ޤާފް
ފަހަތަށް
ق ކުރިއަށް
﴿1﴾ ق ۚ وَالْقُرْآنِ الْمَجِيدِ
ق (މި އަކުރުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.) މާތްވެގެންވާ ޤުރްއާން ގަންދެއްވައި ވަޙީ ކުރައްވަމެވެ. (ހަމަކަށަވަރުން، އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ މުޙައްމަދުގެފާނު ފޮނުއްވީމެވެ.)
﴿2﴾ بَلْ عَجِبُوا أَن جَاءَهُم مُّنذِرٌ مِّنْهُمْ فَقَالَ الْكَافِرُونَ هَٰذَا شَيْءٌ عَجِيبٌ
އަދި ކިއެއްތަ! އިންޛާރު ކުރައްވާ ބޭކަލަކު އެއުރެންގެ ތެރެއިން، އެއުރެންގެ ގާތަށް ވަޑައިގަތްކަމަށްޓަކައި، އެއުރެން ޙާއިރާން ވޫއެވެ. ފަހެ، ކާފިރުން ބުނޫއެވެ. މިއީ ޢަޖާއިބު ވާފަދަ ކަމެކެވެ.
﴿3﴾ أَإِذَا مِتْنَا وَكُنَّا تُرَابًا ۖ ذَٰلِكَ رَجْعٌ بَعِيدٌ
(ތިމަންމެން އަލުން ދިރުމަކަށް ރުޖޫޢަ ވާހުށީ) ތިމަންމެން މަރުވެ ވެއްޔަށްވީމާ ހެއްޔެވެ؟ އެއީ ވަރަށްވެސް ދުރު ރުޖޫޢަ ވުމެކެވެ.
﴿4﴾ قَدْ عَلِمْنَا مَا تَنقُصُ الْأَرْضُ مِنْهُمْ ۖ وَعِندَنَا كِتَابٌ حَفِيظٌ
ހަމަކަށަވަރުން، ބިންގަނޑު އެއުރެންގެ ހަށިތަކުން އުނިކުރާ އެއްޗެއް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި ތިމަންރަސްކަލާނގެ ޙަޟްރަތުގައި (ހުރިހާ އެއްޗެއް) ރައްކާކުރާ ފޮތެއްވެއެވެ.
﴿5﴾ بَلْ كَذَّبُوا بِالْحَقِّ لَمَّا جَاءَهُمْ فَهُمْ فِي أَمْرٍ مَّرِيجٍ
އަދި ކިއެއްތަ! އެއުރެންގެ ގާތަށް ޙައްޤު އައިހިނދު، އެއުރެން އެ ދޮގުކުރޫއެވެ. ފަހެ، އެއުރެންވަނީ، ހަމަޖެހުމެއްނެތް ޙާލަތެއްގެ ތެރޭގައެވެ.
﴿6﴾ أَفَلَمْ يَنظُرُوا إِلَى السَّمَاءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِن فُرُوجٍ
ފަހެ، އެއުރެންނާ ދިމާ މަތީގައިވާ އުޑު، ތިމަންރަސްކަލާނގެ ހައްދަވައި، އެ އުޑު ޒީނަތްތެރި ކުރައްވާފައިވަނީ ކޮންފަދައަކުންކަން އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި އެ އުޑު ފަޅަފަޅައިގެން ގޮސްފައެއްވެސް ނުވެއެވެ.
﴿7﴾ وَالْأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَنبَتْنَا فِيهَا مِن كُلِّ زَوْجٍ بَهِيجٍ
އަދި ތިމަންރަސްކަލާނގެ ބިން ފަތުރުއްވައި، އެ ބިމުގައި ސާބިތުވެގެންވާ ފަރުބަދަތައް ލެއްވީމެވެ. އަދި އެ ބިމުގައި ހިތްއުފާކުރުވަނިވި ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ.
﴿8﴾ تَبْصِرَةً وَذِكْرَىٰ لِكُلِّ عَبْدٍ مُّنِيبٍ
(އެއީ ތިމަންރަސްކަލާނގެއަށް) ތައުބާވާ ކޮންމެ އަޅަކަށް ޢިބްރަތެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ.
﴿9﴾ وَنَزَّلْنَا مِنَ السَّمَاءِ مَاءً مُّبَارَكًا فَأَنبَتْنَا بِهِ جَنَّاتٍ وَحَبَّ الْحَصِيدِ
އަދި ތިމަންރަސްކަލާނގެ އުޑުން ބަރަކާތްތެރި ފެނެއް ވެއްސެވީމެވެ. އަދި އެއިން ބަގީޗާތަކާއި، ކަނޑައި ރައްކާކުރެވޭ ގޮވާމުގެ އޮށްޓަރު ފެޅުއްވީމެވެ.
﴿10﴾ وَالنَّخْلَ بَاسِقَاتٍ لَّهَا طَلْعٌ نَّضِيدٌ
އަދި މަތިމައްޗަށްހުރި އެތްތައް ނުކުމެފައިވާ ދިގު ކަދުރުރުއްތައްވެސް (ފެޅުއްވީމެވެ.)
﴿11﴾ رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِ بَلْدَةً مَّيْتًا ۚ كَذَٰلِكَ الْخُرُوجُ
(އެއީ) އަޅުތަކުންނަށް ރޯއްޖެއް ކަމުގައެވެ. އަދި މަރުވެފައިވާ ރަށެއް އެ ފެނުން، ތިމަންރަސްކަލާނގެ ދިރުއްވީމެވެ. (ކަށްވަޅުތަކުން) ނުކުތުންވެސް ވަނީ އެފަދައިންނެވެ.
﴿12﴾ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَأَصْحَابُ الرَّسِّ وَثَمُودُ
އެއުރެންގެ ކުރީގައި، ނޫޙުގެފާނުގެ ޤައުމުގެމީހުންނާއި، ރައްސުގެ އެކުވެރިންނާއި، ޘަމޫދު ބާގައިމީހުން (ރަސޫލުން) ދޮގުކުރޫއެވެ.
﴿13﴾ وَعَادٌ وَفِرْعَوْنُ وَإِخْوَانُ لُوطٍ
އަދި ޢާދު ބާގައިމީހުންނާއި، ފިރްޢައުނާއި ލޫޠުގެފާނުގެ އިޚްވާނުންވެސް (ދޮގުކުރޫއެވެ.)
﴿14﴾ وَأَصْحَابُ الْأَيْكَةِ وَقَوْمُ تُبَّعٍ ۚ كُلٌّ كَذَّبَ الرُّسُلَ فَحَقَّ وَعِيدِ
އަދި އަލްއައިކަތުގެ އެކުވެރިންނާއި، ތުއްބަޢުގެ ޤައުމުގެމީހުންނާއި، އެހުރިހާ އެންމެންވެސް ރަސޫލުން ދޮގުކުރޫއެވެ. ތިމަންރަސްކަލާނގެ ވަޢީދު (އެއުރެންނަށް) ޙައްޤު ވެއްޖެއެވެ.
﴿15﴾ أَفَعَيِينَا بِالْخَلْقِ الْأَوَّلِ ۚ بَلْ هُمْ فِي لَبْسٍ مِّنْ خَلْقٍ جَدِيدٍ
ފަހެ، ފުރަތަމަފަހަރު އުފެއްދެވުމަށް، ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެން ވީންހެއްޔެވެ؟ (ވީމާ، ދެވަނަފަހަރަށް އަލުން އިޢާދަ ކުރެއްވުމަށް ނުކުޅެދިވޮޑިގެން ވާނެހެއްޔެވެ؟) އަދި ކިއެއްތަ! އެއުރެންވަނީ އަލުން ހެއްދެވުމާމެދު ޝައްކެއްގައެވެ.
﴿16﴾ وَلَقَدْ خَلَقْنَا الْإِنسَانَ وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ الْوَرِيدِ
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ ނަފްސު އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ.
﴿17﴾ إِذْ يَتَلَقَّى الْمُتَلَقِّيَانِ عَنِ الْيَمِينِ وَعَنِ الشِّمَالِ قَعِيدٌ
(އެއީ އޭނާގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ތިއްބަވާ ދެ މަލާއިކަތުން (އޭނާ ކުރާ ކަންތަކާއި، ބުނާ ބަސްތައް) ލިޔުއްވާހިނދުގައެވެ.
﴿18﴾ مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ
(ކުރާ ޢަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.
﴿19﴾ وَجَاءَتْ سَكْرَةُ الْمَوْتِ بِالْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ
އަދި މަރުގެ ސަކަރާތް ޙައްޤު ގޮތުގައި އަންނަހުށްޓެވެ. އެއީ ތިބާ އެޔަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ.
﴿20﴾ وَنُفِخَ فِي الصُّورِ ۚ ذَٰلِكَ يَوْمُ الْوَعِيدِ
(އަލުން ދިރުއްވުމަށް) ތާޅަފިލި ފުމެލައްވާނެތެވެ. އެއީ (ކާފިރުންނަށް ޢަޛާބުގެ) ވަޢީދު އަންނަ ދުވަހެވެ.
﴿21﴾ وَجَاءَتْ كُلُّ نَفْسٍ مَّعَهَا سَائِقٌ وَشَهِيدٌ
އަދި (އެދުވަހު) ކޮންމެ ނަފްސެއް (މަޙްޝަރު ބިމަށް) އަންނަހުށީ، އޭނާޔާ އެކުގައި ލަވައި ގެންދާނޭ މަލާއިކަތަކާއި، ހެތްކަކުވާ ޙާލުގައެވެ.
﴿22﴾ لَّقَدْ كُنتَ فِي غَفْلَةٍ مِّنْ هَٰذَا فَكَشَفْنَا عَنكَ غِطَاءَكَ فَبَصَرُكَ الْيَوْمَ حَدِيدٌ
ހަމަކަށަވަރުން، ތިބާ މިކަންތަކާމެދު ޣާފިލުކަމެއްގައިވީމުއެވެ. ފަހެ، ތިމަންރަސްކަލާނގެ ތިބާގެ ކިބައިން ޣާފިލުކަމުގެ ފަރުދާ ކަޝްފު ކުރެއްވީމެވެ. ފަހެ، މިއަދު ތިބާގެ ލޮލަކީ ތޫނު ލޮލެކެވެ.
﴿23﴾ وَقَالَ قَرِينُهُ هَٰذَا مَا لَدَيَّ عَتِيدٌ
އަދި އޭނާޔާ ޙަވާލު ވެފައިވާ މަލާއިކަތާ ވިދާޅުވާނެތެވެ. އަހުރެންނާއެކު ޙާޟިރު ކުރައްވާފައިވަނީ އޭނާގެ ޢަމަލުތަކުގެ ފަތެވެ.
﴿24﴾ أَلْقِيَا فِي جَهَنَّمَ كُلَّ كَفَّارٍ عَنِيدٍ
(އެ ދެ މަލާއިކަތުންނަށް އަންގަވާނެތެވެ.) ޙައްޤާދެކޮޅުހަދާ، ގޮތްދޫނުކުރާ ކޮންމެ ކާފިރަކު ނަރަކަޔަށް އެއްލަވާށެވެ!
﴿25﴾ مَّنَّاعٍ لِّلْخَيْرِ مُعْتَدٍ مُّرِيبٍ
(އެއީ) ހެޔޮކަންތައް މަނާކުރުން ގިނަ އަނިޔާވެރި، ދީނާމެދު ޝައްކު ކުރާ ކޮންމެ މީހެކެވެ.
﴿26﴾ الَّذِي جَعَلَ مَعَ اللَّهِ إِلَٰهًا آخَرَ فَأَلْقِيَاهُ فِي الْعَذَابِ الشَّدِيدِ
އެއީ ﷲއާއެކު އެހެން އިލާހަކު ޝަރީކު ކުރި މީހާއެވެ. ފަހެ، ތިޔަ ދެ މަލާއިކަތުން، އޭނާ ގަދަފަދަ ޢަޛާބުގެ ތެރެޔަށް އެއްލަވާށެވެ!
﴿27﴾ ۞ قَالَ قَرِينُهُ رَبَّنَا مَا أَطْغَيْتُهُ وَلَٰكِن كَانَ فِي ضَلَالٍ بَعِيدٍ
އޭނާޔާ އެކުގައިވާ ޝައިޠާނާ ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އޭނާ މަގުފުރެއްދީ ތިމަންނައެއް ނޫނެވެ. އެހެނެއްކަމަކު، އޭނާވީ ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.
﴿28﴾ قَالَ لَا تَخْتَصِمُوا لَدَيَّ وَقَدْ قَدَّمْتُ إِلَيْكُم بِالْوَعِيدِ
އެކަލާނގެ ވަޙީ ކުރައްވާނެތެވެ. ތިމަންރަސްކަލާނގެ ޙަޟްރަތުގައި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނަށް ޢަޛާބުގެ ވަޢީދު ވަނީ އިސްކުރައްވާފައެވެ.
﴿29﴾ مَا يُبَدَّلُ الْقَوْلُ لَدَيَّ وَمَا أَنَا بِظَلَّامٍ لِّلْعَبِيدِ
ތިމަންރަސްކަލާނގެ ޙަޟްރަތުގައި ވަޢީދުގެ ބަސްފުޅު ބަދަލުވުމެއްނެތެވެ. އަދި ތިމަންރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ.
﴿30﴾ يَوْمَ نَقُولُ لِجَهَنَّمَ هَلِ امْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍ
އެދުވަހަކީ، ތިމަންރަސްކަލާނގެ، ނަރަކަޔަށް، ކަލޭ ފުރިއްޖެހޭ ވަޙީ ކުރައްވާނޭ ދުވަހެވެ. އަދި އެ ނަރަކަ، ދެން އިތުރަކަށް ނެތްތޯއޭ ދަންނަވާނޭ ދުވަހެވެ.
﴿31﴾ وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ
އަދި ތަޤްވާވެރިންނަށް ސުވަރުގެ، ދުރުނޫން ހިސާބަކަށް ކައިރި ކުރައްވާނެތެވެ.
﴿32﴾ هَٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ
(އަދި އަންގަވާނެތެވެ.) މިއީ ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާ ކަންތަކެވެ. (އެކަންއޮތީ) ﷲގެ ޙަޟްރަތަށް ގިނަގިނައިން ރުޖޫޢަވާ، އަދި އެކަލާނގެ ޢަހުދުތަކަށް ރައްކާތެރިވާ ކޮންމެ މީހަކަށެވެ.
﴿33﴾ مَّنْ خَشِيَ الرَّحْمَٰنَ بِالْغَيْبِ وَجَاءَ بِقَلْبٍ مُّنِيبٍ
(އެއީ) ރަޙްމާންވަންތަ ރަސްކަލާނގެއަށް ޣައިބުގައި ބިރުވެތިވެ، އަދި އެކަލާނގެ ޙަޟްރަތަށް ތައުބާވާ ހިތަކާއިގެން އައި (ކޮންމެ) މީހެކެވެ.
﴿34﴾ ادْخُلُوهَا بِسَلَامٍ ۖ ذَٰلِكَ يَوْمُ الْخُلُودِ
(ތަޤްވާވެރިންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން އަމާންކަމާއެކު އެ ސުވަރުގެޔަށް ވަންނާށެވެ! އެއީ އަބަދަށް ދެމިތިބުމުގެ ދުވަހެވެ.
﴿35﴾ لَهُم مَّا يَشَاءُونَ فِيهَا وَلَدَيْنَا مَزِيدٌ
އެ ސުވަރުގޭގައި އެއުރެންނަށް އެއުރެން އެދޭހާ ކަމެއްވެއެވެ. އަދި ތިމަންރަސްކަލާނގެ ޙަޟްރަތުގައި އިތުރު ނިޢުމަތްތައްވެސް ވެއެވެ.
﴿36﴾ وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَشَدُّ مِنْهُم بَطْشًا فَنَقَّبُوا فِي الْبِلَادِ هَلْ مِن مَّحِيصٍ
އަދި އެއުރެންގެ ކުރިން، ތިމަންރަސްކަލާނގެ ކިތައްކިތައް އުއްމަތް ހަލާކުކުރެއްވިން ހެއްޔެވެ؟ އެއުރެންނަށްވުރެ، އެ އިހުގެ މީހުން ބާރުގެ ގޮތުން މާގަދަފަދައެވެ. ފަހެ، އެއުރެން ރަށްތަކަށް ދަތުރުކޮށް ހޯދައި ބެލިއެވެ. އެއުރެންނަށް ފިލަންދާނެތަނެއް ފެނުނުހެއްޔެވެ؟
﴿37﴾ إِنَّ فِي ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُ قَلْبٌ أَوْ أَلْقَى السَّمْعَ وَهُوَ شَهِيدٌ
ހަމަކަށަވަރުން، ހިތެއްވާ މީހަކަށް، ނުވަތަ ޙާޟިރު ވެހުރެ ކަނުލައި އަހާމީހަކަށް، އެކަމުގައި ނަޞޭޙަތާއި ޢިބްރަތް ވާކަން ކަށަވަރެވެ.
﴿38﴾ وَلَقَدْ خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް ވަރުބަލިކަމެއް ލިބިވޮޑިއެއް ނުގަންނަވަތެވެ.
﴿39﴾ فَاصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ
ފަހެ، އެއުރެން ދައްކާ ވާހަކަތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި އިރު އެރުމުގެ ކުރީގައްޔާއި، އޮސްފުހުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، ޙަމްދާއެކު ތަސްބީޙަ ވިދާޅުވެ، ނަމާދު ކުރައްވާށެވެ!
﴿40﴾ وَمِنَ اللَّيْلِ فَسَبِّحْهُ وَأَدْبَارَ السُّجُودِ
އަދި ރޭގަނޑުގައި އެކަލާނގެއަށް ތަސްބީޙަ ވިދާޅުވެ، ނަމާދު ކުރައްވާށެވެ! އަދި ނަމާދުތަކުގެ ފަހުގައި، ތަސްބީޙަ ވިދާޅުވާށެވެ!
﴿41﴾ وَاسْتَمِعْ يَوْمَ يُنَادِ الْمُنَادِ مِن مَّكَانٍ قَرِيبٍ
އަދި ކައިރިތަނަކުން ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާ ދުވަހު (ރަނގަޅަށް) އަޑުއަހާށެވެ!
﴿42﴾ يَوْمَ يَسْمَعُونَ الصَّيْحَةَ بِالْحَقِّ ۚ ذَٰلِكَ يَوْمُ الْخُرُوجِ
(އެއީ) އެއުރެންނަށް (އެބަހީ: ޚަލްޤުތަކުންނަށް) ޙައްޤު ގޮތުގައި ގަދަފަދަ އަޑު އިވޭނޭ ދުވަހެވެ. (އެއީ ތާޅަފިލީގެ ދެވަނަ ފުމެލެއްވުމުގެ އަޑެވެ.) އެއީ (ކަށްވަޅުތަކުން އެންމެން) ނުކުތުމުގެ ދުވަހެވެ.
﴿43﴾ إِنَّا نَحْنُ نُحْيِي وَنُمِيتُ وَإِلَيْنَا الْمَصِيرُ
ހަމަކަށަވަރުން، ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމަ ތިމަންރަސްކަލާނގެއެވެ. އަދި (އެންމެހާ ތަކެތި) ރުޖޫޢަ ވުންވަނީ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ.
﴿44﴾ يَوْمَ تَشَقَّقُ الْأَرْضُ عَنْهُمْ سِرَاعًا ۚ ذَٰلِكَ حَشْرٌ عَلَيْنَا يَسِيرٌ
(އެއީ) އެއުރެންގެ މަތިން ބިންގަނޑު ފަޅަފަޅައިގެންގޮސް އަވަސްއަވަހަށް މަޙްޝަރު ބިމަށް އެއުރެން ގެންދަވާ ދުވަހެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ އެއްކުރެއްވުމެކެވެ.
﴿45﴾ نَّحْنُ أَعْلَمُ بِمَا يَقُولُونَ ۖ وَمَا أَنتَ عَلَيْهِم بِجَبَّارٍ ۖ فَذَكِّرْ بِالْقُرْآنِ مَن يَخَافُ وَعِيدِ
އެއުރެން (އެބަހީ: ކާފިރުން) ބުނެއުޅޭ ބަސްތައް، ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ. އަދި ކަލޭގެފާނަކީ އެއުރެންގެ މައްޗަށް ގަދަކަން ދެއްކެވުމަށް ފޮނުއްވާފައިވާ ބޭކަލެއް ނޫނެވެ. ފަހެ، ތިމަންރަސްކަލާނގެ ވަޢީދަށް ބިރުގަންނަ މީހަކަށް، ކަލޭގެފާނު ޤުރްއާނުން ވަޢުޡާއި ނަޞޭޙަތް އިއްވަވާށެވެ!
ފަހަތަށް
ކުރިއަށް