|
| ﴿1﴾ وَالْفَجْرِ |
| ފަތިސް ގަންދެއްވަމެވެ. |
| ﴿2﴾ وَلَيَالٍ عَشْرٍ |
| އަދި ދިހަ ރޭ ގަންދެއްވަމެވެ. |
| ﴿3﴾ وَالشَّفْعِ وَالْوَتْرِ |
| އަދި ހިރިތަކެއްޗާއި، އޮނަހިރި ތަކެތި ގަންދެއްވަމެވެ. |
| ﴿4﴾ وَاللَّيْلِ إِذَا يَسْرِ |
| އަދި ރޭގަނޑު ވޭތުވެދާހިނދު، ރޭގަނޑު ގަންދެއްވަމެވެ. |
| ﴿5﴾ هَلْ فِي ذَٰلِكَ قَسَمٌ لِّذِي حِجْرٍ |
| ބުއްދީގެ ވެރިޔަކަށް އެކަންކަމުގައި (ފުދޭވަރުގެ) ހުވަޔެއް ވާކަން ކަށަވަރެވެ. |
| ﴿6﴾ أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ |
| ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ޢާދު ބާގައިމީހުންނާމެދު ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާތޯއެވެ؟ |
| ﴿7﴾ إِرَمَ ذَاتِ الْعِمَادِ |
| އެއީ ތަނބުތަކުގެ ވެރި، އިރަމެވެ ކިއުނު ރަށުގެ އަހުލުވެރިންނެވެ. |
| ﴿8﴾ الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ |
| އެ ބިނާތަކަކީ، ރަށްތަކުގައި އެފަދަ ބިނާތަކެއް ހެދިފައި ނުވާފަދަ ބިނާތަކެކެވެ. |
| ﴿9﴾ وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ |
| އަދި ޘަމޫދު ބާގައިމީހުންނާ މެދުގައިވެސްމެއެވެ. އެއުރެންނީ، ވާދީގައި ހިލަކަނޑައި، ގެދޮރު އަޅައި އުޅުނު މީހުންނެވެ. |
| ﴿10﴾ وَفِرْعَوْنَ ذِي الْأَوْتَادِ |
| އަދި ލަޝްކަރުތަކުގެ ވެރި ފިރްޢައުނާ މެދުގައިވެސްމެއެވެ. |
| ﴿11﴾ الَّذِينَ طَغَوْا فِي الْبِلَادِ |
| އެއުރެންނީ، ރަށްތަކުގައި އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނެވެ. |
| ﴿12﴾ فَأَكْثَرُوا فِيهَا الْفَسَادَ |
| ފަހެ، އެއުރެން އެ ރަށްތަކުގައި ފަސާދަވެރިކަން ގިނަކުޅައޫއެވެ. |
| ﴿13﴾ فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ |
| ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް ޢަޛާބުގެ ބާވަތްތައް އޮއްސެވިއެވެ. |
| ﴿14﴾ إِنَّ رَبَّكَ لَبِالْمِرْصَادِ |
| ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (އެއުރެން ކުރާ ކަންތައް) ބެއްލެވުމުގައި ވޮޑިގެންވާކަން ކަށަވަރެވެ. |
| ﴿15﴾ فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ |
| ފަހެ، އިންސާނާ ދަންނާށެވެ! އޭނާގެ ވެރިރަސްކަލާނގެ، އޭނާ އިމްތިޙާނު ކުރައްވައި، އަދި އޭނާ މާތްކުރައްވައި، އަދި އޭނާޔަށް ނިޢުމަތް ދެއްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަން މާތްކުރައްވައިފިއެވެ. |
| ﴿16﴾ وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ |
| އަދި ދަންނާށެވެ! އެކަލާނގެ، އެ އިންސާނާ އިމްތިޙާނު ކުރައްވައި، އަދި އޭނާގެ ރިޒްޤު ދަތިކުރައްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ، ތިމަން ނިކަމެތިކުރައްވައިފިއެވެ. |
| ﴿17﴾ كَلَّا ۖ بَل لَّا تُكْرِمُونَ الْيَتِيمَ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ޔަތީމުންނަށް މާތްކޮށެއް ނުހިތަމުއެވެ. |
| ﴿18﴾ وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِينِ |
| އަދި ތިޔަބައިމީހުން މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް އެކަކު އަނެކަކަށް ބާރުއަޅައެއް ނޫޅެމުއެވެ. |
| ﴿19﴾ وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا |
| އަދި (ޙަރާމެއް ޙަލާލެއް ނުބަލައި) ތިޔަބައިމީހުން، ވާރުތަ މުދާ ގިނަގިނައިން ކައިއުޅެމުއެވެ. |
| ﴿20﴾ وَتُحِبُّونَ الْمَالَ حُبًّا جَمًّا |
| އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ. |
| ﴿21﴾ كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުނޑުވެ، ބިންގަނޑު ކުނޑިކުނޑިވެގެން ދާހިނދެވެ. |
| ﴿22﴾ وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا |
| އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު އެހިނދު އަންނާނެތެވެ. އަދި މަލާއިކަތުން ސަފުސަފަށް ވަޑައިގަންނަވާނެތެވެ. |
| ﴿23﴾ وَجِيءَ يَوْمَئِذٍ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّىٰ لَهُ الذِّكْرَىٰ |
| އަދި އެދުވަހުން ނަރަކަ ގެންނަވާނެތެވެ. އެދުވަހުން އިންސާނާ ހަނދުމަކުރާނެތެވެ. އެ ހަނދާންކުރުމުން އޭނާޔަށް ފައިދާއެއްކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ |
| ﴿24﴾ يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي |
| އެދުވަހުން އޭނާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ އާޚިރަތުގެ ޙާޔާތަށްޓަކައި (ހެޔޮ) ޢަމަލެއް އިސްކުޅަނަމަ، ކިހާރަނގަޅުވީސް ހެއްޔެވެ؟ |
| ﴿25﴾ فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُ أَحَدٌ |
| ފަހެ، އެދުވަހުން އެކަލާނގެ އޭނާޔަށް ދެއްވާފަދަ ޢަޛާބެއް އެހެން އެކަކަށްވެސް ނުދެވޭނެތެވެ. |
| ﴿26﴾ وَلَا يُوثِقُ وَثَاقَهُ أَحَدٌ |
| އަދި އެކަލާނގެ، އޭނާ ހައްޔަރުކުރައްވާ ފަދައިން، އެހެން އެކަކަށްވެސް ހައްޔަރެއް ނުކުރެވޭނެތެވެ. |
| ﴿27﴾ يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ |
| އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ! |
| ﴿28﴾ ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً |
| ރުހިގެންހުރެ، ރުހުން ލިބިގެންވާ ޙާލު، ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރިދާށެވެ! |
| ﴿29﴾ فَادْخُلِي فِي عِبَادِي |
| ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެޔަށް ވަންނާށެވެ! |
| ﴿30﴾ وَادْخُلِي جَنَّتِي |
| އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ! |
|