ޙިކުމަތާއި، ނަބީކަންދެއްވި ބޭކަލުންނެވެ. މިތިބަމީހުން އެކަންތަކަށް ކާފިރު ވާނަމަ، އެކަންތައްތަކަށް ކާފިރު ނުވާނެ ބަޔަކާ އެކަންތައް ޙަވާލު ކުރައްވައިފާހުށީމެވެ.
﴿٩٠﴾ أُولَٰئِكَ الَّذِينَ هَدَى اللَّهُ ۖ فَبِهُدَاهُمُ اقْتَدِهْ ۗ قُل لَّا أَسْأَلُكُمْ عَلَيْهِ أَجْرًا ۖ إِنْ هُوَ إِلَّا ذِكْرَىٰ لِلْعَالَمِينَ
އެބޭކަލުންނީ، ﷲ، ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ، އެބޭކަލުންގެ ތެދުމަގާ ކަލޭގެފާނު ތަބަޢަ ވެވަޑައިގަންނަވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އެ ޤުރްއާނުގެ މައްޗަށް އުޖޫރައެއް ދިނުމަކަށް، ތިޔަބައިމީހުންގެ ކިބަޔަކުން އަހުރެން ނޭދެމެވެ. އެ ޤުރްއާނަކީ، ޢާލަމްތަކަށްވާ ހަނދާން ކޮށްދިނުމެއް ކަމުގައި މެނުވީ ނުވެއެވެ.
﴿٩١﴾ وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ إِذْ قَالُوا مَا أَنزَلَ اللَّهُ عَلَىٰ بَشَرٍ مِّن شَيْءٍ ۗ قُلْ مَنْ أَنزَلَ الْكِتَابَ الَّذِي جَاءَ بِهِ مُوسَىٰ نُورًا وَهُدًى لِّلنَّاسِ ۖ تَجْعَلُونَهُ قَرَاطِيسَ تُبْدُونَهَا وَتُخْفُونَ كَثِيرًا ۖ وَعُلِّمْتُم مَّا لَمْ تَعْلَمُوا أَنتُمْ وَلَا آبَاؤُكُمْ ۖ قُلِ اللَّهُ ۖ ثُمَّ ذَرْهُمْ فِي خَوْضِهِمْ يَلْعَبُونَ
ﷲއަށް ޤަދަރު ކުރުން ޙައްޤު ވެގެންވާ ގޮތުގައި އެއުރެން (އެބަހީ: ޔަހޫދީން) އެކަލާނގެއަށް ޤަދަރެއް ނުކުރެތެވެ. އެހެނީ، އެއުރެންބުނީ، އާދަމުގެދަރިޔަކަށް ﷲއެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ތިޔަހެންވިއްޔާ) މީސްތަކުންނަށް ނޫރެއް ކަމުގައްޔާއި، ހިދާޔަތެއް ކަމުގައި، މޫސާގެފާނު އެ ގެންނެވި ފޮތް ބާވައިލެއްވީ ކާކުހެއްޔެވެ؟ ތިޔަބައިމީހުން އެފޮތް ހަދައިގެން އުޅެނީ (ވަކިވަކި) ކަރުދާސްތަކެއް ކަމުގައެވެ. އެއިން ބައެއް ފާޅުކޮށް، އޭގެ ގިނަބައި، ތިޔަބައިމީހުން ވަންހަނާ ކުރަމުއެވެ. އަދި ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ ކާބަފައިންނަށްވެސް އެނގިފައިނުވާ ތަކެތި (ޤުރްއާނުން) ތިޔަބައިމީހުންނަށް ވަނީ އަންގަވައި ދެއްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (އެތަކެތި ބާވައިލެއްވީ) ﷲއެވެ. ދެން އެއުރެންގެ ބާޠިލު ވާހަކަތަކުގެ ތެރޭގައި ކުޅެކުޅެ ތިބެން އެއުރެން ދޫކޮށްލައްވާށެވެ!
﴿٩٢﴾ وَهَٰذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ مُّصَدِّقُ الَّذِي بَيْنَ يَدَيْهِ وَلِتُنذِرَ أُمَّ الْقُرَىٰ وَمَنْ حَوْلَهَا ۚ وَالَّذِينَ يُؤْمِنُونَ بِالْآخِرَةِ يُؤْمِنُونَ بِهِ ۖ وَهُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ
މި ޤުރްއާނަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ކުރީގެ ފޮތްތައް ތެދުކުރާ ފޮތެކެވެ. (އެފޮތް ބާވައިލެއްވީ) މައިރަށުގެ (އެބަހީ: މައްކާގެ) އަހުލުވެރިންނާއި، އެތާނގެ ވަށައިގެންވާ މީހުންނަށް ކަލޭގެފާނު އިންޛާރު ކުރެއްވުމަށްޓަކައެވެ. އަދި އާޚިރަތް ދުވަހަށް އީމާންވާ މީހުން އެ ފޮތަށް އީމާން ވާނެތެވެ. އަދި އެއުރެން އެއުރެންގެ ނަމާދަށް ރައްކާތެރިވާނެތެވެ.
﴿٩٣﴾ وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ قَالَ أُوحِيَ إِلَيَّ وَلَمْ يُوحَ إِلَيْهِ شَيْءٌ وَمَن قَالَ سَأُنزِلُ مِثْلَ مَا أَنزَلَ اللَّهُ ۗ وَلَوْ تَرَىٰ إِذِ الظَّالِمُونَ فِي غَمَرَاتِ الْمَوْتِ وَالْمَلَائِكَةُ بَاسِطُو أَيْدِيهِمْ أَخْرِجُوا أَنفُسَكُمُ ۖ الْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَقُولُونَ عَلَى اللَّهِ غَيْرَ الْحَقِّ وَكُنتُمْ عَنْ آيَاتِهِ تَسْتَكْبِرُونَ
ﷲއާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެން، ނުވަތަ އެމީހަކަށް އެއްވެސް އެއްޗެއް ވަޙީ ނުކުރައްވަނީސް، ތިމަންނާއަށް ވަޙީ ކުރައްވައިފިއޭ ބުނި މީހަކަށްވުރެން އަދި ﷲ ބާވައިލެއްވި ފަދަތަކެތި ތިމަންވެސް ބާވައިލައިފާނަމޭ ބުނި މީހަކަށްވުރެން ބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ އަނިޔާވެރިން މަރުގެ ސަކަރާތުގައި އުޅޭހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. މަލާއިކަތުން އެހިނދު ތިއްބަވާނީ އެބޭކަލުންގެ އަތްޕުޅު ދިއްކުރައްވައިގެންނެވެ. (އަދި ވިދާޅުވާނެތެވެ.) ތިޔަބައިމީހުންގެ ފުރާނަތައް ނެރޭށެވެ! މިއަދު ތިޔަބައިމީހުންނަށް އިހާނަތްތެރި ޢަޛާބުން ޖަޒާ ދެއްވާނެތެވެ. (އެއީ) ތިޔަބައިމީހުން، ﷲއާމެދު ބުނެއުޅުނު ޙައްޤު ނޫން ބަސްތަކުގެ ސަބަބުންނާއި، އެކަލާނގެ އާޔަތްތަކަށް (އީމާން ނުވެ) ބޮޑާވެގަނެގެން އުޅުނުކަމުގެ ސަބަބުންނެވެ.
﴿٩٤﴾ وَلَقَدْ جِئْتُمُونَا فُرَادَىٰ كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ وَتَرَكْتُم مَّا خَوَّلْنَاكُمْ وَرَاءَ ظُهُورِكُمْ ۖ وَمَا نَرَىٰ مَعَكُمْ شُفَعَاءَكُمُ الَّذِينَ زَعَمْتُمْ أَنَّهُمْ فِيكُمْ شُرَكَاءُ ۚ لَقَد تَّقَطَّعَ بَيْنَكُمْ وَضَلَّ عَنكُم مَّا كُنتُمْ تَزْعُمُونَ
އަދި (މަޙްޝަރަށް ފޮނުއްވާހިނދު، އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން، ތިމަންރަސްކަލާނގެ ޙަޟްރަތަށް ތިޔައައީ، އެކަހެރީންގެ ގޮތުގައެވެ. ފުރަތަމަފަހަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވި ފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ދެއްވި ތަކެތި ތިޔަބައިމީހުންގެ ފަހަތަށް ދޫކޮށްފައެވެ. ތިޔަބައިމީހުންނާއެކު، ތިޔަބައިމީހުންގެ ޝަފާޢަތްތެރިން ވަނިކޮށެއް ނުފެނެއެވެ. އެތަކެއްޗަކީ، ތިޔަބައިމީހުންގެ ތެރޭގައި ޝަރީކުން ކަމަށް ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެއްޗެވެ. ތިޔަބައިމީހުންނާ އެތަކެއްޗާ ދެމެދުގައިވާ ގުޅުންތައް ކެނޑި، ވަކިވަކިވެއްޖެކަން ކަށަވަރެވެ. އަދި (ޝަފާޢަތްތެރިވާނެކަމަށް) ތިޔަބައިމީހުން ހީކޮށްއުޅުނު ތަކެތި، ތިޔަބައިމީހުންގެ ކިބައިން ގެއްލިއްޖެއެވެ.
﴿٩٥﴾ ۞ إِنَّ اللَّهَ فَالِقُ الْحَبِّ وَالنَّوَىٰ ۖ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَمُخْرِجُ الْمَيِّتِ مِنَ الْحَيِّ ۚ ذَٰلِكُمُ اللَّهُ ۖ فَأَنَّىٰ تُؤْفَكُونَ
ހަމަކަށަވަރުން، ﷲއީ، އޮށްޓަރާއި، އޮށުން ގަސް ފަޅުއްވާ ރަސްކަލާނގެއެވެ. އެކަލާނގެއީ، މަރުވެފައިވާ ތަކެތިން ދިރޭ ތަކެތި ނެރުއްވާ ރަސްކަލާނގެއެވެ. އަދި ދިރޭ ތަކެތިން، މަރުވެފައިވާ ތަކެތި ނެރުއްވާ ރަސްކަލާނގެއެވެ. އެއީ ﷲއެވެ. ފަހެ، ތިޔަބައިމީހުން (އީމާންކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟
﴿٩٦﴾ فَالِقُ الْإِصْبَاحِ وَجَعَلَ اللَّيْلَ سَكَنًا وَالشَّمْسَ وَالْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ
އެކަލާނގެއީ، ފަތިހުގެ އަލިކަން ނެރުއްވި ރަސްކަލާނގެއެވެ. އަދި ހަމަހިމޭންކަމުގެ ވަގުތެއް ކަމުގައި، ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ވަގުތު ދެނެގަތުމަށްޓަކައި) ހިސާބެއްކަމުގައި އިރާއި، ހަނދު ލެއްވި ރަސްކަލާނގެއެވެ. އެއީ، މޮޅަށް ދެނެވޮޑިގެންވާ، ގަދަފަދަވަންތަ ރަސްކަލާނގެ މިންވަރު ކުރެއްވުމެވެ.
﴿٩٧﴾ وَهُوَ الَّذِي جَعَلَ لَكُمُ النُّجُومَ لِتَهْتَدُوا بِهَا فِي ظُلُمَاتِ الْبَرِّ وَالْبَحْرِ ۗ قَدْ فَصَّلْنَا الْآيَاتِ لِقَوْمٍ يَعْلَمُونَ
އަދި އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަރިތައް ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން، އެއިން އެއްގަމާއި، ކަނޑުގައި (ރޭގަނޑުގެ) އަނދިރިކަމުގެ ތެރޭގައި، މަގު ދެނެގަތުމަށްޓަކައެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތައް ވަކިވަކިން ބަޔާންކޮށްދެއްވީ، ދަންނަ ބަޔަކަށެވެ.
﴿٩٨﴾ وَهُوَ الَّذِي أَنشَأَكُم مِّن نَّفْسٍ وَاحِدَةٍ فَمُسْتَقَرٌّ وَمُسْتَوْدَعٌ ۗ قَدْ فَصَّلْنَا الْآيَاتِ لِقَوْمٍ يَفْقَهُونَ
އަދި އެކަލާނގެއީ، އެންމެ ނަފްސަކުން (އެބަހީ: އާދަމުގެފާނުގެ ކިބައިން) ތިޔަބައިމީހުން އުފެއްދެވި ރަސްކަލާނގެއެވެ. ފަހެ، ޤަރާރުވެ ތިބެވޭނެ ތަނަކާއި، ރައްކާކުރަން ލެވޭތަނެއް (އެބަހީ: ކަށްވަޅު ތިޔަބައިމީހުންނަށް) ވެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތައް ވަކިވަކިން ބަޔާންކޮށްދެއްވީ ވިސްނާ ބަޔަކަށެވެ.
﴿٩٩﴾ وَهُوَ الَّذِي أَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ نَبَاتَ كُلِّ شَيْءٍ فَأَخْرَجْنَا مِنْهُ خَضِرًا نُّخْرِجُ مِنْهُ حَبًّا مُّتَرَاكِبًا وَمِنَ النَّخْلِ مِن طَلْعِهَا قِنْوَانٌ دَانِيَةٌ وَجَنَّاتٍ مِّنْ أَعْنَابٍ وَالزَّيْتُونَ وَالرُّمَّانَ مُشْتَبِهًا وَغَيْرَ مُتَشَابِهٍ ۗ انظُرُوا إِلَىٰ ثَمَرِهِ إِذَا أَثْمَرَ وَيَنْعِهِ ۚ إِنَّ فِي ذَٰلِكُمْ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ
އަދި އެކަލާނގެއީ، އުޑުން ފެންވެއްސެވި ރަސްކަލާނގެއެވެ. އެފެނުން ތިމަންރަސްކަލާނގެ ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ. އަދި އެ ގަސްގަހާގެހިން ރޯ ފެހިކުލައިގެ ގޮފިތައް ނެރުއްވައި، އެއިން މަތިމައްޗަށް ހުންނަ އޮށްޓަރުތައް ނެރުއްވަމެވެ. އަދި ކަދުރުރުކުގެ އެތްތަކުން ގާތްގާތުން އިހާތައް ނެރުއްވަމެވެ. އަދި މޭބިސްކަދުރާއި، ޒައިތޫންޏާއި، އަންނާރުގެ ބަގީޗާތައް ނެރުއްވަމެވެ. (އެތަކެތި) އެއްވައްތަރުވެގެންވާ ޙާލުގައްޔާއި، އެއްވައްތަރު ވެގެންނުވާ ޙާލުގައެވެ. ތިޔަބައިމީހުން އޭގެ މޭވާ ނުކުންނަހިނދު އެ މޭވާއަށާއި، އެ މޭވާ ފައްކާވާ ފައްކާވުމަށް (ޢިބްރަތުގެ ނަޡަރަކުން) ބަލާށެވެ! ހަމަކަށަވަރުން، އީމާންވާ ބަޔަކަށް އެކަންތަކުގައި ދަލީލުތަކެއް ވެއެވެ.
﴿١٠٠﴾ وَجَعَلُوا لِلَّهِ شُرَكَاءَ الْجِنَّ وَخَلَقَهُمْ ۖ وَخَرَقُوا لَهُ بَنِينَ وَبَنَاتٍ بِغَيْرِ عِلْمٍ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يَصِفُونَ
ޖިންނީންނަކީ، ﷲއަށްވާ ޝަރީކުންތަކެއްކަމުގައި ހަދައިގެން އެއުރެން އުޅުނޫވެ. އެ ޖިންނީންވެސް ހެއްދެވީ އެކަލާނގެއެވެ. އަދި އެއްވެސް އެނގުމަކާނުލައި، އެކަލާނގެއަށް ދަރިދަރިކަލުންނާއި، ދަރިދަރިކަނބަލުން ވާކަމަށް ހަދައިގެން އެއުރެން އުޅުނޫއެވެ. އެއުރެން އެސިފަކުރާ ކަންތަކުން، އެކަލާނގެ ހުސްޠާހިރުވެ މަތިވެރިވެވޮޑިގެންވެއެވެ.
﴿١٠١﴾ بَدِيعُ السَّمَاوَاتِ وَالْأَرْضِ ۖ أَنَّىٰ يَكُونُ لَهُ وَلَدٌ وَلَمْ تَكُن لَّهُ صَاحِبَةٌ ۖ وَخَلَقَ كُلَّ شَيْءٍ ۖ وَهُوَ بِكُلِّ شَيْءٍ عَلِيمٌ
(އެކަލާނގެއީ) އިސްވެދިޔަ މިޘާލެއްނެތި، އުޑުތަކާއި ބިންހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެއަށް، ދަރިކަލަކު ވާނީ ކިހިނަކުން ހެއްޔެވެ؟ އެކަލާނގެއަށް އަނބިކަނބަލަކުވެސް ނުވެއެވެ. އަދި ހުރިހާ ތަކެއްޗެއް ހެއްދެވީ، އެކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ ތަކެއްޗެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿١٠٢﴾ ذَٰلِكُمُ اللَّهُ رَبُّكُمْ ۖ لَا إِلَٰهَ إِلَّا هُوَ ۖ خَالِقُ كُلِّ شَيْءٍ فَاعْبُدُوهُ ۚ وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ
އެއީ ﷲއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ ޙައްޤު ވެގެން އަޅުކަމެއްވެވޭ އިލާހަކުނުވެއެވެ. (އެކަލާނގެއީ) ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ! އަދި އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ރައްކާތެރި ކުރައްވާ ބަލަހައްޓަވާ ރަސްކަލާނގެއެވެ.
﴿١٠٣﴾ لَّا تُدْرِكُهُ الْأَبْصَارُ وَهُوَ يُدْرِكُ الْأَبْصَارَ ۖ وَهُوَ اللَّطِيفُ الْخَبِيرُ
އެކަލާނގެ ޛާތުފުޅު (ދުނިޔެމަތީގައި) ލޯތަކަކަށް ނުފެންނާނެތެވެ. އެކަލާނގެ، އެ ލޯތައް ދެކެވޮޑިގެންވެތެވެ. އަދި އެކަލާނގެއީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿١٠٤﴾ قَدْ جَاءَكُم بَصَائِرُ مِن رَّبِّكُمْ ۖ فَمَنْ أَبْصَرَ فَلِنَفْسِهِ ۖ وَمَنْ عَمِيَ فَعَلَيْهَا ۚ وَمَا أَنَا عَلَيْكُم بِحَفِيظٍ
(ކަލޭގެފާނު ވިދާޅުވާށެވެ!) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން، ތިޔަބައިމީހުންގެ ގާތަށް ދަލީލުތަކެއް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، އެ ދަލީލުތައް ދެކެފިމީހާ (ދަންނާށެވެ!) އެކަމުގެ މަންފާހުރީ، ހަމަ އެމީހާގެ އަމިއްލަ ނަފްސަށެވެ. އަދި އެ ދަލީލުތައް ނުދެކި، ކަނުވެގެންފި މީހާ، އެ ގެއްލުންދެނީވެސް ހަމަ އެމީހާގެ އަމިއްލަ ނަފްސަށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހުރި ފާރަވެރިޔަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.
﴿١٠٥﴾ وَكَذَٰلِكَ نُصَرِّفُ الْآيَاتِ وَلِيَقُولُوا دَرَسْتَ وَلِنُبَيِّنَهُ لِقَوْمٍ يَعْلَمُونَ
ހަމައެފަދައިން، ތިމަންރަސްކަލާނގެ އާޔަތްތައް އެކިގޮތްގޮތަށް ބަޔާންކޮށް ދެއްވަމެވެ. އެންމެފަހުން އެ ކާފިރުވި މީހުން ބުނެތެވެ. ކަލޭގެފާނު (އެ އާޔަތްތައް އިހުގެ ފޮތްފޮތުން) ދަސްފުޅު ކުރެއްވީއެވެ. އަދި ތިމަންރަސްކަލާނގެ އެ އާޔަތްތައް (ބަޔާންކޮށްދެއްވަނީ) ދަންނާނޭ ބަޔަކަށް ހާމަކޮށްދެއްވުމަށެވެ.
﴿١٠٦﴾ اتَّبِعْ مَا أُوحِيَ إِلَيْكَ مِن رَّبِّكَ ۖ لَا إِلَٰهَ إِلَّا هُوَ ۖ وَأَعْرِضْ عَنِ الْمُشْرِكِينَ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކަލޭގެފާނަށް ވަޙީ ކުރެއްވި ތަކެއްޗަށް ތަބަޢަ ވެވަޑައިގަންނަވާށެވެ! އެކަލާނގެމެނުވީ، ޙައްޤު ވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވެއެވެ. އަދި ކަލޭގެފާނު މުޝްރިކުންނާ އެއްކިބާވެވަޑައި ގަންނަވާށެވެ!
﴿١٠٧﴾ وَلَوْ شَاءَ اللَّهُ مَا أَشْرَكُوا ۗ وَمَا جَعَلْنَاكَ عَلَيْهِمْ حَفِيظًا ۖ وَمَا أَنتَ عَلَيْهِم بِوَكِيلٍ
އަދި ﷲ އިރާދަކުރެއްވިނަމަ، އެއުރެން ޝަރީކެއް ނުކުޅައީހެވެ. އަދި އެއުރެންގެ މައްޗަށް ފާރަވެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުލައްވަމެވެ. އަދި ކަލޭގެފާނަކީ، އެއުރެންގެ ކަންތައްތައް ޙަވާލު ކުރައްވާފައިވާ ވަކީލަކު ކަމުގައިވެސް ނުވެއެވެ.
﴿١٠٨﴾ وَلَا تَسُبُّوا الَّذِينَ يَدْعُونَ مِن دُونِ اللَّهِ فَيَسُبُّوا اللَّهَ عَدْوًا بِغَيْرِ عِلْمٍ ۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِم مَّرْجِعُهُمْ فَيُنَبِّئُهُم بِمَا كَانُوا يَعْمَلُونَ
ﷲ ދޫކޮށް، އެއުރެން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެއުރެން ޢަދާވަތްތެރިކަމުގެ ގޮތުން ﷲއަށް އެއްޗެހި ގޮވައިފާނެތެވެ. ހަމައެފަދައިން، ކޮންމެ އުއްމަތަކަށްމެ އެބަޔެއްގެ ޢަމަލު، ތިމަންރަސްކަލާނގެ ޒީނަތްތެރިކޮށް ދެއްކެވީމެވެ. ދެން އެއަށްފަހު، އެއުރެން ރުޖޫޢަ ވާހުށީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ. ދެން އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ވާހަކައިން، އެކަލާނގެ އެއުރެންނަށް ޚަބަރު އަންގަވާނެތެވެ.
﴿١٠٩﴾ وَأَقْسَمُوا بِاللَّهِ جَهْدَ أَيْمَانِهِمْ لَئِن جَاءَتْهُمْ آيَةٌ لَّيُؤْمِنُنَّ بِهَا ۚ قُلْ إِنَّمَا الْآيَاتُ عِندَ اللَّهِ ۖ وَمَا يُشْعِرُكُمْ أَنَّهَا إِذَا جَاءَتْ لَا يُؤْمِنُونَ
އެ (ކާފިރުވި) މީހުންގެ ގާތަށް އާޔަތެއް (އެބަހީ: މުޢުޖިޒާއެއް) އަތުވެއްޖެނަމަ، އެއަށް ހަމަކަށަވަރުން، އީމާން ވާނެކަމަށް އެއުރެންނަށް ވެވުނުހައި ގަދައެއްކޮށް ﷲ ގަންދީ ހުވާކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އާޔަތްތައް ވަނީ، ﷲގެ ޙަޟްރަތުގައެވެ. އެ އާޔަތްތައް އަތުވެއްޖެނަމަ، (އެއުރެން ޢަމަލު ކުރާނޭގޮތެއް) ތިޔަބައިމީހުންނަށް އަންގައިދެނީ ކޮން އެއްޗެއް ހެއްޔެވެ؟ އެއުރެން އީމާނެއް ނުވާނެތެވެ.
﴿١١٠﴾ وَنُقَلِّبُ أَفْئِدَتَهُمْ وَأَبْصَارَهُمْ كَمَا لَمْ يُؤْمِنُوا بِهِ أَوَّلَ مَرَّةٍ وَنَذَرُهُمْ فِي طُغْيَانِهِمْ يَعْمَهُونَ
ތިމަންރަސްކަލާނގެ އެއުރެންގެ ހިތްތަކާއި، ލޯތައް (ޙައްޤުގެ މަގުން) އެއްކިބާކުރައްވަމެވެ. އެއުރެން އެ އާޔަތްތަކަށް ފުރަތަމަ ފަހަރުވެސް، އީމާން ނުވި ފަދައިން (އީމާނެއް ނުވާނެތެވެ.) އަދި ދެފުށުއެޅި ތިބޭ ޙާލެއްގައި، އެއުރެންގެ ފުރެދުމުގެ ތެރެޔަށް، ތިމަންރަސްކަލާނގެ އެއުރެން ދޫކޮށްލައްވާހުށީމެވެ.
﴿١١١﴾ ۞ وَلَوْ أَنَّنَا نَزَّلْنَا إِلَيْهِمُ الْمَلَائِكَةَ وَكَلَّمَهُمُ الْمَوْتَىٰ وَحَشَرْنَا عَلَيْهِمْ كُلَّ شَيْءٍ قُبُلًا مَّا كَانُوا لِيُؤْمِنُوا إِلَّا أَن يَشَاءَ اللَّهُ وَلَٰكِنَّ أَكْثَرَهُمْ يَجْهَلُونَ
ތިމަންރަސްކަލާނގެ އެއުރެންގެ ގާތަށް މަލާއިކަތުން ބާވައިލެއްވި ނަމަވެސް، އަދި މަރުވެފައިވާ މީހުން އެއުރެންނާ ވާހަކަ ދެއްކި ނަމަވެސް، އަދި (އެއުރެން އެދުނު) ހުރިހާ އެއްޗެއް އެއުރެންގެ ކުރިމައްޗަށް ޖަމާކޮށްދެއްވިނަމަވެސް، ﷲ އިރާދަކުރެއްވިއްޔާ މެނުވީ، އެއުރެން އީމާން ވާނެ ބަޔަކު ކަމުގައެއް ނުވެތެވެ. އެހެނެއްކަމަކު، އޭގެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.
﴿١١٢﴾ وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الْإِنسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ الْقَوْلِ غُرُورًا ۚ وَلَوْ شَاءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ
ހަމައެފަދައިން، ތިމަންރަސްކަލާނގެ، ކޮންމެ ނަބީބޭކަލަކަށް އިންސީންނާއި، ޖިންނީންގެ ޝައިޠާނުން ޢަދާވަތްތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރި ކުރުމަށް މަތިއޮމާންކޮށްފައިވާ ބާޠިލު ބަސްތަކުން ވަސްވާސްދީ އުޅެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެއުރެން އެކަންތަކެއް ނުކުރީހެވެ. ފަހެ، އެއުރެން ހަދާ ދޮގުތަކާއެކު، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!
﴿١١٣﴾ وَلِتَصْغَىٰ إِلَيْهِ أَفْئِدَةُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُوا مَا هُم مُّقْتَرِفُونَ
އަދި (އެ ޝައިޠާނުން ވަސްވާސްދީ އުޅެނީ) އާޚިރަތް ދުވަހަށް އީމާން ނުވާ މީހުންގެ ހިތްތައް އެ ވަސްވާހަށް ލެނބުމަށާއި، އެއުރެން އެކަމަށް ރުހި ޤަބޫލު ވުމަށާއި، އެއުރެން އެ އަރައަރައިގަންނަ ފާފަތަކަށް އަރައިގަތުމަށްޓަކައެވެ.
﴿١١٤﴾ أَفَغَيْرَ اللَّهِ أَبْتَغِي حَكَمًا وَهُوَ الَّذِي أَنزَلَ إِلَيْكُمُ الْكِتَابَ مُفَصَّلًا ۚ وَالَّذِينَ آتَيْنَاهُمُ الْكِتَابَ يَعْلَمُونَ أَنَّهُ مُنَزَّلٌ مِّن رَّبِّكَ بِالْحَقِّ ۖ فَلَا تَكُونَنَّ مِنَ الْمُمْتَرِينَ
(ކަލޭގެފާނު ވިދާޅުވާށެވެ!) ޙުކުމް ކުރާ މީހަކު ކަމުގައި ﷲ ނޫންފަރާތެއް އަހުރެން އެދޭނެހެއްޔެވެ؟ އެކަލާނގެއީ، (ޙައްޤާއި ބާޠިލު) ތަފްޞީލު ކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި، ތިޔަބައިމީހުންނަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އަދި އެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ޙައްޤު ގޮތާއިގެން ބާވައިލެއްވި ފޮތެއްކަން، ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތްދެއްވި މީހުން ދަނެތެވެ. ފަހެ، ޝައްކު ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާހުށިކަމެވެ!
﴿١١٥﴾ وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا ۚ لَّا مُبَدِّلَ لِكَلِمَاتِهِ ۚ وَهُوَ السَّمِيعُ الْعَلِيمُ
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލިމަފުޅު ތެދުވެރިކަމާއި، ޢަދުލުވެރި ކަމުގައި ފުރިހަމަވެއްޖެއެވެ. އެކަލާނގެ ކަލިމަފުޅުތައް ބަދަލުކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿١١٦﴾ وَإِن تُطِعْ أَكْثَرَ مَن فِي الْأَرْضِ يُضِلُّوكَ عَن سَبِيلِ اللَّهِ ۚ إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ
އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން ﷲގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ ތަބަޢައެއް ނުވެތެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ.
﴿١١٧﴾ إِنَّ رَبَّكَ هُوَ أَعْلَمُ مَن يَضِلُّ عَن سَبِيلِهِ ۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގު ދޫކޮށް، ފުރެދިގަންނަ މީހުން، އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ، ހަމަ އެކަލާނގެއެވެ. އަދި ތެދުމަގު ލިބިގަންނަ މީހުން، އެންމެބޮޑަށް ދެނެވޮޑިގެންވަނީވެސް، ހަމަ އެކަލާނގެއެވެ.
﴿١١٨﴾ فَكُلُوا مِمَّا ذُكِرَ اسْمُ اللَّهِ عَلَيْهِ إِن كُنتُم بِآيَاتِهِ مُؤْمِنِينَ
ތިޔަބައިމީހުން، އެކަލާނގެ އާޔަތްތަކަށް އީމާންވާ ކަމުގައިވަނީނަމަ، އެ އެއްޗެއްގެ މައްޗަށް ﷲގެ އިސްމުފުޅު ނަންގަނެފައިވާ ތަކެތިން (އެބަހީ: ﷲގެ އިސްމުފުޅު ނަންގަނެ ކަތިލާފައިވާ ތަކެތިން) ތިޔަބައިމީހުން ކައިއުޅޭށެވެ!
﴿١١٩﴾ وَمَا لَكُمْ أَلَّا تَأْكُلُوا مِمَّا ذُكِرَ اسْمُ اللَّهِ عَلَيْهِ وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا اضْطُرِرْتُمْ إِلَيْهِ ۗ وَإِنَّ كَثِيرًا لَّيُضِلُّونَ بِأَهْوَائِهِم بِغَيْرِ عِلْمٍ ۗ إِنَّ رَبَّكَ هُوَ أَعْلَمُ بِالْمُعْتَدِينَ
ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ޙަރާމް ކުރެއްވި ތަކެތި، ތަފްޞީލު ކޮށް ބަޔާންކޮށްދެއްވާފައިވާއިރު، އެއެއްޗެއްގެ މައްޗަށް ﷲގެ އިސްމުފުޅު ނަންގަނެ ކަތިލާ ތަކެތިން، ތިޔަބައިމީހުން ނުކާންވީ ކީއްވެގެންހެއްޔެވެ؟ ތިޔަބައިމީހުން އެ އެއްޗަކަށް ކޮންމެހެން ބޭނުންވެ، މަޖުބޫރުވެގެން ކާންޖެހިއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، ވަރަށް ގިނަމީހުން ނުދެނެތިބެ، އެއުރެންގެ އަމިއްލަ އެދުންތަކުން (މީހުން) މަގުފުރައްދަތެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ހައްދުފަހަނަޅައިދާ މީހުން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿١٢٠﴾ وَذَرُوا ظَاهِرَ الْإِثْمِ وَبَاطِنَهُ ۚ إِنَّ الَّذِينَ يَكْسِبُونَ الْإِثْمَ سَيُجْزَوْنَ بِمَا كَانُوا يَقْتَرِفُونَ
ތިޔަބައިމީހުން، ބޭރުފުށުގެ ފާފަޔާއި، އެތެރެފުށުގެ ފާފަދޫކޮށްލާށެވެ! ހަމަކަށަވަރުން، ފާފަތައް ހޯދައިގަންނަ މީހުންނަށް، އެއުރެން ކޮށްއުޅުނު ފާފަތަކުގެ ސަބަބުން ޖަޒާ ލިބޭނެތެވެ.
﴿١٢١﴾ وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ ۗ وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَىٰ أَوْلِيَائِهِمْ لِيُجَادِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ
(ކަތިލާހިނދު) އެ އެއްޗެއްގެ މައްޗަށް، ﷲގެ އިސްމުފުޅު ނަންނުގަންނަ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން، އެތަކެތިން ކެއުމަކީ، އުރެދުމެއްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނާ ޖަދަލު ކުރުމަށް ޝައިޠާނުން އެއުރެންގެ ވާގިވެރިންނަށް ވަސްވާސް ދޭނެއެވެ. ތިޔަބައިމީހުން، އެއުރެންނަށް ކިޔަމަންވެއްޖެނަމަ ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް، މުޝްރިކުންކަން ކަށަވަރެވެ.
﴿١٢٢﴾ أَوَمَن كَانَ مَيْتًا فَأَحْيَيْنَاهُ وَجَعَلْنَا لَهُ نُورًا يَمْشِي بِهِ فِي النَّاسِ كَمَن مَّثَلُهُ فِي الظُّلُمَاتِ لَيْسَ بِخَارِجٍ مِّنْهَا ۚ كَذَٰلِكَ زُيِّنَ لِلْكَافِرِينَ مَا كَانُوا يَعْمَلُونَ
(ކާފިރުކަމުން) މަރުވެފައިވަނިކޮށް (ތެދުމަގު ދެއްކެވުމުން) ތިމަންރަސްކަލާނގެ އެމީހަކު ދިރުއްވައި، މީސްތަކުންގެ ތެރޭގައި އެނޫރެއްގެ އަލީގައި ހިނގާނޭ ނޫރެއްލެއްވި މީހަކާއި، އަނދިރީގެ ތެރޭގައި ނުނިކުމެހުންނަ މީހަކާ އެއްފަދަވާނޭ ހެއްޔެވެ؟ އެފަދައިން، ކާފިރުންނަށް އެއުރެންކޮށް އުޅުނު ޢަމަލުތައް ޒީނަތްތެރިކޮށް ދެއްވިއެވެ.
﴿١٢٣﴾ وَكَذَٰلِكَ جَعَلْنَا فِي كُلِّ قَرْيَةٍ أَكَابِرَ مُجْرِمِيهَا لِيَمْكُرُوا فِيهَا ۖ وَمَا يَمْكُرُونَ إِلَّا بِأَنفُسِهِمْ وَمَا يَشْعُرُونَ
އަދި ހަމައެފަދައިން، ކޮންމެރަށެއްގައި، އެރަށުގެ މުޖުރިމުންނަކީ، ބޮޑުން ކަމުގައި ލެއްވީމެވެ. (އެއީ) އެތާނގައި، އެއުރެން މަކަރުވެރި ރޭވުންތައް ރާވައި އުޅުމަށެވެ. އެއުރެންގެ އަމިއްލަ ނަފްސުތަކަށް މެނުވީ، އެއުރެން މަކަރު ހަދާ ކަމުގައި ނުވެތެވެ. އަދި އެއުރެންނަކަށް އެކަމެއް ނުވިސްނެއެވެ.
﴿١٢٤﴾ وَإِذَا جَاءَتْهُمْ آيَةٌ قَالُوا لَن نُّؤْمِنَ حَتَّىٰ نُؤْتَىٰ مِثْلَ مَا أُوتِيَ رُسُلُ اللَّهِ ۘ اللَّهُ أَعْلَمُ حَيْثُ يَجْعَلُ رِسَالَتَهُ ۗ سَيُصِيبُ الَّذِينَ أَجْرَمُوا صَغَارٌ عِندَ اللَّهِ وَعَذَابٌ شَدِيدٌ بِمَا كَانُوا يَمْكُرُونَ
އެއުރެންގެ ގާތަށް އާޔަތެއް އަތުވެއްޖެނަމަ، އެއުރެން ބުނެތެވެ. ﷲގެ ރަސޫލުންނަށް ދެއްވިފަދަ ތަކެތި، ތިމަންމެންނަށްވެސް ދެއްވައިފުމަށް ދާނދެން، ތިމަންމެން އީމާނެއް ނުވާނޫއެވެ. ﷲ، އެކަލާނގެ ރަސޫލު ކަން ދެއްވާނެ މީހުން މޮޅަށް ދެނެވޮޑިގެންވެއެވެ. ފާފަވެރިވީ މީހުންނަށް، އެއުރެން މަކަރުހަދައި އުޅުނުކަމުގެ ސަބަބުން، ﷲގެ ޙަޟްރަތުގައި ނިކަމެތިކަމާއި، ގަދަވެގެންވާ ޢަޛާބު އައިސްޖެހޭހުށްޓެވެ.
﴿١٢٥﴾ فَمَن يُرِدِ اللَّهُ أَن يَهْدِيَهُ يَشْرَحْ صَدْرَهُ لِلْإِسْلَامِ ۖ وَمَن يُرِدْ أَن يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِي السَّمَاءِ ۚ كَذَٰلِكَ يَجْعَلُ اللَّهُ الرِّجْسَ عَلَى الَّذِينَ لَا يُؤْمِنُونَ
ﷲގެ ތެދުމަގު ދެއްކެވުމަށް އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އިސްލާމް ދީނަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ، އުޑާދިމާއަށް (މައްޗަށް) އަރައިގެންދާ މީހެކޭ އެއްފަދައިން އެކަލާނގެ އެމީހެއްގެ ހިތުގައި ދަތިކަމާއި، ނުތަނަވަސްކަން ލައްވަތެވެ. ހަމައެފަދައިން، އީމާން ނުވާ މީހުންގެ މައްޗަށް، ﷲގެ ޢަޛާބާއި ކޯފާ ލައްވަތެވެ.
﴿١٢٦﴾ وَهَٰذَا صِرَاطُ رَبِّكَ مُسْتَقِيمًا ۗ قَدْ فَصَّلْنَا الْآيَاتِ لِقَوْمٍ يَذَّكَّرُونَ
މިއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތައް ތަފްޞީލު ކޮށް ބަޔާންކޮށްދެއްވީ ނަޞޭޙަތް ލިބިގަންނަ ބަޔަކަށެވެ.
﴿١٢٧﴾ ۞ لَهُمْ دَارُ السَّلَامِ عِندَ رَبِّهِمْ ۖ وَهُوَ وَلِيُّهُم بِمَا كَانُوا يَعْمَلُونَ
އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، އަމާންކަމުގެ ގޮވަތި (ކަމުގައިވާ ސުވަރުގެ) އެއުރެންނަށް ހުށްޓެވެ. އަދި އެކަލާނގެއީ، އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން، އެއުރެންނަށް ނަޞްރު ދެއްވާ، ވާގިދެއްވާ ރަސްކަލާނގެއެވެ.
﴿١٢٨﴾ وَيَوْمَ يَحْشُرُهُمْ جَمِيعًا يَا مَعْشَرَ الْجِنِّ قَدِ اسْتَكْثَرْتُم مِّنَ الْإِنسِ ۖ وَقَالَ أَوْلِيَاؤُهُم مِّنَ الْإِنسِ رَبَّنَا اسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَا أَجَلَنَا الَّذِي أَجَّلْتَ لَنَا ۚ قَالَ النَّارُ مَثْوَاكُمْ خَالِدِينَ فِيهَا إِلَّا مَا شَاءَ اللَّهُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ
އެކަލާނގެ، އެއުރެން އެންމެން އެއްކުރައްވާ ދުވަސް ހަނދުމަކުރާށެވެ! (އެދުވަހުން، އެކަލާނގެ ވަޙީ ކުރައްވާނެތެވެ.) އޭ ޖިންނީންގެ ޖަމާޢަތުގެ މީހުންނޭވެ! ތިޔަބައިމީހުން އިންސީންގެ ވަރަށްގިނަ މީހުންނަށް މަގުއޮޅުވައިލީމުއެވެ. ދެން އިންސީންގެ ތެރެއިން އެއުރެންގެ އެކުވެރިން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ އެއްބަޔަކު އަނެއްބަޔެއްގެ ކިބައިން ފައިދާ ހޯދީމުއެވެ. އަދި އިބަރަސްކަލާނގެ، އަޅަމެންނަށް ކަނޑައަޅުއްވައިދެއްވައިފައިވާ އަޖަލަށް އަޅަމެން ފޯރައްޖައީމުއެވެ. އެކަލާނގެ ވަޙީ ކުރައްވާނެތެވެ. ތިޔަބައިމީހުން ތިބޭނެ ތަނަކީ ނަރަކައެވެ. ﷲ އިރާދަކުރެއްވި ވަގުތަކަށް މެނުވީ، އެއުރެން އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޙަކީމްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿١٢٩﴾ وَكَذَٰلِكَ نُوَلِّي بَعْضَ الظَّالِمِينَ بَعْضًا بِمَا كَانُوا يَكْسِبُونَ
ހަމައެފަދައިން އެއުރެން ހޯދައިގަތް ކަމުގައިވީ ކަންތަކުގެ ސަބަބުން، ތިމަންރަސްކަލާނގެ އަނިޔާވެރިންގެ އެއްބަޔަކު އަނެއްބަޔަކާ މަތިކުރެއްވީމެވެ.
﴿١٣٠﴾ يَا مَعْشَرَ الْجِنِّ وَالْإِنسِ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ آيَاتِي وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَٰذَا ۚ قَالُوا شَهِدْنَا عَلَىٰ أَنفُسِنَا ۖ وَغَرَّتْهُمُ الْحَيَاةُ الدُّنْيَا وَشَهِدُوا عَلَىٰ أَنفُسِهِمْ أَنَّهُمْ كَانُوا كَافِرِينَ
އޭ ޖިންނީންނާއި އިންސީންގެ ޖަމާޢަތުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ތިމަންރަސްކަލާނގެ އާޔަތްތަކުގެ ވާހަކަ ތިޔަބައިމީހުންނަށް ކިޔައިދެއްވައި، ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނެކަމުގެ އިންޛާރު ކުރައްވާނެ ރަސޫލުންތަކެއް، ތިޔަބައިމީހުންގެ ގާތަށް ވަޑައިނުގަންނަވާހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އަޅަމެން ހެކިދީފީމުއެވެ. ދުނިޔޭގެ ދިރިއުޅުން އެއުރެން ހެއްލުންތެރި ކުރުވީއެވެ. އަދި އެއުރެން ކާފިރުން ކަމުގައި ވީކަމަށް އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް، އެއުރެން ހެކިދީފިއެވެ.
﴿١٣١﴾ ذَٰلِكَ أَن لَّمْ يَكُن رَّبُّكَ مُهْلِكَ الْقُرَىٰ بِظُلْمٍ وَأَهْلُهَا غَافِلُونَ
ކަންހުރީ އެހެންނެވެ. ރަށްތަކުގެ އަހުލުވެރިން ޣާފިލު ވެފައި ތިއްބައި، އަނިޔާވެރިކަމުގެގޮތުން އެރަށްރަށް ހަލާކުކުރައްވާ ކަލަކު ކަމުގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނުވެއެވެ.
﴿١٣٢﴾ وَلِكُلٍّ دَرَجَاتٌ مِّمَّا عَمِلُوا ۚ وَمَا رَبُّكَ بِغَافِلٍ عَمَّا يَعْمَلُونَ
އަދި ކޮންމެ ބަޔަކަށްމެ އެބަޔަކު ކުޅަ ޢަމަލުތަކާ އެއްގޮތަށް ދަރަޖަތަކެއް ހުށްޓެވެ. އަދި އެއުރެން ކުރާ ޢަމަލުތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޣާފިލުވެ ވޮޑިގެނެއްނުވެއެވެ.
﴿١٣٣﴾ وَرَبُّكَ الْغَنِيُّ ذُو الرَّحْمَةِ ۚ إِن يَشَأْ يُذْهِبْكُمْ وَيَسْتَخْلِفْ مِن بَعْدِكُم مَّا يَشَاءُ كَمَا أَنشَأَكُم مِّن ذُرِّيَّةِ قَوْمٍ آخَرِينَ
ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، ރަޙްމަތުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކުރައްވައި، ތިޔަބައިމީހުންގެ ފަހަށް، އެކަލާނގެ އިރާދަކުރައްވާ ބަޔަކު ފޮނުއްވައިފާހުށްޓެވެ. އެއީ ތިޔަބައިމީހުން، އެހެން ޤައުމެއްގެ ދަރިކޮޅުން އުފެއްދެވި ފަދައިންނެވެ.
﴿١٣٤﴾ إِنَّ مَا تُوعَدُونَ لَآتٍ ۖ وَمَا أَنتُم بِمُعْجِزِينَ
ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާ ކަންތަކަކީ، އަންނާނެކަން ކަށަވަރު ކަންތަކެވެ. އަދި ތިޔަބައިމީހުންނަކީ، (ތިމަންރަސްކަލާނގެ) ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެއެވެ.
﴿١٣٥﴾ قُلْ يَا قَوْمِ اعْمَلُوا عَلَىٰ مَكَانَتِكُمْ إِنِّي عَامِلٌ ۖ فَسَوْفَ تَعْلَمُونَ مَن تَكُونُ لَهُ عَاقِبَةُ الدَّارِ ۗ إِنَّهُ لَا يُفْلِحُ الظَّالِمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުން، ތިޔަބައިމީހުންގެ ގޮތުގައި ތިބެގެން ޢަމަލު ކޮށް ބަލާށެވެ! ހަމަކަށަވަރުން، އަހުރެން، އަހުރެންގެ ގޮތުގައި ޢަމަލު ކުރާނަމެވެ. އާޚިރަތް ދުވަހުން ތަޢުރީފު ލިބިގެންވާ ނިމުމެއް ލިބޭނީ، ކޮންބަޔަކަށްކަން ތިޔަބައިމީހުންނަށް ނިކަންހުރެ އެނގޭނެތެވެ. ހަމަކަށަވަރުން، އަނިޔާވެރިންނެއް ނުދިނޭނެތެވެ.
﴿١٣٦﴾ وَجَعَلُوا لِلَّهِ مِمَّا ذَرَأَ مِنَ الْحَرْثِ وَالْأَنْعَامِ نَصِيبًا فَقَالُوا هَٰذَا لِلَّهِ بِزَعْمِهِمْ وَهَٰذَا لِشُرَكَائِنَا ۖ فَمَا كَانَ لِشُرَكَائِهِمْ فَلَا يَصِلُ إِلَى اللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَائِهِمْ ۗ سَاءَ مَا يَحْكُمُونَ
އެ (ކާފިރުވި) މީހުން، ﷲއަށް އެކަލާނގެ އުފެއްދެވި ތަކެތީގެ ތެރެއިން، ދަނޑުގޮވާމާއި، ނަޢަމް ސޫފީން ބައެއް އެޅިއެވެ. އެއުރެންގެ ބާޠިލު ހީއާއެއްގޮތަށް، އެއުރެންބުނީ، މިބައި މިއީ ﷲއަށެވެ. އަދި މިހިރަ ބައި އެއީ، ތިމަންމެންގެ ޝަރީކުންނަށެވެ. ފަހެ، އެއުރެންގެ ޝަރީކުންނަށްވީ ބައިގެ އެއްޗެއް، ﷲގެ ފަރާތަކަށް ނުލިބެއެވެ. ﷲއަށް އެޅިބައި، އެއުރެންގެ ޝަރީކުންނަށް ލިބެއެވެ. އެއުރެން ކުރާ ޙުކުމް ހާދަހާ ނުބައިވެގެންވެއެވެ.
﴿١٣٧﴾ وَكَذَٰلِكَ زَيَّنَ لِكَثِيرٍ مِّنَ الْمُشْرِكِينَ قَتْلَ أَوْلَادِهِمْ شُرَكَاؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُوا عَلَيْهِمْ دِينَهُمْ ۖ وَلَوْ شَاءَ اللَّهُ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ
ހަމައެފަދައިން، މުޝްރިކުންގެ ގިނަ މީހުންނަށް އެއުރެންގެ ދަރިން މެރުމަށް، އެއުރެންގެ ޝަރީކުން، ޒީނަތްތެރިކޮށް ދެއްކިއެވެ. އެއީ އެއުރެން ހަލާކުގެ ތެރެޔަށް ފޮނުވުމަށެވެ. އަދި އެއުރެންނަށް އެއުރެންގެ ދީން އޮޅުވާލުމަށެވެ. ﷲ އިރާދަކުރެއްވިނަމަ، އެއުރެން އެކަމެއް ނުކުރީހެވެ. ފަހެ، ކަލޭގެފާނު އެއުރެން ހަދާ ދޮގުތަކާއެކު، އެއުރެން ދޫކޮށްލައްވާށެވެ!
﴿١٣٨﴾ وَقَالُوا هَٰذِهِ أَنْعَامٌ وَحَرْثٌ حِجْرٌ لَّا يَطْعَمُهَا إِلَّا مَن نَّشَاءُ بِزَعْمِهِمْ وَأَنْعَامٌ حُرِّمَتْ ظُهُورُهَا وَأَنْعَامٌ لَّا يَذْكُرُونَ اسْمَ اللَّهِ عَلَيْهَا افْتِرَاءً عَلَيْهِ ۚ سَيَجْزِيهِم بِمَا كَانُوا يَفْتَرُونَ
އެއުރެން ބުނެފޫއެވެ. މިހިރީ، މަނާކޮށްފައިވާ ނަޢަމް ސޫފިތަކާއި ދަނޑުގޮވާންތަކެވެ. އެއުރެން ހީކުރާ ގޮތުގައި، އެއުރެން އެދޭ ބަޔަކު މެނުވީ، އެތަކެތި ކައިގެން ނުވާނެތެވެ. އަދި މިތިބީ އޭގެ ބުރިކަށިތައް ޙަރާމް ކޮށްފައިވާ ނަޢަމް ސޫފިތަކެވެ. އަދި މިތިބީ، (ކަތިލާހިނދު) އޭގެ މައްޗަށް އެއުރެން، ﷲގެ އިސްމުފުޅު ނަންނުގަންނަ ނަޢަމް ސޫފިތަކެވެ. (މިހުރިހާ ކަމެއް އެއުރެން ކުރަނީ) އެކަލާނގެއަށް ދޮގުހެދުމުގެ ގޮތުންނެވެ. އެއުރެން ހަދާ އުޅުނު ދޮގުތަކުގެ ސަބަބުން، އެކަލާނގެ އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ.
﴿١٣٩﴾ وَقَالُوا مَا فِي بُطُونِ هَٰذِهِ الْأَنْعَامِ خَالِصَةٌ لِّذُكُورِنَا وَمُحَرَّمٌ عَلَىٰ أَزْوَاجِنَا ۖ وَإِن يَكُن مَّيْتَةً فَهُمْ فِيهِ شُرَكَاءُ ۚ سَيَجْزِيهِمْ وَصْفَهُمْ ۚ إِنَّهُ حَكِيمٌ عَلِيمٌ
އަދި އެއުރެން ބުނެފޫއެވެ. މި ނަޢަމް ސޫފިތަކުގެ ބަނޑުތެރޭގައިވާ ތަކެތި، ޙަލާލު ވެގެންވަނީ، އަހުރެމެންކުރެ ފިރިހެނުންނަށެވެ. އަދި އެތަކެތި ވަނީ، އަހުރެމެންގެ އަންހެނުންގެ މައްޗަށް ޙަރާމް ވެގެންނެވެ. އެތަކެތި މަރުވެފައިވާނަމަ، އެކެއުމުގައި އެންމެން ހަމަހަމައެވެ. އެއުރެން (އެތަކެއްޗަށް ޙަލާލު ނުވަތަ ޙަރާމްކަމުގެ) ސިފަދިނުމުގެ ސަބަބުން، އެއުރެންނަށް އެކަލާނގެ ޢުޤޫބާތް ދެއްވާނެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ޙަކީމްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿١٤٠﴾ قَدْ خَسِرَ الَّذِينَ قَتَلُوا أَوْلَادَهُمْ سَفَهًا بِغَيْرِ عِلْمٍ وَحَرَّمُوا مَا رَزَقَهُمُ اللَّهُ افْتِرَاءً عَلَى اللَّهِ ۚ قَدْ ضَلُّوا وَمَا كَانُوا مُهْتَدِينَ
އެއްވެސް ޢިލްމަކާނުލައި، ޖާހިލުކަމުން އެއުރެންގެ ދަރިން ޤަތުލު ކޮށް، އެއުރެންނަށް ﷲ ދެއްވި ތަކެތި، ﷲއަށް ދޮގުހެދުމުގެ ގޮތުން، ޙަރާމްކުޅަ މީހުން، ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. އެއުރެން މަގުފުރެދިއްޖެކަން ޔަޤީނެވެ. އަދި އެއުރެންނަކީ، ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައިވެސް ނުވެއެވެ.
﴿١٤١﴾ ۞ وَهُوَ الَّذِي أَنشَأَ جَنَّاتٍ مَّعْرُوشَاتٍ وَغَيْرَ مَعْرُوشَاتٍ وَالنَّخْلَ وَالزَّرْعَ مُخْتَلِفًا أُكُلُهُ وَالزَّيْتُونَ وَالرُّمَّانَ مُتَشَابِهًا وَغَيْرَ مُتَشَابِهٍ ۚ كُلُوا مِن ثَمَرِهِ إِذَا أَثْمَرَ وَآتُوا حَقَّهُ يَوْمَ حَصَادِهِ ۖ وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ
އެކަލާނގެއީ، ފެތުރޭ ވެޔޮތަކާއި، ވެޔޮނޫން ގަސްތަކުގެ ބަގީޗާތަކާއި، އޭގެ މޭވާއާއި، އޮށްޓަރު ތަފާތުވެގެންވާ ޙާލު، ކަދުރުރުކާއި، ގޮވާމާއި، އެއްވައްތަރު ވެގެންވާ ޙާލުގައްޔާއި، އެއްވައްތަރުވެގެން ނުވާ ޙާލުގައި، ޒައިތޫންޏާއި، އަންނާރު އުފެއްދެވި ރަސްކަލާނގެއެވެ. އެ ގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިޔަބައިމީހުން ކާށެވެ! އަދި ގޮވާންކަނޑާ ދުވަހަކުން، އޭގެ ޒަކާތް ދޭށެވެ! އަދި ތިޔަބައިމީހުން އިސްރާފު ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.
﴿١٤٢﴾ وَمِنَ الْأَنْعَامِ حَمُولَةً وَفَرْشًا ۚ كُلُوا مِمَّا رَزَقَكُمُ اللَّهُ وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ
އަދި ނަޢަމް ސޫފީގެ ތެރެއިން، އެއްޗެތި އުފުލާ އުސްތަކެއްޗާއި، އަދި (އެކަމަށް ކުޅަދާނަވެގެން ނުވާ) ބިމަށްތިރި ތަކެތި، އެކަލާނގެ އުފެއްދެވިއެވެ. ތިޔަބައިމީހުންނަށް ﷲ ދެއްވި ތަކެތިން ތިޔަބައިމީހުން ކާށެވެ! އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް، ތިޔަބައިމީހުން ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން، އެ ޝައިޠާނާއަކީ، ތިޔަބައިމީހުންނަށް ކަނޑައެޅި ބަޔާންވެގެންހުރި ޢަދާވަތްތެރިއެކެވެ.
﴿١٤٣﴾ ثَمَانِيَةَ أَزْوَاجٍ ۖ مِّنَ الضَّأْنِ اثْنَيْنِ وَمِنَ الْمَعْزِ اثْنَيْنِ ۗ قُلْ آلذَّكَرَيْنِ حَرَّمَ أَمِ الْأُنثَيَيْنِ أَمَّا اشْتَمَلَتْ عَلَيْهِ أَرْحَامُ الْأُنثَيَيْنِ ۖ نَبِّئُونِي بِعِلْمٍ إِن كُنتُمْ صَادِقِينَ
އަންހެން ފިރިހެން، އަށެތި އުފައްދަވާފައިވެއެވެ. އެއީ ޟައުނު ބަކަރީގެ ދެޖޯޑާއި، މަޢިޒު ބަކަރީގެ ދެޖޯޑެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެ ޙަރާމް ކުރައްވާފައިވަނީ، އެ ފިރިހެން ދޭތިހެއްޔެވެ؟ ނުވަތަ އެ އަންހެން ދޭތިހެއްޔެވެ؟ ނުވަތަ އެ އަންހެން ދޭތީގެ ރަޙިމުގައިވާ ދަރިންހެއްޔެވެ؟ ތިޔަބައިމީހުންނަކީ، ތެދުވެރިން ކަމުގައިވާނަމަ، (ތިޔަބައިމީހުންނަށް ލިބިފައިވާ) ޢިލްމަކާއެކު، ތިމަންކަލޭގެފާނަށް ޚަބަރު ދީބަލާށެވެ!
﴿١٤٤﴾ وَمِنَ الْإِبِلِ اثْنَيْنِ وَمِنَ الْبَقَرِ اثْنَيْنِ ۗ قُلْ آلذَّكَرَيْنِ حَرَّمَ أَمِ الْأُنثَيَيْنِ أَمَّا اشْتَمَلَتْ عَلَيْهِ أَرْحَامُ الْأُنثَيَيْنِ ۖ أَمْ كُنتُمْ شُهَدَاءَ إِذْ وَصَّاكُمُ اللَّهُ بِهَٰذَا ۚ فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا لِّيُضِلَّ النَّاسَ بِغَيْرِ عِلْمٍ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
އަދި ޖަމަލުގެ ދެ ޖޯޑާއި، ގެރީގެ ދެ ޖޯޑެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެ ޙަރާމް ކުރެއްވީ އެ ފިރިހެން ދޭތިހެއްޔެވެ؟ ނުވަތަ އެ އަންހެން ދޭތިހެއްޔެވެ؟ ނުވަތަ އެއަންހެން ދޭތީގެ ރަޙިމުގައިވާ ދަރިން ހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންނަށް، ﷲ މި ވަޞިއްޔަތް ކުރެއްވިއިރު، ހެކިންގެ ގޮތުގައި ތިޔަބައިމީހުން ޙާޟިރުވެ ތިބީމުހެއްޔެވެ؟ ޢިލްމަކާނުލައި، މީސްތަކުން މަގުފުރެއްދުމަށްޓަކައި، ﷲއާމެދު، ހަދައިގެން ދޮގުބުނި މީހަކަށްވުރެ، އަނިޔާވެރިކަން ބޮޑުމީހަކީ ފަހެ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދަންކަވަތެވެ.
﴿١٤٥﴾ قُل لَّا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُ إِلَّا أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ اللَّهِ بِهِ ۚ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ رَبَّكَ غَفُورٌ رَّحِيمٌ
ކަލޭގެފާނު ވިދާޅުވާށެވެ! ކާ މީހަކަށް ކެއުން ޙަރާމް ކުރައްވާފައިވާ އެއްޗެއް، ތިމަންކަލޭގެފާނަށް އިއްވެވި ވަޙީގެ ތެރޭގައި ވާތީ ދެކެވަޑައެއް ނުގަންނަވަމެވެ. އެ އެއްޗަކީ މަރުވެފައިވާ އެއްޗެއް ކަމުގައި، ނުވަތަ އޮހޮރޭ ލޭ ކަމުގައި، ނުވަތަ އޫރުމަސްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، އެ އޫރު މަހަކީ، ހަޑިމުޑުދާރު އެއްޗެކެވެ. ނުވަތަ ﷲ ނޫންފަރާތަކަށް ކަތިލާފައިވާ ފާސިޤު އެއްޗެއްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. (އެބަހީ: މިހަތަރު ބާވަތް ޙަރާމް ވެގެންވެއެވެ.) ފަހެ، ނުކިޔަމަންތެރިވެ ދެކޮޅުވެރިވުމެއް އަދި ހައްދުފަހަނަޅައިދިޔުމެއް ނެތި، މަޖޫބުރުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
﴿١٤٦﴾ وَعَلَى الَّذِينَ هَادُوا حَرَّمْنَا كُلَّ ذِي ظُفُرٍ ۖ وَمِنَ الْبَقَرِ وَالْغَنَمِ حَرَّمْنَا عَلَيْهِمْ شُحُومَهُمَا إِلَّا مَا حَمَلَتْ ظُهُورُهُمَا أَوِ الْحَوَايَا أَوْ مَا اخْتَلَطَ بِعَظْمٍ ۚ ذَٰلِكَ جَزَيْنَاهُم بِبَغْيِهِمْ ۖ وَإِنَّا لَصَادِقُونَ
ނިޔަފަތިހުރި ކޮންމެ ސޫތްޕެއް، ޔަހޫދީންގެ މައްޗަށް ތިމަންރަސްކަލާނގެ ޙަރާމް ކުރެއްވީމެވެ. އަދި ގެރިއާއި، ބަކަރީން އޭގެ ބުރިކަށީގައިވާ ސަރުބީއާއި، އޭގެ ގޮހޮރުގައިވާ ސަރުބީއާއި، ކަށްޓާ އެކުވެފައިވާ ސަރުބީފިޔަވައި، އެދޭތީގެ ސަރުބީ، އެއުރެންގެ މައްޗަށް ޙަރާމް ކުރެއްވީމެވެ. އެގޮތުން، ތިމަންރަސްކަލާނގެ އެއުރެންނަށް ޖަޒާދެއްވީ، އެއުރެންގެ ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެ ސަބަބުންނެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތެދު ވަޙީ ކުރައްވާ ރަސްކަލާނގެކަން ކަށަވަރެވެ.
﴿١٤٧﴾ فَإِن كَذَّبُوكَ فَقُل رَّبُّكُمْ ذُو رَحْمَةٍ وَاسِعَةٍ وَلَا يُرَدُّ بَأْسُهُ عَنِ الْقَوْمِ الْمُجْرِمِينَ
ފަހެ، އެއުރެން ކަލޭގެފާނު ދޮގުކޮށްފިނަމަ، ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ތަނަވަސްވެގެންވާ ރަޙްމަތުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ ޢަޛާބު (އަތުވެއްޖެނަމަ) ކުށްވެރިވީ މީހުންގެ ކިބައިން އަނބުރާ ރައްދުނުކުރައްވާ ހުށްޓެވެ.
﴿١٤٨﴾ سَيَقُولُ الَّذِينَ أَشْرَكُوا لَوْ شَاءَ اللَّهُ مَا أَشْرَكْنَا وَلَا آبَاؤُنَا وَلَا حَرَّمْنَا مِن شَيْءٍ ۚ كَذَٰلِكَ كَذَّبَ الَّذِينَ مِن قَبْلِهِمْ حَتَّىٰ ذَاقُوا بَأْسَنَا ۗ قُلْ هَلْ عِندَكُم مِّنْ عِلْمٍ فَتُخْرِجُوهُ لَنَا ۖ إِن تَتَّبِعُونَ إِلَّا الظَّنَّ وَإِنْ أَنتُمْ إِلَّا تَخْرُصُونَ
ޝަރީކުކުޅަ މީހުން ބުނާނެތެވެ. ﷲ އިރާދަކުރެއްވިނަމަ ތިމަންމެން، އަދި ތިމަންމެންގެ ކާބަފައިންވެސް، ޝަރީކެއް ނުކުޅައީހެވެ. އަދި ތިމަންމެން އެއްވެސް އެއްޗެއް ޙަރާމް ކޮށެއްވެސް ނުހެދީމުހެވެ. ހަމައެފަދައިން، އެއުރެންގެ ކުރީގެ މީހުން، ތިމަންރަސްކަލާނގެ ޢަޛާބުގެ ރަހަ ލިބިއްޖައުމަށްދާނދެން (ރަސޫލުން) ދޮގުކުޅައޫވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، އަހުރެމެންނަށް ނެރެދައްކައިދޭނޭ އެއްވެސް ޢިލްމެއް، ތިޔަބައިމީހުންގެ ކިބައިގައި ވޭހެއްޔެވެ؟ ތިޔަބައިމީހުން ތަބަޢަ ވަނީ، ހީއަކަށް ކަމުގައި މެނުވީ ނުވެއެވެ. އަދި ތިޔަބައިމީހުން ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ ނުވެއެވެ.
﴿١٤٩﴾ قُلْ فَلِلَّهِ الْحُجَّةُ الْبَالِغَةُ ۖ فَلَوْ شَاءَ لَهَدَاكُمْ أَجْمَعِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އެންމެ ފުރިހަމަ ޙުއްޖަތް ވަނީ ﷲއަށެވެ. ފަހެ، އެކަލާނގެ އިރާދަކުރެއްވިނަމަ، ތިޔަބައިމީހުން އެންމެންނަށް، ތެދުމަގު ދައްކަވައިފީސްކަން ކަށަވަރެވެ.
﴿١٥٠﴾ قُلْ هَلُمَّ شُهَدَاءَكُمُ الَّذِينَ يَشْهَدُونَ أَنَّ اللَّهَ حَرَّمَ هَٰذَا ۖ فَإِن شَهِدُوا فَلَا تَشْهَدْ مَعَهُمْ ۚ وَلَا تَتَّبِعْ أَهْوَاءَ الَّذِينَ كَذَّبُوا بِآيَاتِنَا وَالَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ وَهُم بِرَبِّهِمْ يَعْدِلُونَ
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ މި ތަކެތި ޙަރާމް ކުރެއްވިކަމަށް ހެކިވާނެ ހެކިން ތިޔަބައިމީހުން ގެންނާށެވެ! ދެން އެއުރެން، ހެކިދިން ނަމަވެސް، ކަލޭގެފާނު އެއުރެންނާ އެކުގައި ހެކިވެވަޑައިނުގަންނަވާށެވެ! އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް، ޝަރީކު ކުރާ ޙާލު، ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް، އާޚިރަތް ދުވަހަށް އީމާން ނުވާ މީހުން، ހިތް އެދޭ ގޮތްތަކަށް ކަލޭގެފާނު ތަބަޢަ ވެވަޑައިނުގަންނަވާށެވެ!
﴿١٥١﴾ ۞ قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا ۖ وَلَا تَقْتُلُوا أَوْلَادَكُم مِّنْ إِمْلَاقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَعْقِلُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަރާމް ކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި ފަޤީރުކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް ރިޒްޤު ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. އަދި ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.
﴿١٥٢﴾ وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُ ۖ وَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِ ۖ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَىٰ ۖ وَبِعَهْدِ اللَّهِ أَوْفُوا ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَذَكَّرُونَ
ރަނގަޅުގޮތުން މެނުވީ، ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށެވެ! އެކުދިން ބޮޑުވެ ތަޞައްރަފު ފުދިއްޖައުމަށް ދާނދެނެވެ. އަދި ތިޔަބައިމީހުން، މިނުމާއި، ކިރުން އިންޞާފުވެރި ގޮތުން ފުރިހަމަ ކުރާށެވެ! ތިމަންރަސްކަލާނގެ އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަ ވެގެންވާ މިންވަރަށް މެނުވީ، ތަކުލީފެއް ނުޖައްސަވަމެވެ. އަދި ތިޔަބައިމީހުން ބަސްބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، ޢަދުލަށް (ތެދަށް) ބުނާށެވެ! އަދި ﷲގެ ޢަހުދުތައް ތިޔަބައިމީހުން ފުއްދާށެވެ! އެކަންތައްތަކަށް، ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.
﴿١٥٣﴾ وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ
އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން ތަބަޢަ ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބަޢަ ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ ވަޞިއްޔަތް ކުރެއްވީ، ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.
﴿١٥٤﴾ ثُمَّ آتَيْنَا مُوسَى الْكِتَابَ تَمَامًا عَلَى الَّذِي أَحْسَنَ وَتَفْصِيلًا لِّكُلِّ شَيْءٍ وَهُدًى وَرَحْمَةً لَّعَلَّهُم بِلِقَاءِ رَبِّهِمْ يُؤْمِنُونَ
ދެން ހެޔޮޢަމަލުކުޅަ މީހާއަށް (ނިޢުމަތް) ފުރިހަމަކޮށް ދެއްވުމަށާއި، ކޮންމެ ކަމެއް ތަފްޞީލު ކޮށް ބަޔާންކޮށްދެއްވުމަށާއި، ހިދާޔަތެއް ކަމުގައްޔާއި، ރަޙްމަތެއް ކަމުގައި، ތިމަންރަސްކަލާނގެ މޫސާގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެކަމަށް، އެއުރެން އީމާން ވުމަށްޓަކައެވެ.
﴿١٥٥﴾ وَهَٰذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ فَاتَّبِعُوهُ وَاتَّقُوا لَعَلَّكُمْ تُرْحَمُونَ
މި ޤުރްއާނަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި، ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ފަހެ، ތިޔަބައިމީހުން، އެފޮތަށް ތަބަޢަ ވާށެވެ! އަދި ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.
﴿١٥٦﴾ أَن تَقُولُوا إِنَّمَا أُنزِلَ الْكِتَابُ عَلَىٰ طَائِفَتَيْنِ مِن قَبْلِنَا وَإِن كُنَّا عَن دِرَاسَتِهِمْ لَغَافِلِينَ
ފޮތް ބާވައިލެއްވިކަން ކަށަވަރީ، ތިމަންމެންގެ ކުރީގައިވާ ދެބަޔެއްގެ މައްޗަށޭ، އަދި ތިމަންމެން، ހަމަކަށަވަރުންވެސް ތިބީ، އެއުރެން ކުޅަ ދިރާސާއާމެދު ޣާފިލު ވެގެންނޭ، ތިޔަބައިމީހުން ބުނެފާނެތީއެވެ.
﴿١٥٧﴾ أَوْ تَقُولُوا لَوْ أَنَّا أُنزِلَ عَلَيْنَا الْكِتَابُ لَكُنَّا أَهْدَىٰ مِنْهُمْ ۚ فَقَدْ جَاءَكُم بَيِّنَةٌ مِّن رَّبِّكُمْ وَهُدًى وَرَحْمَةٌ ۚ فَمَنْ أَظْلَمُ مِمَّن كَذَّبَ بِآيَاتِ اللَّهِ وَصَدَفَ عَنْهَا ۗ سَنَجْزِي الَّذِينَ يَصْدِفُونَ عَنْ آيَاتِنَا سُوءَ الْعَذَابِ بِمَا كَانُوا يَصْدِفُونَ
ނުވަތަ ތިމަންމެންގެ މައްޗަށް ފޮތް ބާވައިލެއްވިނަމަ، އެއުރެންނަށްވުރެ، ތިމަންމެން ތެދުމަގު ލިބިގަތުން މާބޮޑުވީހޭ ބުނެފާނެތީއެވެ. ފަހެ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން، ސާފު ހެތްކަކާއި، ތެދުމަގަކާއި، ރަޙްމަތެއް، ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެކަން ކަށަވަރެވެ. ﷲގެ އާޔަތްތައް ދޮގުކޮށް، އެ އާޔަތްތަކަށް ފުރަގަސްދީފި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑީ ފަހެ، ކާކުހެއްޔެވެ؟ ތިމަންރަސްކަލާނގެ އާޔަތްތަކަށް ފުރަގަސްދޭ މީހުންނަށް، އެއުރެން އެ އާޔަތްތަކަށް ފުރަގަސް ދިނުމުގެ ސަބަބުން، ތިމަންރަސްކަލާނގެ ގަދަ ޢަޛާބުން، ޖަޒާދެއްވާހުށީމެވެ.
﴿١٥٨﴾ هَلْ يَنظُرُونَ إِلَّا أَن تَأْتِيَهُمُ الْمَلَائِكَةُ أَوْ يَأْتِيَ رَبُّكَ أَوْ يَأْتِيَ بَعْضُ آيَاتِ رَبِّكَ ۗ يَوْمَ يَأْتِي بَعْضُ آيَاتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِن قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا ۗ قُلِ انتَظِرُوا إِنَّا مُنتَظِرُونَ
އެއުރެންގެ ގާތަށް، މަލާއިކަތުން ވަޑައިގަތުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ (ޢަޛާބު) އައުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ އާޔަތްތަކުގެ ތެރެއިން ބައެއް އާޔަތް އައުމަށް މެނުވީ، އެއުރެން އިންތިޒާރު ކުރޭހެއްޔެވެ؟ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ބައެއް އާޔަތް (އެބަހީ: ޤިޔާމަތުގެ ޢަލާމަތްތައް) އަންނަ ދުވަހު، އޭގެކުރިން އީމާން ވެފައި ނުވާނަމަ، ނުވަތަ އީމާންވެ ހެޔޮޢަމަލު ކޮށްފައި ނުވާނަމަ، އެއްވެސް ނަފްސަކަށް އެ ނަފްސެއްގެ އީމާނަކުން މަންފާއެއް ނުކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އިންތިޒާރު ކުރާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް އިންތިޒާރު ކުރާނޫއެވެ.
﴿١٥٩﴾ إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَّسْتَ مِنْهُمْ فِي شَيْءٍ ۚ إِنَّمَا أَمْرُهُمْ إِلَى اللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا يَفْعَلُونَ
ހަމަކަށަވަރުން، އެއުރެންގެ ދީން ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން، އެއްވެސް ކަމެއްގައި، ކަލޭގެފާނު ނުވަމުއެވެ. އެއުރެންގެ ކަންތައް އޮންނާނެކަން ކަށަވަރީ، ﷲގެ ޙަޟްރަތަށެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ވާހަކައިން، އެކަލާނގެ، އެއުރެންނަށް ޚަބަރު އަންގަވާނެތެވެ.
﴿١٦٠﴾ مَن جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ۖ وَمَن جَاءَ بِالسَّيِّئَةِ فَلَا يُجْزَىٰ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ
ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ޘަވާބު ހުށްޓެވެ. އަދި ނުބައިކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެފަދަ ކަމެއްގެ ޖަޒާ މެނުވީ، އެމީހަކަށް ނުލިބޭހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.
﴿١٦١﴾ قُلْ إِنَّنِي هَدَانِي رَبِّي إِلَىٰ صِرَاطٍ مُّسْتَقِيمٍ دِينًا قِيَمًا مِّلَّةَ إِبْرَاهِيمَ حَنِيفًا ۚ وَمَا كَانَ مِنَ الْمُشْرِكِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، ސީދާވެގެންވާ ތެދުމަގަށް ތިމަންކަލޭގެފާނަށް މަގު ދެއްކެވިއެވެ. އެއީ ސީދާވެގެންވާ ދީނެވެ. އެއީ ބާޠިލުގެ މަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބަޢަ ވެގެންވާ އިބްރާހީމުގެފާނުގެ ދީނެވެ. އަދި މުޝްރިކުންގެ ތެރެއިން އެކަލޭގެފާނު ނުވެއެވެ.
﴿١٦٢﴾ قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، ޢާލަމްތަކުގެ ވެރި ﷲއަށެވެ.
﴿١٦٣﴾ لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ
އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވަނީ އެގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި އުއްމަތުގެ) މުސްލިމުންކުރެ، އެންމެ ފުރަތަމަ މީހާއެވެ.
﴿١٦٤﴾ قُلْ أَغَيْرَ اللَّهِ أَبْغِي رَبًّا وَهُوَ رَبُّ كُلِّ شَيْءٍ ۚ وَلَا تَكْسِبُ كُلُّ نَفْسٍ إِلَّا عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ހުރިހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެ ކަމުގައިވާ ޙާލު، ކަލަކު ކަމުގައި، ﷲ ފިޔަވައި އެހެން ފަރާތެއް ތިމަންކަލޭގެފާނު އެދޭނޭ ހެއްޔެވެ؟ ކޮންމެ ނަފްސެއްމެ، އެ ނަފްސެއް ހޯދައިގަތް ކަމެއް މެނުވީ، އެ ނަފްސެއްގެ މައްޗަކަށް ނުވެއެވެ. އަދި ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ. ދެން ތިޔަބައިމީހުން އެނބުރި ރުޖޫޢަ ވުންހުރީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ. އޭރުން، ތިޔަބައިމީހުން، އެކަންކަމާމެދު ޚިލާފުވެ އުޅުނު ކަންތަކުގެ ޚަބަރު ތިޔަބައިމީހުންނަށް، އެކަލާނގެ އަންގަވާނެތެވެ.
﴿١٦٥﴾ وَهُوَ الَّذِي جَعَلَكُمْ خَلَائِفَ الْأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَبْلُوَكُمْ فِي مَا آتَاكُمْ ۗ إِنَّ رَبَّكَ سَرِيعُ الْعِقَابِ وَإِنَّهُ لَغَفُورٌ رَّحِيمٌ
އެކަލާނގެއީ، ބިމުގެ ޚަލީފާއިން ކަމުގައި، ތިޔަބައިމީހުން ލެއްވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން ކުރެ، އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ދަރަޖަ މަތިވެރި ކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް، އެކަލާނގެ ދެއްވި ތަކެއްޗާމެދު، ތިޔަބައިމީހުން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޢިޤާބު ދެއްވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
ފަހަތަށް
ކުރިއަށް