|
| ﴿١﴾ الرَّحْمَٰنُ |
| ރަޙްމާންވަންތަ ރަސްކަލާނގެއެވެ. |
| ﴿٢﴾ عَلَّمَ الْقُرْآنَ |
| އެކަލާނގެ ޤުރްއާން އުނގަންނައިދެއްވިއެވެ. |
| ﴿٣﴾ خَلَقَ الْإِنسَانَ |
| އެކަލާނގެ އިންސާނާ ހެއްދެވިއެވެ. |
| ﴿٤﴾ عَلَّمَهُ الْبَيَانَ |
| އެކަލާނގެ އެ އިންސާނާއަށް ބަސްމޮށުންތެރިކަން އުނގަންނައިދެއްވިއެވެ. |
| ﴿٥﴾ الشَّمْسُ وَالْقَمَرُ بِحُسْبَانٍ |
| އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ. |
| ﴿٦﴾ وَالنَّجْمُ وَالشَّجَرُ يَسْجُدَانِ |
| އަދި ފަތްޕިލާވެއްޔާއި، ގަސްގަހާގެހި، އެކަލާނގެއަށް ކިޔަމަންވެ، ސަޖިދަ ކުރެތެވެ. |
| ﴿٧﴾ وَالسَّمَاءَ رَفَعَهَا وَوَضَعَ الْمِيزَانَ |
| އަދި އެކަލާނގެ އުޑު އުފުއްލެވިއެވެ. އަދި ޢަދުލު އިންޞާފު ލެއްވިއެވެ. |
| ﴿٨﴾ أَلَّا تَطْغَوْا فِي الْمِيزَانِ |
| މިނެކިރުމުގައި ތިޔަބައިމީހުން އަނިޔާވެރި ނުވުމަށްޓަކައެވެ. |
| ﴿٩﴾ وَأَقِيمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِيزَانَ |
| ޢަދުލު އިންޞާފުގެ މަތިން ތިޔަބައިމީހުން މިނެކިރުން ހަމަކުރާށެވެ! އަދި މިނެކިރުމުގައި ތިޔަބައިމީހުން ގެއްލުން ނުކުރާށެވެ! |
| ﴿١٠﴾ وَالْأَرْضَ وَضَعَهَا لِلْأَنَامِ |
| އަދި ޚަލްޤުތަކުންނަށްޓަކައި އެކަލާނގެ ބިން ލައްވާފައިވެއެވެ. |
| ﴿١١﴾ فِيهَا فَاكِهَةٌ وَالنَّخْلُ ذَاتُ الْأَكْمَامِ |
| އެ ބިމުގައި މޭވާއާއި، އެތްތަކުގެވެރި ކަދުރު ރުއްތައް ވެއެވެ. |
| ﴿١٢﴾ وَالْحَبُّ ذُو الْعَصْفِ وَالرَّيْحَانُ |
| އަދި ތޮށި ހުންނަ ގޮވާންތަކާއި، މީރުވަސްދުވާ މާމެލާމެލި ވެއެވެ. |
| ﴿١٣﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿١٤﴾ خَلَقَ الْإِنسَانَ مِن صَلْصَالٍ كَالْفَخَّارِ |
| މުށިތަކެއްފަދަ ހިކި މަށިން، އެކަލާނގެ އިންސާނާ (އެބަހީ: އާދަމުގެފާނު) ހެއްދެވިއެވެ. |
| ﴿١٥﴾ وَخَلَقَ الْجَانَّ مِن مَّارِجٍ مِّن نَّارٍ |
| އަދި ދުންނާރާ އަލިފާނެއްގެ ހުޅުގަނޑުން، އެކަލާނގެ ޖިންނީން ހެއްދެވިއެވެ. |
| ﴿١٦﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿١٧﴾ رَبُّ الْمَشْرِقَيْنِ وَرَبُّ الْمَغْرِبَيْنِ |
| އިރުއަރާ ދެތަނާއި، އިރުއޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ. (އެބަހީ: ދެ މޫސުމަށް އިރުއަރާ ދެތަނާއި، އޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ.) |
| ﴿١٨﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿١٩﴾ مَرَجَ الْبَحْرَيْنِ يَلْتَقِيَانِ |
| އެކަލާނގެ ދެކަނޑު (އެބަހީ: ކޯރާއި، ކަނޑު) ހައްދަވައި، ފޮނުއްވިއެވެ. އެ ދެކަނޑު ހިނގަމުންގޮސް ބައްދަލުވެތެވެ. |
| ﴿٢٠﴾ بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ |
| އެ ދެކަނޑު ދެމެދުގައި، ހުރަހެއްވެއެވެ. އެ ދެކަނޑުވެސް އެއްކަނޑު އަނެއް ކަނޑެއްގެ މައްޗަކަށް އަރައެއް ނުގަނެތެވެ. |
| ﴿٢١﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٢٢﴾ يَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ |
| އެ ދެކަނޑުން ރަންމުތާއި، މަރުޖާން ފައިދާވެ ނުކުމެއެވެ. |
| ﴿٢٣﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٢٤﴾ وَلَهُ الْجَوَارِ الْمُنشَآتُ فِي الْبَحْرِ كَالْأَعْلَامِ |
| އަދި ކަނޑުގައި ދުއްވުމަށް ހަދާފައިވާ އުސްފަރުބަދަތައްފަދަ އުޅަނދުފަހަރު މިލްކު ވެގެންވަނީ، އެކަލާނގެއަށެވެ. |
| ﴿٢٥﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٢٦﴾ كُلُّ مَنْ عَلَيْهَا فَانٍ |
| އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ. |
| ﴿٢٧﴾ وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ |
| އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ޛާތުފުޅު ދެމިވޮޑިގެންވެއެވެ. |
| ﴿٢٨﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٢٩﴾ يَسْأَلُهُ مَن فِي السَّمَاوَاتِ وَالْأَرْضِ ۚ كُلَّ يَوْمٍ هُوَ فِي شَأْنٍ |
| އުޑުތަކާއި، ބިމުގައިވާހާ ބަޔަކު އެކަލާނގެއަށް އެދި ދަންނަވަތެވެ. ކޮންމެ ހިނދުކޮޅެއްގައިމެ، އެކަލާނގެ ވޮޑިގެންވަނީ ކަމެއްގައެވެ. (އެބަހީ: ބަޔެއް އަޅުތަކުން ޢިއްޒަތްތެރިކުރައްވައި، އަނެއްބައި އަޅުތަކުން ނިކަމެތި ކުރައްވައި، އެއްބަޔަކަށް ރިޒްޤު ދެއްވައި، އަނެއްބަޔަކު މަޙްރޫމު ކުރައްވަތެވެ.) |
| ﴿٣٠﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٣١﴾ سَنَفْرُغُ لَكُمْ أَيُّهَ الثَّقَلَانِ |
| އޭ ޖިންނީންނާއި، އިންސީންނާ ދެބާވަތުގެ މީހުންނޭވެ! ތިޔަ ދެބައިމީހުންގެ މެދުގައި ނިކަންހުރެ، ތިމަންރަސްކަލާނގެ ޙުކުމް ކުރައްވާ ހުށީމެވެ. |
| ﴿٣٢﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٣٣﴾ يَا مَعْشَرَ الْجِنِّ وَالْإِنسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانفُذُوا ۚ لَا تَنفُذُونَ إِلَّا بِسُلْطَانٍ |
| އޭ ޖިންނީންނާއި، އިންސީންގެ ޖަމާޢަތުގެ މީހުންނޭވެ! އުޑުތަކާއި، ބިމުގެ އެންމެހާ ފަރާތްތަކުން ނުކުމެގެން ދިޔުމަށް، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނަމަ، ފަހެ، ތިޔަބައިމީހުން ނުކުމެގެން ގޮސްބަލާށެވެ! ވަރުގަދަ ބާރަކުން މެނުވީ، ތިޔަބައިމީހުންނަކަށް ނުނުކުމެވޭނެތެވެ. |
| ﴿٣٤﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٣٥﴾ يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ |
| ތިޔަ ދެބައިމީހުންގެ މައްޗަށް (ޤިޔާމަތް ދުވަހުން) އަލިފާނުގެ ހުޅުތަކާއި، ވިރިފައިވާ ލޮއި ފޮނުއްވާނެތެވެ. ފަހެ، ތިޔަބައިމީހުންނަށް ނަޞްރެއް ނުލިބޭނެތެވެ. |
| ﴿٣٦﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٣٧﴾ فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ |
| ފަހެ، އުޑު ފަޅަފަޅައިގެންދާހިނދު، ރަތްފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް ފަދައިން ވެދެއެވެ. |
| ﴿٣٨﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٣٩﴾ فَيَوْمَئِذٍ لَّا يُسْأَلُ عَن ذَنبِهِ إِنسٌ وَلَا جَانٌّ |
| ފަހެ، އެދުވަހުން އެމީހެއްގެ ފާފަޔާމެދު އިންސިއަކާ، އަދި ޖިންނިއަކާވެސް ސުވާލެއް ނުކުރައްވާނެތެވެ. (އެހެނީ، އެދުވަހުން އެއުރެން ފާހަގަވެ، އެނގޭނެތެވެ.) |
| ﴿٤٠﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٤١﴾ يُعْرَفُ الْمُجْرِمُونَ بِسِيمَاهُمْ فَيُؤْخَذُ بِالنَّوَاصِي وَالْأَقْدَامِ |
| (އެދުވަހުން) ކުށްވެރިން އެއުރެންގެ ފާހަގައިން އެނގޭނެއެވެ. ފަހެ، ނިތްގަނޑުތަކާއި ފައިތަކުގައި ހިއްޕަވައިގެން، އެއުރެން ގެންދަވާނެތެވެ. |
| ﴿٤٢﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٤٣﴾ هَٰذِهِ جَهَنَّمُ الَّتِي يُكَذِّبُ بِهَا الْمُجْرِمُونَ |
| މިއީ ކުށްވެރިން ދޮގުކޮށް އުޅުނު ނަރަކަޔެވެ. |
| ﴿٤٤﴾ يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ آنٍ |
| އެ ނަރަކައިގެ އަލިފާނާއި، އަދި ކެކިކެކިހުންނަ ހޫނުފެނާ ދެމެދުގައި، އެއުރެން ހިނގަހިނގާ ތިބޭނެތެވެ. |
| ﴿٤٥﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٤٦﴾ وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ |
| އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް ދެ ސުވަރުގެ ހުށްޓެވެ. |
| ﴿٤٧﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٤٨﴾ ذَوَاتَا أَفْنَانٍ |
| ހިޔާ ފެތުރިގެންވާ ގޮފިތަކުގެ ވެރި ދެ ސުވަރުގެއެވެ. |
| ﴿٤٩﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٥٠﴾ فِيهِمَا عَيْنَانِ تَجْرِيَانِ |
| ހިނގަހިނގާ ހުންނަ ފެންއާރުގެ ދެ އާރު، އެ ދެ ސުވަރުގޭގައިވެއެވެ. |
| ﴿٥١﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٥٢﴾ فِيهِمَا مِن كُلِّ فَاكِهَةٍ زَوْجَانِ |
| ކޮންމެ މޭވާއަކުން ދެބާވަތް އެ ދެ ސުވަރުގޭގައިވެއެވެ. |
| ﴿٥٣﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٥٤﴾ مُتَّكِئِينَ عَلَىٰ فُرُشٍ بَطَائِنُهَا مِنْ إِسْتَبْرَقٍ ۚ وَجَنَى الْجَنَّتَيْنِ دَانٍ |
| (އެއުރެން ތިބޭހުށީ) ދާންތަކެއްގެ މަތީގައި ލެނގިގެންނެވެ. އެ ދާންތަކުގެ ބަތާނަ ވަނީވެސް އިސްތަބްރަޤުންނެވެ. (އެބަހީ: ފަލަ ފަށުއިންނެވެ.) އަދި އެ ދެ ސުވަރުގޭގެ މޭވާތައް (ބިންނަ މީހުންނަށް) ކައިރިވެގެންވެއެވެ. |
| ﴿٥٥﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٥٦﴾ فِيهِنَّ قَاصِرَاتُ الطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَانٌّ |
| ކަޅިތައް ޢިއްފަތްތެރި، ޙޫރުލްޢީނުން އެ ސުވަރުގެތަކުގައިވެއެވެ. އެއުރެންގެ ކުރިން އިންސިއަކުވެސް، އަދި ޖިންނިއަކުވެސް އެކަނބަލުންގައި ބީހިފައެއް ނުވެއެވެ. |
| ﴿٥٧﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٥٨﴾ كَأَنَّهُنَّ الْيَاقُوتُ وَالْمَرْجَانُ |
| (ރީތިކަމާއި، ސާފުކަމުގައި) އެކަނބަލުން ޔާޤޫތާއި، މަރުޖާން ފަދައެވެ. |
| ﴿٥٩﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٦٠﴾ هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ |
| ހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ޘަވާބުކަމުގައި މެނުވީ ވާނެހެއްޔެވެ؟ |
| ﴿٦١﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٦٢﴾ وَمِن دُونِهِمَا جَنَّتَانِ |
| އަދި އެ ދެ ސުވަރުގެ ފިޔަވައި ދެ ސުވަރުގެވެއެވެ. |
| ﴿٦٣﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٦٤﴾ مُدْهَامَّتَانِ |
| (އެ ދެ ސުވަރުގޭގެ) ގަސްގަހުގެ ފަތްތައް ބޯވެ، ކަޅުފެހިކުލަ ލިބިގެންވެއެވެ. |
| ﴿٦٥﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٦٦﴾ فِيهِمَا عَيْنَانِ نَضَّاخَتَانِ |
| ފެން އަރައަރާ ހުންނަ ދެ އާރު، އެ ދެތާނގައިވެއެވެ. |
| ﴿٦٧﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٦٨﴾ فِيهِمَا فَاكِهَةٌ وَنَخْلٌ وَرُمَّانٌ |
| އެ ދެތާނގައި މޭވާއާއި، ކަދުރުރުކާއި، އަދި އަންނާރު ވެއެވެ. |
| ﴿٦٩﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٧٠﴾ فِيهِنَّ خَيْرَاتٌ حِسَانٌ |
| ހެޔޮކަން ބޮޑު، ރީތި އަނބީން އެތަންތާނގައިވެއެވެ. |
| ﴿٧١﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٧٢﴾ حُورٌ مَّقْصُورَاتٌ فِي الْخِيَامِ |
| (އެއީ) ފޭލިގެތަކުގައި ފަރުދާވެވިގެންވާ ޙޫރުންތަކެކެވެ. |
| ﴿٧٣﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٧٤﴾ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَانٌّ |
| އެއުރެންގެ ކުރިން، އިންސިއަކުވެސް އަދި ޖިންނިއަކުވެސް އެކަނބަލުންގައި ބީހިފައެއް ނުވެއެވެ. |
| ﴿٧٥﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٧٦﴾ مُتَّكِئِينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِيٍّ حِسَانٍ |
| ފެހިކުލައިގެ ބާލީސްތަކުގައި ލެނގިލައިގެން، އަދި މަޚުމަލުގެ ގޮދަޑިތަކާއި، ރީތި ދޫލަތަކުގައި ތިބޭ ޙާލުގައެވެ. |
| ﴿٧٧﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ |
| (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
| ﴿٧٨﴾ تَبَارَكَ اسْمُ رَبِّكَ ذِي الْجَلَالِ وَالْإِكْرَامِ |
| ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ އިސްމުފުޅު މަތިވެރިވެގެންވެއެވެ. |
|