| 
                     | 
                  
                  
                     | 
                  
                  	
                        | 
                       ﴿١﴾  الم | 
                       ا ل م (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.) | 
	
                        | 
                       ﴿٢﴾ تَنزِيلُ الْكِتَابِ لَا رَيْبَ فِيهِ مِن رَّبِّ الْعَالَمِينَ | 
                       މިއީ ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި ފޮތެވެ. އެއާމެދު ޝައްކެއް ނެތެވެ. | 
	
                        | 
                       ﴿٣﴾ أَمْ يَقُولُونَ افْتَرَاهُ ۚ بَلْ هُوَ الْحَقُّ مِن رَّبِّكَ لِتُنذِرَ قَوْمًا مَّا أَتَاهُم مِّن نَّذِيرٍ مِّن قَبْلِكَ لَعَلَّهُمْ يَهْتَدُونَ | 
                       ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ ޤުރްއާން ހެއްދެވިކަމަށް އެއުރެން ބުނަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ޙައްޤު ފޮތެވެ. އެއީ ކަލޭގެފާނުގެ ކުރިން އެބަޔަކަށް އިންޛާރު ކުރައްވާނޭ ރަސޫލަކު ވަޑައިނުގަންނަވާ ޤައުމެއްގެ ބަޔަކަށް ކަލޭގެފާނު އިންޛާރު ކުރެއްވުމަށްޓަކައެވެ. (އެއީ) އެއުރެން ތެދުމަގު ލިބިގަތުމަށްޓަކައެވެ. | 
	
                        | 
                       ﴿٤﴾ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ مَا لَكُم مِّن دُونِهِ مِن وَلِيٍّ وَلَا شَفِيعٍ ۚ أَفَلَا تَتَذَكَّرُونَ | 
                       ﷲއީ، އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން ޢަރްޝުގެ މައްޗަށް އެކަލާނގެ އިސްތިވާވެ ވޮޑިގެންނެވިއެވެ. އެކަލާނގެ ފިޔަވައި ތިޔަބައިމީހުންނަށް އެހީތެރިވާނޭ ފަރާތެއް، އަދި ޝަފާޢަތްތެރިވާނޭ ފަރާތެއްވެސް ނުވެތެވެ. ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ؟ | 
	
                        | 
                       ﴿٥﴾ يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِّمَّا تَعُدُّونَ | 
                       އުޑުން ފެށިގެން ބިމާ ހަމަޔަށް ހުރިހާ ކަމެއް އެކަލާނގެ ތަދްބީރު ކުރައްވަތެވެ. ދެން ތިޔަބައިމީހުން ގުނާގޮތުން އެއްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، އެހުރިހާ ކަމެއް އެކަލާނގެ ޙަޟްރަތަށް އަރައިގެންދެއެވެ. | 
	
                        | 
                       ﴿٦﴾ ذَٰلِكَ عَالِمُ الْغَيْبِ وَالشَّهَادَةِ الْعَزِيزُ الرَّحِيمُ | 
                       އެކަލާނގެއީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. | 
	
                        | 
                       ﴿٧﴾ الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ ۖ وَبَدَأَ خَلْقَ الْإِنسَانِ مِن طِينٍ | 
                       އެކަލާނގެއީ، ހުރިހާ އެއްޗެއް ފުރިހަމަ ސިފައިގައި ހެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އިންސާނާ ހެއްދެވުން ފެއްޓެވީ މަށިންނެވެ. | 
	
                        | 
                       ﴿٨﴾ ثُمَّ جَعَلَ نَسْلَهُ مِن سُلَالَةٍ مِّن مَّاءٍ مَّهِينٍ | 
                       ދެން އެކަލާނގެ އެ އިންސާނާގެ ދަރިފަސްކޮޅު ދެރަވެގެންވާ ފެނެއްގެ ޚުލާޞާއަކުން ހެއްދެވިއެވެ. | 
	
                        | 
                       ﴿٩﴾ ثُمَّ سَوَّاهُ وَنَفَخَ فِيهِ مِن رُّوحِهِ ۖ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۚ قَلِيلًا مَّا تَشْكُرُونَ | 
                       ދެން އޭނާޔަށް ފުރިހަމަ ސިފަ ދެއްވައި، އެކަލާނގެ ރޫޙުފުޅުން އޭނާޔަށް ފުމެލެއްވިއެވެ. (އެބަހީ: ފުރާނަ އެޅުއްވިއެވެ.) އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. ތިޔަބައިމީހުން ޝުކުރު ކުރަނީ ވަރަށްވެސް މަދުންނެވެ. | 
	
                        | 
                       ﴿١٠﴾ وَقَالُوا أَإِذَا ضَلَلْنَا فِي الْأَرْضِ أَإِنَّا لَفِي خَلْقٍ جَدِيدٍ ۚ بَلْ هُم بِلِقَاءِ رَبِّهِمْ كَافِرُونَ | 
                       އެއުރެން ބުނޫއެވެ. ތިމަންމެން (މަރުވެ) ބިމުގެ ތެރޭގައި (ވެއްޔަށްވެ) ފޮރުވުނީމާ، އަލުން އާ އުފެދުމަކުން އުފެދޭނޭ ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެކަމަށް ދެކޮޅު ހަދާ ބަޔެކެވެ. | 
	
                        | 
                       ﴿١١﴾  ۞  قُلْ يَتَوَفَّاكُم مَّلَكُ الْمَوْتِ الَّذِي وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ | 
                       ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މަރުހިއްޕެވުން ޙަވާލު ކުރައްވާފައިވާ މަލަކުލްމައުތު ތިޔަބައިމީހުންގެ މަރު ހިއްޕަވާނެތެވެ. ދެން ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ. | 
	
                        | 
                       ﴿١٢﴾ وَلَوْ تَرَىٰ إِذِ الْمُجْرِمُونَ نَاكِسُو رُءُوسِهِمْ عِندَ رَبِّهِمْ رَبَّنَا أَبْصَرْنَا وَسَمِعْنَا فَارْجِعْنَا نَعْمَلْ صَالِحًا إِنَّا مُوقِنُونَ | 
                       އަދި ފާފަކުރި މީހުން، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، ދެރަވެ އިސްޖަހައިގެން ތިބޭތަން ތިބާޔަށް ފެންނާނެ ނަމައެވެ. (އޭރުން ޙާއިރާން ވާފަދަ ކަންތައްތަކެއް ތިބާޔަށް ފެނުނީހެވެ. އެއުރެން ބުނާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ފެނިއްޖެއެވެ. އަދި އިވިއްޖެއެވެ. ފަހެ، އަޅަމެން ޞާލިޙު ޢަމަލު ކުރުމަށް އަނބުރާ އަޅަމެން (ދުނިޔެއަށް) ފޮނުއްވާނދޭވެ! ހަމަކަށަވަރުން، އަޅަމެންނީ، ޔަޤީން ކުރާ ބަޔަކީމުއެވެ. | 
	
                        | 
                       ﴿١٣﴾ وَلَوْ شِئْنَا لَآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَٰكِنْ حَقَّ الْقَوْلُ مِنِّي لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ | 
                       އަދި ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، ކޮންމެ ނަފްސަކަށްމެ އެ ނަފްސެއްގެ ހިދާޔަތް ދެއްވީމުހެވެ. އެހެނެއްކަމަކު (ފާފަކުރާ) ޖިންނީންނާއި އިންސީން އެއްކޮށް، ހަމަކަށަވަރުން، ނަރަކަ ފުރުއްވާނޭކަމުގެ ބަސްފުޅު ތިމަންރަސްކަލާނގެ ޙަޟްރަތުން އިސްވެގޮސްފައިވެއެވެ. | 
	
                        | 
                       ﴿١٤﴾ فَذُوقُوا بِمَا نَسِيتُمْ لِقَاءَ يَوْمِكُمْ هَٰذَا إِنَّا نَسِينَاكُمْ ۖ وَذُوقُوا عَذَابَ الْخُلْدِ بِمَا كُنتُمْ تَعْمَلُونَ | 
                       ފަހެ، ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނޭކަން ތިޔަބައިމީހުން ހަނދާން ނައްތައިލި ކަމަށްޓަކައި، ތިޔަބައިމީހުން ޢަޛާބުގެ ރަހަ ލިބިގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަނެތި ކުރައްވައިފީމެވެ. އަދި ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކަށްޓަކައި ދެމިހުންނަނިވި ޢަޛާބުގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ! | 
	
                        | 
                       ﴿١٥﴾ إِنَّمَا يُؤْمِنُ بِآيَاتِنَا الَّذِينَ إِذَا ذُكِّرُوا بِهَا خَرُّوا سُجَّدًا وَسَبَّحُوا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ۩ | 
                       ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާން ވާކަން ކަށަވަރީ، އެ އާޔަތްތައް އެބަޔަކަށް ހަނދާންކޮށްދެވޭހިނދު، ސަޖިދައަށް ތިރިވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަ ކިޔާ މީހުންނެވެ. އަދި އެއުރެން ކިބުރުވެރިއެއް ނުވާނެތެވެ. | 
	
                        | 
                       ﴿١٦﴾ تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ | 
                       އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ޙާލު، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ. | 
	
                        | 
                       ﴿١٧﴾ فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ | 
                       ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ. | 
	
                        | 
                       ﴿١٨﴾ أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًا ۚ لَّا يَسْتَوُونَ | 
                       ފަހެ، މުއުމިނަކު ކަމުގައިވާ މީހާއާއި (އުރެދޭ) ފާސިޤަކު ކަމުގައިވާ މީހާ އެއްފަދަހެއްޔެވެ؟ އެ ދެބައިމީހުން އެއްވަރެއް ނުވާނެތެވެ. | 
	
                        | 
                       ﴿١٩﴾ أَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ جَنَّاتُ الْمَأْوَىٰ نُزُلًا بِمَا كَانُوا يَعْمَلُونَ | 
                       އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަ މީހުން ދަންނާށެވެ! ފަހެ، އެއުރެން ކޮށްއުޅުނު ޢަމަލުތަކަށްޓަކައި، ދެއްވާ ޝަރަފެއްގެ ގޮތުން، އެއުރެންނަށް ދެމިތިބޭނޭ ސުވަރުގެތައް ހުށްޓެވެ. | 
	
                        | 
                       ﴿٢٠﴾ وَأَمَّا الَّذِينَ فَسَقُوا فَمَأْوَاهُمُ النَّارُ ۖ كُلَّمَا أَرَادُوا أَن يَخْرُجُوا مِنْهَا أُعِيدُوا فِيهَا وَقِيلَ لَهُمْ ذُوقُوا عَذَابَ النَّارِ الَّذِي كُنتُم بِهِ تُكَذِّبُونَ | 
                       އަދި (ކާފިރުވެ) ފާސިޤުވި މީހުން ދަންނާށެވެ! ފަހެ، އެއުރެން ތިބެނިވިތަނަކީ ނަރަކައެވެ. އެއުރެން އެތަނުން ނުކުންނަން އުޅެފި ކޮންމެ ފަހަރަކު، އެތަނަށް އެއުރެން އަނބުރާ އިޢާދަ ކުރައްވާނެތެވެ. އަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން ދޮގުކޮށް އުޅުނު ނަރަކައިގެ ޢަޛާބުގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ! | 
	
                        | 
                       ﴿٢١﴾ وَلَنُذِيقَنَّهُم مِّنَ الْعَذَابِ الْأَدْنَىٰ دُونَ الْعَذَابِ الْأَكْبَرِ لَعَلَّهُمْ يَرْجِعُونَ | 
                       އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެންމެބޮޑު ޢަޛާބު (އެބަހީ: ނަރަކައިގެ ޢަޛާބު) ފިޔަވައި ލުއި ޢަޛާބުން (އެބަހީ: ދުނިޔެމަތީގެ ޢަޛާބުން) އެއުރެންނަށް ރަހަ ދައްކަވާހުށީމެވެ. (އެއީ) އެއުރެން (އީމާންކަމަށް) ރުޖޫޢަ ވުމަށްޓަކައެވެ. | 
	
                        | 
                       ﴿٢٢﴾ وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَا ۚ إِنَّا مِنَ الْمُجْرِمِينَ مُنتَقِمُونَ | 
                       އެމީހެއްގެ ވެރިރަސްކަލާނގެ އާޔަތްތަކުން އެމީހަކަށް ހަނދާންކޮށްދެއްވުމުން، ދެން އެ އާޔަތްތަކަށް ފުރަގަސްދީ އެނބުރިގަތް މީހަކަށްވުރެން އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކުށްވެރިންގެ ކިބައިން ބަދަލުހިއްޕަވާހުށީމެވެ. | 
	
                        | 
                       ﴿٢٣﴾ وَلَقَدْ آتَيْنَا مُوسَى الْكِتَابَ فَلَا تَكُن فِي مِرْيَةٍ مِّن لِّقَائِهِ ۖ وَجَعَلْنَاهُ هُدًى لِّبَنِي إِسْرَائِيلَ | 
                       ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މޫސާގެފާނަށް ފޮތް ދެއްވީމެވެ. ފަހެ، އެކަލޭގެފާނަށް އެ ފޮތް ލިބިވަޑައިގަތްކަމާމެދު ކަލޭގެފާނު ޝައްކުކަމެއްގައި ވެވަޑައިނުގަންނަވާށެވެ! އަދި އިސްރާއީލުގެދަރިންނަށް ހިދާޔަތެއް ކަމުގައި ތިމަންރަސްކަލާނގެ އެ ފޮތް ލެއްވީމެވެ. | 
	
                        | 
                       ﴿٢٤﴾ وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا ۖ وَكَانُوا بِآيَاتِنَا يُوقِنُونَ | 
                       އަދި އެއުރެން ކެތްތެރިވީހިނދު، ތިމަންރަސްކަލާނގެ އަމުރުފުޅަށް ތެދުމަގު ދައްކަވާ އިމާމުންތަކެއް ތިމަންރަސްކަލާނގެ އެއުރެންގެ ތެރެއިން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތަކާމެދު ޔަޤީން ކުރާ ކަމުގައި އެއުރެން ވޫއެވެ. | 
	
                        | 
                       ﴿٢٥﴾ إِنَّ رَبَّكَ هُوَ يَفْصِلُ بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ | 
                       ހަމަކަށަވަރުން، އެއުރެން ޚިލާފު ވެގެން އުޅުނު ކަންތައްތަކާމެދު، ޤިޔާމަތް ދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މެދުގައި ނިޔާކަނޑައަޅުއްވާނެތެވެ. | 
	
                        | 
                       ﴿٢٦﴾ أَوَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا مِن قَبْلِهِم مِّنَ الْقُرُونِ يَمْشُونَ فِي مَسَاكِنِهِمْ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ ۖ أَفَلَا يَسْمَعُونَ | 
                       އަދި އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ކިތައްކިތައް އުއްމަތް ހަލާކުކުރެއްވިކަން އެއުރެންނަށް ބަޔާން ވެގެން ނުވޭހެއްޔެވެ؟ އެއުރެންގެ ގޮވަތިގެދޮރުހުރި ތަންތާނގައި އެއުރެން ހިނގަހިނގާއުޅޭ ޙާލުގައެވެ. ހަމަކަށަވަރުން، އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. ފަހެ، އެއުރެން އަޑުނާހަނީ ހެއްޔެވެ؟ | 
	
                        | 
                       ﴿٢٧﴾ أَوَلَمْ يَرَوْا أَنَّا نَسُوقُ الْمَاءَ إِلَى الْأَرْضِ الْجُرُزِ فَنُخْرِجُ بِهِ زَرْعًا تَأْكُلُ مِنْهُ أَنْعَامُهُمْ وَأَنفُسُهُمْ ۖ أَفَلَا يُبْصِرُونَ | 
                       އަދި ގަހެއް ރުކެއް ނެތް ހިކި ބިމަށް، ތިމަންރަސްކަލާނގެ ފެން ފޮނުއްވައި، އެއިން އެއުރެންގެ ޖަނަވާރުތަކާއި ޚުދު އެއުރެން ކައިއުޅޭ ގަސްގަހާގެހި ނެރުއްވާކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ (އެކަލާނގެ ކުޅަދުންވަންތަކަން) އެއުރެންނަށް ނުފެންނަނީ ހެއްޔެވެ؟ | 
	
                        | 
                       ﴿٢٨﴾ وَيَقُولُونَ مَتَىٰ هَٰذَا الْفَتْحُ إِن كُنتُمْ صَادِقِينَ | 
                       އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާމީހުން ކަމުގައި ވަނީނަމަ، ތިޔަ ފައިޞަލާ ވާނީ ކޮންއިރަކުން ހެއްޔެވެ؟ | 
	
                        | 
                       ﴿٢٩﴾ قُلْ يَوْمَ الْفَتْحِ لَا يَنفَعُ الَّذِينَ كَفَرُوا إِيمَانُهُمْ وَلَا هُمْ يُنظَرُونَ | 
                       ކަލޭގެފާނު ވިދާޅުވާށެވެ! ނިޔާ އިއްވަވާ ދުވަހު (އެބަހީ: ޤިޔާމަތް ދުވަހުން) ކާފިރުވި މީހުންނަކަށް އެއުރެން އީމާން ވުމަކުން މަންފާއެއް ނުކުރާނެތެވެ. އަދި އެއުރެންނަކަށް މުހުލަތެއްވެސް ނުމެދެއްވާނޭމެއެވެ. | 
	
                        | 
                       ﴿٣٠﴾ فَأَعْرِضْ عَنْهُمْ وَانتَظِرْ إِنَّهُم مُّنتَظِرُونَ | 
                       ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު އިންތިޒާރު ކުރައްވާށެވެ! ހަމަކަށަވަރުން، އެއުރެންވެސް އިންތިޒާރު ކުރެތެވެ. | 
                  
                     |