|
| ﴿١﴾ عَمَّ يَتَسَاءَلُونَ |
| އެއުރެން އެކަކު އަނެކަކާ ސުއާލު ކޮށް އުޅެނީ، ކޮންކަމަކާ މެދުގައި ހެއްޔެވެ؟ |
| ﴿٢﴾ عَنِ النَّبَإِ الْعَظِيمِ |
| ބޮޑުވެގެންވާ ޚަބަރާ މެދުގައެވެ. |
| ﴿٣﴾ الَّذِي هُمْ فِيهِ مُخْتَلِفُونَ |
| އެ ޚަބަރަކީ، އެއުރެން އެއާމެދު ޚިލާފު ވެގެންވާ ޚަބަރެވެ. |
| ﴿٤﴾ كَلَّا سَيَعْلَمُونَ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ. |
| ﴿٥﴾ ثُمَّ كَلَّا سَيَعْلَمُونَ |
| ދެންވެސް ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ. |
| ﴿٦﴾ أَلَمْ نَجْعَلِ الْأَرْضَ مِهَادًا |
| ތަންމައްޗެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަންހެއްޔެވެ؟ |
| ﴿٧﴾ وَالْجِبَالَ أَوْتَادًا |
| އަދި (ބިން ހިފެހެއްޓުމަށްވާ) ކަޑަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ފަރުބަދަތައް ނުލައްވަންހެއްޔެވެ؟ |
| ﴿٨﴾ وَخَلَقْنَاكُمْ أَزْوَاجًا |
| އަދި (ދެ ޖިންސުން) ޖޯޑުޖޯޑަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީމެވެ. |
| ﴿٩﴾ وَجَعَلْنَا نَوْمَكُمْ سُبَاتًا |
| އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ނިދި، އަރާމެއް ކަމުގައި ލެއްވީމެވެ. |
| ﴿١٠﴾ وَجَعَلْنَا اللَّيْلَ لِبَاسًا |
| އަދި ފޭރާމެއް ކަމުގައި، ތިމަންރަސްކަލާނގެ ރޭގަނޑު ލެއްވީމެވެ. |
| ﴿١١﴾ وَجَعَلْنَا النَّهَارَ مَعَاشًا |
| އަދި ދިރިއުޅުމަށް މަސައްކަތްކުރުމުގެ ވަގުތެއް ކަމުގައި، ތިމަންރަސްކަލާނގެ ދުވާލު ލެއްވީމެވެ. |
| ﴿١٢﴾ وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا |
| ގަދަފަދަވެގެންވާ ހަތް އުޑު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތީގައި ބިނާކުރެއްވީމެވެ. |
| ﴿١٣﴾ وَجَعَلْنَا سِرَاجًا وَهَّاجًا |
| އަދި އަލިކަންގަދަ ވޮށެއް (އެބަހީ: އިރު) ތިމަންރަސްކަލާނގެ ލެއްވީމެވެ. |
| ﴿١٤﴾ وَأَنزَلْنَا مِنَ الْمُعْصِرَاتِ مَاءً ثَجَّاجًا |
| އަދި ވާރޭވިލާތަކުގެ ތެރެއިން އޮހިގެންއަންނަ ފެން، ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ. |
| ﴿١٥﴾ لِّنُخْرِجَ بِهِ حَبًّا وَنَبَاتًا |
| އެ ފެނުގެ ސަބަބުން، އޮށްޓަރާއި، ފަތްޕިލާވެލި ފަޅުއްވައި، ނެރުއްވުމަށްޓަކައެވެ. |
| ﴿١٦﴾ وَجَنَّاتٍ أَلْفَافًا |
| އަދި ފަތްތައް ބޯކޮށް ހެދިފައިވާ ބަގީޗާތައް މެއެވެ. |
| ﴿١٧﴾ إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا |
| ހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަސް ކަނޑައެޅިގެންވާ ދުވަހެއް ކަމުގައިވިއެވެ. |
| ﴿١٨﴾ يَوْمَ يُنفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا |
| ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. ފަހެ، އެދުވަހުން ތިޔަބައިމީހުން (މަޙްޝަރު ބިމަށް) ބައިބަޔަށް އަންނާނޫއެވެ. |
| ﴿١٩﴾ وَفُتِحَتِ السَّمَاءُ فَكَانَتْ أَبْوَابًا |
| އަދި އުޑުތައް ހުޅުއްވާނެތެވެ. ފަހެ، ދޮރޯށިތަކެއް ފަދައިން އެ އުޑުތައް ވާނެތެވެ. |
| ﴿٢٠﴾ وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا |
| އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ. |
| ﴿٢١﴾ إِنَّ جَهَنَّمَ كَانَتْ مِرْصَادًا |
| ހަމަކަށަވަރުން، ނަރަކައީ، އެތަނަކުން ކުށްވެރިންނަށް ބަލަބަލައިތިބޭ ތަނެއްކަމުގައިވެއެވެ. |
| ﴿٢٢﴾ لِّلطَّاغِينَ مَآبًا |
| ކާފިރުންނަށް އެއުރެން އެނބުރިގޮސް ތިބޭނެތަނެއްގެ ގޮތުގައެވެ. |
| ﴿٢٣﴾ لَّابِثِينَ فِيهَا أَحْقَابًا |
| އެތައްޒަމާނަކަށް އެއުރެން އެތާނގައި، ލަސްވެތިބޭ ޙާލުގައެވެ. |
| ﴿٢٤﴾ لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا |
| އެތާނގައި ފިނިކަމެއްގެ ރަހަވެސް، އަދި ބުއިމެއްގެ ރަހަވެސް އެއުރެންނަކަށް ނުލިބޭނެތެވެ. |
| ﴿٢٥﴾ إِلَّا حَمِيمًا وَغَسَّاقًا |
| ކެކިކެކިހުންނަ ހޫނުފެނާއި (ނަރަކައިގެ އަހުލުވެރިންގެ) ގައިން އޮހޮރޭ ފާދިޔަ މެނުވީއެވެ. |
| ﴿٢٦﴾ جَزَاءً وِفَاقًا |
| (އެއުރެންގެ ޢަމަލުތަކާ) އެއްގޮތްވެގެންވާ ޖަޒާއެއްގެ ގޮތުންނެވެ. |
| ﴿٢٧﴾ إِنَّهُمْ كَانُوا لَا يَرْجُونَ حِسَابًا |
| ހަމަކަށަވަރުން ޙިސާބު ބެއްލެވުމަށް ނޭދޭބަޔަކު ކަމުގައި އެއުރެންވޫއެވެ. |
| ﴿٢٨﴾ وَكَذَّبُوا بِآيَاتِنَا كِذَّابًا |
| ބޮޑުވެގެންވާ ދޮގުކުރުމަކުން، ތިމަންރަސްކަލާނގެ އާޔަތްތައް އެއުރެން ދޮގުކުރޫއެވެ. |
| ﴿٢٩﴾ وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا |
| އަދި ކޮންމެ އެއްޗެއް ތިމަންރަސްކަލާނގެ ފޮތެއްގައި ހިމެނުއްވީމެވެ. |
| ﴿٣٠﴾ فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا |
| ފަހެ، ތިޔަބައިމީހުން (ކުޅަ ނުބައި ޢަމަލުތަކުގެ) ރަހަ ލިބިގަންނާށެވެ! ފަހެ، ޢަޛާބު މެނުވީ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަކަށް އިތުރެއް ނުކުރައްވާ ހުށީމެވެ. |
| ﴿٣١﴾ إِنَّ لِلْمُتَّقِينَ مَفَازًا |
| ހަމަކަށަވަރުން، ތަޤްވާވެރިންނަށް ހުރީ، ނަޞީބު ލިބެނިވި ތަނެކެވެ. |
| ﴿٣٢﴾ حَدَائِقَ وَأَعْنَابًا |
| ބަގީޗާތަކާއި، އަދި މޭބިސްކަދުރުތަކެވެ. |
| ﴿٣٣﴾ وَكَوَاعِبَ أَتْرَابًا |
| އަދި އެއްފުރާވަރުގެ ޒުވާން އަންހެން ކުދިންނެވެ. |
| ﴿٣٤﴾ وَكَأْسًا دِهَاقًا |
| އަދި ފުރިފައިވާ ރާތަށިތަކެވެ. |
| ﴿٣٥﴾ لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا |
| ބާޠިލު ވާހަކަތަކެއް، އަދި ދޮގެއް އެއުރެން އެތާކު ނާހާނެތެވެ. |
| ﴿٣٦﴾ جَزَاءً مِّن رَّبِّكَ عَطَاءً حِسَابًا |
| ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ލިބެނިވި ޖަޒާއެއްގެ ގޮތުގައެވެ. ފުދިގެންވާ ދެއްވުމެއްގެ ގޮތުގައެވެ. |
| ﴿٣٧﴾ رَّبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الرَّحْمَٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًا |
| އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރި ރަޙްމާންވަންތަ ރަސްކަލާނގެ ޙަޟްރަތުންނެވެ. އެކަލާނގެ ޙަޟްރަތަށް ބަސްދެންނެވުމަށް އެއުރެންނަކަށް އެއްވެސްބާރެއް ލިބިގެނެއް ނުވެތެވެ. |
| ﴿٣٨﴾ يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرَّحْمَٰنُ وَقَالَ صَوَابًا |
| ޖިބްރީލުގެފާނާއި، މަލާއިކަތުން ސަފަކަށް ޤާއިމްވެ ތިއްބަވާ ދުވަހެވެ. ރަޙްމާންވަންތަ ރަސްކަލާނގެ، އެމީހަކަށް އިޛުނަ ދެއްވައި، ޙައްޤު ތެދުބަހެއް ބުނެފި މީހަކު މެނުވީ، އެކަކަށްވެސް ވާހަކައެއް ނުދެއްކޭނެތެވެ. |
| ﴿٣٩﴾ ذَٰلِكَ الْيَوْمُ الْحَقُّ ۖ فَمَن شَاءَ اتَّخَذَ إِلَىٰ رَبِّهِ مَآبًا |
| އެއީ ކަށަވަރުވެގެންވާ ދުވަހެވެ. ފަހެ، ބޭނުންމީހަކު އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަ ވުމެއް ހިފައިފާހުށިކަމެވެ! |
| ﴿٤٠﴾ إِنَّا أَنذَرْنَاكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنتُ تُرَابًا |
| ހަމަކަށަވަރުން، ގާތްވެގެންވާ ޢަޛާބެއްގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިންޛާރު ކުރެއްވީމެވެ. (އެއީ) އެމީހެއްގެ ދެއަތުން އިސްކޮށްފައިވާ ކަންތައް، އެމީހާ ދެކޭނޭ ދުވަހެވެ. އަދި ކާފިރުވި މީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަން ވެއްޔަށްވީނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ؟ |
|