|
﴿1﴾ وَالنَّجْمِ إِذَا هَوَىٰ |
އޮއްސިގެންދާހިނދު، ތަރި ގަންދެއްވައި ވަޙީ ކުރައްވަމެވެ. |
﴿2﴾ مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ |
ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: މުޙައްމަދުގެފާނު) ޙައްޤުގެމަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި ބާޠިލު އިޢުތިޤާދެއް ނުކުރައްވައެވެ. |
﴿3﴾ وَمَا يَنطِقُ عَنِ الْهَوَىٰ |
އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. |
﴿4﴾ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ |
އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެތެވެ. |
﴿5﴾ عَلَّمَهُ شَدِيدُ الْقُوَىٰ |
ބާރުގަދަ މަލާއިކަތަކު، އެކަލޭގެފާނަށް އެ (ވަޙީ) އުނގަންނައިދެއްވިއެވެ. |
﴿6﴾ ذُو مِرَّةٍ فَاسْتَوَىٰ |
(އެ މަލާއިކަތަކީ) ވިސްނުންތެރިކަމުގެ ވެރިޔެކެވެ. ފަހެ، އެ މަލާއިކަތާ އެކަލޭގެފާނުގެ އަޞްލު ޞޫރައިގައި ޤާއިމް ވެވަޑައިގެން ހުންނެވިއެވެ. |
﴿7﴾ وَهُوَ بِالْأُفُقِ الْأَعْلَىٰ |
(އެހިނދު) އެ މަލާއިކަތާ ވަނީ، އެންމެމަތީ އުދަރެހުގައެވެ. |
﴿8﴾ ثُمَّ دَنَا فَتَدَلَّىٰ |
ދެން އެ މަލާއިކަތާ (ރަސޫލާއާ) އަރިސްވެވަޑައިގަތެވެ. ދެން އެއަށްވުރެވެސް އަރިސްވެވަޑައިގަތެވެ. |
﴿9﴾ فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ |
އެ އަރިސްވުންވީ، ދެ ޤައުސުގެ މިންވަރަށެވެ. (އެބަހީ: ދެ ދުނިދަނޑީގެ މިންވަރަށެވެ.) ނުވަތަ އެއަށްވުރެވެސް އަރިހަށެވެ. |
﴿10﴾ فَأَوْحَىٰ إِلَىٰ عَبْدِهِ مَا أَوْحَىٰ |
ދެން (ﷲ) އެކަލާނގެ އަޅާއަށް ވަޙީ ކުރެއްވި އެއްޗެއް ވަޙީ ކުރެއްވިއެވެ. (އެބަހީ: މަތިވެރިވެގެންވާ ވަޙީ ބަސްފުޅުތަކެއް އެކަލޭގެފާނަށް އިއްވެވިއެވެ.) |
﴿11﴾ مَا كَذَبَ الْفُؤَادُ مَا رَأَىٰ |
އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު އިންކާރެއް ނުކުރައްވަތެވެ. |
﴿12﴾ أَفَتُمَارُونَهُ عَلَىٰ مَا يَرَىٰ |
އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟ |
﴿13﴾ وَلَقَدْ رَآهُ نَزْلَةً أُخْرَىٰ |
ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) އެހެންފަހަރަކުވެސް އެ މަލާއިކަތާ ދެކެވަޑައިގަތްކަން ކަށަވަރެވެ. |
﴿14﴾ عِندَ سِدْرَةِ الْمُنتَهَىٰ |
ސިދުރަތުލް މުންތަހާގެ ކައިރިންނެވެ. |
﴿15﴾ عِندَهَا جَنَّةُ الْمَأْوَىٰ |
އެތާނގެ ކައިރީގައި ޖައްނަތުލްމައުވާ ވެއެވެ. (އެއީ މުއުމިނުތަކުންގެ ފުރާނަތަކުގެ މަރުކަޒެވެ.) |
﴿16﴾ إِذْ يَغْشَى السِّدْرَةَ مَا يَغْشَىٰ |
ސިދުރަތުލް މުންތަހާ ފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ. |
﴿17﴾ مَا زَاغَ الْبَصَرُ وَمَا طَغَىٰ |
އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާތަން ފަހަނަޅައިވެސް ނުމެދޭމެއެވެ. |
﴿18﴾ لَقَدْ رَأَىٰ مِنْ آيَاتِ رَبِّهِ الْكُبْرَىٰ |
ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ. |
﴿19﴾ أَفَرَأَيْتُمُ اللَّاتَ وَالْعُزَّىٰ |
ފަހެ، ލާތައާއި، ޢުއްޒާއާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟ |
﴿20﴾ وَمَنَاةَ الثَّالِثَةَ الْأُخْرَىٰ |
އަދި މަނާތެވެ ކިއުނު އަނެއް ތިންވަނަ ބުދާ މެދުވެސްމެއެވެ. |
﴿21﴾ أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ |
ތިޔަބައިމީހުންނަށް ފިރިހެންދަރިންވެފައި، އެކަލާނގެއަށް އަންހެންދަރިން ވަނީ ހެއްޔެވެ؟ |
﴿22﴾ تِلْكَ إِذًا قِسْمَةٌ ضِيزَىٰ |
(އެހެންވަނީނަމަ) އެއީ ޙައްޤު މަގުން އެއްކިބާވެގެންވާ ބައިކުރުމެކެވެ. |
﴿23﴾ إِنْ هِيَ إِلَّا أَسْمَاءٌ سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّهُ بِهَا مِن سُلْطَانٍ ۚ إِن يَتَّبِعُونَ إِلَّا الظَّنَّ وَمَا تَهْوَى الْأَنفُسُ ۖ وَلَقَدْ جَاءَهُم مِّن رَّبِّهِمُ الْهُدَىٰ |
އެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން ކިޔައިގެންއުޅޭ ހުސް ނަންތަކެއް ކަމުގައިނޫނީ ނުވެތެވެ. އެތަކެއްޗަށް ﷲއެއްވެސްބާރެއް ދެއްވައިފައެއް ނުވެތެވެ. ހީއަކަށާއި، ހަވާނަފްސުގެ އެދުންތަކަކަށް މެނުވީ އެއުރެން ތަބަޢަ ވާކަމުގައި ނުވެތެވެ. ހަމަކަށަވަރުން، އެއުރެންނާ ހަމަޔަށް އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތެދުމަގު އައިސްފައިވާކަން ކަށަވަރެވެ. |
﴿24﴾ أَمْ لِلْإِنسَانِ مَا تَمَنَّىٰ |
އަދި ކިއެއްތަ! އިންސާނާއަށް އޭނާ އެދޭހާކަމެއް ލިބޭހެއްޔެވެ؟ |
﴿25﴾ فَلِلَّهِ الْآخِرَةُ وَالْأُولَىٰ |
ފަހެ، ދުނިޔެއާއި، އާޚިރަތުގެ ކަންތައް މިލްކުވެ ޚާއްޞަ ވެގެންވަނީ ﷲއަށެވެ. |
﴿26﴾ ۞ وَكَم مِّن مَّلَكٍ فِي السَّمَاوَاتِ لَا تُغْنِي شَفَاعَتُهُمْ شَيْئًا إِلَّا مِن بَعْدِ أَن يَأْذَنَ اللَّهُ لِمَن يَشَاءُ وَيَرْضَىٰ |
އަދި ﷲ އިރާދަކުރައްވާ މީހަކަށް އެކަލާނގެ އިޛުނަ ދެއްވައި ރުހިވޮޑިގަތުމަށްފަހުގައި މެނުވީ، އެއުރެންގެ ޝަފާޢަތުން އެއްވެސްކަމެއް ފުއްދައިނުދޭ ކިތައްކިތައް މަލާއިކަތުން އުޑުތަކުގައި ވޭހެއްޔެވެ؟ |
﴿27﴾ إِنَّ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ لَيُسَمُّونَ الْمَلَائِكَةَ تَسْمِيَةَ الْأُنثَىٰ |
ހަމަކަށަވަރުން، އާޚިރަތަށް އީމާން ނުވާމީހުން މަލާއިކަތުންނަށް، އަންހެނުންގެ ނަމުން ނަންދޭކަން ކަށަވަރެވެ. |
﴿28﴾ وَمَا لَهُم بِهِ مِنْ عِلْمٍ ۖ إِن يَتَّبِعُونَ إِلَّا الظَّنَّ ۖ وَإِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا |
އެއުރެންނަށް އެކަމުގެ އެއްވެސް ޢިލްމެއް ލިބިގެންނުވާ ޙާލުގައެވެ. ހީއަކަށް މެނުވީ އެއުރެން ތަބަޢަ ވާކަމުގައެއް ނުވެތެވެ. އަދި ހަމަކަށަވަރުން، ހީއަކީ ޙައްޤުގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނެ އެއްޗެއްނޫނެވެ. |
﴿29﴾ فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا الْحَيَاةَ الدُّنْيَا |
ފަހެ، ތިމަންރަސްކަލާނގެ ހަނދާންކުރުމުން އެއްކިބާވެ، ފުރަގަސްދީ، އަދި ދުނިޔޭގެ ދިރިއުޅުން ނޫންކަމެއް ނޭދޭމީހާ، ކަލޭގެފާނު ދޫކޮށްލައްވާށެވެ! |
﴿30﴾ ذَٰلِكَ مَبْلَغُهُم مِّنَ الْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِمَنِ اهْتَدَىٰ |
ޢިލްމުގެ ތެރެއިން އެއުރެންނަށް ލިބިފައިވާ މިންވަރަކީ އެއީއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން ފުރެދިގެންދިޔަމީހާ ދެނެވޮޑިގަތުން ބޮޑެވެ. އަދި އެކަލާނގެ، ތެދުމަގު ލިބިގަތްމީހާ ދެނެވޮޑިގަތުންވެސް ބޮޑުމެއެވެ. |
﴿31﴾ وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ لِيَجْزِيَ الَّذِينَ أَسَاءُوا بِمَا عَمِلُوا وَيَجْزِيَ الَّذِينَ أَحْسَنُوا بِالْحُسْنَى |
އަދި އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ ﷲއަށެވެ. އެއީ ނުބައި ޢަމަލުކުޅަމީހުންނަށް އެއުރެންކުޅަ ނުބައި ޢަމަލަށް ޖަޒާދެއްވުމަށެވެ. އަދި ހެޔޮ ޢަމަލުކުޅަމީހުންނަށް ހެޔޮ ޖަޒާ ދެއްވުމަށެވެ. |
﴿32﴾ الَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ إِلَّا اللَّمَمَ ۚ إِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ الْأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِي بُطُونِ أُمَّهَاتِكُمْ ۖ فَلَا تُزَكُّوا أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ اتَّقَىٰ |
އެއުރެންނީ، ކުދި ފާފަތައް ފިޔަވައި، ބޮޑު ފާފަތަކާއި، ފާޙިޝް ކަންތަކުން ދުރުވެގަންނަ މީހުންނެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފާފަފުއްސެވުން ތަނަވަސް ރަސްކަލާނގެއެވެ. ތިޔަބައިމީހުން ބިމުން ހެއްދެވި ހިނދުގައްޔާއި، ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުގައި ޅަދަރިންގެ ގޮތުގައި ތިޔަބައިމީހުން ތިބިހިނދުގައިވެސް، އެކަލާނގެ ތިޔަބައިމީހުންގެ ކަންތައް ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތާރީފުކޮށް ފަޚުރުވެރިނުވާށެވެ! ތަޤްވާވެރިވީމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. |
﴿33﴾ أَفَرَأَيْتَ الَّذِي تَوَلَّىٰ |
އީމާންކަމުން އެއްކިބާވެ (މުދަލުން) ކުޑަ އެތިކޮޅެއްދީ (އަނެއްބައި) ހިފެހެއްޓިމީހާ ފަހެ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ |
﴿34﴾ وَأَعْطَىٰ قَلِيلًا وَأَكْدَىٰ |
އީމާންކަމުން އެއްކިބާވެ (މުދަލުން) ކުޑަ އެތިކޮޅެއްދީ (އަނެއްބައި) ހިފެހެއްޓިމީހާ ފަހެ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ |
﴿35﴾ أَعِندَهُ عِلْمُ الْغَيْبِ فَهُوَ يَرَىٰ |
ފަހެ، އޭނާޔަށް (އެކަން) އެނގުމަށް އޭނާޔަށް ޣައިބުގެ ޢިލްމު ލިބިފައިވަނީ ހެއްޔެވެ؟ |
﴿36﴾ أَمْ لَمْ يُنَبَّأْ بِمَا فِي صُحُفِ مُوسَىٰ |
އަދި ކީއްހެއްޔެވެ؟ މޫސާގެފާނުގެ ފަތްފުށްތަކުގައިވާ ތަކެތީގެ ޚަބަރު އޭނާޔަށް ނުލިބެނީހެއްޔެވެ؟ |
﴿37﴾ وَإِبْرَاهِيمَ الَّذِي وَفَّىٰ |
އަދި (ހުރިހާ ކަންތައްތަކެއް) ފުރިހަމަގޮތުގައި ފުއްދެވި، އިބްރާހީމުގެފާނު (ގެ ފަތްފުށްތައް) ވެސްމެއެވެ. |
﴿38﴾ أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ |
އަދި ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފަޔެއް ނުއުފުލާނެތެވެ. |
﴿39﴾ وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ |
އަދި އިންސާނާޔަށް އޭނާ ކުޅަ ޢަމަލެއް (ގެ ޖަޒާ) މެނުވީ ނުވެއެވެ. |
﴿40﴾ وَأَنَّ سَعْيَهُ سَوْفَ يُرَىٰ |
އަދި ހަމަކަށަވަރުން، އޭނާ ކުޅަ ޢަމަލެއް ނިކަންހުރެ އޭނާ ދެކޭނެތެވެ. |
﴿41﴾ ثُمَّ يُجْزَاهُ الْجَزَاءَ الْأَوْفَىٰ |
ދެން އޭނާ ކުޅަ ޢަމަލަށް އެންމެފުރިހަމަ ޖަޒާ ދެއްވާނެއެވެ. |
﴿42﴾ وَأَنَّ إِلَىٰ رَبِّكَ الْمُنتَهَىٰ |
އަދި އެނބުރި ދިއުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ. |
﴿43﴾ وَأَنَّهُ هُوَ أَضْحَكَ وَأَبْكَىٰ |
އަދި ހެއްވަވަނީވެސް، އަދި ރޮއްވަވަނީވެސް ހަމައެކަލާނގެއެވެ. |
﴿44﴾ وَأَنَّهُ هُوَ أَمَاتَ وَأَحْيَا |
އަދި މަރުގަންނަވަނީވެސް، އަދި ދިރުއްވަނީވެސް ހަމައެކަލާނގެއެވެ. |
﴿45﴾ وَأَنَّهُ خَلَقَ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ |
އަދި ރަޙިމުގެ ތެރެޔަށް މަނިފޮދެއް އެޅޭހިނދު އެއިން، ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ. |
﴿46﴾ مِن نُّطْفَةٍ إِذَا تُمْنَىٰ |
އަދި ރަޙިމުގެ ތެރެޔަށް މަނިފޮދެއް އެޅޭހިނދު އެއިން، ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ. |
﴿47﴾ وَأَنَّ عَلَيْهِ النَّشْأَةَ الْأُخْرَىٰ |
އަދި (މަރުވުމަށްފަހު) އަލުން ދިރުއްވުންވަނީވެސް އެކަލާނގެއަށެވެ. |
﴿48﴾ وَأَنَّهُ هُوَ أَغْنَىٰ وَأَقْنَىٰ |
އަދި މުއްސަނދިކުރައްވަނީވެސް، އަދި ފަޤީރު ކުރައްވަނީވެސް އެކަލާނގެއެވެ. |
﴿49﴾ وَأَنَّهُ هُوَ رَبُّ الشِّعْرَىٰ |
އެކަލާނގެއީ، އައްޝިޢުރާއޭ ކިއުނު ތަރީގެ ވެރިރަސްކަލާނގެއެވެ. |
﴿50﴾ وَأَنَّهُ أَهْلَكَ عَادًا الْأُولَىٰ |
އަދި ކުރީގެ ޢާދު ބާގައިމީހުން ހަލާކުކުރައްވައި ނެތިކުރެއްވީވެސް އެކަލާނގެއެވެ. |
﴿51﴾ وَثَمُودَ فَمَا أَبْقَىٰ |
އަދި ޘަމޫދު ބާގައިމީހުންގެ އެކަކުވެސް ނުބަހައްޓަވައި ހަލާކުކުރެއްވިއެވެ. |
﴿52﴾ وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا هُمْ أَظْلَمَ وَأَطْغَىٰ |
އަދި އޭގެކުރިން ނޫޙުގެފާނުގެ ޤައުމުގެމީހުން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން، އެއުރެންވީ އަނިޔާވެރިކަންބޮޑު، އަދި އުރެދުންބޮޑު ބަޔަކު ކަމުގައެވެ. |
﴿53﴾ وَالْمُؤْتَفِكَةَ أَهْوَىٰ |
އަދި ލޫޠު ބާގައިމީހުންގެ ރަށް ބަންޑުންޖައްސަވައި ވައްޓަވައިލެއްވިއެވެ. |
﴿54﴾ فَغَشَّاهَا مَا غَشَّىٰ |
ފަހެ، އެރަށަށް ޖެއްސެވި ޢަޛާބެއް ޖެއްސެވިއެވެ. |
﴿55﴾ فَبِأَيِّ آلَاءِ رَبِّكَ تَتَمَارَىٰ |
ފަހެ، ތިބާ ޝައްކު ކުރަނީ ތިބާގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ |
﴿56﴾ هَٰذَا نَذِيرٌ مِّنَ النُّذُرِ الْأُولَىٰ |
މިއީ (އެބަހީ: މުޙައްމަދުގެފާނީ) އިސްވެދިޔަ ނަޛީރުންފަދަ ނަޛީރެކެވެ. |
﴿57﴾ أَزِفَتِ الْآزِفَةُ |
ޤިޔާމަތް ދުވަސް ގާތްވެއްޖެއެވެ. |
﴿58﴾ لَيْسَ لَهَا مِن دُونِ اللَّهِ كَاشِفَةٌ |
ﷲ މެނުވީ އެދުވަސް ހާމަކުރާނޭ އެއްވެސްފަރާތެއް ނުވެއެވެ. |
﴿59﴾ أَفَمِنْ هَٰذَا الْحَدِيثِ تَعْجَبُونَ |
ފަހެ، ތިޔަބައިމީހުން ޢަޖާއިބު ވަނީ އަދި ނުރޮއި ހެނީ މިވާހަކަތަކާމެދުގައި (އެބަހީ: ޤުރްއާނާމެދުގައި) ހެއްޔެވެ؟ |
﴿60﴾ وَتَضْحَكُونَ وَلَا تَبْكُونَ |
ފަހެ، ތިޔަބައިމީހުން ޢަޖާއިބު ވަނީ އަދި ނުރޮއި ހެނީ މިވާހަކަތަކާމެދުގައި (އެބަހީ: ޤުރްއާނާމެދުގައި) ހެއްޔެވެ؟ |
﴿61﴾ وَأَنتُمْ سَامِدُونَ |
އަދި ތިޔަބައިމީހުންވަނީ، ބޮޑާވެ ޣާފިލު ވެގެންނެވެ. |
﴿62﴾ فَاسْجُدُوا لِلَّهِ وَاعْبُدُوا ۩ |
ފަހެ، ތިޔަބައިމީހުން ﷲއަށް ސަޖިދަ ކުރާށެވެ! (އަދި ހަމައެކަނި) އެކަލާނގެއަށް އަޅުކަންކުރާށެވެ! |
|