އަލް ޖާޡިޔަ
ފަހަތަށް
الجاثية ކުރިއަށް
﴿1﴾ حم
ح م (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.)
﴿2﴾ تَنزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ
މިއީ ޢަޒީޒުވަންތަ، ޙަކީމްވަންތަ ﷲގެ ޙަޟްރަތުން ބާވައިލެއްވި ފޮތެވެ.
﴿3﴾ إِنَّ فِي السَّمَاوَاتِ وَالْأَرْضِ لَآيَاتٍ لِّلْمُؤْمِنِينَ
ހަމަކަށަވަރުން، މުއުމިނުންނަށް އުޑުތަކާއި، ބިމުގައި (ﷲގެ ޤުދުރަތްތެރިކަމުގެ) ހެކިތަކެއްވާކަން ކަށަވަރެވެ.
﴿4﴾ وَفِي خَلْقِكُمْ وَمَا يَبُثُّ مِن دَابَّةٍ آيَاتٌ لِّقَوْمٍ يُوقِنُونَ
އަދި ތިޔަބައިމީހުން ހެއްދެވުމުގައްޔާއި، އެކަލާނގެ ފަތުރުއްވާފައިވާ (އެންމެހާ) ދިރޭތަކެތީގައި ޔަޤީން ކުރާ ބަޔަކަށް ހެކިތަކެއްވެއެވެ.
﴿5﴾ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَمَا أَنزَلَ اللَّهُ مِنَ السَّمَاءِ مِن رِّزْقٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَتَصْرِيفِ الرِّيَاحِ آيَاتٌ لِّقَوْمٍ يَعْقِلُونَ
އަދި ރޭދުވާ ތަފާތުވުމުގައްޔާއި، ބިން މަރުވުމަށްފަހު، ﷲ، އުޑުން ވެއްސެވި ރިޒްޤުން (އެބަހީ: ވާރޭފެނުން) އެ ބިން ދިރުއްވިކަމާއި، ވައިރޯޅި (އެކިފަރާތްފަރާތަށް) ހިންގެވުމުގައި، ވިސްނާބަޔަކަށް ހެކިތަކެއްވެއެވެ.
﴿6﴾ تِلْكَ آيَاتُ اللَّهِ نَتْلُوهَا عَلَيْكَ بِالْحَقِّ ۖ فَبِأَيِّ حَدِيثٍ بَعْدَ اللَّهِ وَآيَاتِهِ يُؤْمِنُونَ
އެއީ ﷲގެ އާޔަތްތަކެވެ. ޙައްޤު (ތެދު) ގޮތުގައި ކަލޭގެފާނަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔައިދެއްވަމެވެ. ފަހެ، ﷲގެ ފޮތާއި، އެކަލާނގެ އާޔަތްތަކަށްފަހުގައި، އެއުރެން އީމާން ވާނީ ކޮންވާހަކަޔަކަށް ހެއްޔެވެ؟
﴿7﴾ وَيْلٌ لِّكُلِّ أَفَّاكٍ أَثِيمٍ
ދޮގުހަދާ، ފާފަވެރި ކޮންމެ މީހަކަށް ހަލާކާއި ގެއްލުން ހުށްޓެވެ.
﴿8﴾ يَسْمَعُ آيَاتِ اللَّهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ
ﷲގެ އާޔަތްތައް އެމީހަކަށް ކިޔައިދެވޭ އަޑުއަހައިމެ، ދެން އޭގެ އަޑު ނާހާފަދައިން ބޮޑާވެގަތުމާއެކު (ކާފިރު ކަންމަތީ ދެމިހުރުމަށް) ގަދަހަދާ މީހާޔަށް ވޭންދެނިވި ޢަޛާބު ހުރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!
﴿9﴾ وَإِذَا عَلِمَ مِنْ آيَاتِنَا شَيْئًا اتَّخَذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُّهِينٌ
އަދި ތިމަންރަސްކަލާނގެ އާޔަތްތަކުން އެއްޗެއް އޭނާއަށް އެނގިއްޖެނަމަ، އެއެއްޗެއް ފުރައްސާރައަކަށް ހަދައިގެން އުޅެތެވެ. އެއުރެންނަށް އިހާނަތްތެރިކަންދެނިވި ޢަޛާބު ހުށްޓެވެ.
﴿10﴾ مِّن وَرَائِهِمْ جَهَنَّمُ ۖ وَلَا يُغْنِي عَنْهُم مَّا كَسَبُوا شَيْئًا وَلَا مَا اتَّخَذُوا مِن دُونِ اللَّهِ أَوْلِيَاءَ ۖ وَلَهُمْ عَذَابٌ عَظِيمٌ
އެއުރެންގެ ފަހަތުގައިވަނީ ނަރަކަޔެވެ. އަދި އެއުރެން ހޯދި އެއްޗަކުން ނުވަތަ ﷲ ފިޔަވައި އެއުރެން އެހީތެރިން ކަމުގައި ހިފިތަކެއްޗަކުން، އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުށްޓެވެ.
﴿11﴾ هَٰذَا هُدًى ۖ وَالَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ
މިއީ (އެބަހީ: މި ޤުރްއާނަކީ) ތެދުމަގެކެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުންނަށް ވޭންދެނިވި، އެންމެގަދަ ޢަޛާބުން ޢަޛާބު ހުށްޓެވެ.
﴿12﴾ ۞ اللَّهُ الَّذِي سَخَّرَ لَكُمُ الْبَحْرَ لِتَجْرِيَ الْفُلْكُ فِيهِ بِأَمْرِهِ وَلِتَبْتَغُوا مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
ﷲއީ، ތިޔަބައިމީހުންނަށްޓަކައި ކަނޑު ޚިދުމަތްތެރިކުރެއްވި ރަސްކަލާނގެއެވެ. (އެއީ) އެކަލާނގެ އަމުރުފުޅަށް އެތާނގައި އުޅަނދުތައް ދުވުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އެކަލާނގެ ފަޟްލުވަންތަކަމުން އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ޝުކުރު ކުރުމަށްޓަކައެވެ.
﴿13﴾ وَسَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الْأَرْضِ جَمِيعًا مِّنْهُ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ
އަދި އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ޚިދުމަތްތެރިކޮށްދެއްވިއެވެ. އެހުރިހާ ތަކެއްޗެއްވަނީ، އެކަލާނގެ ޙަޟްރަތުންނެވެ. ހަމަކަށަވަރުން، އެކަމުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
﴿14﴾ قُل لِّلَّذِينَ آمَنُوا يَغْفِرُوا لِلَّذِينَ لَا يَرْجُونَ أَيَّامَ اللَّهِ لِيَجْزِيَ قَوْمًا بِمَا كَانُوا يَكْسِبُونَ
އީމާންވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ﷲގެ ދުވަސްތަކަށް (އެބަހީ: އެކަލާނގެ ޢުޤޫބާތަށް) ބިރުނުގަންނަ މީހުންނަށް މާފު (ކޮށް އެއުރެންގެ އުނދަގޫތަކަށް ކެތް) ކުރާހުށިކަމެވެ! (އެއީ) އެއުރެން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުން އެކަލާނގެ އެއުރެންނަށް ޖަޒާ ދެއްވުމަށްޓަކައެވެ.
﴿15﴾ مَنْ عَمِلَ صَالِحًا فَلِنَفْسِهِ ۖ وَمَنْ أَسَاءَ فَعَلَيْهَا ۖ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ
ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ، އެމީހާގެ އަމިއްލަ ނަފްސަށެވެ. އަދި ނުބައި ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުރީ، ހަމަ އެ ނަފްސުގެ މައްޗަށެވެ. ދެން ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ.
﴿16﴾ وَلَقَدْ آتَيْنَا بَنِي إِسْرَائِيلَ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى الْعَالَمِينَ
ހަމަކަށަވަރުން، އިސްރާއީލުގެދަރިންނަށް ތިމަންރަސްކަލާނގެ ފޮތާއި، ޙިކުމަތާއި، ނަބީކަން ދެއްވީމެވެ. އަދި ރަނގަޅު ތަކެތިން އެއުރެންނަށް ރިޒްޤު ދެއްވީމެވެ. އަދި (އެދުވަސްވަރުގެ) ޢާލަމްތަކުގެ މައްޗަށް އެއުރެން މާތްކުރެއްވީމެވެ.
﴿17﴾ وَآتَيْنَاهُم بَيِّنَاتٍ مِّنَ الْأَمْرِ ۖ فَمَا اخْتَلَفُوا إِلَّا مِن بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ ۚ إِنَّ رَبَّكَ يَقْضِي بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ
އަދި ދީނުގެ ކަންތަކާމެދުގައި ބަޔާން ވެގެންވާ ހެކިތަކެއް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ. ފަހެ، އެއުރެންނާ ހަމަޔަށް ޢިލްމު އައުމަށްފަހުގައި މެނުވީ، އެއުރެން ޚިލާފެއް ނުވެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، ޙަސަދަވެރިކަމުންނެވެ. ހަމަކަށަވަރުން، އެއުރެން ޚިލާފުވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޤިޔާމަތް ދުވަހުން އެއުރެންގެ މެދުގައި ނިޔާ ކުރައްވާނެތެވެ.
﴿18﴾ ثُمَّ جَعَلْنَاكَ عَلَىٰ شَرِيعَةٍ مِّنَ الْأَمْرِ فَاتَّبِعْهَا وَلَا تَتَّبِعْ أَهْوَاءَ الَّذِينَ لَا يَعْلَمُونَ
ދެން ތިމަންރަސްކަލާނގެ ދީނުގެ ކަންތަކުގައި (ފާޅުވެގެންވާ) ޝަރީޢަތެއްގެ މަތީގައި ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު އެޔަށް ތަބަޢަ ވެވަޑައިގަންނަވާށެވެ! އަދި ނުދަންނަ މީހުންގެ އެދުންތަކަށް ކަލޭގެފާނު ތަބަޢަ ވެވަޑައި ނުގަންނަވާށެވެ!
﴿19﴾ إِنَّهُمْ لَن يُغْنُوا عَنكَ مِنَ اللَّهِ شَيْئًا ۚ وَإِنَّ الظَّالِمِينَ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۖ وَاللَّهُ وَلِيُّ الْمُتَّقِينَ
ހަމަކަށަވަރުން، އެއުރެންނަކަށް ﷲގެ ޙަޟްރަތުން ކަލޭގެފާނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި ހަމަކަށަވަރުން، އަނިޔާވެރިންނީ އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިންނެވެ. އަދި ﷲއީ، ތަޤްވާވެރިންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ.
﴿20﴾ هَٰذَا بَصَائِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِّقَوْمٍ يُوقِنُونَ
މި ޤުރްއާނަކީ، މީސްތަކުންނަށްވާ އަލިގަދަ ދަލީލުތަކެކެވެ. އަދި ޔަޤީން ކުރާ ބަޔަކަށްވާ ހިދާޔަތަކާއި، ރަޙްމަތެކެވެ.
﴿21﴾ أَمْ حَسِبَ الَّذِينَ اجْتَرَحُوا السَّيِّئَاتِ أَن نَّجْعَلَهُمْ كَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَوَاءً مَّحْيَاهُمْ وَمَمَاتُهُمْ ۚ سَاءَ مَا يَحْكُمُونَ
ނުބައިކަންތައް ކުރިމީހުން، އީމާންވެ ޞާލިޙު ޢަމަލުތައްކުރި މީހުންނާއެއްފަދަ ކަމުގައި ތިމަންރަސްކަލާނގެ ލައްވާނޭކަމަށް (އަދި) އެއުރެންގެ ދިރިތިބުމާއި، މަރުވުން، ހަމަހަމަވެގެންވާކަމަށް އެއުރެން ހީކުރީހެއްޔެވެ؟ އެއުރެން ކުރާ ޙުކުމް ހާދަހާ ނުބައިވެގެންވެއެވެ!
﴿22﴾ وَخَلَقَ اللَّهُ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ وَلِتُجْزَىٰ كُلُّ نَفْسٍ بِمَا كَسَبَتْ وَهُمْ لَا يُظْلَمُونَ
ﷲ، އުޑުތަކާއި ބިން ޙައްޤު ގޮތުގައި ހެއްދެވިއެވެ. (އެއީ) ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ހޯދިކަމެއްގެ ޖަޒާދެއްވުމަށެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.
﴿23﴾ أَفَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ وَأَضَلَّهُ اللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِ وَقَلْبِهِ وَجَعَلَ عَلَىٰ بَصَرِهِ غِشَاوَةً فَمَن يَهْدِيهِ مِن بَعْدِ اللَّهِ ۚ أَفَلَا تَذَكَّرُونَ
ފަހެ، އެމީހެއްގެ އެދުންތައް އެއީ، އެމީހަކު އަޅުކަންކުރާ އިލާހެއްކަމުގައި ހަދައި، އަދި ޢިލްމު ލިބިފައިވުމާއެކުވެސް، ﷲ އެމީހަކު މަގުފުރައްދަވައި، އަދި އޭނާގެ އިވުމާއި، ހިތުގައި ސިއްކަޖައްސަވައި، އަދި އޭނާގެ ލޮލުގައި ފަރުދާއެއްލައްވައިފިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ ﷲ މެނުވީ އެމީހަކަށް ތެދުމަގު ދައްކާނީ ފަހެ، ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟
﴿24﴾ وَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ
އެއުރެން ބުނޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުންމެނުވީ، އެހެން ދިރިއުޅުމެއްނެތެވެ. ތިމަންމެން ދިރިތިބެމުއެވެ. އަދި މަރުވަމުއެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެތެވެ. އެކަމާމެދު އެއުރެންނަކަށް އެއްވެސް ޢިލްމެއް ނުވެއެވެ. އެއުރެންނީ ހީކުރާބަޔަކު ކަމުގައިމެނުވީ ނުވެތެވެ.
﴿25﴾ وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ مَّا كَانَ حُجَّتَهُمْ إِلَّا أَن قَالُوا ائْتُوا بِآبَائِنَا إِن كُنتُمْ صَادِقِينَ
އަދި އެބައިމީހުންނަށް ތިމަންރަސްކަލާނގެ އާޔަތްތައް ބަޔާން ވެގެންވާގޮތުގައި ކިޔައިދެއްވާހިނދު، ތިޔަބައިމީހުން ތެދުވެރިންކަމުގައިވަނީނަމަ، ތިމަންމެންގެ ކާބަފައިން ތިމަންމެންނަށް ގެނެސްދޭށޭ ބުނުންމެނުވީ އެއުރެން ދައްކާނޭ ޙުއްޖަތެއް ނުވެތެވެ.
﴿26﴾ قُلِ اللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ތިޔަބައިމީހުން ދިރުއްވައެވެ. ދެން އެޔަށްފަހު ތިޔަބައިމީހުން މަރުގަންނަވަތެވެ. ދެން ޤިޔާމަތް ދުވަހަށް ތިޔަބައިމީހުން (ދިރުއްވައި) އެއްކުރައްވާނެތެވެ. އެކަމާމެދަކު ޝައްކެއްނެތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.
﴿27﴾ وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَيَوْمَ تَقُومُ السَّاعَةُ يَوْمَئِذٍ يَخْسَرُ الْمُبْطِلُونَ
އުޑުތަކާއި، ބިމުގެވެރިކަންވަނީ ﷲއަށެވެ. އަދި ޤިޔާމަތުގެ ވަގުތު އަންނަދުވަހު، އެދުވަހުން ބާޠިލުގެ އަހުލުވެރިން ގެއްލި ހަލާކުވެދާހުށްޓެވެ.
﴿28﴾ وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰ إِلَىٰ كِتَابِهَا الْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ
އަދި ކޮންމެ އުއްމަތެއްމެ ކަކޫޖަހައިގެންތިބޭތީ ތިބާޔަށް ފެންނާނެތެވެ. ކޮންމެ އުއްމަތް އެންމެ އެ އުއްމަތެއްގެ (ޢަމަލުގެ) ފަތުގެ ކައިރިޔަށް ގޮވައި ގެންނަވާނެތެވެ. (އަދި އެއުރެންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުންނަށް މިއަދު ޖަޒާ ދެއްވާނެތެވެ.
﴿29﴾ هَٰذَا كِتَابُنَا يَنطِقُ عَلَيْكُم بِالْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ
މިއީ ތިމަންރަސްކަލާނގެ ފަތެވެ. އެ ފަތް ތިޔަބައިމީހުންގެ މައްޗަށް ޙައްޤު ގޮތުގައި ހެކިދެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތައް (މަލާއިކަތުން މެދުވެރިކުރައްވައި) ލިޔުއްވީމެވެ.
﴿30﴾ فَأَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَيُدْخِلُهُمْ رَبُّهُمْ فِي رَحْمَتِهِ ۚ ذَٰلِكَ هُوَ الْفَوْزُ الْمُبِينُ
ފަހެ، އީމާންވެ އަދި ޞާލިޙު ޢަމަލުތައްކުޅަމީހުން ދަންނާށެވެ! ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ އެކަލާނގެ ރަޙްމަތުގެ ތެރެޔަށް އެއުރެން ވައްދަވާނެތެވެ. ބަޔާންވެގެންވާ ނަޞީބު ލިބުމަކީ ހަމައެއީއެވެ.
﴿31﴾ وَأَمَّا الَّذِينَ كَفَرُوا أَفَلَمْ تَكُنْ آيَاتِي تُتْلَىٰ عَلَيْكُمْ فَاسْتَكْبَرْتُمْ وَكُنتُمْ قَوْمًا مُّجْرِمِينَ
އަދި ކާފިރުވި މީހުން ދަންނާށެވެ! (އެއުރެންނަށް އަންގަވާނެތެވެ.) ފަހެ، ތިމަންރަސްކަލާނގެ އާޔަތްތައް ތިޔަބައިމީހުންގެ މައްޗަށް ކިޔައިދެއްވާކަމުގައި ނުވޭހެއްޔެވެ؟ ދެން ތިޔަބައިމީހުން ކިބުރުވެރިވެގަތީމުއެވެ. އަދި ކުށްވެރިބަޔަކު ކަމުގައި ތިޔަބައިމީހުން ވީމުއެވެ.
﴿32﴾ وَإِذَا قِيلَ إِنَّ وَعْدَ اللَّهِ حَقٌّ وَالسَّاعَةُ لَا رَيْبَ فِيهَا قُلْتُم مَّا نَدْرِي مَا السَّاعَةُ إِن نَّظُنُّ إِلَّا ظَنًّا وَمَا نَحْنُ بِمُسْتَيْقِنِينَ
އަދި ހަމަކަށަވަރުން، ﷲގެ ވަޢުދުފުޅަކީ ޙައްޤު ތެދޭ، އަދި ޤިޔާމަތާ ދޭތެރޭގައި ޝައްކެއްނެތޭ ބުނާހިނދު، ތިޔަބައިމީހުން ބުނަމުއެވެ. ޤިޔާމަތަކީ ކޮންއެއްޗެއްކަން ތިމަންމެން ނުދަންނަމުއެވެ. ތިމަންމެން (އެކަމާމެދު) ހީއެއްނޫނީ ނުކުރަމުއެވެ. އަދި ޔަޤީން ކުރާބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
﴿33﴾ وَبَدَا لَهُمْ سَيِّئَاتُ مَا عَمِلُوا وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِئُونَ
އަދި އެއުރެންކުރި ޢަމަލުތަކުގެ ނުބައިކަން އެއުރެންނަށް ފާޅުވިއެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްތައް (އެބަހީ: އެކަމުގެ ޢަޛާބު) އައިސް، އެއުރެން ވަށައިލިއެވެ.
﴿34﴾ وَقِيلَ الْيَوْمَ نَنسَاكُمْ كَمَا نَسِيتُمْ لِقَاءَ يَوْمِكُمْ هَٰذَا وَمَأْوَاكُمُ النَّارُ وَمَا لَكُم مِّن نَّاصِرِينَ
އަދި އަންގަވާނެތެވެ. ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނެކަން ތިޔަބައިމީހުން ހަނދާންނައްތައިލި ފަދައިން، މިއަދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަނައްތަވާހުށީމެވެ. އަދި ތިޔަބައިމީހުން ތިބެނިވި ތަނަކީ ނަރަކަޔެވެ. އަދި ތިޔަބައިމީހުންނަށް ނަޞްރު ދޭނޭ އެއްވެސް ބަޔަކު ނުވެތެވެ.
﴿35﴾ ذَٰلِكُم بِأَنَّكُمُ اتَّخَذْتُمْ آيَاتِ اللَّهِ هُزُوًا وَغَرَّتْكُمُ الْحَيَاةُ الدُّنْيَا ۚ فَالْيَوْمَ لَا يُخْرَجُونَ مِنْهَا وَلَا هُمْ يُسْتَعْتَبُونَ
އެއީ ތިޔަބައިމީހުން ﷲގެ އާޔަތްތައް، ފުރައްސާރައެއް ކަމުގައި ހެދިކަމަށްޓަކައެވެ. އަދި ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރި ކަމަށްޓަކައެވެ. ފަހެ، މިއަދު އެއުރެން އެ ނަރަކަޔަކުން ނުނެރުއްވާނެތެވެ. އަދި އެކަލާނގެ ރުއްސަވާ މަގަށް އެނބުރި ދިޔުމަކަށް، އެއުރެންނަކަށް ތަނެއް ނުމެދެއްވާނޭމެއެވެ.
﴿36﴾ فَلِلَّهِ الْحَمْدُ رَبِّ السَّمَاوَاتِ وَرَبِّ الْأَرْضِ رَبِّ الْعَالَمِينَ
ފަހެ، ޙަމްދު ހުރީ ﷲއަށެވެ. (އެއީ) އުޑުތަކުގެވެރި، އަދި ބިމުގެވެރި، ޢާލަމްތަކުގެ ވެރިރަސްކަލާނގެއެވެ.
﴿37﴾ وَلَهُ الْكِبْرِيَاءُ فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ
އަދި އުޑުތަކާއި، ބިމުގައި ޢަޡަމަތްތެރިކަމާއި، ބާރުވެރިކަންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ ޙަކީމްވަންތަ ރަސްކަލާނގެއެވެ.
ފަހަތަށް
ކުރިއަށް