|
| ﴿1﴾ لَا أُقْسِمُ بِيَوْمِ الْقِيَامَةِ |
| ޤިޔާމަތް ދުވަސް ގަންދެއްވައި ހުވާ ވަޙީ ކުރައްވަމެވެ. |
| ﴿2﴾ وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ |
| އަދި އައްނަފްސުއްލައްވާމާ ގަންދެއްވައި ހުވާ ވަޙީ ކުރައްވަމެވެ. (ނޯޓު: އައްނަފްސުއްލައްވާމާއަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ ނަފްސަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ ނަފްސެކެވެ.) |
| ﴿3﴾ أَيَحْسَبُ الْإِنسَانُ أَلَّن نَّجْمَعَ عِظَامَهُ |
| އިންސާނާ ހީކުރަނީ، ތިމަންރަސްކަލާނގެ އޭނާގެ ކަށިތައް އެއްނުކުރައްވާނެ ކަމަށްހެއްޔެވެ؟ |
| ﴿4﴾ بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ |
| އެހެންނަކުން ނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތައް ހަމަކުރެއްވުމަށްވެސް، ތިމަންރަސްކަލާނގެ ކުޅަދުންވަންތައެވެ. |
| ﴿5﴾ بَلْ يُرِيدُ الْإِنسَانُ لِيَفْجُرَ أَمَامَهُ |
| އަދި ކިއެއްތަ! އިންސާނާ އެދެނީ، އޭނާގެ ކުރިޔަށް އޮތްތާނގައިވެސް ފާފަތައް ކޮށްއުޅުމަށެވެ. |
| ﴿6﴾ يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ |
| އޭނާ ސުއާލު ކުރާނެތެވެ. ޤިޔާމަތް ދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ |
| ﴿7﴾ فَإِذَا بَرِقَ الْبَصَرُ |
| ފަހެ، ލޯތަކަށް ޙާއިރާން ކަންލިބި، ތަރަތަރަލާހިނދެވެ. |
| ﴿8﴾ وَخَسَفَ الْقَمَرُ |
| އަދި ހަނދުގެ އަލިކަން ފިލައިދާހިނދެވެ. |
| ﴿9﴾ وَجُمِعَ الشَّمْسُ وَالْقَمَرُ |
| އަދި އިރާއި، ހަނދު އެއްތަންކުރައްވާހިނދެވެ. |
| ﴿10﴾ يَقُولُ الْإِنسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ |
| އެދުވަހުން އިންސާނާ ބުނާނެތެވެ. ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟ |
| ﴿11﴾ كَلَّا لَا وَزَرَ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ރައްކާވެ ތިބެންދާނެ ތަނެއްނެތެވެ. |
| ﴿12﴾ إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ |
| އެދުވަހުންގޮސް ހަމަޖެހުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ. |
| ﴿13﴾ يُنَبَّأُ الْإِنسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ |
| އިންސާނާ އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއްގެ ވާހަކައިން އެ އިންސާނާއަށް އެދުވަހުން ޚަބަރު ދެއްވާނެތެވެ. |
| ﴿14﴾ بَلِ الْإِنسَانُ عَلَىٰ نَفْسِهِ بَصِيرَةٌ |
| އަދި ކިއެއްތަ! އެ އިންސާނާވަނީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށްވާ ހެތްކެއް ކަމުގައެވެ. |
| ﴿15﴾ وَلَوْ أَلْقَىٰ مَعَاذِيرَهُ |
| އެ އިންސާނާ، އޭނާގެ ޢުޛުރުތައް ކުރިމަތިކުޅަނަމަވެސް މެއެވެ. |
| ﴿16﴾ لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ |
| އެ ޤުރްއާން ލިބިވަޑައިގަތުން އަވަސްކުރެއްވުމަށް ކަލޭގެފާނުގެ ދޫފުޅު، އެ ޤުރްއާނާއިގެން ޙަރަކާތްތެރި ނުކުރައްވާށެވެ! |
| ﴿17﴾ إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ |
| ހަމަކަށަވަރުން، އެ ޤުރްއާން (ކަލޭގެފާނުގެ ހިތްޕުޅަށް) ޖަމަޢު ކުރެއްވުމާއި، އަދި އެ ޤުރްއާން ކިޔަވައިވިދާޅުވުމުގެ ކުޅަދާނަކަން ދެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ. |
| ﴿18﴾ فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ |
| ފަހެ، ތިމަންރަސްކަލާނގެ (ޖިބްރީލުގެފާނު މެދުވެރިކުރައްވައި) އެ ޤުރްއާން ކިޔަވައިދެއްވާހިނދު، ފަހެ، ކަލޭގެފާނު އެ ކިޔަވައިދެއްވުމާ ތަބަޢަ ވެވަޑައިގަންނަވާށެވެ! |
| ﴿19﴾ ثُمَّ إِنَّ عَلَيْنَا بَيَانَهُ |
| ދެން ހަމަކަށަވަރުން، އެ ޤުރްއާން ބަޔާންކޮށްދެއްވުން ވަނީވެސް ތިމަންރަސްކަލާނގެއަށެވެ. |
| ﴿20﴾ كَلَّا بَلْ تُحِبُّونَ الْعَاجِلَةَ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ލޯބިކުރަނީ ދުނިޔޭގެ ކަންތަކަށެވެ. |
| ﴿21﴾ وَتَذَرُونَ الْآخِرَةَ |
| އަދި ތިޔަބައިމީހުން އާޚިރަތް ދޫކޮށްލަމުއެވެ. |
| ﴿22﴾ وُجُوهٌ يَوْمَئِذٍ نَّاضِرَةٌ |
| އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ. |
| ﴿23﴾ إِلَىٰ رَبِّهَا نَاظِرَةٌ |
| އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ. |
| ﴿24﴾ وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ |
| އަދި އެދުވަހުން މޫނުތަކެއް ހުތުރުވެ، މޮޅިވެގެންވެއެވެ. |
| ﴿25﴾ تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ |
| މައިކަށީގެ ބަދަތައް ބިނދޭވަރުގެކަމެއް ކުރެވޭނެކަމަށް (އެ މޫނުތަކުގެ ވެރިން) ހީކުރެތެވެ. |
| ﴿26﴾ كَلَّا إِذَا بَلَغَتِ التَّرَاقِيَ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ވައިނޮޅިކަށިގަނޑާ ހަމަޔަށް ފުރާނަ ފޯރައްޖެހިނދެވެ. |
| ﴿27﴾ وَقِيلَ مَنْ ۜ رَاقٍ |
| އަދި އަންގަވާހިނދެވެ. ފަންޑިތައެއް ހަދައި، ފަރުވާއެއް ކުރާނީ ކާކުހެއްޔެވެ؟ |
| ﴿28﴾ وَظَنَّ أَنَّهُ الْفِرَاقُ |
| އަދި އެއީ ވަކިވުން ކަމުގައި ޔަޤީން ކޮށްފި ހިނދެވެ. |
| ﴿29﴾ وَالْتَفَّتِ السَّاقُ بِالسَّاقِ |
| އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅައިލެވޭހިނދެވެ. |
| ﴿30﴾ إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ |
| އެދުވަހުން އެމީހަކު ގެންދެވުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ. |
| ﴿31﴾ فَلَا صَدَّقَ وَلَا صَلَّىٰ |
| ފަހެ، އޭނާ (ﷲގެ ފޮތް) ތެދެއްވެސް ނުކުރެތެވެ. އަދި ނަމާދެއްވެސް ނުކުރެތެވެ. |
| ﴿32﴾ وَلَٰكِن كَذَّبَ وَتَوَلَّىٰ |
| އެހެނެއްކަމަކު އޭނާ ދޮގުކުރިއެވެ. އަދި އޭނާ ފުރަގަސްދީ އެނބުރިދިޔައެވެ. |
| ﴿33﴾ ثُمَّ ذَهَبَ إِلَىٰ أَهْلِهِ يَتَمَطَّىٰ |
| ދެން އޭނާގެ އަހުލުވެރިންގެ ގާތަށް ބޮޑާކަންމަތީ ހިނގަމުންދިޔައެވެ. |
| ﴿34﴾ أَوْلَىٰ لَكَ فَأَوْلَىٰ |
| ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ. |
| ﴿35﴾ ثُمَّ أَوْلَىٰ لَكَ فَأَوْلَىٰ |
| ދެންވެސް ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ. |
| ﴿36﴾ أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى |
| ބޭކާރުގޮތުގައި އޭނާ ދޫކޮށްލައްވާނެކަމަށް އިންސާނާ ހީކުރަނީ ހެއްޔެވެ؟ |
| ﴿37﴾ أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَىٰ |
| އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭހެއްޔެވެ؟ |
| ﴿38﴾ ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ |
| ދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާ ވިއެވެ. ފަހެ، އެކަލާނގެ އެ އިންސާނާ ހައްދަވައި، ފުރިހަމަކުރެއްވިއެވެ. |
| ﴿39﴾ فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ |
| ފަހެ، އޭނާގެ ކިބައިން، ފިރިހެން އަންހެން ދެބާވަތް އުފެއްދެވިއެވެ. |
| ﴿40﴾ أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ |
| އެކަން އެގޮތަށް ކުރެއްވި ރަސްކަލާނގެ، މަރުވެފައިވާ މީހުން އަލުން ދިރުއްވުމަށް ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟ |
|