އައްޝޫރާ
ފަހަތަށް
الشورى ކުރިއަށް
﴿1﴾ حم
ح م ع س ق (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.)
﴿2﴾ عسق
ح م ع س ق (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.)
﴿3﴾ كَذَٰلِكَ يُوحِي إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ اللَّهُ الْعَزِيزُ الْحَكِيمُ
ކަލޭގެފާނަށާއި ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް، ޢަޒީޒުވަންތަ، ޙަކީމްވަންތަ ﷲ ވަޙީ ކުރައްވަނީ އެފަދައިންނެވެ.
﴿4﴾ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ وَهُوَ الْعَلِيُّ الْعَظِيمُ
އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައިވާހާ ތަކެތި މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، އެންމެމަތިވެރި، އެންމެމާތް ރަސްކަލާނގެއެވެ.
﴿5﴾ تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِن فَوْقِهِنَّ ۚ وَالْمَلَائِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَن فِي الْأَرْضِ ۗ أَلَا إِنَّ اللَّهَ هُوَ الْغَفُورُ الرَّحِيمُ
(ﷲގެ ކީރިތިވަންތަކަމުން) އުޑުތައް އެތަކެތީގެމަތިން ފަޅަފަޅައިގެންދިއުމާ ގާތްވެއެވެ. އަދި މަލާއިކަތުން، އެއުރެންގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަ ދަންނަވަތެވެ. އަދި ބިމުގައިވާ މީހުންނަށް ފާފަފުއްސެވުންއެދި، ދުޢާ ކުރައްވަތެވެ. ދަންނާށެވެ! ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
﴿6﴾ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ اللَّهُ حَفِيظٌ عَلَيْهِمْ وَمَا أَنتَ عَلَيْهِم بِوَكِيلٍ
އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފިމީހުން (ދަންނާށެވެ!) ﷲ، އެއުރެންގެ މައްޗަށް މޮޅަށް ބައްލަވާވޮޑިގެންވެއެވެ. އަދި އެއުރެންގެ ކަންތައްތައް ޙަވާލު ކުރައްވާފައިވާ ވަކީލަކު ކަމުގައި ކަލޭގެފާނު ނުވަމުއެވެ.
﴿7﴾ وَكَذَٰلِكَ أَوْحَيْنَا إِلَيْكَ قُرْآنًا عَرَبِيًّا لِّتُنذِرَ أُمَّ الْقُرَىٰ وَمَنْ حَوْلَهَا وَتُنذِرَ يَوْمَ الْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌ فِي الْجَنَّةِ وَفَرِيقٌ فِي السَّعِيرِ
އަދި ހަމައެފަދައިން ޢަރަބި ބަހުންވާ ޤުރްއާނެއް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ވަޙީ ކުރެއްވީމެވެ. (އެއީ) މައިރަށުގެ (އެބަހީ: މައްކާގެ) އަހުލުވެރިންނާއި، އެތާނގެ ވަށައިގެންވާ މީހުންނަށް ކަލޭގެފާނު އިންޛާރު ކުރެއްވުމަށްޓަކައެވެ. އަދި (ޚަލްޤުތަކުން) އެއްކުރައްވާ ދުވަހާމެދު އިންޛާރު ކުރެއްވުމަށްޓަކައެވެ. އެދުވަހާމެދަކު ޝައްކެއްނެތެވެ. (އެދުވަހުން) އެއްބަޔަކުވާހުށީ ސުވަރުގޭގައެވެ. އަދި އަނެއްބަޔަކު ވާހުށީ ނަރަކައިގައެވެ.
﴿8﴾ وَلَوْ شَاءَ اللَّهُ لَجَعَلَهُمْ أُمَّةً وَاحِدَةً وَلَٰكِن يُدْخِلُ مَن يَشَاءُ فِي رَحْمَتِهِ ۚ وَالظَّالِمُونَ مَا لَهُم مِّن وَلِيٍّ وَلَا نَصِيرٍ
އަދި ﷲ އިރާދަކުރެއްވިނަމަ، އެއުރެން އެއް އުއްމަތެއްކަމުގައި ލައްވައިފީހެވެ. އެހެނެއްކަމަކު، އެކަލާނގެ އިރާދަކުރައްވާމީހަކު، އެކަލާނގެ ރަޙްމަތުގެ ތެރެޔަށް ވައްދަވަތެވެ. އަދި އަނިޔާވެރިންނަށް (އެދުވަހުން) އެހީތެރިޔެއްވެސް، އަދި ނަޞްރުވެރިޔެއްވެސް ނުވެތެވެ.
﴿9﴾ أَمِ اتَّخَذُوا مِن دُونِهِ أَوْلِيَاءَ ۖ فَاللَّهُ هُوَ الْوَلِيُّ وَهُوَ يُحْيِي الْمَوْتَىٰ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ނުވަތަ އެއުރެން ﷲ ފިޔަވައި އެހީތެރިންތަކެއް ހޯދީހެއްޔެވެ؟ ފަހެ، އެހީތެރިޔަކީ ހަމަ ﷲއެވެ. އަދި އެކަލާނގެ، މަރުވެފައިވާ ތަކެތި ދިރުއްވަތެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
﴿10﴾ وَمَا اخْتَلَفْتُمْ فِيهِ مِن شَيْءٍ فَحُكْمُهُ إِلَى اللَّهِ ۚ ذَٰلِكُمُ اللَّهُ رَبِّي عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
އަދި ތިޔަބައިމީހުން އެކަމަކާމެދުގައި ޚިލާފުވާ ކޮންމެ ކަމެއްގެ ޙުކުމް ކުރެއްވުންވަނީ، ﷲއަށެވެ. އެއީ ﷲއެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއަށް ތިމަންކަލޭގެފާނު ވަކީލު ކުރައްވައިފީމެވެ. އަދި ތައުބާ ވަނީ ހަމައެކަލާނގެ ޙަޟްރަތަށެވެ.
﴿11﴾ فَاطِرُ السَّمَاوَاتِ وَالْأَرْضِ ۚ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَمِنَ الْأَنْعَامِ أَزْوَاجًا ۖ يَذْرَؤُكُمْ فِيهِ ۚ لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ
އެކަލާނގެއީ، އިސްވެދިޔަ މިޘާލަކާނުލައި އުޑުތަކާއި، ބިންހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން އަނބިން ލެއްވިއެވެ. އަދި އެކަލާނގެ ނަޢަމް ސޫފީގެ ތެރެއިން ދެ ޖިންސުގެ ތަކެތި ލެއްވިއެވެ. އެކަލާނގެ އެގޮތުން ތިޔަބައިމީހުން ގިނަކުރައްވަތެވެ. އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿12﴾ لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ ۖ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ إِنَّهُ بِكُلِّ شَيْءٍ عَلِيمٌ
އުޑުތަކާއި، ބިމުގެ ތަޅުދަނޑިތައް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު ތަނަވަސްކޮށްދެއްވަތެވެ. އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު) ދަތިކުރައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްމެ މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿13﴾ ۞ شَرَعَ لَكُم مِّنَ الدِّينِ مَا وَصَّىٰ بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَىٰ وَعِيسَىٰ ۖ أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ ۚ كَبُرَ عَلَى الْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ۚ اللَّهُ يَجْتَبِي إِلَيْهِ مَن يَشَاءُ وَيَهْدِي إِلَيْهِ مَن يُنِيبُ
ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ޝަރުޢު ކުރެއްވި ދީނަކީ، އެކަލާނގެ ނޫޙުގެފާނަށް ވަޞިއްޔަތް ކުރެއްވި ދީނެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ވަޙީ ކުރެއްވި ދީނެވެ. އަދި އިބްރާހީމުގެފާނަށާއި، މޫސާގެފާނަށާއި، ޢީސާގެފާނަށް ވަޞިއްޔަތް ކުރެއްވި ދީނެވެ. (އެ ވަޞިއްޔަތަކީ) ތިޔަބައިމީހުން ދީން ޤާއިމް ކުރާށެވެ! އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ! ތިޔަބައިމީހުން އެކަމަކަށް ތިޔަގޮވައިލާ ކަންތައް، މުޝްރިކުންގެ މައްޗަށް ބޮޑުކަމަކަށްވިއެވެ. ﷲ، އެކަލާނގެ އިރާދަކުރައްވާ އަޅަކު ޚިޔާރު ކުރައްވަތެވެ. އަދި އެކަލާނގެއަށް ތައުބާވެ، ރުޖޫޢަ ވާމީހާއަށް ތެދުމަގު ދައްކަވަތެވެ.
﴿14﴾ وَمَا تَفَرَّقُوا إِلَّا مِن بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ إِلَىٰ أَجَلٍ مُّسَمًّى لَّقُضِيَ بَيْنَهُمْ ۚ وَإِنَّ الَّذِينَ أُورِثُوا الْكِتَابَ مِن بَعْدِهِمْ لَفِي شَكٍّ مِّنْهُ مُرِيبٍ
އަދި ބައިބައިވުމަކީ ނުބައިކަމެއްކަން، އެއުރެންނަށް އެނގުނުފަހުން މެނުވީ، އެއުރެން ބައިބައިވެ ޚިލާފެއް ނުވެތެވެ. އެއީ އެއުރެންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، ޙަސަދަވެރިކަމުންނެވެ. އަދި ކަނޑައެޅިގެންވާ ވަގުތަކަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން (ޢަޛާބު ދެއްވުމުގެ) ބަސްފުޅެއް އިސްވެގޮސްފައިނުވާނަމަ، އެއުރެންގެ މެދުގައި ނިޔާކަނޑައެޅުއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އެއުރެންގެފަހުން، ފޮތްވާރުތަވީމީހުންވަނީ، އެފޮތާމެދު ވަސްވާސްތެރިކަމުން ފުރިގެންވާ ޝައްކެއްގައިކަން ކަށަވަރެވެ.
﴿15﴾ فَلِذَٰلِكَ فَادْعُ ۖ وَاسْتَقِمْ كَمَا أُمِرْتَ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ ۖ وَقُلْ آمَنتُ بِمَا أَنزَلَ اللَّهُ مِن كِتَابٍ ۖ وَأُمِرْتُ لِأَعْدِلَ بَيْنَكُمُ ۖ اللَّهُ رَبُّنَا وَرَبُّكُمْ ۖ لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ ۖ لَا حُجَّةَ بَيْنَنَا وَبَيْنَكُمُ ۖ اللَّهُ يَجْمَعُ بَيْنَنَا ۖ وَإِلَيْهِ الْمَصِيرُ
އެކަމަށްޓަކައި (ބައިބައިވުމުން ދުރުހެލިވެ، އެންމެން އެކަތިގަނޑަކަށްވުމަށް) ފަހެ، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ކަލޭގެފާނަށް އަމުރު ކުރެއްވި ފަދައިން ސީދާވެވަޑައިގަންނަވާށެވެ! އެއުރެންއެދޭ ބާޠިލު ގޮތްތަކަށް ކަލޭގެފާނު ތަބަޢަ ވެވަޑައިނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ބާވައިލެއްވި ކޮންމެ ފޮތަކަށް އަހުރެން އީމާން ވެއްޖައީމެވެ. އަދި އަހުރެންނަށް އަމުރު ކުރައްވާފައިވަނީ، ތިޔަބައިމީހުންގެ މެދުގައި ޢަދުލުވެރިގޮތުގައި ކަންތައްކުރުމަށެވެ. ﷲއީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. ތިމަންމެންނަށް ތިމަންމެންގެ ޢަމަލުތަކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ޢަމަލުތަކެވެ. ތިޔަބައިމީހުންނާ އަހުރެމެންނާދެމެދު ޖަދަލުކޮށް ޒުވާބުކުރުމެއްނެތެވެ. ﷲ، އަހުރެމެން އެންމެން (ޤިޔާމަތް ދުވަހުގައި) އެއްކުރައްވާނެތެވެ. އަދި އެނބުރިދިއުންވަނީ، އެކަލާނގެ ޙަޟްރަތަށެވެ.
﴿16﴾ وَالَّذِينَ يُحَاجُّونَ فِي اللَّهِ مِن بَعْدِ مَا اسْتُجِيبَ لَهُ حُجَّتُهُمْ دَاحِضَةٌ عِندَ رَبِّهِمْ وَعَلَيْهِمْ غَضَبٌ وَلَهُمْ عَذَابٌ شَدِيدٌ
މީސްތަކުން އެކަލާނގެ ދީން ޤަބޫލު ކޮށް އިޖާބަދިނުމަށްފަހު، ﷲގެ ދީނާމެދު، ޖަދަލުކުރާ މީހުންނީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، އެއުރެންގެ ޙުއްޖަތް ބާޠިލު ވެގެންވާ ބަޔެކެވެ. އަދި އެއުރެންގެ މައްޗަށް ކޯފާހުށްޓެވެ. އަދި އެއުރެންނަށްޓަކައި (އާޚިރަތުގައި) ވަނީ ގަދަފަދަ ޢަޛާބެވެ.
﴿17﴾ اللَّهُ الَّذِي أَنزَلَ الْكِتَابَ بِالْحَقِّ وَالْمِيزَانَ ۗ وَمَا يُدْرِيكَ لَعَلَّ السَّاعَةَ قَرِيبٌ
ޙައްޤު ގޮތުގައި ފޮތާއި، ޢަދުލު އިންޞާފު ބާވައިލެއްވީ ﷲއެވެ. ޤިޔާމަތް ވުމުގެ ވަގުތު ގާތްވެގެންވާކަން، ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟
﴿18﴾ يَسْتَعْجِلُ بِهَا الَّذِينَ لَا يُؤْمِنُونَ بِهَا ۖ وَالَّذِينَ آمَنُوا مُشْفِقُونَ مِنْهَا وَيَعْلَمُونَ أَنَّهَا الْحَقُّ ۗ أَلَا إِنَّ الَّذِينَ يُمَارُونَ فِي السَّاعَةِ لَفِي ضَلَالٍ بَعِيدٍ
އެދުވަހަށް (އެބަހީ: ޤިޔާމަތް ދުވަހަށް) އީމާން ނުވާމީހުން އެދުވަސް އަވަހަށް އައުމަށް އެދޭނެތެވެ. އަދި އީމާން ވިމީހުން އެދުވަހަށް ބިރުވެތިވާނެތެވެ. އެދުވަހަކީ، ހަމަކަށަވަރުން، ޙައްޤު ގޮތުގައި އަންނާނޭ ދުވަހެއްކަން، އެއުރެން ދަނެތެވެ. ދަންނާށެވެ! ހަމަކަށަވަރުން، ޤިޔާމަތް ދުވަހާމެދު ޖަދަލުކުރާމީހުންވަނީ، ދުރުވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.
﴿19﴾ اللَّهُ لَطِيفٌ بِعِبَادِهِ يَرْزُقُ مَن يَشَاءُ ۖ وَهُوَ الْقَوِيُّ الْعَزِيزُ
ﷲއީ، އެކަލާނގެ އަޅުތަކުންނަށް އޯގާވަންތަކަންބޮޑު ރަސްކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ރިޒްޤު ދެއްވަތެވެ. އަދި އެކަލާނގެއީ، ބާރުވެރިވަންތަ، ޢަޒީޒުވަންތަ ރަސްކަލާނގެއެވެ.
﴿20﴾ مَن كَانَ يُرِيدُ حَرْثَ الْآخِرَةِ نَزِدْ لَهُ فِي حَرْثِهِ ۖ وَمَن كَانَ يُرِيدُ حَرْثَ الدُّنْيَا نُؤْتِهِ مِنْهَا وَمَا لَهُ فِي الْآخِرَةِ مِن نَّصِيبٍ
އާޚިރަތުގެ ޘަވާބަށްއެދި މަސައްކަތްކުރާ މީހާއަށް އޭނާގެ ޘަވާބު، ތިމަންރަސްކަލާނގެ އިތުރުކުރައްވާ ހުށީމެވެ. އަދި ދުނިޔޭގެ މަންފާތަކަށް އެދޭމީހާއަށް، ތިމަންރަސްކަލާނގެ އެއިން ދެއްވާހުށީމެވެ. އަދި އާޚިރަތުގައި އޭނާޔަށް (ޘަވާބުގެ) އެއްވެސް ނަޞީބެއްނެތެވެ.
﴿21﴾ أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّهُ ۚ وَلَوْلَا كَلِمَةُ الْفَصْلِ لَقُضِيَ بَيْنَهُمْ ۗ وَإِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ
ނުވަތަ ﷲ، އިޛުނަ ދެއްވާފައިނުވާ ދީނެއް، އެއުރެންނަށް، ޝަރުޢު ކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟ ޖަޒާދެއްވުން ކަނޑައެޅިގެންވާ ދުވަހަށް ލަސްކުރެއްވުމުގެ ކަލިމަފުޅުނުވާނަމަ، އެއުރެންގެމެދުގައި ނިޔާ ކަނޑައެޅުއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އަނިޔާވެރިންނަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ.
﴿22﴾ تَرَى الظَّالِمِينَ مُشْفِقِينَ مِمَّا كَسَبُوا وَهُوَ وَاقِعٌ بِهِمْ ۗ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فِي رَوْضَاتِ الْجَنَّاتِ ۖ لَهُم مَّا يَشَاءُونَ عِندَ رَبِّهِمْ ۚ ذَٰلِكَ هُوَ الْفَضْلُ الْكَبِيرُ
އަނިޔާވެރިން، އެއުރެން ހޯދި ނުބައިކަންތަކަށް ލިބޭ ޢަޛާބަށް ބިރުވެތިވާތީ (އެދުވަހުން) ތިބާ ދެކޭނޫއެވެ. އެ ޢަޛާބު އައިސް އެއުރެންނަށް ޖެހޭހުށްޓެވެ. އަދި އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން ވާހުށީ، ސުވަރުގޭގެ ބަގީޗާތަކުގައެވެ. އެއުރެން އެދޭކަންތައް، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، އެއުރެންނަށްވެއެވެ. ބޮޑުވެގެންވާ ފަޟްލުވަންތަކަމަކީ ހަމައެއީއެވެ.
﴿23﴾ ذَٰلِكَ الَّذِي يُبَشِّرُ اللَّهُ عِبَادَهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ ۗ قُل لَّا أَسْأَلُكُمْ عَلَيْهِ أَجْرًا إِلَّا الْمَوَدَّةَ فِي الْقُرْبَىٰ ۗ وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُ فِيهَا حُسْنًا ۚ إِنَّ اللَّهَ غَفُورٌ شَكُورٌ
އެއީ އީމާންވެ، ޞާލިޙު ޢަމަލުތައް ކުޅަ، އެކަލާނގެ އަޅުތަކުންނަށް ﷲ އުފާވެރިކަމުގެ ޚަބަރު ދެއްވާ ކަންތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ މައްޗަށް (އެބަހީ: ތިމަންކަލޭގެފާނުގެ ރަސޫލު ކަން އިއްވެވުމުގެ މައްޗަކަށް) ތިމަންކަލޭގެފާނު، ތިޔަބައިމީހުންގެ ކިބަޔަކުން އެއްވެސް އުޖޫރަޔަކަށް އެދިވަޑައެއް ނުގަންނަވަމެވެ. ގާތްތިމާގެކަމުގެ ލޯބިމެނުވީއެވެ. އަދި ހެޔޮކަމެއްކުރާ މީހާއަށް ތިމަންރަސްކަލާނގެ އެކަމުގައި ހެޔޮކަން އިތުރުކޮށްދެއްވާހުށީމެވެ. ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން ޝުކުރު ޤަބޫލު ކުރައްވާ ރަސްކަލާނގެއެވެ.
﴿24﴾ أَمْ يَقُولُونَ افْتَرَىٰ عَلَى اللَّهِ كَذِبًا ۖ فَإِن يَشَإِ اللَّهُ يَخْتِمْ عَلَىٰ قَلْبِكَ ۗ وَيَمْحُ اللَّهُ الْبَاطِلَ وَيُحِقُّ الْحَقَّ بِكَلِمَاتِهِ ۚ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ
ނުވަތަ އެކަލޭގެފާނު ﷲއާމެދު އިތުރުފުޅެއް ހެއްދެވީކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ފަހެ، ﷲ އިރާދަކުރައްވާނަމަ، ކަލޭގެފާނުގެ ހިތްޕުޅުގައި ސިއްކަޖައްސަވައިފީހެވެ. އަދި ﷲ، ބާޠިލު ފުއްސަވައި، އެކަލާނގެ ކަލިމަފުޅުތަކުން ޙައްޤު ސާބިތުކުރައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައި ވާހާކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿25﴾ وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ
އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލު ކުރައްވައި، ނުބައިކަންތަކަށް ޢަފޫ ކުރައްވާ ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންކުރާ ކަންތައްތައް، އެކަލާނގެ ދެނެވޮޑިގެންވެއެވެ.
﴿26﴾ وَيَسْتَجِيبُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَيَزِيدُهُم مِّن فَضْلِهِ ۚ وَالْكَافِرُونَ لَهُمْ عَذَابٌ شَدِيدٌ
އަދި އީމާންވެ، ޞާލިޙު ޢަމަލުތައްކުޅަ މީހުންނަށް އެކަލާނގެ އިޖާބަދެއްވައި، އެކަލާނގެ ފަޟްލުވަންތަކަމުގެ ތެރެއިން އިތުރުކޮށްދެއްވަތެވެ. އަދި ކާފިރުންނަށް ގަދަވެގެންވާ ޢަޛާބު ހުށްޓެވެ.
﴿27﴾ ۞ وَلَوْ بَسَطَ اللَّهُ الرِّزْقَ لِعِبَادِهِ لَبَغَوْا فِي الْأَرْضِ وَلَٰكِن يُنَزِّلُ بِقَدَرٍ مَّا يَشَاءُ ۚ إِنَّهُ بِعِبَادِهِ خَبِيرٌ بَصِيرٌ
ﷲ، އެކަލާނގެ (އެންމެހައި) އަޅުންނަށް ރިޒްޤު ތަނަވަސްކޮށްދެއްވައިފިނަމަ، ބިމުގައި އެއުރެން ބޮޑާވެ، އަނިޔާވެރިވެގެންފީހެވެ. އެހެނެއްކަމަކު، އެކަލާނގެ ރިޒްޤު ބާވައިލައްވަނީ، އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ވަކިމިންވަރަކަށެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ޚަބަރުތައް މޮޅަށް ދެނެވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿28﴾ وَهُوَ الَّذِي يُنَزِّلُ الْغَيْثَ مِن بَعْدِ مَا قَنَطُوا وَيَنشُرُ رَحْمَتَهُ ۚ وَهُوَ الْوَلِيُّ الْحَمِيدُ
އެކަލާނގެއީ، އެއުރެންގެ އުންމީދު ކެނޑުމަށްފަހު، ވާރޭވެއްސަވައި، އެކަލާނގެ ރަޙްމަތް ފަތުރުއްވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ، އެހީތެރިވަންތަ ރަސްކަލާނގެއެވެ.
﴿29﴾ وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَمَا بَثَّ فِيهِمَا مِن دَابَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَاءُ قَدِيرٌ
އަދި އުޑުތަކާއި، ބިމާއި، އެ ދެތާނގައި ފަތުރުއްވާފައިވާ ދިރޭތަކެތި ހެއްދެވުމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އަދި އެކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާހިނދު، އެތަކެތި އެއްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
﴿30﴾ وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ
ތިޔަބައިމީހުންނަށް ޖެހޭހާ މުޞީބަތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް ޢަފޫ ކުރައްވަތެވެ.
﴿31﴾ وَمَا أَنتُم بِمُعْجِزِينَ فِي الْأَرْضِ ۖ وَمَا لَكُم مِّن دُونِ اللَّهِ مِن وَلِيٍّ وَلَا نَصِيرٍ
އަދި ތިޔަބައިމީހުންނީ، ބިމުގައި (ﷲ) ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކުކަމުގައި ނުވެތެވެ. އަދި ތިޔަބައިމީހުންނަކަށް ﷲ ފިޔަވައި އެއްވެސް އެހީތެރިޔަކު، އަދި ނަޞްރު ދޭނޭމީހަކުވެސް ނުވެތެވެ.
﴿32﴾ وَمِنْ آيَاتِهِ الْجَوَارِ فِي الْبَحْرِ كَالْأَعْلَامِ
އަދި ކަނޑުގައިދުވާ ފަރުބަދަތައްފަދަ އުޅަނދުތަކަކީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ތަކެއްޗެވެ.
﴿33﴾ إِن يَشَأْ يُسْكِنِ الرِّيحَ فَيَظْلَلْنَ رَوَاكِدَ عَلَىٰ ظَهْرِهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ
އެކަލާނގެ އިރާދަކުރައްވާނަމަ، ވައިމަޑުކުރައްވައިފީހެވެ. ފަހެ، އޭރުން އެއުޅަނދުތައް ފެންމަތީގައި ހުއްޓިހުރެދާނެތެވެ. ހަމަކަށަވަރުން، ކެތްތެރިކަންބޮޑު، ޝުކުރުވެރިވުންގިނަ ކޮންމެ މީހަކަށް އެކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
﴿34﴾ أَوْ يُوبِقْهُنَّ بِمَا كَسَبُوا وَيَعْفُ عَن كَثِيرٍ
ނުވަތަ އެއުރެން ހޯދި ނުބައިކަންތަކުގެ ސަބަބުން އެ އުޅަނދުތައް ހަލާކުކުރައްވައިފީހެވެ. އަދި (އެކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ) ގިނަ ފާފަ ޢަފޫ ކުރައްވައިފީހެވެ.
﴿35﴾ وَيَعْلَمَ الَّذِينَ يُجَادِلُونَ فِي آيَاتِنَا مَا لَهُم مِّن مَّحِيصٍ
އަދި ތިމަންރަސްކަލާނގެ އާޔަތްތަކާމެދުގައި ޖަދަލުކުރާ މީހުންނަށް (ތިމަންރަސްކަލާނގެ ޢަޛާބުން) ފިލަންދާނޭ ތަނެއްނެތްކަން އެނގުމަށްޓަކައެވެ.
﴿36﴾ فَمَا أُوتِيتُم مِّن شَيْءٍ فَمَتَاعُ الْحَيَاةِ الدُّنْيَا ۖ وَمَا عِندَ اللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ آمَنُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
ފަހެ، ތިޔަބައިމީހުންނަށް ދެއްވި ކޮންމެ އެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެކެވެ. އަދި އީމާންވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލު ކުރާމީހުންނަށް، ﷲގެ ޙަޟްރަތުގައިވާ ޘަވާބު ހެޔޮކަންބޮޑެވެ. އަދި ދެމިހުރުން ބޮޑުމެއެވެ.
﴿37﴾ وَالَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ وَإِذَا مَا غَضِبُوا هُمْ يَغْفِرُونَ
އަދި އެއުރެންނީ ބޮޑެތިފާފަތަކާއި، ފާޙިޝް ކަންތައްތަކުން ދުރުހެލިވެ ތިބޭމީހުންނެވެ. އަދި އެއުރެންނީ ރުޅިއަތުވެއްޖެހިނދެއްގައި މާފުކުރާ ބަޔެކެވެ.
﴿38﴾ وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنفِقُونَ
އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު ޤާއިމް ކުރިމީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވިތަކެތިން، އެއުރެން ހޭދަކުރެތެވެ.
﴿39﴾ وَالَّذِينَ إِذَا أَصَابَهُمُ الْبَغْيُ هُمْ يَنتَصِرُونَ
އަދި އެއުރެންނީ، އެއުރެންނަށް އަނިޔާވެރިވުމެއް އަންނަހިނދު، ނަޞްރު ލިބިގަންނަ މީހުންނެވެ.
﴿40﴾ وَجَزَاءُ سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ ۚ إِنَّهُ لَا يُحِبُّ الظَّالِمِينَ
ނުބައިކަމެއްގެ ޖަޒާއަކީ އެއާއެއްފަދަ ނުބައިކަމެކެވެ. ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) ޢަފޫ ކޮށް، ޞުލްޙަވެރިވެގަތްމީހާގެ ޘަވާބު ވަނީ، ﷲގެ ޙަޟްރަތުގައެވެ. ހަމަކަށަވަރުން، އެކަލާނގެ، އަނިޔާވެރިންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ.
﴿41﴾ وَلَمَنِ انتَصَرَ بَعْدَ ظُلْمِهِ فَأُولَٰئِكَ مَا عَلَيْهِم مِّن سَبِيلٍ
އަނިޔާލިބުމަށްފަހު، ނަޞްރު ލިބިގެންފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް ކުށްވެރިކުރުމުގެ އެއްވެސް މަގެއްނެތެވެ.
﴿42﴾ إِنَّمَا السَّبِيلُ عَلَى الَّذِينَ يَظْلِمُونَ النَّاسَ وَيَبْغُونَ فِي الْأَرْضِ بِغَيْرِ الْحَقِّ ۚ أُولَٰئِكَ لَهُمْ عَذَابٌ أَلِيمٌ
އެކަމަކު، ކުށްވެރިކުރުމުގެ މަގެއް އޮތްކަން ކަށަވަރީ، މީސްތަކުންނަށް އަނިޔާވެރިވެ، އަދި ބިމުގައި ޙައްޤަކާނުލައި ބަޣާވާތްތެރިވެ، ފަސާދަކުރާ މީހުންގެ މައްޗަށެވެ. އެއުރެންނަށް ވޭންދެވިނި ޢަޛާބު ހުށްޓެވެ.
﴿43﴾ وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ الْأُمُورِ
އަދި ހަމަކަށަވަރުން، ކެތްތެރިވެ، ޢަފޫ ކުރިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، އެކަންކަންވަނީ، ޢަޒުމު ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންކަން ކަށަވަރެވެ.
﴿44﴾ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِن وَلِيٍّ مِّن بَعْدِهِ ۗ وَتَرَى الظَّالِمِينَ لَمَّا رَأَوُا الْعَذَابَ يَقُولُونَ هَلْ إِلَىٰ مَرَدٍّ مِّن سَبِيلٍ
ﷲ، އެމީހަކު މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެކަލާނގެ ފިޔަވައި އޭނާޔަށް އެއްވެސް އެހީތެރިޔަކު ނުވާނެތެވެ. އަދި އަނިޔާވެރިންނަށް ޢަޛާބު ފެންނަހިނދު، އެއުރެން ބުނާތީ ތިބާ ދެކޭނޫއެވެ. ދުނިޔެއަށް އަލުން އެނބުރި ދިޔުމަށް، އެއްވެސް މަގެއްވޭހެއްޔެވެ؟
﴿45﴾ وَتَرَاهُمْ يُعْرَضُونَ عَلَيْهَا خَاشِعِينَ مِنَ الذُّلِّ يَنظُرُونَ مِن طَرْفٍ خَفِيٍّ ۗ وَقَالَ الَّذِينَ آمَنُوا إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ ۗ أَلَا إِنَّ الظَّالِمِينَ فِي عَذَابٍ مُّقِيمٍ
އަދި ނިކަމެތިވެ، ބިރުގެން، ވައްކަޅިން ބަލާ ޙާލު، އެއުރެން ނަރަކަޔަށް ހުށަހަޅުއްވާތީ ތިބާދެކޭނޫއެވެ. އަދި އީމާން ވިމީހުން ބުނާނެތެވެ. ހަމަކަށަވަރުން، ގެއްލުންވިމީހުންނީ، ޤިޔާމަތް ދުވަހުގައި، އެއުރެންގެ އަމިއްލަ ނަފްސުތަކާއި، އަހުލުވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ހަމަކަށަވަރުން، އަނިޔާވެރިންވަނީ، ދެމިހުންނަނިވި ޢަޛާބެއްގައެވެ.
﴿46﴾ وَمَا كَانَ لَهُم مِّنْ أَوْلِيَاءَ يَنصُرُونَهُم مِّن دُونِ اللَّهِ ۗ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِن سَبِيلٍ
އަދި ﷲ ފިޔަވައި، އެއުރެންނަށް ނަޞްރު ދޭނޭ އެއްވެސް އެހީތެރިޔަކު، އެއުރެންނަކަށް ނުވާހުށްޓެވެ. އަދި ﷲ މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް (ސަލާމަތްވާނޭ) އެއްވެސްމަގެއް ނުވެތެވެ.
﴿47﴾ اسْتَجِيبُوا لِرَبِّكُم مِّن قَبْلِ أَن يَأْتِيَ يَوْمٌ لَّا مَرَدَّ لَهُ مِنَ اللَّهِ ۚ مَا لَكُم مِّن مَّلْجَإٍ يَوْمَئِذٍ وَمَا لَكُم مِّن نَّكِيرٍ
ﷲގެ ޙަޟްރަތުން ރައްދުނުކުރެވޭނެ ދުވަހެއް (އެބަހީ: ޤިޔާމަތް ދުވަސް) އައުމުގެކުރިން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އިޖާބަދޭށެވެ! އެދުވަހުން ތިޔަބައިމީހުން ސަލާމަތްވާންދާނެ އެއްވެސްތަނެއް، ތިޔަބައިމީހުންނަކަށް ނުވެތެވެ. އަދި (ތިޔަބައިމީހުންގެ ޢަޛާބަށް) އިންކާރު ކުރާނޭ މީހަކުވެސް ތިޔަބައިމީހުންނަކަށް ނުވެތެވެ.
﴿48﴾ فَإِنْ أَعْرَضُوا فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا ۖ إِنْ عَلَيْكَ إِلَّا الْبَلَاغُ ۗ وَإِنَّا إِذَا أَذَقْنَا الْإِنسَانَ مِنَّا رَحْمَةً فَرِحَ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌ بِمَا قَدَّمَتْ أَيْدِيهِمْ فَإِنَّ الْإِنسَانَ كَفُورٌ
ފަހެ، އެއުރެން ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަށް ބެލެހެއްޓުންތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ. އިއްވެވުންމެނުވީ ކަލޭގެފާނުގެ މައްޗަކަށް ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރަޙްމަތެއްގެ ރަހަ ތިމަންރަސްކަލާނގެ އިންސާނާއަށް ދައްކަވައިފިނަމަ، އެކަމަށް އޭނާ އުފާކުރެތެވެ. އަދި އެއުރެންގެ އަތްތަކުން އިސްކުރި ފާފަތަކުގެ ސަބަބުން އެއުރެންނަށް ނުބައިކަމެއް ޖެހިއްޖެނަމަ ފަހެ، ހަމަކަށަވަރުން، އިންސާނާއީ (ނިޢުމަތްތަކަށް) ދެކޮޅުހަދާ، ކާފިރު ވާމީހެކެވެ.
﴿49﴾ لِّلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ يَخْلُقُ مَا يَشَاءُ ۚ يَهَبُ لِمَن يَشَاءُ إِنَاثًا وَيَهَبُ لِمَن يَشَاءُ الذُّكُورَ
އުޑުތަކާއި، ބިމުގެ ވެރިކަންވަނީ ﷲއަށެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެންދަރިން ދެއްވަތެވެ.
﴿50﴾ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا ۖ وَيَجْعَلُ مَن يَشَاءُ عَقِيمًا ۚ إِنَّهُ عَلِيمٌ قَدِيرٌ
ނުވަތަ އެއުރެންނަށް ފިރިހެންދަރިންނާއި، އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާމީހަކު، ދަރިމައިނުވާމީހަކު ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށްދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
﴿51﴾ ۞ وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ اللَّهُ إِلَّا وَحْيًا أَوْ مِن وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاءُ ۚ إِنَّهُ عَلِيٌّ حَكِيمٌ
ވަޙީއަކުން (އެބަހީ: އިލްހާމަކުން، ނުވަތަ ހުވަފެނަކުން) ނުވަތަ ފަރުދާއެއްގެ އަނެއްފަރާތުން، ނުވަތަ މަލާއިކަތަކު ފޮނުއްވައި، އެކަލާނގެ އިޛުނަފުޅާއެކު، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ވަޙީ ކުރެއްވުމުންމެނުވީ، އެއްވެސް އާދަމުގެދަރިޔަކަށް ﷲ ބަސް ވަޙީ ކުރެއްވުމެއް ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މަތިވެރިވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.
﴿52﴾ وَكَذَٰلِكَ أَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِي مَا الْكِتَابُ وَلَا الْإِيمَانُ وَلَٰكِن جَعَلْنَاهُ نُورًا نَّهْدِي بِهِ مَن نَّشَاءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِي إِلَىٰ صِرَاطٍ مُّسْتَقِيمٍ
އަދި ހަމައެފަދައިން ތިމަންރަސްކަލާނގެ އަމުރުފުޅުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ ޤުރުއާން ވަޙީ ކުރެއްވީމެވެ. ފޮތަކީ ކޮންއެއްޗެއްކަން، އަދި އީމާނަކީ ކޮންއެއްޗެއްކަން ކަލޭގެފާނު (ކުރިން) ދެނެވަޑައިގަންނަވާ ކަމުގައި ނުވެތެވެ. އެހެނެއްކަމަކު، ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ތިމަންރަސްކަލާނގެ، އެއިން ތެދުމަގު ދައްކަވާ ނޫރެއްކަމުގައި އެ ޤުރްއާން ލެއްވީމެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނު މަގުދައްކަވަނީ، ސީދާވެގެންވާ ތެދުމަގަށްކަން ކަށަވަރެވެ.
﴿53﴾ صِرَاطِ اللَّهِ الَّذِي لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ أَلَا إِلَى اللَّهِ تَصِيرُ الْأُمُورُ
(އެއީ) ﷲގެ މަގެވެ. އެކަލާނގެއީ، އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވާ ރަސްކަލާނގެއެވެ. ދަންނާށެވެ! ކަންތައްތައް ރުޖޫޢަ ވާހުށީ ﷲގެ ޙަޟްރަތަށެވެ.
ފަހަތަށް
ކުރިއަށް