އަލް ޙަޝްރް
ފަހަތަށް
الحشر ކުރިއަށް
﴿1﴾ سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ
އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް ﷲއަށް ތަސްބީޙަ ކިޔައިފިއެވެ. އެކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.
﴿2﴾ هُوَ الَّذِي أَخْرَجَ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ مِن دِيَارِهِمْ لِأَوَّلِ الْحَشْرِ ۚ مَا ظَنَنتُمْ أَن يَخْرُجُوا ۖ وَظَنُّوا أَنَّهُم مَّانِعَتُهُمْ حُصُونُهُم مِّنَ اللَّهِ فَأَتَاهُمُ اللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا ۖ وَقَذَفَ فِي قُلُوبِهِمُ الرُّعْبَ ۚ يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِي الْمُؤْمِنِينَ فَاعْتَبِرُوا يَا أُولِي الْأَبْصَارِ
އެކަލާނގެއީ ފޮތުގެ އަހުލުވެރިންކުރެ ކާފިރު ވިމީހުން ފުރަތަމަ ޙަޝްރުގެ ދުވަހު، އެއުރެންގެ ގެދޮރުން ނެރެލެއްވި ރަސްކަލާނގެއެވެ. އެއުރެން ނުކުންނާނޭކަމަކަށް ތިޔަބައިމީހުން ހީއެއް ނުކުރަމުއެވެ. އަދި އެއުރެން ހީކޮށްގެންތިބީ، އެއުރެންގެ ކިއްލާތައް، ﷲގެ ބާރުވެރިކަމުން އެއުރެން ރައްކާތެރިކޮށްދޭނެ ކަމަށެވެ. ފަހެ، އެއުރެންގެ ގާތަށް ﷲގެ ޢިޤާބު އައީ، އެއުރެން ހީވެސް ނުކުރާފަދައަކުންނެވެ. އަދި އެކަލާނގެ އެއުރެންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. އެއުރެންގެ އަމިއްލަ އަތްތަކުން އެއުރެންގެ ގެދޮރު ހަލާކު ކުރަމުން ދިޔައޫއެވެ. އަދި މުއުމިނުތަކުންގެ އަތްތަކުންވެސްމެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! ފަހެ، ތިޔަބައިމީހުން ޢިބްރަތް ލިބިގަންނާށެވެ.
﴿3﴾ وَلَوْلَا أَن كَتَبَ اللَّهُ عَلَيْهِمُ الْجَلَاءَ لَعَذَّبَهُمْ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابُ النَّارِ
ރަށުން ބޭރުކޮށްލާފައިވާ ބަޔަކުކަމުގައިވުމަށް، ﷲ އެއުރެންގެ މައްޗަށް ލިޔުއްވާފައިނުވާނަމަ، ހަމަކަށަވަރުން، އެއުރެންނަށް މިދުނިޔޭގައި ޢަޛާބު ދެއްވައިފީހެވެ. އަދި އާޚިރަތުގައި ނަރަކައިގެ ޢަޛާބު އެއުރެންނަށް ހުށްޓެވެ.
﴿4﴾ ذَٰلِكَ بِأَنَّهُمْ شَاقُّوا اللَّهَ وَرَسُولَهُ ۖ وَمَن يُشَاقِّ اللَّهَ فَإِنَّ اللَّهَ شَدِيدُ الْعِقَابِ
އެއީ އެއުރެން ﷲއާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވީ ކަމަށްޓަކައެވެ. އަދި ﷲއަށް ދެކޮޅުވެރިވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲއީ، ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.
﴿5﴾ مَا قَطَعْتُم مِّن لِّينَةٍ أَوْ تَرَكْتُمُوهَا قَائِمَةً عَلَىٰ أُصُولِهَا فَبِإِذْنِ اللَّهِ وَلِيُخْزِيَ الْفَاسِقِينَ
ތިޔަބައިމީހުން ކަނޑައިލި ކޮންމެ ކަދުރުރުކަކާއި، ނުވަތަ ނުކަނޑައި އޭގެ ބުޑާއެކު ކޮޅަށްހުރުމަށް ދޫކޮށްލި ކޮންމެ ކަދުރުރުކެއް (އެ ކަނޑައިލީ ނުވަތަ ނުކަނޑައި ދޫކޮށްލީ) ފަހެ، ﷲގެ އިޛުނަފުޅަށެވެ. އަދި ފާސިޤުވި މީހުން ދެރަކޮށް، ނިކަމެތި ކޮށްލުމަށްޓަކައެވެ.
﴿6﴾ وَمَا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْهُمْ فَمَا أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَٰكِنَّ اللَّهَ يُسَلِّطُ رُسُلَهُ عَلَىٰ مَن يَشَاءُ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
އަދި އެއުރެންގެ ކިބައިން ﷲ، އެކަލާނގެ ރަސޫލާއަށް ފައިއުގެ ގޮތުގައި ދެއްވައިފި މުދަލަކާމެދު (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ މުދާ އަތުލުމަށްޓަކައި، އަހެއްވެސް، ޖަމަލެއްވެސް ދުއްވާފައެއް ނުވެއެވެ. އެހެނެއްކަމަކު ﷲ، އެކަލާނގެ އިރާދަކުރައްވާ ބަޔެއްގެ މައްޗަށް އެކަލާނގެ ރަސޫލުން ބާރުވެރިކުރައްވަތެވެ. އަދި ﷲއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
﴿7﴾ مَّا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْ أَهْلِ الْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْ ۚ وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ
ރަށްރަށުގެ އަހުލުވެރިންގެ ކިބައިން، ﷲ، އެކަލާނގެ ރަސޫލާއަށް ފައިއު މުދަލުގެ ގޮތުގައި ލިބިދެއްވައިފި އެއްޗަކާމެދު (ދަންނާށެވެ!) ފަހެ، އެ ތަކެއްޗަކީ، ﷲއަށާއި، ރަސޫލާއަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ދަތުރުވެރިންނަށް ޚާއްޞަ ވެފައިވާ ތަކެއްޗެވެ. އެއީ އެ މުދާތައް ތިޔަބައިމީހުންކުރެ މުއްސަނދިންގެ މެދުގައި ދައުރު ވޭވެ ހުރިޔަނުދިނުމަށްޓަކައެވެ. އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.
﴿8﴾ لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِن دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا وَيَنصُرُونَ اللَّهَ وَرَسُولَهُ ۚ أُولَٰئِكَ هُمُ الصَّادِقُونَ
އެއުރެންގެ ގެދޮރުންނާއި، އެއުރެންގެ މުދަލުން ނެރެލާފައިވާ ފަޤީރު މުހާޖިރުންނަށް (އެ ފައިއު މުދަލުގައި) ޙައްޤެއްވެއެވެ. އެއުރެންނީ ﷲގެ ޙަޟްރަތުން ފަޟްލުވަންތަވެރިކަމާއި، ރުހިވޮޑިގަތުން އެދޭ މީހުންނެވެ. އަދި ﷲއަށާއި، އެކަލާނގެ ރަސޫލާއަށް ނަޞްރު ދޭ މީހުންނެވެ. އެއުރެންނީ ހަމަ ތެދުވެރިންނެވެ.
﴿9﴾ وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ
އަދި އެއުރެންގެ ކުރީގައި، އަލްމަދީނާގައި ވަޒަންވެރިވެ، އީމާންކަމުގައި ޤާއިމް ވެތިބި އަންޞާރުން، އެއުރެންގެ ގާތަށް ހިޖުރަ ކުރި މުހާޖިރުންދެކެ ލޯބިވެތެވެ. އަދި އެއުރެންނަށް (އެބަހީ: މުހާޖިރުންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެއުރެން (އެބަހީ: އަންޞާރުން) ގެ ހިތްތަކުގައި ނުވެއެވެ. އަދި އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް، އެއުރެންނަށް އިސްކަންދެތެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ.
﴿10﴾ وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ
އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
﴿11﴾ ۞ أَلَمْ تَرَ إِلَى الَّذِينَ نَافَقُوا يَقُولُونَ لِإِخْوَانِهِمُ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيعُ فِيكُمْ أَحَدًا أَبَدًا وَإِن قُوتِلْتُمْ لَنَنصُرَنَّكُمْ وَاللَّهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ
މުނާފިޤު ވިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ފޮތުގެ އަހުލުވެރިންކުރެ ކާފިރު ވެގެންތިބި އެއުރެންގެ އަޚުންނަށް އެއުރެން ބުނެތެވެ. ތިޔަބައިމީހުން (ރަށުން) ނެރެލައިފިނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނާއެކު ތިމަންމެންވެސް ނުކުންނާނަމެވެ. ތިޔަބައިމީހުންނަށް ގެއްލުންދިނުމުގައި ދުވަހަކުވެސް އެއްވެސް މީހަކަށް ތިމަންމެން ކިޔަމަނެއް ނުވާނޫއެވެ. އަދި ތިޔަބައިމީހުންނާ ދެކޮޅަށް ހަނގުރާމަ ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންމެން ތިޔަބައިމީހުންނަށް ނަޞްރު ދޭހުށީމުއެވެ. ހަމަކަށަވަރުން އެއުރެންނީ، ދޮގުވެރިންކަމަށް ﷲ ހެކިވެވޮޑިގެންވެތެވެ.
﴿12﴾ لَئِنْ أُخْرِجُوا لَا يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُوا لَا يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ الْأَدْبَارَ ثُمَّ لَا يُنصَرُونَ
ހަމަކަށަވަރުން، އެއުރެން ނެރެލައިފިނަމަ، އެއުރެންނާއެކު އެއުރެންނެއް ނުނިކުންނާނެތެވެ. އަދި ހަމަކަށަވަރުން، އެއުރެންނާ ހަނގުރާމަކޮށްފިނަމަ، އެއުރެންނަކަށް އެއުރެން ނަޞްރެއްވެސް ނުދޭނެތެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް ނަޞްރު ދިނުމަށް ނުކުތަސް، އެއުރެން ފުރަގަސްދީ ފިލަންދުވާނެކަން ކަށަވަރެވެ. ދެން އެއުރެންނަކަށް (އެއްވެސް ފަރާތަކުން) ނަޞްރެއް ނުލިބޭނެތެވެ.
﴿13﴾ لَأَنتُمْ أَشَدُّ رَهْبَةً فِي صُدُورِهِم مِّنَ اللَّهِ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ
އެއުރެންގެ ހިތްތަކުގައި ﷲއަށްވުރެން ތިޔަބައިމީހުންދެކެ ގަންނަ ބިރު ބޮޑުކަން ކަށަވަރެވެ. އެއީ އެއުރެންނީ، ނުވިސްނޭ ބަޔަކުކަމުގައިވާ ކަމަށްޓަކައެވެ.
﴿14﴾ لَا يُقَاتِلُونَكُمْ جَمِيعًا إِلَّا فِي قُرًى مُّحَصَّنَةٍ أَوْ مِن وَرَاءِ جُدُرٍ ۚ بَأْسُهُم بَيْنَهُمْ شَدِيدٌ ۚ تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّىٰ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ
ރައްކާތެރި ކުރައްވާފައިވާ ރަށްތަކެއްގައި ތިބެގެން، ނުވަތަ ފާރުތަކެއްގެ ނިވަލުގައި ތިބެގެން މެނުވީ، އެއުރެން އެންމެން އެކުގައި (ނުކުމެ) ތިޔަބައިމީހުންނަކާ ހަނގުރާމައެއް ނުކުރާނެތެވެ. އެއުރެންގެ މެދުގައި ހިނގާ ހަނގުރާމަ ގަދަފަދަ ވެގެންވެއެވެ. އެއުރެންގެ ހިތްތައް ބައިބައިވެގެންވާ ޙާލު، ތިބާ ހީކުރަނީ، އެއުރެންނީ، އެންމެން އެކަތިގަނޑަކަށްވެފައިވާ ބަޔެއްކަމުގައެވެ. އެއީ، އެއުރެންނީ، ނުވިސްނޭ ބަޔަކުކަމުގައިވާ ކަމަށްޓަކައެވެ.
﴿15﴾ كَمَثَلِ الَّذِينَ مِن قَبْلِهِمْ قَرِيبًا ۖ ذَاقُوا وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ
އެއުރެންނަށްވުރެ ތަންކޮޅެއްކުރިން އުޅުނު މީހުން ފަދައިންނެވެ. އެއުރެންގެ ނުބައި ޢަމަލުގެ ރަހަ، އެއުރެންނަށް ލިބުނެވެ. އަދި އެއުރެންނަށް (އާޚިރަތުގައި) ވޭންދެނިވި ޢަޛާބު ހުށްޓެވެ.
﴿16﴾ كَمَثَلِ الشَّيْطَانِ إِذْ قَالَ لِلْإِنسَانِ اكْفُرْ فَلَمَّا كَفَرَ قَالَ إِنِّي بَرِيءٌ مِّنكَ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ
ޝައިޠާނާގެ މިޘާލުގައެވެ. އޭނާ އިންސާނާޔަށް ކާފިރު ވާށޭ ބުނިހިނދެވެ. ފަހެ، އެ އިންސާނާ ކާފިރު ވީހިނދު އެ ޝައިޠާނާ ބުންޏެވެ. ހަމަކަށަވަރުން، ތިމަންވަނީ، ތިބާގެ ކިބައިން ބަރީއަވެގެންނެވެ. ހަމަކަށަވަރުން، ޢާލަމްތަކުގެ ވެރި ﷲއަށް ތިމަން ބިރުގަނެތެވެ.
﴿17﴾ فَكَانَ عَاقِبَتَهُمَا أَنَّهُمَا فِي النَّارِ خَالِدَيْنِ فِيهَا ۚ وَذَٰلِكَ جَزَاءُ الظَّالِمِينَ
އެ ދެމީހުންގެ ނިމުމެއް ކަމުގައިވާނީ، އެ ދެމީހުން ނަރަކަޔަށް ވަނުމެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އަދި އެއީ އަނިޔާވެރިންގެ ޖަޒާއެވެ.
﴿18﴾ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ކޮންމެ ނަފްސެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލައިފާހުށިކަމެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿19﴾ وَلَا تَكُونُوا كَالَّذِينَ نَسُوا اللَّهَ فَأَنسَاهُمْ أَنفُسَهُمْ ۚ أُولَٰئِكَ هُمُ الْفَاسِقُونَ
އަދި ﷲ ހަނދުމަ ނައްތައިލި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! ފަހެ، އެކަލާނގެ އެއުރެންގެ އަމިއްލަ ނަފްސުތައް ހަނދުމަނެތިކޮށްލެއްވިއެވެ. އެއުރެންނީ، ހަމަ ފާސިޤުންނެވެ.
﴿20﴾ لَا يَسْتَوِي أَصْحَابُ النَّارِ وَأَصْحَابُ الْجَنَّةِ ۚ أَصْحَابُ الْجَنَّةِ هُمُ الْفَائِزُونَ
ނަރަކައިގެ އަހުލުވެރިންނާއި، ސުވަރުގޭގެ އަހުލުވެރިން ހަމަހަމައެއް ނުވާނެތެވެ. ސުވަރުގޭގެ އަހުލުވެރިންނީ، ހަމަ ނަޞީބު ލިބިގެންވާ މީހުންނެވެ.
﴿21﴾ لَوْ أَنزَلْنَا هَٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّهِ ۚ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ
ތިމަންރަސްކަލާނގެ ފަރުބަދައެއްގެ މައްޗަށް މި ޤުރްއާން ބާވައިލެއްވިނަމަ، ހަމަކަށަވަރުން، އެ ފަރުބަދައެއް ﷲއަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާތީ ތިބާއަށް ފެނުނީހެވެ. އަދި އެ މިޘާލުތައް މީސްތަކުންނަށް ތިމަންރަސްކަލާނގެ ޖައްސަވަނީ، އެއުރެން ފިކުރު ކުރުމަށްޓަކައެވެ.
﴿22﴾ هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۖ عَالِمُ الْغَيْبِ وَالشَّهَادَةِ ۖ هُوَ الرَّحْمَٰنُ الرَّحِيمُ
އެކަލާނގެއީ، ﷲއެވެ. އެކަލާނގެއީ، އެކަލާނގެ ފިޔަވައި ޙައްޤު ވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާ ރަސްކަލާނގެއެވެ. ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއީ، ރަޙްމާންވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
﴿23﴾ هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ ۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ
އެކަލާނގެއީ، ﷲއެވެ. އެކަލާނގެއީ، އެކަލާނގެ ފިޔަވައި ޙައްޤު ވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާ ރަސްކަލާނގެއެވެ. ރަސްވަންތަ ރަސްކަލާނގެއެވެ. ޠާހިރުވަންތަ ރަސްކަލާނގެއެވެ. ހުރިހާ އުނިކަމަކުން ހުސްދުރުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަމާން ކަން ދެއްވާ ރަސްކަލާނގެއެވެ. ހުރިހާ އެއްޗެއް ރައްކާތެރިކުރައްވައި ބަލަހައްޓަވާ ރަސްކަލާނގެއެވެ. ޢަޒީޒުވަންތަ ރަސްކަލާނގެއެވެ. ޖައްބާރުވަންތަ ރަސްކަލާނގެއެވެ. ޢަޡަމަތްތެރިވަންތަ ރަސްކަލާނގެއެވެ. އެއުރެން ޝަރީކު ކުރާ ތަކެތިން ﷲ ހުސްޠާހިރުވަންތަވެވޮޑިގެންވެތެވެ.
﴿24﴾ هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ ۚ يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ
އެކަލާނގެއީ، ﷲއެވެ. ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. ހުރިހާ އެއްޗެއް އުފައްދަވާ ރަސްކަލާނގެއެވެ. ޞޫރަ ކުރައްވާ ރަސްކަލާނގެއެވެ. އެންމެހާ ރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެއަށް ތަސްބީޙަ ދަންނަވަތެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.
ފަހަތަށް
ކުރިއަށް