×
ޤުރުއާން
ހޯމް ޕޭޖަށް
ހައްދަވާ
×

ޤުރުއާން
ކިޔެވުން: ސްޕީޑް:
﴿١﴾ يَسْأَلُونَكَ عَنِ الْأَنفَالِ ۖ قُلِ الْأَنفَالُ لِلَّهِ وَالرَّسُولِ ۖ فَاتَّقُوا اللَّهَ وَأَصْلِحُوا ذَاتَ بَيْنِكُمْ ۖ وَأَطِيعُوا اللَّهَ وَرَسُولَهُ إِن كُنتُم مُّؤْمِنِينَ ޣަނީމާ މުދަލާމެދު އެއުރެން ކަލޭގެފާނާ ސުއާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ޣަނީމާ މުދާ ވަނީ، ﷲއަށާއި، ރަސޫލާއަށެވެ. ފަހެ، ﷲއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުންގެ ދެމެދުގެ ގުޅުންތައް އިޞްލާޙު ކުރާށެވެ! އަދި ތިޔަބައިމީހުން މުއުމިނުން ކަމުގައިވާނަމަ، ﷲއަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ!
﴿٢﴾ إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ މުއުމިނުން ވާކަން ކަށަވަރީ، ﷲ ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) އާޔަތްތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ އީމާންކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލު ކުރާ މީހުން ކަމުގައެވެ.
﴿٣﴾ الَّذِينَ يُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ އެއުރެންނީ، ނަމާދު ޤާއިމް ކުރާ މީހުންނެވެ. އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ.
﴿٤﴾ أُولَٰئِكَ هُمُ الْمُؤْمِنُونَ حَقًّا ۚ لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ ޙަޤީޤަތުގައި މުއުމިނުންނަކީ، ހަމަ އެއުރެންނެވެ. އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި މަތިވެރި ދަރަޖަތަކާއި، ފާފަފުއްސެވުމާއި، ދީލަތިވެގެންވާ ރިޒްޤު އެއުރެންނަށް ހުށްޓެވެ.
﴿٥﴾ كَمَا أَخْرَجَكَ رَبُّكَ مِن بَيْتِكَ بِالْحَقِّ وَإِنَّ فَرِيقًا مِّنَ الْمُؤْمِنِينَ لَكَارِهُونَ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ޙައްޤު ގޮތުގައި ކަލޭގެފާނުގެ ގެކޮޅުން ކަލޭގެފާނު ނެރުއްވި ފަދައިންނެވެ. ހަމަކަށަވަރުން، މުއުމިނުންގެ ބަޔަކު (އެކަމާ) ނުރުހުންވެގެންވާކަން ކަށަވަރެވެ.
﴿٦﴾ يُجَادِلُونَكَ فِي الْحَقِّ بَعْدَمَا تَبَيَّنَ كَأَنَّمَا يُسَاقُونَ إِلَى الْمَوْتِ وَهُمْ يَنظُرُونَ ޙައްޤު ބަޔާން ވުމަށްފަހު، އެ ޙައްޤާމެދު އެއުރެން ކަލޭގެފާނާ ޖަދަލުކުރެތެވެ. އެއުރެން ބަލަބަލާތިއްބައި މަރަށް ގެންދެވޭ ބަޔަކު ކަމުގައި އެއުރެންވާ ކަހަލައެވެ.
﴿٧﴾ وَإِذْ يَعِدُكُمُ اللَّهُ إِحْدَى الطَّائِفَتَيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ الشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ اللَّهُ أَن يُحِقَّ الْحَقَّ بِكَلِمَاتِهِ وَيَقْطَعَ دَابِرَ الْكَافِرِينَ ދެބައިމީހުންގެ ތެރެއިން (އެބަހީ: ވިޔަފާރި ޤާފިލާއާއި، ހަނގުރާމަވެރި ލަޝްކަރުގެތެރެއިން) އެއްބަޔެއްގެ މައްޗަށް ތިޔަބައިމީހުންނަށް ނަޞްރު ލިބޭނެ ކަމުގައި، ﷲ ތިޔަބައިމީހުންނަށް ވަޢުދު ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އަދި ބާރުވެރިކަން ލިބިގެންނުވާ މީހުން، ތިޔަބައިމީހުންނަށްޓަކައި އޮތުމަށް ތިޔަބައިމީހުން އެދެމުއެވެ. (ނަމަވެސް) ﷲ އިރާދަކުރައްވަނީ، އެކަލާނގެ ކަލިމަފުޅުތަކުން ޙައްޤު ސާބިތުކުރައްވައި، ފާޅުކުރެއްވުމަށެވެ. އަދި ކާފިރުންގެ އަޞްލު މުލުން ލުހެލެއްވުމަށެވެ.
﴿٨﴾ لِيُحِقَّ الْحَقَّ وَيُبْطِلَ الْبَاطِلَ وَلَوْ كَرِهَ الْمُجْرِمُونَ (އެއީ) ކުށްވެރިން ނުރުހުނު ކަމުގައިވިޔަސް، ޙައްޤު ގަދަކުރައްވައި، ބާޠިލު ނެތިކުރެއްވުމަށްޓަކައެވެ.
﴿٩﴾ إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެހީއަށްއެދި ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު އެކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވައި އެންގެވިއެވެ. މަލާއިކަތުންގެ ހާހަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާހުށީމެވެ. އެކަކަށްފަހު އަނެކަކު އަންނަގޮތުގައެވެ.
﴿١٠﴾ وَمَا جَعَلَهُ اللَّهُ إِلَّا بُشْرَىٰ وَلِتَطْمَئِنَّ بِهِ قُلُوبُكُمْ ۚ وَمَا النَّصْرُ إِلَّا مِنْ عِندِ اللَّهِ ۚ إِنَّ اللَّهَ عَزِيزٌ حَكِيمٌ އުފާވެރިކަމުގެ ޚަބަރެއް ކަމުގައްޔާއި، އެކަމުގެ ސަބަބުން ތިޔަބައިމީހުންގެ ހިތްތައް ހަމަޖެހުމަށްޓަކައި މެނުވީ، ﷲ އެކަންތަކެއް ނުލައްވައެވެ. އަދި ﷲގެ ޙަޟްރަތުން މެނުވީ، ނަޞްރު ލިބުމެއް ނުވެއެވެ. ހަމަކަށަވަރުން، ﷲއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.
﴿١١﴾ إِذْ يُغَشِّيكُمُ النُّعَاسَ أَمَنَةً مِّنْهُ وَيُنَزِّلُ عَلَيْكُم مِّنَ السَّمَاءِ مَاءً لِّيُطَهِّرَكُم بِهِ وَيُذْهِبَ عَنكُمْ رِجْزَ الشَّيْطَانِ وَلِيَرْبِطَ عَلَىٰ قُلُوبِكُمْ وَيُثَبِّتَ بِهِ الْأَقْدَامَ އެކަލާނގެ ޙަޟްރަތުން އައި އަމާންކަމެއްގެ ގޮތުގައި ނިދިޖެހުން ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވައި، އަދި އެކަލާނގެ ތިޔަބައިމީހުން ޠާހިރު ކުރެއްވުމަށާއި، ޝައިޠާނާގެ ވަސްވާސް ތިޔަބައިމީހުންގެ ކިބައިން ފިއްލެވުމަށާއި، ތިޔަބައިމީހުންގެ ހިތްތަކަށް ގަދަކަން ދެއްވުމަށާއި، (ތިޔަބައިމީހުންގެ) ފައިތިލަތައް ސާބިތު ކުރެއްވުމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް އުޑުން ފެން ބާވައިލެއްވިހިނދު، ހަނދުމަކުރާށެވެ!
﴿١٢﴾ إِذْ يُوحِي رَبُّكَ إِلَى الْمَلَائِكَةِ أَنِّي مَعَكُمْ فَثَبِّتُوا الَّذِينَ آمَنُوا ۚ سَأُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ فَاضْرِبُوا فَوْقَ الْأَعْنَاقِ وَاضْرِبُوا مِنْهُمْ كُلَّ بَنَانٍ ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަލާއިކަތުންނަށް ވަޙީ ކުރެއްވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވޮޑިގެންވަނީ، ތިޔަބައިމީހުންނާ އެކުގައެވެ. ފަހެ، އީމާންވި މީހުންނަށް ސާބިތުކަން ދެއްވާށެވެ! ކާފިރުވި މީހުންގެ ހިތްތަކަށް ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާހުށީމެވެ. ފަހެ، ކަނދުރާތަކުގެ މަތީގައި ތިޔަބައިމީހުން (ކަނޑިން) ޖަހާށެވެ! އަދި އެއުރެންގެ ހުރިހާ އިނގިލިކުރިތަކުގައި (ކަނޑިން) ޖަހާށެވެ!
﴿١٣﴾ ذَٰلِكَ بِأَنَّهُمْ شَاقُّوا اللَّهَ وَرَسُولَهُ ۚ وَمَن يُشَاقِقِ اللَّهَ وَرَسُولَهُ فَإِنَّ اللَّهَ شَدِيدُ الْعِقَابِ އެއީ އެއުރެން، ﷲއާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވީ ކަމަށްޓަކައެވެ. ﷲއާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲއީ، ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.
﴿١٤﴾ ذَٰلِكُمْ فَذُوقُوهُ وَأَنَّ لِلْكَافِرِينَ عَذَابَ النَّارِ އެއީ އެކަން އޮތްގޮތެވެ. ފަހެ، ތިޔަބައިމީހުން (އެބަހީ: ކާފިރުން) އެ ޢަޛާބުގެ ރަހަ ލިބިގަންނާށެވެ! އަދި ހަމަކަށަވަރުން، ކާފިރުވި މީހުންނަށް ނަރަކައިގެ ޢަޛާބު ހުށްޓެވެ.
﴿١٥﴾ يَا أَيُّهَا الَّذِينَ آمَنُوا إِذَا لَقِيتُمُ الَّذِينَ كَفَرُوا زَحْفًا فَلَا تُوَلُّوهُمُ الْأَدْبَارَ އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! (ހަނގުރާމައިގެ މައިދާނުގައި) ކުރިމަތިލައި އަންނަނިކޮށް، ކާފިރުވި މީހުންނާ ތިޔަބައިމީހުން ބައްދަލުވާހިނދު، އެއުރެންނަށް ފުރަގަސްދީ ތިޔަބައިމީހުން ނުދާހުށިކަމެވެ!
﴿١٦﴾ وَمَن يُوَلِّهِمْ يَوْمَئِذٍ دُبُرَهُ إِلَّا مُتَحَرِّفًا لِّقِتَالٍ أَوْ مُتَحَيِّزًا إِلَىٰ فِئَةٍ فَقَدْ بَاءَ بِغَضَبٍ مِّنَ اللَّهِ وَمَأْوَاهُ جَهَنَّمُ ۖ وَبِئْسَ الْمَصِيرُ ހަނގުރާމައަކަށް އުކުޅެއްހަދާމީހެއްގެ ގޮތުގައި، ނުވަތަ (މުއުމިނު) އެހެން ބަޔެއްގެ ފަރާތަށް ޖެހިލާމީހެއްގެ ގޮތުގައި މެނުވީ، އެދުވަހުން ފުރަގަސްދީ ދުރަށްދާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ﷲގެ ކޯފާއާއިގެން އެނބުރި އަތުވެއްޖެކަން ކަށަވަރެވެ. އަދި އެމީހާ އުޅޭނެތަނަކީ، ޖަހައްނަމައެވެ. އަދި (އެއީ) ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
﴿١٧﴾ فَلَمْ تَقْتُلُوهُمْ وَلَٰكِنَّ اللَّهَ قَتَلَهُمْ ۚ وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ اللَّهَ رَمَىٰ ۚ وَلِيُبْلِيَ الْمُؤْمِنِينَ مِنْهُ بَلَاءً حَسَنًا ۚ إِنَّ اللَّهَ سَمِيعٌ عَلِيمٌ ފަހެ، ތިޔަބައިމީހުން އެ ކާފިރުން ޤަތުލެއް ނުކުރަމުއެވެ. އެހެނެއްކަމަކު، ﷲ، އެއުރެން ޤަތުލު ކުރެއްވީއެވެ. (އެބަހީ: ކާފިރުން ޤަތުލު ވެގެންދިޔައީ ތިޔަބައިމީހުންގެ ބާރަކުން ނޫނެވެ. ﷲ ދެއްވި ނަޞްރުގެ ބާރުންނެވެ.) އަދި ކަލޭގެފާނު (ހިލަ މުށެއް) އުއްކަވައިލެއްވިހިނދު، އުއްކަވައިލެއްވީ ކަލޭގެފާނެއްނޫނެވެ. އެހެނެއްކަމަކު، އުއްކަވައިލެއްވީ، ﷲއެވެ. އަދި އެކަމުން ރިވެތިވެގެންވާ އިމްތިޙާނަކުން މުއުމިނުން އިމްތިޙާނު ކުރެއްވުމަށެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿١٨﴾ ذَٰلِكُمْ وَأَنَّ اللَّهَ مُوهِنُ كَيْدِ الْكَافِرِينَ އެއީ އެކަން އޮތްގޮތެވެ. އަދި ހަމަކަށަވަރުން، ﷲއީ، ކާފިރުންގެ މަކަރުވެރި ރޭވުންތައް ނިކަމެތިކުރައްވާ ރަސްކަލާނގެއެވެ.
﴿١٩﴾ إِن تَسْتَفْتِحُوا فَقَدْ جَاءَكُمُ الْفَتْحُ ۖ وَإِن تَنتَهُوا فَهُوَ خَيْرٌ لَّكُمْ ۖ وَإِن تَعُودُوا نَعُدْ وَلَن تُغْنِيَ عَنكُمْ فِئَتُكُمْ شَيْئًا وَلَوْ كَثُرَتْ وَأَنَّ اللَّهَ مَعَ الْمُؤْمِنِينَ ތިޔަބައިމީހުން (އެބަހީ: ކާފިރުން) އިންސާފަށް އެދޭނަމަ، ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުންނާ ހަމަޔަށް ނިޔާ އަތުވެއްޖެއެވެ. އަދި ތިޔަބައިމީހުން (ޢަދާވަތްތެރިވުން) ހުއްޓައިލާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން، އެނބުރި (ޢަދާވަތްތެރިވުމަށް) އަންނަނަމަ، ތިމަންރަސްކަލާނގެ (މުއުމިނުންނަށް ނަޞްރު ދެއްވުމަށް) ވޮޑިގެންވާހުށީމެވެ. އަދި ތިޔަބައިމީހުންގެ ބައިގިނަވެގެންވީ ކަމުގައިވިޔަސް، ތިޔަބައިމީހުންނަށްޓަކައި، އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، މުއުމިނުންނާ އެކުގައެވެ.
﴿٢٠﴾ يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَرَسُولَهُ وَلَا تَوَلَّوْا عَنْهُ وَأَنتُمْ تَسْمَعُونَ އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ﷲއަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން (އެކަލޭގެފާނު ވިދާޅުވާ އެއްޗެއް) އަޑުއަހާންތިބެފައި، އެކަލޭގެފާނަށް ފުރަގަސްނުދޭށެވެ!
﴿٢١﴾ وَلَا تَكُونُوا كَالَّذِينَ قَالُوا سَمِعْنَا وَهُمْ لَا يَسْمَعُونَ އަދި ނާހައިތިބެމެ، ތިމަންމެން އަހައިފީމުއޭ ބުނި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ!
﴿٢٢﴾ ۞ إِنَّ شَرَّ الدَّوَابِّ عِندَ اللَّهِ الصُّمُّ الْبُكْمُ الَّذِينَ لَا يَعْقِلُونَ ހަމަކަށަވަރުން، ދިރޭ ތަކެތީގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ނުބައިކަން ބޮޑު ބަޔަކީ ބީރު، މަންމަނުންނެވެ. އެއުރެންނީ، ނުވިސްނާ ބަޔެކެވެ. (އެބަހީ: ޙައްޤުގެބަސް ނުބުނާ، އެ އަޑުނާހާ، ޙައްޤާއި، ބާޠިލު ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ.)
﴿٢٣﴾ وَلَوْ عَلِمَ اللَّهُ فِيهِمْ خَيْرًا لَّأَسْمَعَهُمْ ۖ وَلَوْ أَسْمَعَهُمْ لَتَوَلَّوا وَّهُم مُّعْرِضُونَ އެއުރެންގެ ކިބައިގައި، ހެޔޮކަމެއްވާކަން ﷲ ދެނެވޮޑިގެންފިނަމަ، އެއުރެންނަށް އިއްވެވީސްކަން ކަށަވަރެވެ. އަދި އެއުރެންނަށް އިއްވެވި ނަމަވެސް، ފުރަގަސްދޭ ޙާލު، އެއުރެން އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ.
﴿٢٤﴾ يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَاعْلَمُوا أَنَّ اللَّهَ يَحُولُ بَيْنَ الْمَرْءِ وَقَلْبِهِ وَأَنَّهُ إِلَيْهِ تُحْشَرُونَ އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ދިރުންދޭ ކަމަކަށް ރަސޫލާ ތިޔަބައިމީހުންނަށް ގޮވައިލައްވާހިނދު، ﷲއަށާއި، ރަސޫލާއަށް ތިޔަބައިމީހުން އިޖާބަ ދޭހުށިކަމެވެ! އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ﷲ، އިންސާނާއާއި، އޭނާގެ ހިތުގެ އެދުންތަކާ ދެމެދު ހުރަސްއަޅުއްވަތެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން (ޤިޔާމަތް ދުވަހުން) އެއްކުރައްވާހުށީ، އެކަލާނގެ ޙަޟްރަތަށެވެ.
﴿٢٥﴾ وَاتَّقُوا فِتْنَةً لَّا تُصِيبَنَّ الَّذِينَ ظَلَمُوا مِنكُمْ خَاصَّةً ۖ وَاعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ އަދި ތިޔަބައިމީހުން ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ފިތުނައައިސް ޖެހިދާހުށީ، ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކަންޏެއްނޫނެވެ. އަދި ހަމަކަށަވަރުން، ﷲއީ، ޢުޤޫބާތް ގަދަފަދަވެގެންވާ ކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!
﴿٢٦﴾ وَاذْكُرُوا إِذْ أَنتُمْ قَلِيلٌ مُّسْتَضْعَفُونَ فِي الْأَرْضِ تَخَافُونَ أَن يَتَخَطَّفَكُمُ النَّاسُ فَآوَاكُمْ وَأَيَّدَكُم بِنَصْرِهِ وَرَزَقَكُم مِّنَ الطَّيِّبَاتِ لَعَلَّكُمْ تَشْكُرُونَ ބިމުގައި ތިޔަބައިމީހުން ޢަދަދު މަދު، ނިކަމެތި ބަޔަކު ކަމުގައި ވީހިނދު، ހަނދުމަކުރާށެވެ! (އެހިނދު) ތިޔަބައިމީހުންތިބީ (ޢަދާވަތްތެރި) މީހުން ތިޔަބައިމީހުން ޖަހައިގަނެގެން ގެންގޮސްފާނެކަމަށް ބިރުގެންފައެވެ. ދެން އެކަލާނގެ ތިޔަބައިމީހުންނަށް ހިޔާވަހިކަން ދެއްވިއެވެ. އަދި އެކަލާނގެ ނަޞްރުން ތިޔަބައިމީހުންނަށް ގަދަކަން ދެއްވިއެވެ. އަދި ރަނގަޅު ތަކެތިން ތިޔަބައިމީހުންނަށް ރިޒްޤު ދެއްވިއެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުވެރިވުމަށްޓަކައެވެ.
﴿٢٧﴾ يَا أَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنتُمْ تَعْلَمُونَ އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ﷲއަށާއި، ރަސޫލާއަށް ތިޔަބައިމީހުން ޚިޔާނަތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނަތްތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން ޚިޔާނަތްތެރި ނުވާށެވެ!
﴿٢٨﴾ وَاعْلَمُوا أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ وَأَنَّ اللَّهَ عِندَهُ أَجْرٌ عَظِيمٌ އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންނަކީ، އިމްތިޙާނެކެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ދަރުމަ ވަނީ، ﷲގެ ޙަޟްރަތުގައެވެ.
﴿٢٩﴾ يَا أَيُّهَا الَّذِينَ آمَنُوا إِن تَتَّقُوا اللَّهَ يَجْعَل لَّكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ ۗ وَاللَّهُ ذُو الْفَضْلِ الْعَظِيمِ އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲއަށް ތަޤްވާވެރިވާނަމަ، ތިޔަބައިމީހުންނަށް ޙައްޤާއި، ބާޠިލު ވަކިކުރާނެ މަގު، އެކަލާނގެ ދައްކަވާނެތެވެ. އަދި ތިޔަބައިމީހުންގެ ކިބައިން ކުށްފާފަތައް ފިއްލަވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. ﷲއީ، ބޮޑުވެގެންވާ ފަޟްލުވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.
﴿٣٠﴾ وَإِذْ يَمْكُرُ بِكَ الَّذِينَ كَفَرُوا لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ ކާފިރުވި މީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު، ހަނދުމަކުރައްވާށެވެ! އެއުރެން މަކަރުވެރި، ނުބައި ރޭވުންތައް ރާވަތެވެ. އަދި ﷲ (އެއުރެންގެ ރޭވުންތައް، ބާޠިލު ކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) ތަދްބީރު ކުރައްވަތެވެ. ﷲއީ، މަކަރުވެރިންނަށްވުރެ، ތަދްބީރު ކުރެއްވުން މޮޅު ރަސްކަލާނގެއެވެ.
﴿٣١﴾ وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا قَالُوا قَدْ سَمِعْنَا لَوْ نَشَاءُ لَقُلْنَا مِثْلَ هَٰذَا ۙ إِنْ هَٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ އަދި އެއުރެންނަށް، ތިމަންރަސްކަލާނގެ އާޔަތްތައް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެއްވާހިނދު، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެން ތިޔަ އަޑުއެހީމުއެވެ. ތިމަންމެން އެދޭނަމަ، ތިމަންމެންވެސް ތިޔަކަހަލަ ބަސްތަކެއް ކިޔައިފީމުހެވެ. ތިޔައީ، އެވޭލާ މީހުންގެ ފުލޯކު ވާހަކަތަކެއް ކަމުގައި މެނުވީ ނުވެއެވެ.
﴿٣٢﴾ وَإِذْ قَالُوا اللَّهُمَّ إِن كَانَ هَٰذَا هُوَ الْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ السَّمَاءِ أَوِ ائْتِنَا بِعَذَابٍ أَلِيمٍ އަދި އެއުރެން ބުނިހިނދު ހަނދުމަކުރާށެވެ! އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއީ، އިބަރަސްކަލާނގެ ޙަޟްރަތުން އައި ޙައްޤު ބަސްފުޅު ކަމުގައިވާނަމަ، ފަހެ، އަޅަމެންގެ މައްޗަށް އުޑުން ހިލަތަކެއް ވެއްސަވައިފާނދޭވެ! ނުވަތަ އަޅަމެންނަށް ވޭންދެނިވި ޢަޛާބެއް ދެއްވައިފާނދޭވެ!
﴿٣٣﴾ وَمَا كَانَ اللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ اللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، ﷲ، އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެތެވެ. އަދި އެއުރެން އިސްތިޣްފާރު ކޮށްކޮށް ތިއްބައި، ﷲ، އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެތެވެ.
﴿٣٤﴾ وَمَا لَهُمْ أَلَّا يُعَذِّبَهُمُ اللَّهُ وَهُمْ يَصُدُّونَ عَنِ الْمَسْجِدِ الْحَرَامِ وَمَا كَانُوا أَوْلِيَاءَهُ ۚ إِنْ أَوْلِيَاؤُهُ إِلَّا الْمُتَّقُونَ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ އެއުރެންނަށް ﷲ، ޢަޛާބު ނުދެއްވުމަށް އެއުރެންނަށް އޮތީ ކޮން ޢުޛުރެއް ހެއްޔެވެ؟ އެއުރެން އެތިބަ ޙުރުމަތްތެރިވެގެންވާ މިސްކިތުން (މީސްތަކުން) ދުރުކުރަނީއެވެ. އެއުރެންނަކީ، އެތާނގެ ބެލެހެއްޓުންތެރިންނެއްވެސް ނޫނެވެ. ތަޤްވާވެރިން މެނުވީ އެތާނގެ ބެލެހެއްޓުންތެރިން ކަމުގައި ނުވެތެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.
﴿٣٥﴾ وَمَا كَانَ صَلَاتُهُمْ عِندَ الْبَيْتِ إِلَّا مُكَاءً وَتَصْدِيَةً ۚ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْفُرُونَ ގެފުޅުގެ އަރިހުގައި އެއުރެންކުރާ އަޅުކަމަކީ، ތުބުންފުމުމާއި، އަތްތިލަބަޑިޖެހުން ކަމުގައި މެނުވީ ނުވެތެވެ. ފަހެ، ތިޔަބައިމީހުން ކާފިރުވެ އުޅުނުކަމުގެ ސަބަބުން، ތިޔަބައިމީހުން ޢަޛާބުގެ ރަހަ ލިބިގަންނާށެވެ!
﴿٣٦﴾ إِنَّ الَّذِينَ كَفَرُوا يُنفِقُونَ أَمْوَالَهُمْ لِيَصُدُّوا عَن سَبِيلِ اللَّهِ ۚ فَسَيُنفِقُونَهَا ثُمَّ تَكُونُ عَلَيْهِمْ حَسْرَةً ثُمَّ يُغْلَبُونَ ۗ وَالَّذِينَ كَفَرُوا إِلَىٰ جَهَنَّمَ يُحْشَرُونَ ހަމަކަށަވަރުން، ކާފިރުވި މީހުން، ﷲގެ މަގުން މީސްތަކުން ދުރުކުރުމަށް، އެއުރެންގެ މުދާތައް ހޭދަކުރެތެވެ. ފަހެ، އެއުރެން އެތަކެތި ހޭދަކުރަމުން ގެންދާނެތެވެ. ދެން އެ މުދާތައް، އެއުރެންގެ މައްޗަށް ހުރި ހިތާމަޔަކަށް ވެގެންދާނެތެވެ. ދެން އެއުރެން ބަލިކުރައްވާނެތެވެ. އަދި ކާފިރު ވިމީހުން ނަރަކައަށް ޖަމާކުރައްވާނެތެވެ.
﴿٣٧﴾ لِيَمِيزَ اللَّهُ الْخَبِيثَ مِنَ الطَّيِّبِ وَيَجْعَلَ الْخَبِيثَ بَعْضَهُ عَلَىٰ بَعْضٍ فَيَرْكُمَهُ جَمِيعًا فَيَجْعَلَهُ فِي جَهَنَّمَ ۚ أُولَٰئِكَ هُمُ الْخَاسِرُونَ (އެއީ) ﷲ، ރަނގަޅު މީހުންނާއި، ނުބައި މީހުން ވަކިކުރައްވައި، ނުބައި މީހުން އެކަކުގެ މައްޗަށް އަނެކަކު ލައްވައި، އެންމެން އެކުގައި ފުނިޖައްސަވައި، ނަރަކައިގެތެރެއަށް ލެއްވުމަށްޓަކައެވެ. އެއުރެންނީ ހަމަ، ގެއްލެނިވެގެންވާ މީހުންނެވެ.
﴿٣٨﴾ قُل لِّلَّذِينَ كَفَرُوا إِن يَنتَهُوا يُغْفَرْ لَهُم مَّا قَدْ سَلَفَ وَإِن يَعُودُوا فَقَدْ مَضَتْ سُنَّتُ الْأَوَّلِينَ ކާފިރުވި މީހުންނަށް، ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން (ހަނގުރާމަކުރުމާއި، ކާފިރު ކަން) ހުއްޓާލައިފިނަމަ، އެއުރެންނަށް އިސްވެގޮސްފައިވާ ފާފަތައް ފުއްސަވާހުށްޓެވެ. އަދި އެއުރެން (އެކަންކަމަށް) އަލުން އެނބުރި އަންނަނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިސްވެދިޔަ މީހުންނަށް ވެގެންދިޔަގޮތުގެ މިސާލު ފާއިތުވެ ހިނގައްޖެއެވެ.
﴿٣٩﴾ وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ ۚ فَإِنِ انتَهَوْا فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ ފިތުނަވެރިކަމާއި، ކާފިރު ކަން ހުއްޓި، މުޅި ދީން ވަނީ، ﷲއަށްޓަކާ ކަމުގައި ހިމެނިއްޖައުމަށްދާނދެން، ތިޔަބައިމީހުން އެ ކާފިރުންނާ ހަނގުރާމަކުރަމުން ގެންދާށެވެ! ފަހެ، އެއުރެން ހުއްޓާލައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲއީ، އެއުރެންކުރާ ކަންތައް، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿٤٠﴾ وَإِن تَوَلَّوْا فَاعْلَمُوا أَنَّ اللَّهَ مَوْلَاكُمْ ۚ نِعْمَ الْمَوْلَىٰ وَنِعْمَ النَّصِيرُ އަދި އެއުރެން (ހަނގުރާމައަށް) އެނބުރިގެންފިނަމަ، ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުންނަށް ނަޞްރު ދެއްވާ އެހީތެރިވަންތަ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! އެހީތެރިވެވޮޑިގެންވާ ކަލާނގެ މޮޅުކަމާއެވެ! އަދި ނަޞްރު ދެއްވާ ކަލާނގެ މޮޅުކަމާއެވެ!
﴿٤١﴾ ۞ وَاعْلَمُوا أَنَّمَا غَنِمْتُم مِّن شَيْءٍ فَأَنَّ لِلَّهِ خُمُسَهُ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ إِن كُنتُمْ آمَنتُم بِاللَّهِ وَمَا أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ الْفُرْقَانِ يَوْمَ الْتَقَى الْجَمْعَانِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ތިޔަބައިމީހުން ދަންނާށެވެ! ތިޔަބައިމީހުން ޣަނީމާކުޅަ މުދަލެއްގެ ފަސްބައިކުޅަ އެއްބައިވަނީ ﷲއަށާއި، (އެކަލާނގެ) ރަސޫލާއަށާއި، (އެކަލޭގެފާނުގެ) ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ދަތުރުވެރިންނަށެވެ. (އެއީ) ﷲއަށާއި، ޙައްޤާއި، ބާޠިލު ވަކިވުމުގެ ދުވަހު، ދެ ލަޝްކަރު ބައްދަލުވީ ދުވަހު، ތިމަންރަސްކަލާނގެ އަޅާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، ތިޔަބައިމީހުން އީމާންވާ ކަމުގައިވާނަމައެވެ. ﷲއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (ނޯޓު: ގިނަ މުފައްސިރުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، ޣަނީމާ މުދާ ބެހެނީ ފަސްބަޔަކަށެވެ. އޭގެތެރެއިން ހަތަރުބައި ލިބެނީ، ހަނގުރާމައިގައި ބައިވެރިވި މުސްލިމުންނަށެވެ. އަނެއްބައި ޚާއްޞަ ކުރެވިގެންވަނީ، މި އާޔަތުގައި ނަންގަނެވިގެންވާ ފަސްބަޔަކަށެވެ. ﷲއާއި، ރަސޫލާގެ ބައި އެއީ އެއްބައެކެވެ.)
﴿٤٢﴾ إِذْ أَنتُم بِالْعُدْوَةِ الدُّنْيَا وَهُم بِالْعُدْوَةِ الْقُصْوَىٰ وَالرَّكْبُ أَسْفَلَ مِنكُمْ ۚ وَلَوْ تَوَاعَدتُّمْ لَاخْتَلَفْتُمْ فِي الْمِيعَادِ ۙ وَلَٰكِن لِّيَقْضِيَ اللَّهُ أَمْرًا كَانَ مَفْعُولًا لِّيَهْلِكَ مَنْ هَلَكَ عَن بَيِّنَةٍ وَيَحْيَىٰ مَنْ حَيَّ عَن بَيِّنَةٍ ۗ وَإِنَّ اللَّهَ لَسَمِيعٌ عَلِيمٌ ތިޔަބައިމީހުން (ބަދުރުގެވާދީގެ) ކައިރިފަރާތުގައި، އަދި އެއުރެން ދުރުފަރާތުގައި، އަދި ވިޔަފާރި ޤާފިލާ ތިޔަބައިމީހުންނަށްވުރެ ތިރީ ބިމުގައިވީހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން (އެ ކާފިރުންގެ ލަޝްކަރާ ހަނގުރާމަ ކުރުމަށް) އެއްބަޔަކު އަނެއްބަޔަކަށް ވަޢުދު ވީ ނަމަވެސް، ތިޔަބައިމީހުން އެ ވަޢުދު ވީގޮތާ ޚިލާފު ވީހެވެ. އެހެނެއްކަމަކު (ދެ ލަޝްކަރު ބައްދަލުކުރުއްވީ) ﷲ ނިޔާކުރައްވާފައިވާ ކަމެއް ހަމަޖެހި، ނިމިގެން ދިޔުމަށްޓަކައެވެ. (އެއީ) ހަލާކުވެގެންދާ ބަޔަކު ސާފު ހެތްކާއެކު، ހަލާކުވެގެން ދިޔުމަށެވެ. އަދި ދިރިގެން އަންނާނޭ ބަޔަކު، ސާފު ހެތްކާއެކު، ދިރިގެން އައުމަށެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.
﴿٤٣﴾ إِذْ يُرِيكَهُمُ اللَّهُ فِي مَنَامِكَ قَلِيلًا ۖ وَلَوْ أَرَاكَهُمْ كَثِيرًا لَّفَشِلْتُمْ وَلَتَنَازَعْتُمْ فِي الْأَمْرِ وَلَٰكِنَّ اللَّهَ سَلَّمَ ۗ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ ﷲ، އެއުރެން (އެބަހީ: މުޝްރިކުންގެ ލަޝްކަރު) މަދު މީސްކޮޅެއްގެ ގޮތުގައި ކަލޭގެފާނަށް ހުވަފެންފުޅުގައި ދެއްކެވިހިނދު، ހަނދުމަކުރާށެވެ! އަދި އެއުރެން ގިނަބަޔަކު ކަމުގައި ދެއްކެވިނަމަ، ތިޔަބައިމީހުން ފިނޑިވެއްޖައީސްކަން ކަށަވަރެވެ. އަދި އެ ހަނގުރާމަކުރުމާމެދު، ތިޔަބައިމީހުން ދެބަސްވެގަންނަން ޖެހުނީސްކަން ކަށަވަރެވެ. ނަމަވެސް، ﷲ (ތިޔަބައިމީހުން) ސަލާމަތްކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައި ވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿٤٤﴾ وَإِذْ يُرِيكُمُوهُمْ إِذِ الْتَقَيْتُمْ فِي أَعْيُنِكُمْ قَلِيلًا وَيُقَلِّلُكُمْ فِي أَعْيُنِهِمْ لِيَقْضِيَ اللَّهُ أَمْرًا كَانَ مَفْعُولًا ۗ وَإِلَى اللَّهِ تُرْجَعُ الْأُمُورُ އަދި ތިޔަބައިމީހުން (ދެ ލަޝްކަރު) ބައްދަލުވީހިނދު، އެކަލާނގެ ތިޔަބައިމީހުންގެ ލޯތަކަށް އެއުރެން މަދު މީސްކޮޅެއްގެ ގޮތުގައި، ދައްކަވައި އަދި އެއުރެންގެ ލޯތަކަށް ތިޔަބައިމީހުން މަދުކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއީ އެކަލާނގެ ނިޔާކުރައްވާފައިވާ ކަމެއް ނިމިގެން ދިޔުމަށްޓަކައެވެ. އަދި އެންމެހާ ކަންތައް ރުޖޫޢަ ކުރައްވާހުށީ، ﷲގެ ޙަޟްރަތަށެވެ.
﴿٤٥﴾ يَا أَيُّهَا الَّذِينَ آمَنُوا إِذَا لَقِيتُمْ فِئَةً فَاثْبُتُوا وَاذْكُرُوا اللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ކާފިރުންގެ ހަނގުރާމަވެރި) ބަޔަކާ ބައްދަލުވެއްޖެނަމަ ސާބިތުވެ ތިބޭހުށިކަމެވެ! އަދި ގިނަގިނައިން ﷲ ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ.
﴿٤٦﴾ وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ ۖ وَاصْبِرُوا ۚ إِنَّ اللَّهَ مَعَ الصَّابِرِينَ އަދި ﷲއަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ.
﴿٤٧﴾ وَلَا تَكُونُوا كَالَّذِينَ خَرَجُوا مِن دِيَارِهِم بَطَرًا وَرِئَاءَ النَّاسِ وَيَصُدُّونَ عَن سَبِيلِ اللَّهِ ۚ وَاللَّهُ بِمَا يَعْمَلُونَ مُحِيطٌ ބޮޑާވެ، މީސްތަކުންނަށް ކަންދެއްކުމުގެ ގޮތުން، އަދި ﷲގެ މަގުން މީސްތަކުން ދުރުކުރާ ޙާލު، އެއުރެންގެ ގެދޮރުން ނުކުމެގެންދިޔަ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! ﷲއީ، އެއުރެންކުރާ ޢަމަލުތައް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿٤٨﴾ وَإِذْ زَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ وَقَالَ لَا غَالِبَ لَكُمُ الْيَوْمَ مِنَ النَّاسِ وَإِنِّي جَارٌ لَّكُمْ ۖ فَلَمَّا تَرَاءَتِ الْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّي بَرِيءٌ مِّنكُمْ إِنِّي أَرَىٰ مَا لَا تَرَوْنَ إِنِّي أَخَافُ اللَّهَ ۚ وَاللَّهُ شَدِيدُ الْعِقَابِ އެއުރެންގެ (ނުބައި) ޢަމަލުތަކަކީ، ޒީނަތްތެރި ޢަމަލުތަކެއް ކަމުގައި ޝައިޠާނާ އެއުރެންނަށް ދެއްކިހިނދު، ހަނދުމަކުރާށެވެ! އަދި އެކަލޭގެ (އެއުރެންނަށް) ބުންޏެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަށް ގަދަވެގަންނާނޭ އެއްވެސް މީހަކު، މީސްތަކުންގެ ތެރެޔަކުން ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަން މިހުރީ ތިޔަބައިމީހުންގެ ރައްކާތެރިޔަކަށެވެ. ފަހެ، ދެ ލަޝްކަރު، އެއްބަޔަކު، އަނެއްބަޔަކަށް ފެނިގެން އައިހިނދު، އެކަލޭގެ ފުރަގަސްދީ ފިލަން ދުއްވައިގަތެވެ. އަދި އެކަލޭގެ ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކިބައިން ތިމަން ބަރީއަވެގެންވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ނުފެންނަ ކަންތައް، ތިމަންނާއަށް އެބަފެނެއެވެ. ހަމަކަށަވަރުން، ﷲއަށް ތިމަން ބިރުގަނެއެވެ. އަދި ﷲއީ، ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.
﴿٤٩﴾ إِذْ يَقُولُ الْمُنَافِقُونَ وَالَّذِينَ فِي قُلُوبِهِم مَّرَضٌ غَرَّ هَٰؤُلَاءِ دِينُهُمْ ۗ وَمَن يَتَوَكَّلْ عَلَى اللَّهِ فَإِنَّ اللَّهَ عَزِيزٌ حَكِيمٌ މުނާފިޤުންނާއި، އެއުރެންގެ ހިތްތަކުގައި (ކުފުރުގެ) ބަލިމަޑުކަމެއްވާ މީހުން ބުނިހިނދު ހަނދުމަކުރާށެވެ! މިބައިމީހުންގެ (އެބަހީ: މުސްލިމުންގެ) ދީން އެއުރެން ހެއްލުންތެރިކޮށްފިއެވެ. އަދި ﷲއަށް ވަކީލު ކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.
﴿٥٠﴾ وَلَوْ تَرَىٰ إِذْ يَتَوَفَّى الَّذِينَ كَفَرُوا ۙ الْمَلَائِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ وَذُوقُوا عَذَابَ الْحَرِيقِ މަލާއިކަތުން، ކާފިރުވި މީހުންގެ މަރު ހިއްޕަވާހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. އެއުރެންގެ މޫނުތަކުގައްޔާއި، ބުރިކަށި ތަކުގައި އެ މަލާއިކަތުން ތަޅުއްވާ ޙާލުގައެވެ. އަދި (އެހިނދު އެ މަލާއިކަތުން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން އަނދައަނދާހުރި އަލިފާނުގެ ޢަޛާބުގެ ރަހަ ލިބިގަންނާށެވެ!
﴿٥١﴾ ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ އެއީ ތިޔަބައިމީހުންގެ އަތްތަކުން އިސްކުޅަ ކަންތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، ﷲއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކު ކަމުގައި ނުވެތެވެ.
﴿٥٢﴾ كَدَأْبِ آلِ فِرْعَوْنَ ۙ وَالَّذِينَ مِن قَبْلِهِمْ ۚ كَفَرُوا بِآيَاتِ اللَّهِ فَأَخَذَهُمُ اللَّهُ بِذُنُوبِهِمْ ۗ إِنَّ اللَّهَ قَوِيٌّ شَدِيدُ الْعِقَابِ (އެއުރެންގެ އާދަ ވީ) ފިރްޢައުނުގެ މީހުންނާއި، އެއުރެންގެ ކުރިންއުޅުނު (ނުބައި) މީހުންގެ އާދަ ފަދައިންނެވެ. އެއުރެންވެސް ﷲގެ އާޔަތްތަކަށް ކާފިރު ވިއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން ﷲ އެއުރެން ހަލާކު ކުރެއްވިއެވެ. ހަމަކަށަވަރުން، ﷲއީ، ގަދަފަދަވަންތަ، ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.
﴿٥٣﴾ ذَٰلِكَ بِأَنَّ اللَّهَ لَمْ يَكُ مُغَيِّرًا نِّعْمَةً أَنْعَمَهَا عَلَىٰ قَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ ۙ وَأَنَّ اللَّهَ سَمِيعٌ عَلِيمٌ އެއީ ބަޔަކުމީހުންނަށް ﷲ ދެއްވާފައިވާ ނިޢުމަތެއް، އެބަޔަކުގެ އަމިއްލަ ނަފްސުތަކުގައިވާ ކަންތައް އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާނދެން ހަމަކަށަވަރުން، އެކަލާނގެ ބަދަލެއް ނުކުރައްވާނެއެވެ. އަދި ހަމަކަށަވަރުން، ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿٥٤﴾ كَدَأْبِ آلِ فِرْعَوْنَ ۙ وَالَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا بِآيَاتِ رَبِّهِمْ فَأَهْلَكْنَاهُم بِذُنُوبِهِمْ وَأَغْرَقْنَا آلَ فِرْعَوْنَ ۚ وَكُلٌّ كَانُوا ظَالِمِينَ (އެއުރެންގެ އާދަ ވީ) ފިރްޢައުނުގެ މީހުންނާއި، އެއުރެންގެ ކުރިން އުޅުނު (ނުބައި) މީހުންގެ އާދަ ފަދައިންނެވެ. އެއުރެންވެސް، އެއުރެންގެ ވެރިރަސްކަލާނގެ އާޔަތްތައް ދޮގުކުޅައޫއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެން ހަލާކުކުރެއްވީމެވެ. އަދި ފިރްޢައުނުގެމީހުން ޣަރަޤު ކުރެއްވީމެވެ. އެ އެންމެންވީ، އަނިޔާވެރިން ކަމުގައެވެ.
﴿٥٥﴾ إِنَّ شَرَّ الدَّوَابِّ عِندَ اللَّهِ الَّذِينَ كَفَرُوا فَهُمْ لَا يُؤْمِنُونَ ހަމަކަށަވަރުން، ދިރޭތަކެތީގެ ތެރެއިން، ﷲގެ ޙަޟްރަތުގައި އެންމެ ނުބައިކަން ބޮޑުބަޔަކީ، ކާފިރު ވީ މީހުންނެވެ. ފަހެ، އެއުރެން އީމާނެއް ނުވާނެތެވެ.
﴿٥٦﴾ الَّذِينَ عَاهَدتَّ مِنْهُمْ ثُمَّ يَنقُضُونَ عَهْدَهُمْ فِي كُلِّ مَرَّةٍ وَهُمْ لَا يَتَّقُونَ އެއުރެންނަކީ، ކަލޭގެފާނު އެއުރެންނާ ޢަހުދު ކުރެއްވި މީހުންނެވެ. ދެން ކޮންމެފަހަރަކު، އެއުރެން، އެއުރެންގެ ޢަހުދު އުވާލައެވެ. އަދި އެއުރެން (ﷲއަށް) ބިރުވެތިވާކަމުގައި ނުވެތެވެ.
﴿٥٧﴾ فَإِمَّا تَثْقَفَنَّهُمْ فِي الْحَرْبِ فَشَرِّدْ بِهِم مَّنْ خَلْفَهُمْ لَعَلَّهُمْ يَذَّكَّرُونَ ފަހެ، ހަނގުރާމައިގައި، ކަލޭގެފާނު އެއުރެން އަތުލައްވައިފިނަމަ، އެއުރެންގެ ފަހުން އަންނާންތިބި ބަޔަކު ވަކިވަކިވެގެންދާނޭގޮތުން، އެއުރެންނަށް އަދަބު ދެއްވާށެވެ! (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ.
﴿٥٨﴾ وَإِمَّا تَخَافَنَّ مِن قَوْمٍ خِيَانَةً فَانبِذْ إِلَيْهِمْ عَلَىٰ سَوَاءٍ ۚ إِنَّ اللَّهَ لَا يُحِبُّ الْخَائِنِينَ ބަޔަކުމީހުންގެ ކިބައިން ޚިޔާނަތްތެރިކަމެއް އަތުވެދާނެކަމަށް، ކަލޭގެފާނު ބިރުފުޅުގަންނަނަމަ (އެބަޔަކާއެކު ކޮށްފައިވާ މުޢާހަދާއެއް) އެބަޔަކުގެ މައްޗަށް އަނބުރާ ރައްދުކުރައްވާށެވެ! ހަމަހަމަވާގޮތުގެ މަތިންނެވެ. ހަމަކަށަވަރުން، ޚިޔާނަތްތެރިންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.
﴿٥٩﴾ وَلَا يَحْسَبَنَّ الَّذِينَ كَفَرُوا سَبَقُوا ۚ إِنَّهُمْ لَا يُعْجِزُونَ (މިންޖުވެ) ކުރިއަރައިގެން ދެވޭނެކަމަށް ކާފިރުވި މީހުން ހީނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެއުރެންނަކަށް (ﷲ) ނުކުޅައްދައެއް ނުލެވޭނެތެވެ.
﴿٦٠﴾ وَأَعِدُّوا لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللَّهِ وَعَدُوَّكُمْ وَآخَرِينَ مِن دُونِهِمْ لَا تَعْلَمُونَهُمُ اللَّهُ يَعْلَمُهُمْ ۚ وَمَا تُنفِقُوا مِن شَيْءٍ فِي سَبِيلِ اللَّهِ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ! އެކަމުން ﷲގެ ޢަދުއްވުންނާއި، ތިޔަބައިމީހުންގެ ޢަދުއްވުންނާއި، އެއުރެންނޫން އެހެންބަޔަކު ބިރުގެންނެވުމަށްޓަކައެވެ. ތިޔަބައިމީހުންނަކަށް އެއުރެންނެއް ނޭނގެތެވެ. ﷲ، އެއުރެން ދެނެވޮޑިގެންވެތެވެ. އަދި ﷲގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާ އެއްޗެއް، ތިޔަބައިމީހުންނަށް ފުރިހަމަޔަށް ލިބޭނެތެވެ. އަދި ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.
﴿٦١﴾ ۞ وَإِن جَنَحُوا لِلسَّلْمِ فَاجْنَحْ لَهَا وَتَوَكَّلْ عَلَى اللَّهِ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ އަދި ޞުލްޙަ އިގެ ފަރާތަށް އެއުރެން ލެނބިލައިފިނަމަ، ކަލޭގެފާނުވެސް (އެގޮތް ޤަބޫލު ކުރައްވައި) އެފަރާތަށް ލެނބިވަޑައިގަންނަވާށެވެ! އަދި ﷲއަށް ވަކީލު ކުރައްވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿٦٢﴾ وَإِن يُرِيدُوا أَن يَخْدَعُوكَ فَإِنَّ حَسْبَكَ اللَّهُ ۚ هُوَ الَّذِي أَيَّدَكَ بِنَصْرِهِ وَبِالْمُؤْمِنِينَ އަދި ކަލޭގެފާނަށް ކެހިދިނުމަށް އެއުރެން ޤަޞްދު ކުރާނަމަ، ފަހެ، ހަމަކަށަވަރުން، ކަލޭގެފާނަށް ﷲ ފުދެތެވެ. އެކަލާނގެއީ، އެކަލާނގެ ނަޞްރާއި، މުއުމިނުން މެދުވެރިކުރައްވައިގެން، ކަލޭގެފާނަށް ގަދަކަންދެއްވި ރަސްކަލާނގެއެވެ.
﴿٦٣﴾ وَأَلَّفَ بَيْنَ قُلُوبِهِمْ ۚ لَوْ أَنفَقْتَ مَا فِي الْأَرْضِ جَمِيعًا مَّا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَٰكِنَّ اللَّهَ أَلَّفَ بَيْنَهُمْ ۚ إِنَّهُ عَزِيزٌ حَكِيمٌ އަދި އެކަލާނގެ އެއުރެންގެ ހިތްތައް (އެބަހީ: މުއުމިނުންގެ ހިތްތައް) އެކުވެރި ކުރެއްވިއެވެ. ކަލޭގެފާނު ބިމުގައިވާ ހުރިހާ އެއްޗެއް ހޭދަކުރެއްވިޔަސް އެއުރެންގެ ހިތްތައް އެކުވެރިއެއް ނުކުރެއްވުނީހެވެ. އެހެނެއްކަމަކު، ﷲ، އެއުރެން އެކުވެރި ކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.
﴿٦٤﴾ يَا أَيُّهَا النَّبِيُّ حَسْبُكَ اللَّهُ وَمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ އޭ ނަބިއްޔާއެވެ! ކަލޭގެފާނަށް ﷲ ފުދެތެވެ. އަދި މުއުމިނުންގެ ތެރެއިން ކަލޭގެފާނަށް ތަބަޢަ ވީ މީހަކަށްވެސް މެއެވެ.
﴿٦٥﴾ يَا أَيُّهَا النَّبِيُّ حَرِّضِ الْمُؤْمِنِينَ عَلَى الْقِتَالِ ۚ إِن يَكُن مِّنكُمْ عِشْرُونَ صَابِرُونَ يَغْلِبُوا مِائَتَيْنِ ۚ وَإِن يَكُن مِّنكُم مِّائَةٌ يَغْلِبُوا أَلْفًا مِّنَ الَّذِينَ كَفَرُوا بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ އޭ ނަބިއްޔާއެވެ! (ދީނުގެ ދިފާޢުގައި) ހަނގުރާމަކުރުމަށް މުއުމިނުތަކުންނަށް ކަލޭގެފާނު ހިތްވަރުދެއްވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ކެތްތެރި ވިހި މީހުން ތިބިނަމަ (ކާފިރުންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. އަދި ތިޔަބައިމީހުންކުރެ، ސަތޭކަމީހުން ތިބިނަމަ، ކާފިރުވި މީހުންގެ ތެރެއިން އެއްހާސްމީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. އެހެނީ އެއުރެންނަކީ ނުވިސްނޭ ބަޔެކެވެ.
﴿٦٦﴾ الْآنَ خَفَّفَ اللَّهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًا ۚ فَإِن يَكُن مِّنكُم مِّائَةٌ صَابِرَةٌ يَغْلِبُوا مِائَتَيْنِ ۚ وَإِن يَكُن مِّنكُمْ أَلْفٌ يَغْلِبُوا أَلْفَيْنِ بِإِذْنِ اللَّهِ ۗ وَاللَّهُ مَعَ الصَّابِرِينَ މިހާރު، ﷲ ތިޔަބައިމީހުންގެ ކިބައިން ލުއިކުރައްވައިފިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި ބަލިކަށިކަމެއްވާކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، ތިޔަބައިމީހުންކުރެ، ކެތްތެރި ސަތޭކަ މީހުން ތިބިނަމަ، (އެއުރެންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. އަދި ތިޔަބައިމީހުންކުރެ އެއްހާސް މީހުން ތިބިނަމަ (އެއުރެންގެ) ދެހާސް މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. ﷲގެ އިޛުނަޔާ އެކުގައެވެ. ﷲ ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ.
﴿٦٧﴾ مَا كَانَ لِنَبِيٍّ أَن يَكُونَ لَهُ أَسْرَىٰ حَتَّىٰ يُثْخِنَ فِي الْأَرْضِ ۚ تُرِيدُونَ عَرَضَ الدُّنْيَا وَاللَّهُ يُرِيدُ الْآخِرَةَ ۗ وَاللَّهُ عَزِيزٌ حَكِيمٌ (ހަނގުރާމައިގެ) ބިމުގައި (ޢަދުއްވުންގެ މެދުގައި) ޤަތުލު ގިނަވެއްޖައުމަށް ދާނދެން (އެބަހީ: މުސްލިމުން ގަދަވެ ޤަތުލު ވެވޭ ޢަދުއްވުންގެ ޢަދަދު ގިނަވެ، ހަނގުރާމައަށް ނުކުޅެދިއްޖައުމަށްދާނދެން) ހަނގުރާމައިގައި މީހުންހިފައި ހައްޔަރުކުރުމަކީ، އެއްވެސް ނަބިއްޔަކަށް އޮތްކަމެއްނޫނެވެ. ދުނިޔޭގެ މުދަލަށް ތިޔަބައިމީހުން އެދެމުއެވެ. ﷲ އިރާދަކުރައްވަނީ، އާޚިރަތެވެ. ﷲއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.
﴿٦٨﴾ لَّوْلَا كِتَابٌ مِّنَ اللَّهِ سَبَقَ لَمَسَّكُمْ فِيمَا أَخَذْتُمْ عَذَابٌ عَظِيمٌ ﷲ ކަނޑައަޅުއްވައި ލިޔުއްވާފައިވާ ޙުކުމެއް އިސްވެގޮސްފައިނުވާނަމަ، ތިޔަބައިމީހުން ހިފިތަކެއްޗާމެދު ތިޔަބައިމީހުންނަށް ބޮޑުވެގެންވާ ޢަޛާބެއް އައިސް ޖެހިއްޖައީހެވެ.
﴿٦٩﴾ فَكُلُوا مِمَّا غَنِمْتُمْ حَلَالًا طَيِّبًا ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ ފަހެ، ތިޔަބައިމީހުންނަށް ޣަނީމާގެ ގޮތުން ލިބިފައިވާ ތަކެތި ޙަލާލު ރަނގަޅު ތަކެތީގެ ގޮތުގައި ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.
﴿٧٠﴾ يَا أَيُّهَا النَّبِيُّ قُل لِّمَن فِي أَيْدِيكُم مِّنَ الْأَسْرَىٰ إِن يَعْلَمِ اللَّهُ فِي قُلُوبِكُمْ خَيْرًا يُؤْتِكُمْ خَيْرًا مِّمَّا أُخِذَ مِنكُمْ وَيَغْفِرْ لَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ އޭ ނަބިއްޔާއެވެ! ތިޔަބައިމީހުންގެ އަތްދަށުގައި (ހަނގުރާމައިގައި) ހައްޔަރުވެފައިވާ މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގައި އެއްވެސް ހެޔޮކަމެއްވާކަން ﷲ ދެނެވޮޑިގެންވާނަމަ، ތިޔަބައިމީހުން އަތުން އަތުލެއްވި ތަކެއްޗަށްވުރެން ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް ދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. އަދި ﷲއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.
﴿٧١﴾ وَإِن يُرِيدُوا خِيَانَتَكَ فَقَدْ خَانُوا اللَّهَ مِن قَبْلُ فَأَمْكَنَ مِنْهُمْ ۗ وَاللَّهُ عَلِيمٌ حَكِيمٌ އަދި އެއުރެން އެދެނީ ކަލޭގެފާނަށް ޚިޔާނަތްތެރިވުން ކަމުގައިވާނަމަ، (ދަންނާށެވެ!) ފަހެ، އޭގެކުރިން ހަމަކަށަވަރުން، އެއުރެން ﷲއަށް ޚިޔާނަތްތެރިވިއެވެ. ދެން އެކަލާނގެ އެއުރެންގެ މައްޗަށް ކަލޭގެފާނު ބާރުވެރި ކުރެއްވިއެވެ. އަދި ﷲއީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ރަސްކަލާނގެއެވެ.
﴿٧٢﴾ إِنَّ الَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنفُسِهِمْ فِي سَبِيلِ اللَّهِ وَالَّذِينَ آوَوا وَّنَصَرُوا أُولَٰئِكَ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَالَّذِينَ آمَنُوا وَلَمْ يُهَاجِرُوا مَا لَكُم مِّن وَلَايَتِهِم مِّن شَيْءٍ حَتَّىٰ يُهَاجِرُوا ۚ وَإِنِ اسْتَنصَرُوكُمْ فِي الدِّينِ فَعَلَيْكُمُ النَّصْرُ إِلَّا عَلَىٰ قَوْمٍ بَيْنَكُمْ وَبَيْنَهُم مِّيثَاقٌ ۗ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ ހަމަކަށަވަރުން، އީމާންވެ ހިޖުރަ ކޮށް އެއުރެންގެ މުދާތަކާއި، ނަފްސުތަކުން ﷲގެ މަގުގައި ޖިހާދު ކޮށް އުޅުނު މީހުންނާއި، (އެއުރެންނަށް) ހިޔާވަހިކަންދީ، ނަޞްރު ދިންމީހުން (ދަންނާށެވެ!) އެއުރެންގެ އެއްބަޔަކީ، އަނެއްބަޔެއްގެ އެހީތެރިންނެވެ. އަދި އީމާންވެ ހިޖުރަ ނުކޮށްތިބި މީހުން (ދަންނާށެވެ!) އެއުރެން ހިޖުރަ ކޮށްފުމަށްދާނދެން، އެއުރެންނަށް އެހީތެރިވުމުގެ އެއްވެސްކަމެއް ތިޔަބައިމީހުންނަކަށް ނެތެވެ. އަދި ދީނުގެ ނަމުގައި އެއުރެން ތިޔަބައިމީހުންގެ އެހީއަށް އެދިއްޖެނަމަ، އެއުރެންނަށް ނަޞްރު ދިނުން ތިޔަބައިމީހުންގެ މައްޗަށް ހުށްޓެވެ. އެއުރެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި މުޢާހަދާއެއް ކޮށްފައިވާ ޤައުމަކާ ދެކޮޅަށް މެނުވީއެވެ. ﷲއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿٧٣﴾ وَالَّذِينَ كَفَرُوا بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ إِلَّا تَفْعَلُوهُ تَكُن فِتْنَةٌ فِي الْأَرْضِ وَفَسَادٌ كَبِيرٌ ކާފިރުވި މީހުން (ދަންނާށެވެ!) އެއުރެންގެ އެއްބަޔަކީ، އަނެއްބަޔެއްގެ އެހީތެރިންނެވެ. ތިޔަބައިމީހުން އެކަންނުކުރާނަމަ (އެބަހީ: ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ނަޞްރު ދީ އެހީވެ ނޫޅޭނަމަ) ބިމުގައި ފިތުނަވެރިކަމާއި، ބޮޑުވެގެންވާ ފަސާދަވެރިކަން އުފެދިދާނެތެވެ.
﴿٧٤﴾ وَالَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ وَالَّذِينَ آوَوا وَّنَصَرُوا أُولَٰئِكَ هُمُ الْمُؤْمِنُونَ حَقًّا ۚ لَّهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ އަދި އީމާންވެ ހިޖުރަ ކޮށް، ﷲގެ މަގުގައި ޖިހާދު ކޮށްއުޅުނު މީހުންނާއި (އެއުރެންނަށް) ހިޔާވަހިކަންދީ ނަޞްރު ދިން މީހުން (ދަންނާށެވެ!) ޙަޤީޤަތުގައި މުއުމިނުންނަކީ، ހަމަ އެއުރެންނެވެ. އެއުރެންނަށް ފާފަފުއްސެވުމާއި ދީލަތިވެގެންވާ ރިޒްޤު ހުށްޓެވެ.
﴿٧٥﴾ وَالَّذِينَ آمَنُوا مِن بَعْدُ وَهَاجَرُوا وَجَاهَدُوا مَعَكُمْ فَأُولَٰئِكَ مِنكُمْ ۚ وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِي كِتَابِ اللَّهِ ۗ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ އަދި އޭގެފަހުން އީމާންވެ، ހިޖުރަ ކޮށް، ތިޔަބައިމީހުންނާއެކުގައި ޖިހާދު ކޮށް އުޅުނުމީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ ތިޔަބައިމީހުންގެ ތެރެއިންނެވެ. އަދި ﷲގެ ފޮތުގައި ކަނޑައަޅުއްވާފައިވާގޮތުގައި، ގާތްތިމާގެ މީހުން އޭގެ އެއްބަޔަކު އަނެއްބަޔަކާ އައުލާ ކަން ބޮޑެވެ. ހަމަކަށަވަރުން، ﷲއީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
ފަހަތަށް **************************** ކުރިއަށް
މުދަލު ޒަކާތުގެ ނިޞާބު: 7312.55ރ
ދިވެހިއެމްވީގެ ޤުރުއާން އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރއިން ލިބެންއެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ދިވެހި ކަލަންޑަރު އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރުން ލިބެން އެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ނަމާދު ވަޤުތު (06-12-2024)
އިމްސާކް04:22  
ފަތިސް04:42  
އިރުއަރާ05:58  
މެންދުރު12:01  
އަޞްރު15:21  
މަޣްރިބް17:55  
ޢިޝާ19:12  
ދިވެހިރާއްޖޭގެ ނަމާދު ވަޤުތު »
ކަލަންޑަރު (06-12-2024) ދިވެހިރާއްޖޭގެ ކަލަންޑަރު »
މޫސުން (06-12-2024)
ރަށް ފިނިހޫނުމިން މިއަދު މާދަމާ
ކ. މާލެ 29°C
ގދ. ކާނޑެއްދޫ 27°C
ލ. ކައްދޫ 28°C
ހދ. ހަނިމާދޫ 28°C
ސ. ގަން 27°C
ދިވެހިރާއްޖޭގެ މޫސުން »
ފައިސާ (06-12-2024)
  ބޭންކް ފައިސާ ގަންނަ ވިއްކާ
MIB USD 15.37 15.42
BML USD 15.00 15.42
MCB USD 15.40 15.42
BOC USD 15.40 15.42
HSBC USD 15.00 15.42
SBI USD 15.28 15.42
HBL USD 15.41 15.42
ދިވެހި ފައިސާ »

© 2013 - 2024 ދިވެހި(ޑޮޓް)އެމްވީގެ ފިކުރީމުދާ